އިންސާނުންގެ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ހެޔޮކަން ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ނަމަވެސް، މި ހެޔޮކަން ކުރުމުގައި އަޅުގަނޑުމެން ވިސްނަންޖެހޭ މުހިންމު ނުކުތާއެއް އެބައޮތެވެ. އެއީ ހެޔޮކަމެއް ކުރާއިރު އޭގެ ބަދަލެއް ނުވަތަ ޝުކުރެއް އެދިގެން ނުވަތަ އުންމީދުކޮށްގެން ނުވާނެ ކަމެވެ.
އިސްލާމްދީނުގައި ހެޔޮކަން ކުރުމަށް އަމުރުކުރައްވާފައިވަނީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: (ސޫރަތުލް އިންސާން: 9)
إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا
"ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ. "
މީހަކު ޝުކުރުވެރިވާނެކަމަށް ނުވަތަ އޭގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭނެކަމަށް އުންމީދުކޮށްގެން ކަންކަން ކޮށްދިނުމަކީ އިޚްލާޞްތެރިކަމާއެކު ކުރެވޭ ޢަމަލަކަށް ނުވާނެއެވެ. މިފަދައިން ވިސްނައިފިނަމަ، އަޅުގަނޑުމެންނަށް އަބަދުވެސް އެހެން މީހުންދެކެ ހިތްހަމަނުޖެހި، ކޮށްދޭ ހެޔޮ ޢަމަލުތަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
ހެޔޮކަމެއް ކުރާއިރު އަޅުގަނޑުމެން ވިސްނަންވީ އެކަމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އަދި އެކަމުގެ ސަވާބު އާޚިރަތުގައި ލިބޭނެކަމުގެ ޔަޤީންކަމާއެކުގައެވެ. މިގޮތަށް ވިސްނައިގެން ކުރާ ކޮންމެ ހެޔޮ ޢަމަލަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުމާއި ހަމަޖެހުން ލިބިގެންދާނެއެވެ.
ނިންމާލަމުން ދަންނަވާނީ، އަޅުގަނޑުމެން ކުރާ ހެޔޮކަންތައްތަކުގެ އަޖުރު ހޯދަން މަސައްކަތްކުރަންވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެހެން މީހުންގެ ކިބައިން ޝުކުރެއް ނުވަތަ ބަދަލެއް އެދިގެން ނޫނެވެ. މިގޮތަށް ޢަމަލުކުރުމުން އަޅުގަނޑުމެންގެ ހެޔޮއަމަލިތަކުން ހަޤީގީ ހިތްހަމަޖެހުން ލިބޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން