އއ. ތޮއްޑޫގައި މިއަހަރުގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތޮއްޑޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ފެސްޓިވަލް ސްޓައިލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޙައްޖު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ވެދުމާ ދިއުމާ އަދި ޢީދު ބަޑި ރޯކުރުމުގެ ހަރަކާތުންނެވެ.

ޢީދު ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ޢީދު ދުވަހު ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުގެ އިތުރުން ވަރަށް ހާއްސަ ސަގާފީ ހެނދުނުގެ ސައިފޮދަކާއި، ޢުޟްހިޔާ ކަތިލުމާއި، ފައިސާގެ އިނާމުތަކެއް ހުށަހެޅިފައިވާ ވަރަށް ފޯރިގަދަ ފައިގަ ތަޅާ މުބާރާތެއްގެ އިތުރުން މަސްރޭހެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވަރަށް ހާއްސަ މެންދުރުގެ ފަރިއްކޮޅެއްވެސް ތޮއްޑޫ ވާއު މަގުގައި ރޭވިފައިވާނެ އެވެ. އަދި ޢީދެއްގެ އެންމެ ފޯރިގަދަ އެއް ހަރަކާތް ކަމުގައިވާ ބޮޑުމަސް ކޯޑި އަދި މާލި ނެރުންވެސް އޮންނާނެ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރަކާއި ހުރިހާ އުމުރުފުރާތަކަކަށް ހާއްސަކޮށްގެން މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވެ، މި އަހަރު ޢީދު ފާހަގަކުރުމަށް ތޮއްޑޫގެ ރައްޔިތުން އަދި ކައުންސިލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ޢީދުގެ ސަގާފަތާއި މުޖުތަމަޢުގެ ގުޅުން އާލާކުރުމަށް އަމާޒުކޮށްގެން ބާއްވާ ޢީދު ދުވަހުގެ ހަރަކާތްތަކުގައި ރަށުގެ ރައްޔިތުން، ރަށުގައި އެވަގުތު ތިބި ފަތުރުވެރިން އަދި ތޮއްޑޫގައި ވަޒީފާ އަދާކުރާ ފަރާތްތަކަކުން ބައިވެރިވާނެ އެވެ.

ޢީދު ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މާލެއިން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ޙައްޖު ދުވަހުން ފެށިގެން އިތުރު ލޯންޗް ދަތުރުތަކެއް ޢީދުގެ ކުޅިވަރުތައް ނިމެންދެން ހާއްސަކޮށްގެން ރޭވިފައި އޮންނާނެ އެވެ. އަދި ޢީދު ދުވަހު ތޮއްޑޫ އަށް ދަތުރުކުރާ ކައިރި ރަށްރަށުގެ ރައްޔިތުންނަށް އަދި ރިސޯޓްތަކުގެ ފަތުރުވެރިންނަށް އެރޭ ޝޯ ނިމުމުން ވެސް ރަށަށް ނުވަތަ ރިސޯޓަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ.

އެހެންކަމުން އއ. ތޮއްޑޫ އަށް ޢީދަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ވެސް ރޫމް ބުކްކުރައްވާ އަދި ލޯންޗްގެ ޖާގަ ކުރީބައިގައި ކަށަވަރުކުރެއްވުމަކީ ތޮއްޑޫ ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.