ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ނަމުން ނަންދެވިފައިވާ  ގޭހަކީ ދުނިޔޭގެ ގޭބިސީތަކުގައި ކެއްކުމާއި ހޫނުކުރުމަށް ބޭނުންކުރާ ކޮންމެހެން ބޭނުންވާ ހަކަތައެކެވެ. ނަމަވެސް ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރުތައް ރަނގަޅަށް ނުބެލެހެއްޓުމާއި، ރައްކާކުރުމާއި ނުވަތަ ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ގޮވުންތައް ހިނގައި އޭގެ ސަބަބުންހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވެއެވެ. ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރު ގޮވުމުގެ ސަބަބުތަކުގެ މައްޗަށް ފުންކޮށް ދިރާސާކޮށް، މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތައް އަޅާ އާންމުން ހޭލުންތެރިކުރުވަން ޖެހެއެވެ.

 

ކައްކާ ގޭސް ސިލިންޑަރު ގޮވާ ސަބަބުތައް:

 

ގޭސް ލީކުވުން: ގޭސް ސިލިންޑަރު ގޮވުމުގެ އަސާސީ ސަބަބަކީ ގޭސް ލީކުވުމެވެ. އެލްޕީޖީ އަކީ ވަރަށް ބޮޑަށް އަލިފާން ރޯވާ އެއްޗަކަށް ވާއިރު، ކުޑަ ގޭސް ލީކެއް ވުމުން ވެސް ގޭހާއި ވައިގެ ގުޅުން އުފެދިދާނެ އެވެ. އާދައިގެ ސްޕާކެއް، ހުޅުވިފައިވާ އަލިފާންގަނޑެއް ނުވަތަ ކަރަންޓުގެ މައްސަލައެއް ދިމާވުމުން މި މިކްސްޗަރގައި އަލިފާން ރޯވެ، ގޮވުން މެދުވެރިވެއެވެ.

 

ގޯސް ސާމާނު: ގޭސް ސިލިންޑަރާއި ރެގިއުލޭޓަރާއި ގޭސް ހޮޅި އަދި ބަރނަރ ރަނގަޅަށް ބެލެހެއްޓިފައިނުވުމުން ނުވަތަ ހަލާކުވެފައި ހުރުމުން ގޭސް ލީކުވެދާނެއެވެ. މާބޮޑަށް ދަބަރުޖަހާއި ، ސިލިންޑަރު ބާވެ ހަލާކުވެ ނުވަތަ އެޔަށް އެކިވަރުގެ ގެއްލުން ލިވިފައިހުރުމުން ގޮވުމުގެ ނުރައްކާ އިތުރުވެއެވެ.

 

ރަނގަޅަށް ރައްކާނުކުރުން: ގޭސް ސިލިންޑަރުތައް ރައްކާތެރި ނޫން ހާލަތްތަކުގައި، ހޫނު ލިބޭ ތަންތަނުގެ ކައިރީގައި، ސީދާ އިރުގެ އަލި ނުވަތަ ރަނގަޅަށް ވައި ނުވަދެވޭ ވެންޓިލޭޝަން ރަނގަޅުނޫން ތަންތަނުގައި ރައްކާކުރުމަކީ ސިލިންޑަރުގެ ތެރޭގައި ހުންނަ ގޭސް ފުޅާވެ ޕްރެޝަރު އުފެދި، ގޮވުން މެދުވެރިވާ ކަމެކެވެ.

 

ގޯސްކޮށް އިންސްޓޯލް ކުރުން: ގޭސް ސިލިންޑަރ ނުވަތަ ރެގިއުލޭޓަރ ގޯސްކޮށް އިންސްޓޯލް ކުރުމުން ގޭސް ލީކުވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. ޕްރޮފެޝަނަލުން ގޭސް ކަނެކްޝަންތައް ރަނގަޅަށް އިންސްޓޯލްކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

 

އިންސާނީ ގޯސްތައް: ބޭނުން ނުކުރާއިރު ގޭސް އުނދުން ދިއްލާފައި ބެހެއްޓުމާއި ނުވަތަ ގޭހާ ގުޅުންހުރި މައްސަލަތައް ރަނގަޅަށް ނޭނގި މަރާމާތު ކުރަން މަސައްކަތް ކުރުމަކީ ނުރައްކާތެރި ހާލަތްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

 

 

ކައްކާ ގޭސް ސިލިންޑަރު ގޮވުން ހުއްޓުވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް:

 

ގަވާއިދުން ބަލާ ފާސްކުރުން: ގޭސް ސިލިންޑަރާއި، ރެގިއުލޭޓަރާއި، ގޭސްހޮޅިއާއި، އުނދުން ހަލާކުވުމާއި، ހެދުން ނުވަތަ ދަބަރުޖެހުމުގެ އަލާމާތްތައް ހުރިތޯ ދޭތެރެ ދޭތެރެއިން ބަލާށެވެ. އެއްވެސް ގޯސް ކޮމްޕޯނެންޓެއް ހުރިނަމަ ވަގުތުން ބަދަލުކުރުން.

 

ޕްރޮފެޝަނަލް އިންސްޓޯލްމަންޓް: ގޭސް ކަނެކްޝަންތަކާއި ސާމާނުތައް އިންސްޓޯލްކޮށް ބެލެހެއްޓުމަށް ސޭފްޓީ ޕްރޮޓޮކޯލްތަކަށް ރަނގަޅަށް ފަރިތަ ލައިސަންސް ލިބިފައިވާ ޕްރޮފެޝަނަލުން ގެންގުޅެންވާނެއެވެ.

 

ވައި ދައުރުވުން: ގޭސް ސިލިންޑަރ ރައްކާކުރާ ސަރަހައްދާއި ކައްކާ ޖާގަ ރަނގަޅަށް ވައި ވަދެވޭތޯ ބެލުންމުހިންމެވެ.އެއީ ގޭސް ދޫވެ ޖަމާވުން ހުއްޓުވުމަށްޓަކައެވެ.

 

ދުންފަތުގެ އިސްތިއުމާލު ނުކުރުން: ގޭސް ސިލިންޑަރު ކައިރީގައި ނުވަތަ ބަދިގޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ސިނގިރޭޓެއްގެ ސްޕާކްތަކުގެ ސަބަބުން ފަސޭހައިން ގޭސް ލީކުވުންތައް ހުރިނަމަ އަލިފާން ރޯވެދާނެ އެވެ.

 

ގޭސް ޑިޓެކްޓަރު: ލީކުވާ ތަންތަން އިހުސާސް ކުރެވޭ އަދި އަޑު އިވޭ އެލާޓްތައް ފޯރުކޮށްދޭ ގޭސް ޑިޓެކްޓަރުތައް ބެހެއްޓުން. މި ޑިޓެކްޓަރުތަކަކީ ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ތަންތަނުގައި ލީކުވާ ތަންތަން ދެނެގަތުމަށް ބޭނުންތެރި ޑިޓެކްޓަރުތަކެކެވެ.

 

ލީކް ޑިޓެކްޓްކުރުން: ގޭސް ސިލިންޑަރާއި ގޭސް ހޮޅި އަދި ރެގިއުލޭޓަރ ކަނެކްޝަންތަކުގައި ސައިބޯނި ފެނުގެ ސޮލިއުޝަނެއް އުނގުޅާށެވެ. ބޮކި އުފެދިފައިވާތަން ފެނިއްޖެނަމަ އެއީ ލީކުވެފައިވާ ކަމުގެ އިޝާރާތެއް ކަމަށާއި، ގޭސް ސަޕްލައި ނިއްވާލައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދަން ޖެހޭ ކަމެކެވެ.

 

ރަނގަޅަށް ރައްކާކުރުން: ގޭސް ސިލިންޑަރުތައް ސީދާ އިރުގެ އަލިކަމާއި ހޫނު ލިބޭ ތަންތަނާ ދުރުގައި ވައި ވަދެވޭ، ހިޔާ އަޅާފައިވާ ތަނެއްގައި ތެދުކޮށް ބެހެއްޓުން. ސިލިންޑަރުތައް ރައްކާކޮށްފައި ހުންނަންވާނީ ބިންގަރާހުގައި، ބަންދުކޮށްފައިވާ ތަންތަނުގައި، ނުވަތަ ކަރަންޓް ދޫކުރާ ތަންތަނުގެ ކައިރީގައި ނޫނެވެ.

 

ސްވިޗް އޮފް: އަބަދުވެސް ގޭސް އުނދުން ނިއްވާލައި ސިލިންޑަރުގެ ވަލްވް ބޭނުން ނުކުރާއިރު، ކުޑަ މުއްދަތަކަށް ވިޔަސް ބަންދުކުރުން.

 

ކުއްލި ހާލަތަކަށް ތައްޔާރުވުން: ގޭސް ރައްކާތެރިކަމުގެ އުސޫލުތަކާ ބެހޭގޮތުން ގޭތެރޭގެ މެމްބަރުންނަށް ތައުލީމު ދިނުމާއި، ގޭސް ލީކުވެއްޖެނަމަ ކުއްލި ހާލަތުގެ ޕްލޭނެއް އެކުލަވާލުން.