ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބޮޑެތި އެކި ކަންކަމަށް ބަސްކިޔާ ބޮޑެތި ޖަމުއިއްޔާތަކެއް ހުރެއެވެ. އޭގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް ނުވަތަ އެކުވެރި ދައުލަތްތައް (އ.ދ) އަކީ ފާހަގަ ކޮށްލެވޭ ބައިނަލްއަގުވާމީ ބޮޑު ޖަމުއިއްޔާއެކެވެ. މިބައިމީހުންނީ މުޅި ދުނިޔެ އިސްލާހުކޮށް، އެތައް ބައިވަރު ކަމެއް ހައްލުކޮށް ދުނިޔެ އެކުވެރިކުރުމަށް ކަމަށް ބުނެ މަސައްކަތްކުރާ ދުނިޔޭގެ އެއްމެ ބޮޑު އެއް ޖަމާއަތެވެ. އެތައް ބައިވަރު ގައުމުތަކެއް މި ޖަމުއިއްޔާގައި ބައިވެރިވެއެވެ. ދިވެހިރާއްޖެ އަކީވެސް އ.ދ ގެ މެންބަރު ގައުމެކެވެ.

މުސްލިމުންގެ ހިތްތަކުގައި އެތައް ކުލުނަކާއި ލޯތްބެއް އެބިމަކަށް އޮންނަ ފަލަސްޠީނުގެ ބިމުގައި، އެގައުމުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، ހަރުކަށި ޞަޙްޔޫނީ އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަކަށް ނިމުމެއް ނައެވެ. އެއް ސަރަހައްދުން އަނެއް ސަރަހަދަށް ޣައްޒާގެ ރައްޔިތުން ކޮއްޕަމުންގޮސް، އެއްމެ ފަހުން އެބައިމީހުން ތިބި ސަރަހައްދަށްވެސް އިސްރާއީލުގެ ނުލަފާ ޖައްބާރުންގެ ހަމަލާތައް އަމާޒުކޮށްފިއެވެ. ބަޑިޔާ ބޮމާއި ބާރުގަދަ ގޮވާތަކެތި ބޭނުންކޮށްގެން ޣައްޒާގެ ރައްޔިތުން ޗިސްޗިސް ކުރަމުންދަނީ އެއްމެންގެ ލޯ މަތީގައެވެ. މިކަންކަމާ ދެކޮޅުހަދާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އަޑު އުފުލަމުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ބޮޑެތި ވަރުގަދަ މުޒާހަރާތައް އާއްމުން ދަނީ ކުރަމުންނެވެ. ނަމަވެސް ހިތާމަ އަކީ މި ގައުމުތަކުގެ ވެރިން ނުވަތަ މި ގައުމުތަކުގެ ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއް ޣައްޒާގެ ރައްޔިތުންނަށް ދޭތީ ނުފެންކަމެވެ. އެހެނީ އެފަދަ މުޒާހަރާތައް ރޫޅާލުމާ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ މީހުން ހައްޔަރު ކުރުންފަދަ ކަންކަން އެ ސަރުކާރުތަކުން ކުރާތީއެވެ. އަދި އަމަލީގޮތުން މާބޮޑު ކަމެއް ނުކޮށް ބަލަންތިބޭތީއެވެ. ބައެއް ގައުމުތަކުގައި އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްފައި ވާއިރު އަނެއްބައި ގައުމުތަކުން ފެންނަނީ އެކަމުގައިވެސް ފަހަތުފަޔަށް ބުރަވާތަނެވެ.

އާދޭހެވެ! އިސްވެ ދެންނެވުނު އ.ދ ގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް އެކި އެކި އެހީތަށް ވެދޭކަން އެނގެއެވެ. އެފަދައިން އަޅުގަނޑުމެންވެސް އެހީވަމުއެވެ. އ.ދ ގެ ހައިސިއްޔަތުން އެބައިމީހުންގެ ދައުރަކީ އެ މިންވަރު ނޫންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މާ ބޮޑު، މާ ވަރުގަދަ ބައެއް ކަމަށް ހެދިގެން އުޅޭ އ.ދ އަކީ މިއަދު އެއްވެސް ބާރެއް ނެތް ބައެކެވެ. އ.ދ އަށް އިތުބާރެއް ކުރާ މީހަކު ނޫޅެއެވެ. އ.ދ އާއި ގުޅިގެން ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭން ބޭނުންވާ މީހުން މިއަދު މަދެވެ. މީސްމީޑިޔާގައިވެސް އ.ދ އިން ކުރާ ޕޯސްޓުތަކަށް ފެންނަނީ މަލާމާތާ ފުރައްސާރަ ކުރާ ތަނެވެ. ވާނީވެސް އެހެންތާއެވެ! ދުނިޔޭގައި އިންސާނީ ހައްގުތަކާ އިންސާނީ ކަރާމާތް ރައްކާކޮށް ހިމާޔަތް ކުރެވެން އޮތީ މި ތަނެއްގެ މެންބަރުކަން ހޯދައިގެން ވިއްޔާއޭ ހީވާ މޭރުމަކުން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅުނެވެ. މިއަދުވެސް އުޅެއެވެ. ނަމަވެސް އެގައުމުތަކުގެ ރައްޔިތުން މިއަދު އ.ދ ފަދަ ޖަމާއަތްތައް ބަލައެއް ނުގަނެއެވެ. ކުރަނީ މަލާމާތެވެ.

އިންސާނުން ތަކެއް، އެއްވެސް ކުށަކާނުލާ މަރަމުން، ކުދިކުރަމުން، ހުސްކުރަމުން އެ ގެންދަނީ ތިޔަ އ.ދ އެއް އޮވެމެއެވެ. އެތައް ގަރާރެއް ފާސްކޮށް އެ ގަރާރުތަކުގައި ބޭގަރާރުވެފައި ތިއްބައެވެ. ދެންވެސް ހަމަ އެއީ ތިޔަ ބުނާފަދަ ބާރުހުރި ޖަމުއިއްޔާއެއް ކަމަށް ދެކެންވީ ހެއްޔެވެ؟ ގަބޫލުކުރަންވީ ހެއްޔެވެ؟ އެކަން އެމަގަކުން ދެނެއް ނުހިނގާނެއެވެ. މީސްމީޑިޔާގައި އާއްމު ރައްޔިތުންގެ ޝުއޫރަތައް ހުރީ އެކަން އެމަގުން ހިނގާފާނެ ގޮތަކަށް ނޫނެވެ.

ފަލަސްޠީނާއި ޣައްޒާގެ މައްސަލާގައި މުޅި ދުނިޔެ ދަނީ އަޑު އުފުލަމުންނެވެ. އަޑު އުފުލޭ މީހުން ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ހިތާމައަކީ ބާރު ހުރި މީހުން، ބާރުވެރި ފަރާތްތައް މިކަމުގައި ބާރުގެ ބޭނުން ކުރަން ނުކުޅެދިފައި ތިބި ކަމެވެ. އިސްރާއީލުގެ ހަމަލާތަކަށް ވާގިވެރިވާ ވިޔަފާރިތައް ހުއްޓުވާލަން ނުކެރިފައި ތިބި ކަމެވެ. އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކުޅެދިފައި ތިބި ކަމެވެ. މިހުންނަނީ ދެރަވަރު ކަންކަމެވެ. މިކަންކަން މިހެން ހުރުމުން ދެން ކުރާނީ މަލާމާތެވެ. އ.ދ އަށްވެސް ވެފައި މިއޮތީ މިކަހަލަ ގޮތެކެވެ.