އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ތިނަދޫ ސިޓީގައި ހުންނަ ތިނަދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
 
ޖޫން 24 އިން ޖުލައި 19 އަށް ހިންގި ފަތަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމްގައި އެ ސްކޫލުގެ 48 ދަރިވަރުން ބައިވެރިވިއެެވެ. އޭގެތެރޭގައި 26 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުން ހިމެނެއެވެ. 
 
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޖުލައި 21 ވަނަ ދުވަހުގެ ހަވީރު ތިނަދޫ ސްކޫލު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް، އަލްފާޟިލް އަޙްމަދު އަޝްރަފެވެ. 
 
މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި 38 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް، ލެފްޓިނެންޓް ޢަލީ ރިޝްވާންއާއި، ކާޑެއްދޫ ޕޯސްޓްގެ އެންލިސްޓެޑް ލީޑަރ، ސާޖަންޓް ފަސްޓް ކުލާސް ޝިފާޢު ޢަބްދުލް ހަކީމެވެ.
 
މި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދެއްވާފައި ވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް އެ ސްކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ. އެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް، އަލްފާޟިލް އަޙްމަދު އަޝްރަފެވެ. އަދި މި ޕްރޮގްރާމްގައި ކިޔަވައިދެއްވި މުދައްރިބުންނަށް ހަނދާނީ ފިލައާއި، އަދި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ތިނަދޫ ސްކޫލުގެ ޕްރިންސިޕަލް، ޝަޛިއްޔާ އަޙްމަދެވެ. 
 
މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.