ސްކޫލް ކުދިންގެ ދަބަސްތައް ބަރު ކަމުގެ ވާހަކަޔަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިއީ ކޮންމެ ދަރިވަރެއްގެ ވެސް ޝަކުވާއެކެވެ. އަދި ކޮންމެ ބެލެނިވެރިޔެއްގެ ވެސް ކަން ބޮޑުވުމެކެވެ. މިކަން ހައްލު ކުރުމުގެ ގޮތުން ސްކޫލް ތަކުންނާއި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާކަމުގައި ވިޔަސް ވެސް އަދި އަދަށް ދާންދެންވެސް މިކަމަކަށް ހަގީގީ ހައްލެއް ނުލިބެއެވެ. 

ގިނަ ސްކޫލް ތަކުގައި ކުދިން ދަބަސްތައް އެހާ ބަރުކޮށް އަޅައިގެން 4-5 ބުރި ސިޑިން އަރައި ފައިބަން ޖެހެއެވެ. ދަށް ގްރޭޑްތަކުގެ ތުއްތު ކުދިން 4-5 ބުރި ސިޑިން އަރަން ނުޖެހުނުކަމުގައި ވިޔަސްވެސް، ދަބަސް އެހާ ބަރުކޮށް އަޅައިގެން އެންމެ ބުރިޔަކަށްވެސް ސިޑިން އަރައި ފޭބުން ރައްކާތެރި ކަމަކަށް ނުވާނެއެވެ. ދަބަސްތައް ބަރުވުމުގެ ސަބަބުން ކުދިންގެކޮނޑާއި، ކަނދުރާ އަދި ބުރަކަށީގައި ރިއްސައި، ކުދިން ގުދުވެސް ލައެވެ. މިފަދަ ސިއްހީ މައްސަލަތަކުން ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުން އެކުދިންގެ ދަބަސްތައް ކޮންމެހެން ވެސް ލުއިކުރަން ޖެހެއެވެ. ނަމަވެސް މިއަދާއި ޖެހެންދެންވެސް މިކަމަށް އެކަށީގެންވާ ހައްލެ ނުގެނެވުމަކީ ބެލެނިވެރިން ހިތާމަ ކުރާ ކަމެކެވެ. 

ސްކޫލު ތަކުން މިކަމަށް އެންމެ އެދެވޭ ހައްލެއް ގެނެވެންދެން، ބެލެނިވެރިން އަމިއްލައަށް މިކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރެވޭނެ ކަމަކީދަބަސް ގަންގަ އިރު ކޮނޑުގައި ބޯ ސްޕޮންޖު ލާފައި ހުންނަ ދަބަސް ގަތުމެވެ. ކޮނޑުގައި އިންނަ ސްޕޮންޖު ގަނޑު ބޯ ވާ ވަރަކަށް ކުއްޖާގެ ކޮނޑަށް ކުރާ ބާރު ކުޑަވާނެއެވެ. ދެވަނަ ކަމަކަށް ކުރެވިދާނެ ކަމަކީ ލިޔާ ފޮތްތައް ދަބަހަށް ނުލައި އަތުން ހިފައިގެން ގެންދިއުމެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ދަބަހުގައި ގެންދަނީ ކޮންމެހެން ބޭނުންވާ ތަކެތިތޯ ބަލައި، ބޭނުންނުވާ ތަކެތި ނެގުމުންވެސް ދަބަހުގެ ބަރުދަން ކޮންމެވެސް ވަރަކަށް ލުއި ވާނެއެވެ. އަދި ސްކޫލުގައި ބެހެއްޓުމަށް ހުއްދަ އޮންނަ ތަކެތި ސްކޫލުގައި ބަހައްޓާފައި އައުމަށް ކުދިންނަށް ނަސޭހަތް ދެވިދާނެއެވެ. 

ހަގީގަތަކީ މިމައްސަލަ އަށް އެކަށީގެންވާ ހައްލެއް ގެނެވޭނީ ބެލެނިވެރިންގެ އިތުރުން ސްކޫލްތަކުންވެސް ފިޔަވަޅުތަކެެއް އަޅައިގެންނެވެ. ގިނަ ސްކޫލުތަކުން މިކަން ހައްލު ކުރުމަށް މަސައްކަތްކުރަމުން އައި ކަމުގައި ވިޔަސްވެސް މިކަމަށް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ނުގެނެވެއެވެ. ގްރޭޑް އެކަކުން ފެށިގެން ދިހަޔަކާއި ހަމައަށް އެތައް ކުދިންނެއް ކިޔަވާނިންމާފައި ވަނީ ހަމަ މި މައްސަލައާއި ކުރިމަތިލަމުންނެވެ. ނަމަވެސް އުންމީދަކީ މިހާރު ކިޔަވަމުންދާ ކުދިންނަށް މިކަން ލުއިވާނެކަމަށެވެ.