މިހާރު ދުނިޔެ މިވަނީ މުށުތެރެއަށް ލެވޭހައި ކުޑަވެފައެވެ. އެއް ބައްރުގައި ހިނގާ ކަމެއް އަނެއް ބައްރަށް ވާޞިލުވުމަށް ނަގަނީ މަދު ސިކުންތުކޮޅެކެވެ. ކިތަންމެ ކުޑަކަމެއް ދިމާވިޔަސް ކިތަންމެ ދުރުގައި ހުރި މީހަކަށްވެސް އެކަމެއް ވަގުތުން ވަގުތަށް ފޯރުކޮށްލަދެވެއެވެ. ޓެކްނޮލޮޖީ މިވަނީ އެހާ ކުރި އަރާފައެވެ. އޮންލައިންކޮށް ކުރެވޭ ކަންތައްތައް އަދަދު ނުކުރެވޭހާ ގިނައެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި މީހުންގެ ފުދުންތެރިކަން ކުރިއަރަމުންދާ މިންވަރާއި، އެކަންކަމަށް އަހުލުވެރިވާ މިންވަރުގެ ސަބަބުން ހުރިހާ ފަންތިއަކާއި ގިންތިއަކަށް ވެސް މި ދެންނެވި ޓެކްނޮލޮޖީތަކުގެ ބޭނުން ކުރުމަށް މިވަނީ ފަހިވެފައެވެ.

އެހެން ނަމަވެސް، އޮންލައިން މަންސަތަކުގެ ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ މިންވަރަށް ސަމާލު ނުވެވުމުގެ ހިތާމައާ ކުރިމަތިލާން ޖެހޭ އަދަދު މިދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމަކީ، މަކަރާއި ހީލަތުން ކުރާ ކަންކަމެވެ. އަބަދުވެސް ވަގުންނާއި މަކަރުވެރީން އައު އުކުޅުތައް ބޭނުން ކުރާނެއެވެ. ކުރިއަރާ ކޮންމެ ޓެކްނޮލޮޖީއާއި އައު އީޖާދަކާއެކު އެކަމުން ނާޖާއިޒު މަންފާ ހޯދުމަށް އެވެރިން މަސައްކަތް ކުރާނެއެވެ. އެހެންކަމުން އޮންލައިންކޮށް  މިހާރު ހިންގާ އެންމެ ގިނަ އޮޅުވާލުންތަކަށް (ފްރޯޑް) އަލި އަޅުވާލާނަމެވެ. ތިރީގައި މިވަނީ އިނގިރޭސިވިލާތާއި ވޭލްސްގެ އޯ.އެން.އެސް ކްރައިމް ސްޓެޓިސްޓިކް ޑޭޓާއަށް ބިނާކޮށް ވެރިފް.ކޮމް އިން ހަދާފައިވާ ލިސްޓެކެވެ. 

1. އޮންލައިން ވިޔަފާރި

މިއަދު ގިނަ މީހުން ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކުރެއެވެ. އަދި އޮންލައިން ވިޔަފާރިތައް ގިނަވެގެން ގޮސް، ބޭނުން ކޮންމެ އެއްޗެއް އޮންލައިންކޮށް ގަނެލެވޭވަރަށް އެކަން ވަނީ ފަހިވެފައެވެ. އެހެންނަމަވެސް، އެކަމުގައި އޮޅުވާލުންތަކާއި ވަގުން ވަނީ އަތްގަދަކޮށްފައެވެ. އޮންލައިންކޮށް ވިޔަފާރި ކުރާއިރު، ނުދަންނަ ޕޭޖްތަކާއި ސައިޓްތަކުން ވިޔަފާރި ނުކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ. އަދި ވެބްސައިޓެއް ނުވަތަ ޕޭޖެއްނަމަ، ކޮންޓެކްޓްއެއް އިންތޯ ބަލައި ގުޅާލުމާއި، އެތަނުން އެހެން މީހުން ވިޔަފާރި ކޮށްފައިވާ މިންވަރާއި، ކަސްޓަމަރުންގެ ފީޑްބެކްތައް ބަލާފައި ވިޔަފާރީގެ މުއާމަލާތެއް ހިންގިދާނެއެވެ.

2. އެޑްވާންސް ފީ ނެގުން

ނޮދަން އައިލެންޑް ޕޮލިސް ސަވިސްއިން އެދޭގޮތުގައި ނުދަންނަ މީހަކަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތެއް ހިންގުމަކީ ބޮޑިއެއް ލިބިދާނެކަމެކެވެ. އަދި ބައެއް ފަރާތްތަކުން ފޯރުކޮށްދޭ ތަކެތީގެ ކުރިން ފައިސާ ނަގާއިރު ރުފިޔާ ޓްރާންސްފަރ ކުރަން ބުނެއެވެ. ރުފިޔާ ލިބުމާއެކު އެ ފަރާތްތަކާ ކޮންޓެކްޓް ނުކުރެވި ޓްރާންސްފަރ ކުރާ ރުފިޔާތައްވެސް ގެއްލިގެންދަނީ މަދެއްކޮށެއް ނޫނެވެ. މިކަހަލަ ކަންކަމުން ސަލާމަތްވުމަށް ޔަގީންވާ ފަރާތަކަށް ނޫނީ ރުފިޔާ ޓްރާންސްފަރ ނުކުރާށެވެ. އަދި މުދާ ލިބުމުން ޓްރާންސްފަރ ކުރެވޭނެ ގޮތަކަށް ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ.

3. ކޮމްޕިއުޓަރ ސޮފްޓްވެއަރގެ ޚިދުމަތް

ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމަކަށް ހަމަ ނޭނގި ހުއްޓާ ސޮފްޓްވެއަރ އަޕްޑޭޓެއް އަރައިފިނަމަ، އެކަން ކަށަވަރު ކުރަން ޖެހެއެވެ. އެފަދަ ލިންކަކީ ނުވަތަ ނޮޓިފިކޭޝަންއަކީ، އެހެން މީހަކު ތިމާގެ ކޮމްޕިއުޓަރުގެ ކޮންޓްރޯލް އަތުލައި އޭގައި ހުރިއްޔާ ހުރި އެއްޗެއް އަތުލައިފާނެ ފަދަ ކަމެކެވެ. ޝައްކު އުފެދޭ ސޮފްޓްވެއަރތައް ޑައުންލޯޑް ނުކުރުމާއި އެފަދަ މެއިލްއެއް ނުވަތަ ލިންކްއެއް އައިސްފިނަމަ، ސޮފްޓްވެއަރ ޚިދުމަތްދޭ ފަރާތުން މައުލޫމާތު ޔަގީން ކުރުމަށްފަހު ނޫނީ އިންސްޓޯލް ނުކުރާށެވެ.

4. ހެކް ކުރުން

އީމެއިލް ނުވަތަ މީސްމީޑިއާގެ އެކައުންޓްތައް ހެކް ކުރުމަކީ މިއަދު އެންމެ އާންމު އެއްކަންތަކެވެ. އެއްވެސް ވަރަކަށް މެއިލް ނުވަތަ މީސްމީޑިއާގެ އެކައުންޓެއް ތިމާ ނޫން މީހަކު ބޭނުން ކުރާކަމަށް ޝައްކު ކުރެވިއްޖެނަމަ، އަވަހަށް އެކައުންޓް ތެރެއިން އެހެން މީހަކު ލޮގިން ވެފައި ވޭތޯ ޔަގީން ކުރާށެވެ. އަދި އެކައުންޓްގެ ޕާސްވޯޑް ރައްކާތެރި ޕާސްވޯޑަކަށް ބަދަލުކޮށްލާށެވެ.

5. ކޮމްޕިއުޓަރ ވައިރަސް/މަލްވެއަރ

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށް ބީސައިބަރސޭފް އިން ބުނަނީ 'ޑޮޖް،ޑިނައި،ޑިޓެކްޓް' އެވެ. މާނައަކީ، ނުރައްކާތެރި ސައިބަރ ވައިރަސްތަކަށް ހުށަހެޅޭނެ ގޮތްތަކަށް ސަމާލުވެ، ރައްކާތެރިކަމާއެކު ގޮތްތައް ޚިޔާރުކުރުމާއި، އަމިއްލައަށް އެފަދަ ވައިރަސްތަކާއި ސޮފްޓްވެއަރތައް އިންސްޓޯލް ނުވާނެހެން ސެޓިންތައް ބަދަލުކުރުމާއެކު އެފަދަ ވައިރަހެއް އުޅޭތޯ ބަލައި ދެނެގަނެ ނައްތާލުމެވެ. އެހެންކަމުން އެންޓިވައިރަސް އިނީ އަދާހަމަވެފައިތޯ ބެލުމާއި ގަވާއިދުން އެ ޕްރޮގްރާމް މަސައްކަތް ކުރޭތޯ ބަލަންވާނެއެވެ.

އޮންލައިންކޮށް ހިންގާ އޮޅުވާލުންތަކަށް އައިސްފައިވާ ބަދަލުތައް

ފާއިތުވި އަށް އަހަރުގެ ހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގައި އަހަރަކު އެވްރެޖްކޮށް 68،190 އޮންލައިން ވިޔަފާރީގެ އޮޅުވާލުންތައް ރިޕޯޓް ކޮށްފައިވެއެވެ. އެއީ ޖުމްލަކޮށް %12 ގެ ދަށްވުމެކެވެ. އެހެންނަމަވެސް އެޑްވާންސްކޮށް ފައިސާ ނަގާ މައްސަލަތައްވަނީ %43 އިތުރުވެފައެވެ. އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 28،368 ކޭސްއެވެ. އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ ހެކް ކުރުމުގެ ސްކޭމްތަކެވެ. ފާއިތުވި އަށް އަހަރު ހެކް ކުރުމުގެ މައްސަލަތައް %274 ވަނީ އިތުރުވެފައެވެ.

މިފަދަ މައްސަލަތައް ރާއްޖޭގައިވެސް އިންތިހާއަށް އިތުރު

އޮންލައިން އޮޅުވާލުންތަކުގެ ޝިކާރައަކަށް ގިނަ ދިވެހީންނެއްވެސް ވަނީ ޖެހިފައެވެ. އެކަންކަމަށް ސަމާލުވުމަށް ގިނަ ކެމްޕެއިންތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް އެފަދަ މަޅިތަކުގައި ޖެހޭ ދިވެހިން އަދިވެސް އުޅެއެވެ.

ރާއްޖޭގައި އެންމެ އާންމު އަދި އެންމެ ކަންބޮޑުވާން ޖެހޭވަރަށް މައްސަލަ ބޮޑުވެފައިވަނީ ބޭންކާއި ތަފާތު މުއައްސަސާތަކުގެ ނަމުގައި ގުޅައިގެން ހިންގާ ކަންކަމެވެ. އާންމުކޮށް ބޭންކްގެ ނަމުގައި ގުޅައިގެން އެތައް ބައެއްގެ އަތުން މިހާރުވެސް ގިނަ އަދަދުތަކުން ވަނީ ވަގުން ލޫޓުވާލާފައެވެ. ފުލެޓް ލިބިގެންކަމަށްބުނެ އާއި މިވެނިއެވެނި ލަކީ ޑްރޯ އަކުން ހޮވިގެން ކަމަށްބުނެ އޮޅުވާލައިގެންވެސް އެވެރިންދަނީ މީހުން މަޅީގައި ޖައްސަމުންނެވެ.

މިކަމުން ދިވެހިން ސަލާމަތްވުމަށް އޮތް މަގު ވެސް ވަރަށް ސާފެވެ. އީމެއިލް ޕާސްވޯޑް ނުވަތަ އޯޓީޕީ އެހެން އެއްވެސް މީހަކާ ހިއްސާ ނުކުރާށެވެ. އަންނަހާ ލިންކަކަށް ނުފިއްތާށެވެ. ބޭންކް އެކައުންޓް ގަވާއިދުން ޗެކް ކުރާށެވެ. އަމިއްލައަށް ފޯނުން ބޭންކް ސްޓޭޓްމަންޓް ބަލާލެވޭއިރު، ޝައްކުވާ މުއާމަލާތެއް ހުރިނަމަ ބޭންކާ ގުޅައިގެން ކުރިޔަށް ގެންދާށެވެ. ކޭޝްކާޑުގެ މަޢުލޫމާތު މީހުންނާ ހިއްސާ ނުކުރާށެވެ. އެފަދަ ހޭލުންތެރިކަން ކުޑަ މީހުންނާއި ދުވަސްވީ މީހުންނަށް މިކަންކަން ކިޔައިދޭށެވެ. އަންނަ ފޯނުކޯލަކުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިދާނެކަން މީހުނަށް ވިސްނައިދޭށެވެ. އެކަންކަމުން ސަލާމަތްވެވެން އޮތީ ހޭލުންތެރިވީ މިންވަރަކުންނެވެ.