ބޮޑުތަކުރުފާނަކީ ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ލީޑަރެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ ވަރަށް ޙިކުމަތްތެރިކަމާ އެކު، ވަރަށް ދުރާލައި އެކަމަށް ތައްޔާރުވެގެން ކުރެއްވި ޖިހާދެކެވެ. މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހު، ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތް ޕޯޗުގީޒުންގެ ވެރިކަން 15 އަހަރާއި 6 މަސްދުވަހަށް ދެމިގެންދިޔައެވެ. މި މުއްދަތުގެ ތެރޭގައި ބޮޑުތަކުރުފާނު އިސްވެ ހުންނަވައިގެން ޕޯޗުގީޒުންނާ ދެކޮޅަށް ކަނޑުމަތީގައި 5 އަހަރު ދުވަހަށް ދެމިގެން ދިޔަ ގެރިއްލާ ހަނގުރާމައެއް ކުރައްވައި، ނަޞްރު ހޯއްދެވިއެވެ.
ބޮޑުތަކުރުފާނުގެ ތުއްޕުޅު ޙަޔާތްޕުޅު ހޭދަކުރެއްވީ އުތީމު ތުނޑިމަތީގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވުމުގައެވެ. މިކަމާ ހިތްހަމަޖެހިވަޑައިނުގެން އެ ތަކުރުފާނުންގެ ބައްޕާފުޅު ހުޞައިން ކަތީބު ތަކުރުފާނު އަޑުލައްވައި، ދެތިން މަޅިފައްޗެއް ހަލާކުކޮށްލެއްވުމުން ވެސް އެކަމެއް ނުހުއްޓުނެވެ. ދުވާލު ހަތަރުދަމު ކެއުމެއް ބުއިމެއް ނެތި، ތުނޑިމަތީގައި އުޅުއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަންނަނީ ހުސްއަތާއެވެ. އެއްވެސް ދޫންޏެއް ގެއަކަށް ނުގެންދެއެވެ. އަތުލައިގަންނަން އުނދަގޫ ޒާތުގެ ވަގު ދޫނި މަޅިފަތީގައި ޖެއްސުމަށްފަހު، އަލުން އެ ސޮރުމެންނަށް މިނިވަންކަންދީ، ދޫކޮށްލައްވަނީއެވެ. ކިޔަމަންތެރިކުރުވަން އުނދަގޫ ތަކެތި ކިޔަމަންކުރުވަނީއެވެ. މިކަމުން ދޭހަވަނީ ބޮޑުތަކުރުފާނަކީ ތުއްޕުޅުއިރު ވެސް މިނިވަންކަމަށް ލޯބިކުރެއްވި ބޭކަލެއް ކަމެކެވެ. އަދި މިޒާޖުފުޅުގައި ވެސް ލީޑަރޝިޕް ސިފަތައް ހުރި ބޭކަލެއް ކަމެވެ. ވަކި ގޮތަކަށް ހިތާއި، ހަށިގަނޑު ހާނުވަން މަސައްކަތްތަކެއް ކުރެއްވި ކަމެވެ.
ބޮޑުތަރުފާނު ކިޔަވާ ވިދާޅުވީ އިންޑިޔާގެ ބޭދާޅީންނެވެ. ބޭދާޅީ ބޮޑުއެދުރު ކަލޭފާނުންގެ ނަވެއް ތިލަދުންމައްޗަށް ވިޔަފާރިއާއިގެން އައި ދަތުރެއްގައި، ބައްޕާފުޅުގެ އެދިލެއްވުމުގެ މަތިން ބޮޑުތަކުރުފާނު އެ ނަވުން ބޭދާޅީއަށް ވަޑައިގެންނެވިއެވެ. ބައްޕާފުޅު މިގޮތަށް އެދިލެއްވީ ޕޯޗުގީޒު ކާފަރުންގެ އަނިޔާއާއި ފިތުނަފަސާދަ މުޅި ރާއްޖެއަށް ފެތުރެމުންދާ ދުވަސްވަރެއްގައި އެކަމުން މިންޖުވުމަށް މަގެއް ހޯއްދެވުމުގެ ގޮތުންނެވެ. އެގޮތުން ކޮންމެ ބަލާވެރިކަމަކުން ވެސް މިންޖުވެވޭނީ އުނގެނި ދަސްކޮށްގެން ކަމަށް ޤަބޫލުކުރައްވައި، ބޮޑުތަކުރުފާނު ބޭދާޅީއަށް ފޮނުއްވީ ދީނާއި، ދުނިޔޭގެ ކަންކަން އުނގެނި ދަސްކޮށްދިނުމަށްޓަކައެވެ.
ބޮޑުތަކުރުފާނު ބޭދާޅީން އެނބުރި ވަޑައިގަތުމަށްފަހު ވެސް ތުނޑިމަތީގައި ދޫނި ހިއްޕަވަން އުޅުއްވިއެވެ. އަދި ހަމައެހެންމެ ބޭބެ އަލިތަކުރުފާނާއި، ކޮއްކޮ ހަސަން ތަކުރުފާނާ އެކު ފޭރާން ކުރެއްވުމާއި، މަސްއޮޑީގައި ވިޔަފާރި ދަތުރުތައް ކުރެއްވިއެވެ. މި ކުރެވުނު ދަތުރުތަކުން ރާއްޖޭގެ ޖިއޮގްރަފީ ވަނަވަރު ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ. މި ތިން ބޭކަލުން ހިތުދަސް ނޫން ކަނޑެއް، ފަޅެއް، ތިލައެއް، ގިރިއެއް ނޯވެއެވެ. ރާއްޖޭގެ މޫސުމާއި، ވަޔާއި، އޮޔާއި، ނަކަތްތަކަށް މި ބޭފުޅުންހާ ފަރިތަ އެހެން ބަޔަކު ނޫޅެއެވެ.
މީލާދީން 1563 ވަނަ އަހަރުގެ ދިހަރޯދަ ޢީދު ވެދުމައިގެން އުތީމު ތިން ބެއިން، އަތޮޅުވެރިންގެ އަރިހަށް ބާރަށަށް ކުރި ދަތުރުގައި، ބައްޕާފުޅު ހުސައިން ކަތީބަށް އޮތް ކަތީބުކަން ކޮންމެ ވެސް ދަރިކަލެއްގެ މައްޗަށް ބަދަލުކޮށްދިނުމަށް އަތޮޅުވެރިންނަށް ދަންނަވާފައި އޮތުމުން މި ތިން ބެއިންނަށް މާލެއިން އުތުރުން އެރުއްވި ކޮންމެ ރަށެއްގެ ކަތީބުކަން އޮތުމުގެ ފަތްކޮޅު ލިބިވަޑައިގަތެވެ. އޭރު ބާރަށަކީ ޕޯޗުގީޒުންގެ އެންމެ ބޮޑު އެއް ވެރިޔާ ވިޔަޒޯރު އަތޮޅުވެރީން ހުންނަވާ ރަށެވެ. އަލިރަސްގެފާނު ޝަހީދުވި އިރު ދުނިޔޭގައި އިންނެވި އަނބިކަނބަލުން ކަނބާއައިސާ އާއި ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެއާ ދެ މައިކަނބަލުން ތިއްބަވަނީ މި ވިޔަޒޯރުގެ ބެލުމުގެ ދަށުގައި ބާރަށުގައެވެ. މުޙައްމަދު ތަކުރުފާނު އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ބާރަށު ބޭކަނބަލަކާއެވެ. އެއީ ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެނދި ނުވަތަ އާމިނާފާނެވެ.
ކަތީބުކަމުގެ ފަތްކޮޅު އުތީމު ތިން ބެއިންނާ ހަވާލުކުރެއްވުމަށްފަހު، ވިޔަޒޯރު އަތޮޅުވެރިން މުޙައްމަދު ތަކުރުފާނާ އެހެން އިތުރު ކަމެއް ވެސް މަތި ކުރެއްވިއެވެ. އެއީ ތިލަދުންމަތިން ކޮންމެ އަހަރަކު އޮޅުދޫ ކަރައަށް ފުރުވަން ޖެހޭ ވެދުން އޮޑީގެ ނެވި ނިޔަމިކަން ކޮށްދެއްވުމަށް އެދިވަޑައިގަނެ، އެކަން މުޙައްމަދު ތަކުރުފާނާ ހަވާލު ކުރެއްވުމެވެ. ޕޯޗުގީޒު ސަރުކާރަށް ކޮންމެ އަހަރަކު ރާއްޖެއިން ފޮނުވަން ޖެހޭ ވެދުމުގެ ކަންކަން ބަލަހައްޓަވަނީ ވިޔަޒޯރު އަތޮޅުވެރިންނެވެ. ވެދުން އޮޑީގެ ނެވި ނިޔަމިކަން ހަވާލުކޮށްގެން އުޅުނު ދޮނަކުޅީ މޫސާ ނެވިކަލޭގެ ކިބައިގައި ހުރި ހުޝިޔާރުކަމާއި، މުރާލިކަން ކުޑަކަމުން ފާއިތުވި ދެ އަހަރު ވެސް ވެދުން އޮޑި ފުރުވާލެވިފައި ނުވާތީ، ނެވި ނިޔަމިކަން އެހެން މީހަކަށް ހަވާލުކުރަން އަތޮޅުވެރިން ބޭނުންފުޅުވެލެއްވީއެވެ. މިކަން ކޮށްދިނުމަށް މުޙައްމަދު ތަކުރުފާނާ ހަވާލުކުރެއްވީ އެ ތަކުރުފާނަކީ ކަނޑު ދަތުރުތަކަށް ފަރިތަ، ހިތްވަރުގަދަ، ތެދުވެރި ބޭކަލަކަށް ވާތީއެވެ. އަތޮޅުވެރިން އެދިވަޑައިގެންނެވި ގޮތަށް މުޙައްމަދު ތަކުރުފާނު ވަރަށް ފަރުވާތެރިކަމާއި، ވަފާތެރިކަމާ އެކު ތިން އަހަރު ދުވަހު މި ދަތުރު ކޮށްދެއްވިއެވެ. އޭގެ ފަހުން މުޙައްމަދު ތަކުރުފާނު ދެވަނަ ކައިވެނި ބައްލަވައިގަތީ ޝަހީދު އަލިރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެ އާއެވެ.
ސިއްތިމާވާ ރަނިކިލެގެއާ ކައިވެނި ބައްލަވައިގަތްތާ މާ ގިނަ ދުވަހެއް ނުވަނީސް އުތީމު ތިން ބެއިން ކަޅުއޮށްފުންމި ބެންނެވުމުގެ މަސައްކަތް ފެށިއެވެ. ކަޅުއޮށްފުންމި އަކީ ޕޯޗުގީޒުންނާ ދެކޮޅަށް، ކަނޑުމަތީގައި ކުރެވުނު ހަނގުރާމައިގައި ބޭނުން ކުރެއްވި 14 ރިޔަނުގެ އަނގަމަތީ މަސްއޮޑިއެކެވެ. ކަޅުއޮށްފުންމި ބަންނަވަން ޖެހިވަޑައިގަތީ އުތީމު އިން ބެއިންގެ އަތުގައި ހުރި އޮޑިދޯނިފަހަރު މާ ބޮޑަށް ބާވެފައި ހުރުމުންނެވެ. އޭރު ރާއްޖޭގައި ކަން ހިނގަމުންދާ މަގަށް ބަލާއިރު، އިސްލާމްދީން ދޫކޮށްނުލާ ކޮންމެ މީހަކަށް ރާއްޖެ ދޫކޮށް ދާން ޖެހިދާނެ ކަމުގެ ކޮޅުމަތި ދިޔައީ ފެންނަމުންނެވެ. އެހެންކަމުން މިފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކޮންމެހެން އާ އެތިގަނޑެއް ބަނދެވިފައި އޮތުމަކީ ބޭނުންކަމެއް ކަމުގައި ތިން ބެއިންނަށްމެ ފެނިގެން، ވިޔަޒޯރު އަތޮޅުވެރިންނަށް ދަންނަވައިގެން އާ އޮޑިއެއް ބަނުމުގެ މަސައްކަތް ފެށްޓެވިއެވެ. މި އޮޑި ބަނުމަށް ހުރިހާ ޚަރަދެއް ކޮށްދެއްވީ ވިޔަޒޯރު އަތޮޅުވެރިންނެވެ. އެގޮތުން ޕޯޗުގީޒުންގެ ބޭނުމަށް ފުރެއްދެއޮޑިއެއް ބަނުމަށް އެއްކޮށްފައި ހުރި މޮޅު ވަކަރުތަކާއި ލަކުޑިތައް އެއްވެސް އަގަކާނުލައި އުތީމު ތިން ބެއިންނަށް ފޯރުކޮށްދެއްވިއެވެ. އަދި އޮޑި ބަނުމުގެ މަސައްކަތުގައި އުޅުނު ވަޑިންނާއި އަތްދަށުވަޑިންގެ ކޮއްތާއި މަސައްކަތުގެ އަގު ވެސް ވާރުގެއިން ހަމަޖައްސަވައި ދެއްވިއެވެ. މި އޮޑި ވެގެން ދިޔައީ އޭރު އެޒަމާނުގައި ރާއްޖޭގައި ހުރި ހުރިހާ އޮޑިފަހަރަކަށް ވުރެ ބާރަށް ދުވާ، ހަލުއި އޮޑިއެއް ކަމުގައެވެ.
މުޙައްމަދު ތަކުރުފާނު ސިއްތިމާވާ ރަނިކިލެގެއާ ކައިވެނި ބައްލަވައިގަތުމާއި، ވިޔަޒޯރުގައި އެހީގައި މިފަދަ މޮޅު އޮޑިއެއް ބެންނެވުމުން މާލޭގައި ތިބި އެ ތަކުރުފާނަށް ހަސަދަވެރިވާ މީހުންނާއި، ވިޔަޒޯރަށް ހަސަދަވެރިވާ މީހުންގެ ހިތުގައި އަލިފާން ހުޅުފަޅައިގެން ދިޔައެވެ. އޭރު ޕޯޗުގީޒުންގެ ވެރިއަކަށް މާލޭގައި ހުންނެވި އަނދިއަނދިރިންގެ ފަތްކޮޅެއް ބާރަށުގައި ހުންނެވި ވިޔަޒޯރަށް ލިބުނު އިރު އޭގައި އޮތީ، އުތީމު ތިން ބެއިން ގޮވައިގެން ކަޅުއޮށްފުންމީގައި މާލެ އައުމަށެވެ. މި އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ލަހެއްފަހެއް ނެތި މި ބޭކަލުން ކަޅުއޮށްފުންމީގައި ފުރާވަޑައިގަތެވެ. މި ދަތުރުގައި ބައިވެރިވި ދިވެހިންނަކީ އުތީމު ތިން ބެއިންނާއި ދުވާފަރު ދަންޑަހެލެވެ. ދެން ތިބީ ވިޔަޒޯރު އަތޮޅުވެރިންނާއި، އޭނާއާ އެކު ބާރަށުން އެރި ފަރަންޖީ ކުއްޖަކާއި، އަނދިރިއަނދިރިންގެ ފަތްކޮޅު ހިފައިގެން މާލެއިން އައި 12 ފަރަންޖީންނެވެ. މި ދަތުރުގައި ކާށިދޫ ކަނޑު ދުއްވާފައި ދިޔަ އިރު މާލެއިން އައި ފަރަންޖީންނާއި، ވިޔަޒޯރާ ދެމެދުގައި ވަރަށް ގަދަ ޒުވާބެއް ހިނގަން ފެށިއެވެ. ފަރަންޖީން ބޭނުންވީ މާލެއަށް ލެފުމުގެ ކުރިން، ކަޅުއޮށްފުންމީގައި ތިބި 4 ދިވެހިންގެ ބޯ ބުރިކޮށްލާށެވެ. ވިޔަޒޯރު މިކަމާ ހިތާނުވުމުން ދެބަސްވުން އުފެދި، ޒުވާބު ގަދަވެގެން ގޮސް އެތަނުން ފަރަންޖީ އަކު ފުންމައިގެން އައިސް ވިޔަޒޯރުގެ މެއަށް ޚަންޖަރު ހަރާލިއެވެ. ދެނަކާދެނެއް ނެތެވެ. މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ޤައުމުގެ ދިފާޢުގައި ތިއްބެވި އުތީމު ތިން ބެއިންނާއި ދަންޑެހެލު ވެގެން އޮޑީގައި ތިބި ފަރަންޖީންތައް މަރައި ހުސްކުރިއެވެ. މިއީ 5 އަހަރު ދުވަސް ވަންދެން ކަނޑުމަތީގައި ކުރެވުނު ގެރިއްލާ ހަނގުރާމައިގެ ފެށުމެވެ.
މާލެ ދިޔުމަށް ފެށި މި ދަތުރުގެ މިސްރާބު ބަދަލުކޮށް، އެރޭ ދަންވަރު އުތީމަށް ވަޑައިގެން، އުތީމުގައި ތިއްބެވި އާއިލާގެ ބޭކަނބަލުން ގޮވައިގެން ފުރާވަޑައިގެންނެވިއެވެ. ރާއްޖެ ދޫކުރައްވައި މަލިކަށް ވަޑައިގަތެވެ. މަލިކުން މި ބޭކަލުންނަށް ވާގިވެރިވީ އަލިހާޖީ އާއި ހަސަންހާޖީ އެވެ. މި ދެ ހާޖީންނަކީ ވެސް ރާއްޖޭގައި އޮތް ޕޯޗުގީޒުންގެ ކާފަރު ވެރިކަމާ ނުރުހިގެން މަލިކަށް ވަޑައިގެން ތިއްބެވި ދެ ބޭކަލުންނެވެ. ރޭގަނޑު ދަންވަރު ރާއްޖެ އޮތް ސަރަހައްދަށް ސިއްރިއްޔާތުގައި އައިސް، ކާފަރުންނާ ތޮޅި، އެމީހުންނަށް އުނދަގޫކޮށް، ބިރުދެއްކުމުގައި އުތީމު ތިން ބެއިންނާއި، ދަންޑަހެލާ އެކު މި ދެ ހާޖީން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ހަމައެހެންމެ މި ބޭކަލުންގެ ހިތްވަރުން ބާރަށުގައި ތިއްބެވި ދެ ތަކުރުންގެ ދެ އަނބީން (މުޙައްމަދު ތަކުރުފާނުގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެ އާއި ހަސަން ތަކުރުފާނުގެ އަނބިކަނބަލުން ކަތީބުގޭ ކަމަނާ) ވެސް މަލިކަށް ބަދަލުކުރެއްވިއެވެ. ދޭހާ އަތްވާއި، ކުރާހާ ވިއްސާރައާއި، ޖެހޭހާ ވައިގައި ކަޅުއޮށްފުންމީގައި ދަތުރުތައް ކުރަމުން ދިޔައިރު މިލަދުންމަޑުލު އުތުރުބުރި މަރޮށީ ރާވެރިބެއަކީ ވެސް މި ޖިހާދަށް ވާގިވެރިވެ، ވަރަށް ބޮޑަށް އެހީތެރިވެ ދިން ބޭކަލެކެވެ. އެގޮތުން ކޮންމެ ހަފުތާއަކު އާ ރިޔަލަކާއި، ދިހަ އަޑުބާ ކަރުހަކުރު ކަޅުއޮށްފުންމިއަށް ފޯރުކޮށްދެމުން ގެންދިޔައެވެ.
ކަޅުއޮށްފުންމީގައި ކަނޑުމަތީގައި ކުރެވެމުން ދިޔަ ހަނގުރާމަ ތިން ހަތަރު އަހަރަށް ދެމިގެން ދިޔަ އިރު ވެސް ތަކަންދޫގައި ތިބި އަލިތަކުރުފާނުގެ އާއިލާ މަލިކަށް ބަދަލުކުރެވޭނެ ތަންވަޅެއް ނުލިބުނެވެ. އެހެނީ މި ބޭކަލުން ކޮންމެ ވެސް ވަގުތަކު ތަކަންދުއަށް ދާނެ ކަން އެނގޭތީ ކާފަރުން ތަކަންދޫގައި ޤާއިމުވެ ތިބެ، ފޯރިމަރަމުން ގެންދިޔައެވެ. މި ކަން މިގޮތަށް ހިގަމުން ދަނިކޮށް އެއް ރެއަކު އަލިތަކުރުފާނު ތަކަންދުއަށް ފައިބާވަޑައިގެން ގޭ ދޮށަށް ދުރުވެ، އަނބިދަރިން ގޮވައިގެން އޮޑިދޮށަށް ދުރުވާން އުޅެނިކޮށް، ކާފަރުން އަލިތަކުރުފާނުގެ ގެއަށް ވަދެ އެ ތަކުރުފާނު ޝަހީދުކޮށްލެއްވިއެވެ. އޭގެ ފަހުން ޖިހާދުގެ އެންމެ އިސް ލީޑަރަކަށް ހުންނެވީ މުޙައްމަދު ތަކުރުފާނެވެ.
އަލިތަކުރުފާނު ޝަހީދުވުމުން މުޙައްމަދު ތަކުރުފާނާއި، އެތަކުރުފާނާ އެކުގައި ތިއްބެވި ބޭކަލުން ކަޅުއޮށްފުންމީގައި މަލިކަށް ވަޑައިގަތުމަށްފަހު، ދެން އެނބުރި ރާއްޖެ އައީ މާލެ ފަތަޙަ ކުރަން ނިންމަވައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ތިލަދުންމައްޗާއި، މިލަދުންމަޑުލުގެ ރަށްރަށުގައި ތިބި ކާފަރުންނާ ސިއްރާއި ފާޅުގައި ހަނގުރާމަކޮށް، އެމީހުން ބަލިކުރައްވައި، އެމީހުންގެ ތަކެތި ޣަނީމާކުރެއްވިއެވެ. މިގޮތުގައި ހައެއްކަ މަސް ކަނޑުމަތީގައި ހޭދަކުރެއްވިއެވެ. އެތައް ރެއަކު މާލެ ކައިރިން ދަތުރުކުރައްވައި، މާލެއަށް އަރާނެ ތަންވަޅަކަށް ބަލަމުން ގެންދެވިއެވެ. މީލާދީން 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހަކީ މާލޭ ހަތަރު އަވަށަށް އަނދިރިއަނދިރީންގެ ގަދަ އަމުރުފުޅެއް ނެރުނު ދުވަހެކެވެ. އެއީ ޖެހިގެން އަންނަ ދުވަހު ހުރިހާ ރައްޔިތުން އަނދިރިއަނދިރިންގެ ކިއްލާ ކައިރިއަށް އައިސް ކްރިސްޓިއަން ދީން ޤަބޫލުކުރުމެވެ. އެކަން އެގޮތަށް ނުކޮށްފި މީހަކީ އިރުއޮއްސޭއިރު ދުނިޔޭގައި ނުހުންނާނެ މީހެކެވެ. މި އަމުރުފުޅު ނެރުމުން، އިސްލާމްދީން ދޫކޮށްލަން ބޭނުން ނުވާ މީހުން ދިފާޢީ ހަތިޔާރު ހިފައިގެން މެދުޒިޔާރަތް ދޮށަށް އެއްވިއެވެ. އެރެއަކީ، މާލޭގެ އަޑުބަޑު މަޑުކަމުން މުޙައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނާ ދެ ބޭކަލުން މާލެ އަރުއްވައި، މެދުޒިޔާރަތް ދޮށަށް ވަޑައިގެންނެވި ރެއެވެ.
އިސްލާމްދީނަށް ނަޞްރު ދޭން ތިބި މީހުން މެދު ޒިޔާރަތް ދޮށުގައި ޔާސީން ސޫރަތް ކިޔަވަން ބައިތިއްބާފައި އުތީމު ދެބެއިން އަނދިރިއަނދިރިންގެ ކިއްލާ ކައިރިއަށް ގޮސް، ވަރަށް ޙިކުމަތްތެރިކަމާ ވިސްނުންތެރިކަމާ އެކު ފިލާތިބެގެން އަނދިރިއަނދިރިންނަށް ހަމަލާދީ މަރާލިއެވެ. ކިއްލާގައި ފާރައަށް ތިބި ކާފަރުންތަކަށް ލިބުނު ކުއްލި ސިހުމުގައި އެމީހުން ފިލަން ދުއްވައިގަތް ތަންވަޅު ދަންޑަހެލު އައީ މަސްއޮޑިއެއްގެ ބާ ކުނބެއް ބޯމަތީގައި އަނބުރަމުންނެވެ. އެއްވެސް ކާފަރަކަށް މި ކުނބުން ސަލާމަތެއް ނުވެވުނެވެ. އުތީމު ތިން ބަދަވީން މާލެ ހިފައި އިސްލާމް ކުރިއެވެ.
މީލާދީން 15 ވަނަ ޤަރުނަށް ދުނިޔެ ހޭލަމުން އައި އިރު ދިވެހިރާއްޖެ އޮތް ސަރަހައްދުގެ ޤައުމުތަކުގެ ވިޔަފާރި މުށުތެރެއަށް ލައި، މި ޤައުމުތަކުގެ މައްޗަށް އަތްގަދަކުރަން ފެށި ޕޯޗުގީޒުންނަކީ "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރު ވެފައިވާ ބައެކެވެ. މިއީ ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެދުވަސްވަރު ކަނޑުމަތީގެ ބާރު އެންމެ ގަދަ މީހުންނެވެ. އަދި ހަމައެހެންމެ ޕޯޗުގީޒުންނަކީ އާރާއި ބަރާއި، ހަތިޔާރާއި، އަސްކަރީ ނުފޫޒުގެ ގޮތުން ބެލިޔަސް ގަދަފަދަ ބައެކެވެ. ކަނޑުމަތީގެ ބާރު މިހާ ގަދަ، ހަތިޔާރު ގިނަ، އަސްކަރީ ނުފޫޒު ވަރުގަދަ ބަޔަކާ ކަނޑުމަތީގައި ހަނގުރާމައެއް ކޮށް، ނަޞްރު ހޯދުމަކީ އެއްވެސް ޙާލެއްގައި އާދައިގެ ބަޔަކަށް ކުރެވޭނެ، އާދައިގެ ކަމެއް ނޫނެވެ. މިފަދަ ވަރުގަދަ ބާރަކާ ކުރިމަތިލައި އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރެއްވުމަށް ތިލަދުންމަތީ އުތީމުން ނުކުންނެވި ޤައުމީ ބަޠަލުން ކުރެއްވި ޖިހާދަކީ ދުވަހަކު ވެސް ދިވެހި ތާރީޚުން ފޮހެވިގެން ދާނެ ކަމެއް ނޫނެވެ. އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ދަށުން ޕޯޗުގީޒުންގެ ގަދަފަދަ ލަޝްކަރާ ދެކޮޅަށް، އަނގަމަތީ މަސްއޮޑިއެއްގައި ރާއްޖޭގެ ކަނޑުތަކުގައި އެތައް އަހަރެއް ވަންދެން ރެއާއިދުވާލު ކުރެއްވި ޖިހާދަކީ ރަން މެޑަލް ހައްޤުވާ ޖިހާދެކެވެ. އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަކީ އެއްވެސް މިންވަރެއްގެ އަމިއްލަ އެދުންފުޅެއް ނެތި، ދީނާއި ޤައުމަށް ޚިދުމަތް ކުރެއްވި ލީޑަރެކެވެ. އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަމުގެ ފަތްކޮޅު ލިބިވަޑައިގެންފައި އޮތުމުން އަރާމާއި ޢިއްޒަތުގައި ދިރިއުޅުއްވުމުގެ ފުރުޞަތު ފަހިވެފައި އޮތް ނަމަވެސް، އަމިއްލަ އެދުމުން އެއްކިބާވެ، މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދީނުގެ ހައްޤުގައި ޖިހާދު ފެށްޓެވި އަޤީދާ ވަރުގަދަ ބޭކަލެކެވެ. އަބަދުވެސް ތެދުބަހުން ވާހަކަދައްކަވާ ނަޒާހާތްތެރި ބޭކަލެކެވެ. ގަދަހިތްވަރާއި، ނުގުޑާފަދަ ޢަޒުމުގެ ރިވެތި ނަމޫނާއެކެވެ. އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަކީ އެ ރަދުންގެ ޤައުމީ ޖިހާދާއި ޙުއްބުލްވަޠަނުން އަދުގެ ޖީލު ޢިބްރަތް ހާސިލުކުރަން ޖެހޭ ފަދަ ނަމޫނާ ޤައުމީ ބަޠަލެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން