މި ކުޑަކުޑަ މުޖުތަމަޢުގައި ފާޙިޝް އަމަލުތައް ގިނަ ވެފައި އޮތް މިންވަރަކީ، އެކަން ކަމަކީ ހަރާމް ކަންކަން ގޮތުގައި ގިނަ ބަޔަކު ނުދެކޭހާ އާންމުވުމެވެ. އަހަރެމެންގެ ޒުވާން ޖީލުގެ ކިބައިން ފެންނަމުން މިދަނީ، ވަރަށް ނުބައި ދިމާއަކަށް މިސްރާބު ހިފާފައި އޮތް ތަނެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި، ފާޙިޝް ކަންކަމަށް އަރައިގަތުން އިންތިހާއަށް ގޮސްފައި އޮތް އިރު، އޭގެ މައްޗަށް އެހެން ކަމެއް ވެސް މި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ދައްކަން މިއުޅެނީ، ޓެޓޫ ޖެހުމުގެ ވާހަކައެވެ. ކަންމަތީ ފިހާރައަކުން ސުޕާރި ޕެކެޓެއް ގަތުން ހާ ފަސޭހައިން، މި މުޖުތަމަޢުގައި ޓެޓޫ ޖެހުން ވަނީ ފެތުރިފައެވެ. އެކަން ގޮސްފައިވާ ހިސާބަކީ، ޓެޓޫ ޖަހާފައި ހުރި މީހަކު ފެނުނަސް، އެއީ މާ ބޮޑު ކަމަކަށް މިހާރު ނުވުމެވެ.

ނަމަވެސް އަހަރެމެން ކުޑައިރު، ޓެޓޫ ޖަހާފައި ހުރި ދިވެއްސަކު ފެނިއްޖެނަމަ، އެމީހަކާ ދޭތެރޭ ޖެހިލުންވާ ހަނދާން ވޭ ހެއްޔެވެ؟ އެއީ "ނުބައި މީހެއް" ކަމަށް ވަގުތުން ސިކުނޑިން އަންގައެވެ. އެކަމަކު މިހާރު ނިކަން ބަލާބަލާށެވެ. "މަޝްހޫރު ތަރިން" ގެ ލަޤަބު ދީފައި ތިބި ގިނަ ޒުވާނުން ތިބެނީ ޓެޓޫ ޖަހައިގެނެވެ. ނަންތައް ވަކިން ނުކިޔަސް، މިވަރުން އެނގޭނެ ކަމަށް ދެކެމެވެ. 

ޓެޓޫ ޖެހުމަކީ އަހަރެމެން މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައި އޮތް ބޮޑުވެގެންވާ ފާފައެކެވެ. އެއީ މާތްﷲ ހެއްދެވި ސޫރައަށް ބަދަލު ގެންނާތީއެވެ. އަދި ޓެޓޫ ލިބިގަންނަ މީހާއާއި، ޓެޓޫ ޖަހައިދޭ މީހާއަށް ކީރިތި ރަސޫލާ މުޙައްމަދު (ޞ) ލަޢުނަތް ލައްވާފައިވާކަން ޙަދީޘުން އެނގެން އެބަހުއްޓެވެ. މިހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގަންނަ އިރު، ޒުވާން ޖީލު ހަމަ އެއްވެސް ވަރަކަށް ޖެހިލުން ނުވަނީ ތޯއެވެ؟

ގިނަ މީހުން ކުރާތަން ފެންނާތީ، އެއީ މާ ބޮޑު ކަމެއް ނޫނޭ ހީކޮށް އެކަން ކުރަމުން ގޮސް، ހައްދުފަހަނާ އަޅައިފިއެވެ. ޓެޓޫ ޖަހާފައި ހުރި މީހަކާ ސުވާލުކޮށްލުމުން އެންމެ ގިނައިން އިވޭ ޖަވާބަކީ "ފަހުން ތައުބާ ވެވޭނެ" ކަމަށެވެ. އެކަމަކު، އެއީ ފާފައެއްކަން އެނގިހުރެ އެކަމަށް އަރައިގަތުމަކީ ކިހާ ނުބައި ކަމެއް ހެއްޔެވެ؟ ފަހުން ތައުބާވާން ނިންމައިގެން ހުއްޓަސް، އެ ބުނާ ފަހެއް އަންނާނެ ކަން ޔަޤީން ވަނީ ކާކަށް ހެއްޔެވެ؟ މަރު ބައްދަލު ކުރާނީ ތިބާ ކޮން ހާލެއްގައި ހުއްޓާ ކަމެއް ނޭނގެއެވެ. އަދި ތައުބާ ވިޔަކަސް، އެ ފާފައިގެ ނިޝާންތައް އަބަދުގެ އަބަދަށް ހަށިގަނޑުން ފެންނަން ހުންނާނެއެވެ.