ދުނިޔެއިން މަދުން ފެންނަ ޖެނެޓިކް ބައްޔެއްކަމަށްވާ ' މެޓަކްރޮމެޓިކް ލިއުކޯޑިސްޓްރޯފީ' ކިއާ ބައްޔެއްގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއްކުރިމަތިވެ މިބަލިން ޝިފާލިބުމަށް އެދި ފަރުވާކުރުމަށް އުމުރުން 2 އަހަރުގެ ތުއްތު އައިޝާ ޒިވިޔާ ފަޒްމީން އަންނަނީ އިންޑިއާ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުން ފަރުވާހޯދަމުންނެވެ. މިވަގުތު މިތުއްތު ކުއްޖާއަށް ބޭނުންވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާ އަދި ދީލަތިއެހީއެވެ.
މެޓަކްރޮމެޓިކް ލިއުކޯޑިސްޓްރޯފީ އަކީ މަދުން ނޫނީ ނުފެންނަ ވިރާސީ (ޖެނެޓިކް) ބައްޔެކެވެ. މިބަލި އުފެދެނީ ސަލްފަޓައިޑްސް ކިޔާ ލިޕިޑްސް ނައްތާލުމަށް އެހީތެރިވެދޭ އެންޒައިމެއް މަދުވުމުންނެވެ. ސިކުނޑިއާއި ނާރުތަކުގެ ނިޒާމުގެ މަސައްކަތްތައް މަޑުމަޑުން ބަލީގެ ސަބަބުން ގެއްލިގެން ދަނީ ނާރު ސެލްތައް ރައްކާތެރިކޮށްދޭ މާއްދާ (މައިލިން) އަށް ގެއްލުން ލިބުމުންނެވެ.
މިބަލީގެ ސަބަބުން އަތްލުމުގެ އިހުސާސާއި ހޫނާއި ފިނި އަދި އަޑުން މަހުރޫމްވެއެވެ. އަދި ހަނދާންނެތުމާއި ވިސްނުމުގައި މައްސަލަ ތައް ކުރިމަތިވެއެވެ.ހިނގާބިނގާވެ އުޅުމާއި ވާހަކަދެއްކުމާއި ހަރަކާތްތެރިވުމުގެ އިތުރުން ދިރުވުމުގެ ދަތިކަންވެސް މިބަލިން ކުރިމަތި ކުރުވައެވެ. ވީއެންމެ އަވަހަކަށް ބައްޔަށް ފަރުވާ ނުކުރެވިއްޖެނަމަ މުޅިއުމިރަށް ތަންމަތީގައި ބަލިމީހާ ބާއްވައިގެން ގެންގުޅެން ޖެހޭ ހާލަތްމެދުވއެިވެއެވެ.
އައްޑޫ މަރަދޫފޭދޫ ފިޔާޒާ މޫސާ ދީދީ (ޒިވިޔާ މަންމަ) ކިޔައިދިން ގޮތުގައި އޭނާ އަދި ފޭދޫ ފަޒްނީ ފަހުމީ ދެމީހުންގެ ކައިވެންޏަށް ތިންދަރިން ލިބިފައިވާ ކަމަށާއި، ދޮށްޓަށް ލިބުނު ފިރިހެން ކުއްޖާގެ ސިއްހަތު ރަނގަޅުނަމަވެސް 2011 ވަނައަހަރު ލިބުނު ދަރިފުޅުވެސް މިވަގުތު އޮތީ ނުހިނގި ލޮލަށް ނުފެންނަ ހާލުގައި ތަންމަތީގައެވެ. އެކުއްޖާގެ ބަލި ދެނެގަނެވުނު އިރު ވަނީ މާބޮޑަށް ލަސްވެފައެވެ.
ތިންވަނަ ކުއްޖާ އައިޝާ ޒިވިޔާ ފަޒްމީން ވެސް ވިހެއިރު ސިއްހަތު ރަނގަޅު ކަމަށާއި، ހިނގާ އުމުރަށް އަރާ އެއް އަހަރާއި ހަތް މަސްވީތަނާ ކުޑަކޮށް ފިޔަވަޅު ނަގާ ހިނގަން ފެށިއެވެ. ނަމަވެސް ހަތަރު ފިޔަވަޅު އެޅުމަށްފަހު ބެލެންސް ގެއްލެން ފެށި އެވެ.
އެހާ ހިސާބުން މިހާރު މަސައްކަތް މި ކުރަނީ އިންޑިޔާގައި ތިބެގެން ކުއްޖާ އަށް ފަރުވާ ހޯދުމަށް ކަމަށްވެސް ފިޔާޒާ ބުންޏެވެ. މިއީދުނިޔެއިން މަދުން ފެންނަ ބައްޔަކަށް ވާތީ މާގިނަ ފަރުވާތަކެއް މިބައްޔަކަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އޮތް ހަމައެކަނި ފަރުވާ އަކީ ސްޓެމްސެލް ތެރަޕީއެވެ. ނަމަވެސް މިފަރުވާ އަކީ ޑޯނަރެއް ހޯދައިގެން ދޭންޖެހޭ ފަރުވާއެކެވެ.
ޑޯނާ އަކަށް ދިމާ ކުރުމަށް ހަދާ ޓެސްޓަށް އެސްޓިމޭޓް އަގެއްގެ ގޮތުން ނުވަހާސް ޑޮލަރު ނުވަތަ ދިހަ ހާސް ޑޮލަރު ހޮސްޕިޓަލަށް ދައްކަން ޖެހެއެވެ. މިޓެސްޓުތައް ހަދާހޮސްޕިޓަލަކީ އިންޑިޔާގެ ދުރު އަވަށެއް ކަަމަށްވާ މެއިންސިޓީ ޗެންނާއީ ވެލޯރް ގައި ހުންނަ ހޮސްޕިޓަލެކެވެ.އެހޮސްޕިޓަލުގައި ދޭ ފަރުވާ އަށް އާސަންދަ ހަމަނުޖެހޭ ކަމަށް މައުލޫމާތުލިބެއެވެ.
މިބައްޔަށް ފަރުވާދޭ އިންޑިއާގެ ވެލޯރްގެ ހޮސްޕިޓަލް ކަމުގައިވާ ކްރިސްޓިއަން މެޑިކަލް ކޮލެޖުން ދީފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ މިބައްޔަކީ ބަލިމީހާގެ ފުރާނައަށް ގެއްލުންހުރި ބައްޔެއް ކަމަށާއި މިބަލިން ފަރުވާހޯދުމަށް އެންމެ އެދެވޭ އޮޕްޝަންއަކީ އެލޯޖެނިކް ޕެރިފެރަލް ބްލަޑް ސްޓެމްސެލް ޓްރާންސްޕްލާންޓް ހެދުން ކަމުގައެވެ. މިފަރުވާއަށް ލަފާކުރެވޭގޮތުގައި ގާތްގަނޑަކަށް 43,000 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިފަރުވާ ފުރިހަމަ ކުރުމަށްފަހު 6 މަހާއި 1 އަހަރުގެ މުއްދަތަކަށް އިންޑިއާގައި މަޑުކުރަން ވެސް ޖެހެއެވެ. މިހާރުވެސް ޒިވިއާގޮވައިގެން އިންޑިއާގައި ތިބޭތާ 2 މަސް ދުވަސް ވެފައިވާކަމަށް ފިޔާޒާވަނީ ބުނެފައެވެ. ރާއްޖޭން ބޭރުގައިތިބުމަށާއި ކެއުމާއި ދަތުރުފަތުރަށްވެސް ހަރަދު ތަކެއް ދާނެއެވެ. އެންސްޕާއިން ކޮންމެސްވަރެއްގެ އެހީއެއް ލިބުނު ނަމަވެސް ޒިވިއާގެ ބައްޕަވެސް މިވަގުތި ހުންނަންޖެހިފައިވަނީ ނޯޕޭ ލީވްގައި ކަމުން އިތުރު އާމްދަނީ އެއް ނެތުމުން ފައިސާގެ އެހީއަށް މިވަގިތު މިވަނީ ޒިވިއާއަށް އަދި އާއިލާއަށް ބޭނުންވެފައެވެ.
ބައްޔެއްގެ ހުރިވޭނާއި ބަލި ތަހައްމަލްކުރަމުންދާ ފަރާތެއް ގޮވައިގެން އުފުލަންޖެހޭ ބުރަ އަދި ހިތާމަ ހަޤީގަތުގައި އިހުސާސްކުރެވޭނީ އެކަމުގެ ތެރޭ އުޅެންޖެހޭ ބަޔަކަށެވެ. ނަމަވެސް އެހީއަކަށް ބޭނުންވެފައިވާ ފަރާތަކަށް ފޯރުކޮށްދެވޭ އެހީއަކީ ހަމަގައިމުވެސް ގެއްލިގެން ނުދާނޭ ހެޔޮއަމަލެކެވެ. މިވަގުތު ޒިވިޔާއަށް ބޭނުންވަނީ ތިޔައެންމެހާފަރާތްތަކުގެ ދީލަތި އެހީއާއި ހޮޔޮދުޢާއެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
މާތްﷲ އަށްޓަކައި އެހީ ތެރިވެދެއްވާ! މާތްﷲ އަށްޓަކައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގައި ވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ, إن شاء الله
ގުޅޭނެ ނަމްބަރު: ފިޔާޒާ މޫސާ ދީދީ: އިންޑިޔާ ނަމްބަރު، +91 9042541633
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7702303135101 (ފިޔާޒާ މޫސާ ދީދީ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000534579 (ފިޔާޒާ މޫސާ ދީދީ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން