މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތަކީ މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ބޮޑެތި ބަދަލުތަކެއް ގެނުވި އެއްޗެކެވެ. ކޮވިޑަށްފަހު މުޅިން އާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ދާ ވާހަކަ އަކީ އެންމެން ދައްކަމުން އައި ވާހަކައެވެ.

ކުރުކޮށް ބުނާނަމަ ކޮވިޑަށްފަހުން ދިވެހިން ކުރިމަތި ލީ ނިއުނޯމަލްއަކަށެވެ. އެކަމަކު ނިއު ނޯމަލްވީ އިޖުތިމާއީ ފޭރާން  ވީދި  ކުދިކުދިވި  ނިއު  ނޯމަލްއަކަށެވެ.
މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. ލައްކަ ބައިވަރު ވާހަކަ އެބަހުއްޓެވެ. ހޮޅުއަށިން ފެށިގެން، ބަދިގެއިން، ކޮފީ މޭޒާ ހިސާބަށް ވެސް ވާހަކަ ދެއްކިދާނެ އެވެ.
އެހެންނަމަވެސް އެއްފަހަރާ ހުރިހައި ވާހަކައެއް ނުދެއްކޭނެތާ އެވެ. އެހެންވެ، މިވާހަކައިން މިފަހަރު ފަށަމާ ހެއްޔެވެ.
މިފަހަކަށް އައިސް އެންމެގިނަ ބައެއްގެ ލޯތަކުގައި އަޅައިގަނެފައިވާ އެއްކަމަކީ "ބިއުޓީ ސެލޫން" ތަކުގެ ނަމުގައި މަސާޖުކުރާ ތަންތަން ހިންގަމުން އަންނަވާހަކަ އެވެ. އެއްތަން ބަންދުކުރާއިރު، އިތުރު ތިން ތަން ވުޖޫދު ވެއެވެ.
ފާޅުކަން  ބޮޑުގޮތެއްގައި  މުންކަރާތްތަކަށް  އަރައިގަންނަމުން ދަނީ  އެއްވެސް  ޖެހިލުމެއްނެތި އެވެ.  ޒަމާނާ އެއްހަމައަކަށް  ހަށިވިއްކުން މެކުހަށް  ޖަހާފައިވަނީ  ލަދުވެތި  ގުނަވަނުން  އިސްތަށި  ބޭލުމުން  ފެށިގެން  ގޮސް  ޒިނޭފަދަ  ހަޑިމުޑުދާރު  އަމަލުތަކަށް ވެސް ފުރުސަތު އޮތްކަން ހާމަވާ ބީދައިން ނެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ ވަސީލަތްތައް މެދުވެރިކޮށް އިޝްތިހާރުކުރަމުން ގެންދަނީ އެއްވެސް "ވަންހަނާ" ކަމެއް ނެތި އެވެ.
އެގޮތުން ދާދި  ފަހަކުން  ފޭސްބުކް  ހާވަނިކޮށް  ފެނުނު  އިޝްތިހާރަކުން  ތަރި  ބުރައިގެން  ދިޔައެވެ.  އެ އިޝްތިހާރުގައި  އޮތީ  ފިރިހެންވެރިންނަށް  ޒިނޭފަދަ  ނުބައި  އަމަލުތަކަށް  ހިތްވަރުދީފަ އެވެ.  
"އިސްތަށި  ބާލައިގެން  ފާޚާނާ  އަށް  އިސްތަށި  އެޅުމަށްވުރެ، ހިލޭ  އަންހެނެއް  ކައިރިއަށް  ގޮސް ލަދުވެތި  ގުނަވަނުން  އިސްތަށި  ބޭލީމާ  ފާޚާނާއަށް  އިސްތަށި  އެޅިގެން  އަންހެނުން   ރުޅި ނާރާނެކަމަށް" އެ އިޝްތިހާރުގައި ވެއެވެ. 

ދިވެހިންގެ މާދަރީ ބަހުން ލިޔެފައިވާ މި އިޝްތިހާރު ވައިރަލްވެ، ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، ދައުލަތުގެ  އެއްވެސް  މުއައްސަސާއަކަށް އެޅުނު ފިޔަވަޅެއް މިހާތަނަށް ނެތެވެ.  
ލަދުވެތި  ގުނަވަނުން  އިސްތަށި  ބާލަން  ތައިލެންޑް  ކުއްޖަކާ  ހަވާލު  ކުރުމަކީ ވެސް ނިއުނޯމަލްތޯ އެވެ.  މިހާ ފާޅުކަން ބޮޑު ގޮތެއްގައި  މަސާޖުގެ  ނަމުގައި  ފާހިޝް  އަމަލުތަކަށް އަރަން ހިތްވަރު  ލިބޭނީ  ދުނިޔޭގެ  ލައްޒަތަށްޓަކައި މުޖުތަމައެއް ފަސާދަކުރަން  ބޭނުންވާ  މީހުންނެވެ.  
އިތުރު  އެހެން މިފަދަ  ޕޯސްޓެކެވެ. އޭގައި އޮތީ ދާދިފަހުން ބޭއްވި ވޯލްޑް ކަޕުން ޓީމް ކެޓުމުން  މަސާޖު  ޕާލާތަކުގައި ތިބޭ ކުދިން އަޑު އަހާނެ ކަމަށެވެ. މިފަދަ  ތަންތަން  ހުއްޓުވާ ފިޔަވަޅު  އެކުމަކީ  މޯޅްޑީވްސް  ޕޮލިސް ސަރވިސްގެ ޒިންމާއެކެވެ. ތަންތަން ރެއިޑް ކޮށްގެން ހުއްޓުވަން ދަތިތަކެއް ހުރިކަމަށް ވާނަމަ  ފޭސްބުކްއިން އެކުރާ އިޝްތިހާރުތަކާއި ޕޭޖުތަކަކީ ލޯ އެންފޯސްމަންޓްގެ ދަށުން ފުލުހުންނަށް ފޭސްބުކާއި  ގުޅިގެން ޝަޓް-ޑައުން  ކުރެވިދާނޭ  ޕޭޖްތަކެވެ. ނުވަތަ އެކައުންޓްތަކަށް ފިޔަވަޅު އެޅިދާނެއެވެ.  އެކަމަށް  ނަގަންޖެހޭ  ކޯޓު  އަމުރެއް ވެސް  ނޯންނާނެއެވެ.

މާލޭގައި މަސާޖު ޕާލާތައް ހުންނަ މިންވަރަށް ބަލާއިރު، މާލޭގައި ހުރި މިސްކިތްތަކަށް ވުރެ، އެތައް ގުނައެއް އިތުރުކަން ހާމަވެއެވެ. މާލޭގެ މަޖީދީ މަގުން އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް ފެންނަނީ ހަމަ މިބުނާ  ޕާލާތަކުގައި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން  މަޝްހޫރުކަން ހޯދާފައި  ތިބޭ  'ނޫކަށި ފުރައިގެ" ޖިންސުއްލަތީފުން ނެވެ. ބައެއްފަހަރު ތައިލޭންޑްގެ ބެންކޮކް ސިޓީއެއްހެން ހީވާ ފަހަރުވެސް އާދެއެވެ. 
އިޝްތިހާރުކޮށް ވިޔަފާރި ފުޅާކޮށް މުއްސަނދިވާ މީހާ މުއްސަނދިވަނީ ހަރާން ފައިސާގަ އެވެ. މިހާ  ފާޅުކަންބޮޑު ގޮތެއްގައި މިވިޔަފާރި މިކުރަނީ ގައިމު ބައެއްގެ އެހީގައި ފިލާ ތިބެގެން، ހަމަ ދިވެހިން ނެވެ.  
ސައްތައިން ސައްތަ  މުސްލިމުން އުޅޭ މި މުޖުތަމައުގައި ފެންނަނީ އިޖުތިމާއީ ފޭރާން ވީދި، ކުދިވެ  ހަލާކުވަމުންދާ  މަންޒަރެވެ.  
ދާދިފަހުން ޝެއިހް ޒައިދު ވެސް ވަނީ މިކަމާއި ގުޅިގެން މިފަދަ ތަންތަން ނުހުއްޓިގެން މިއުޅޭނީ  ކީއްވެތޯ  ފުލުހުން ކައިރިން ސުވާލުކޮށްފަ އެވެ. އެންމެން ދަންނަ ބޮޑު ސިއްރަކީ މަސާޖު ކުރާ ތަންތަނުގައި ހަށިވިއްކާ  ކަމެވެ.
ތިމާ  ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު މިކަމަށް ހޭދަކުރާ ދިވެހިން ދުވަހެއް ދުވަހަކަށް އިތުރަމުން އަންނަކަމެވެ. ރާއްޖޭގައި މިފަދަ ތަންތަނުގައި ހުރި އެކި ޕްލެޓްފޯމްތަކުގެ ޕޯސްޓްތަކަށް ބަލާނަމަ ނިސްބަތުން  ގިނައީ  ތައިލެންޑް  މީހުން ނެވެ. އަގުތަކަށް ބަލާނަމަ ގަޑިއިރެއްގެ ތެރޭގައި ގައުމުން ބޭރުވަނީ  އެތައް  ފައިސާއެކެވެ.
ކޮންމެއަކަސް ތިމާގެ ހަލާލު އަނބިމީހާ ރުޅި އައިސްދާނެ ކަމަށް ވިސްނަދީ  އިސްތަށި ބާލަން  އިޖުތިމާޢީ  ފޭރާން  ހަލާކުކޮށްލަން ހެދި އިޝްތިހާރާމެދު އެޅުނު ފިޔަވަޅެއްނެތެވެ. ފާޅުގައި  ކްލިވެޖް  ދައްކައިގެން  މަސާޖު ޕާލާތަކުގައި ތިބޭ ތައިލެންޑް ފަދަ ގައުމުތަކުގެ ހަށިވިއްކާ  އަންހެނުން  އެއްވެސް  ޖެހިލުމެއްނެތި  ރޭޒަރު  ތިލައަކުން އެ ބާލަނީ އިސްތަށްޓެއް ނޫނެވެ. 
އެބާލަނީ އަހަރުމެންގެ ރިވެތި އުސޫލްތަކާއީ އަގީދާ އެވެ. އަހަރުމެންގެ އާދަކާދަ އެވެ. އެވެރިން  ބޭނުންވަރަކަށް ބާލަން ދީގެން، ބަލަން ދުރުގައި  ހުރެވޭކަށް ނެތެވެ. އަންހެނުން ރުޅިނަޔަސް ދީންދެކެ،  ގައުމުދެކެ، ލޯބިވާ ބަޔަކު ދެކެންބޭނުންވާ މަންޒަރަކަށް މިކަން ނުވާނެ އެވެ.
އިޖުތިމާއީ ފޭރާމުގައި ޖެހިފައި މިވާ "ލައްގަނޑު" ފިލުވައިލެވޭނީ ފިސާރި ކެރިގެން ނެވެ. ޢަޒުމަކާއެކުގަ އެވެ. އެކަން ކުރެވޭނީ އެއް ނުގުޑާ ފަދަ ޢަޒުމެއްގައި ކެރިގެން ކުރިމަތިލައިގެންނެވެ.