‏ވަރިއަކީ އެހާ އާންމު ކަމެއް ނުވަތަ އެހާ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެވެނީ ކީއްވެތޯ މިއީ ‏‏އަޅުގަނޑުގެ ހިތުގައި އާންމުކޮށް އުފެދޭ ވަރަށް ވެސް ބޮޑު ސުވާލެކެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ‏‏ދިވެހި ރާއްޖޭގައި ވަރިއަކީ ވަރަށް އާންމު ކަމަކަށް ވާއިރު ކުރެވޭ ގިނަ ކައިވެނިތައް ނިމެނީ ވަރި ނުވަތަ ‏‏ދާއިމީ ވަކިވުމަކުންނެވެ.‏

‏ކޮމިޓްމަންޓަކީ ބައެއް ދެމަފިރިން ވަރި ނުވެ ދެމެހެއްޓުމުގައި ވަރަށް ވެސް މުހިންމު ރޯލެއް އަދާ ކުރާ ‏‏އެއްކަމެވެ. ވަރިކުރަން ކޮންމެހެން ޖެހޭ އެތައް ބައިވަރު ހާލަތްތަކެއް ވީ ނަމަވެސް ހާލަތްތައް ދިމާ ނުވާ ‏‏މީހުން ގިނަ ފަހަރަށް ފަހުން ފާހަގަ ކުރާގޮތުގައި ވަރި ކުރުމުގެ ކުރިން އިތުރަށް މަސައްކަތް ކުރެވުނުނަމައޭ ‏‏ފަހުން ހިތަށް އަރައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާންމުކޮށް އަލަތު ކައިވެނިތަކުގެ ތެރެއިން %40-‏‏50 ކައިވެނި ނިމޭނީ ވަރި ނުވަތަ ދާއިމީ ވަކިވުމަކުންނެވެ. އަދި ދެވަނަ އަށް ކުރާ ކައިވެނިތަކުގެ ތެރެއިން ‏‏ގާތްގަނޑަކަށް %60–%65 ކައިވެނި ނިމޭނީ ވަރިވެގެންނެވެ. ‏

‏ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކުން ވަނީ ވަރި ގިނަވާ ސަބަބުތަކެއް ހޯދާފައެވެ. އެ ‏‏ގޮތުން މާ ޒުވާން އުމުރުގައި ކައިވެނި ކުރުމާއި، ތައުލީމާއި އާމްދަނީ މަދުވުމާއި، ކައިވެންޏަށް ވައުދުވުމުގެ ‏‏ކުރިން އެކުގައި އުޅުމާއި، ކައިވެނީގެ ކުރިން ބަލިވެ އިނުމާއި، ދީނީ ގުޅުމެއް ނެތުމާއި، ވަރިވެފައިވާ ‏‏އާއިލާއަކުން އައުމާއި، ރައްކާތެރިކަމުގެ އިހުސާސް ނުލިބުން މިއީ ވަރީގެ ސަބަބުތައް ކަމަށް މި ދެންނެވި ‏‏ދިރާސާތަކުން ދައްކައެވެ.‏

 

‏މާ ޒުވާން އުމުރުގައި ކައިވެނި ކުރުން:- ވަރަށް ޅަ އުމުރުގައި ކައިވެނި ކުރުމަކީ ވަކިން ޚާއްޞަކޮށް ‏‏ކައިވެނީގެ ކުރީ އަހަރުތަކުގައި ވަރިވުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. ސަބަބަކަށް ވެގެން ދަނީ ‏‏ކައިވެނި ކުރާ އިރު ދެމީހުންގެ ވިސްނުންވެސް ރަނގަޅަށް އުފެދިފައި ނުވުމާއި ވިސްނުމުގައި ކޮށިކަމެއް ‏‏ހުރުން ކަމުގައި ބެލެވެއެވެ‏‎.‎

 

‏ތަޢުލީމުގެ އުނިކަން:- ދިރާސާތަކުން ދައްކާ ގޮތުގައި މަދުވެގެން ކޮންމެވެސް ވަރަކަށް ކޮލެޖް ތައުލީމު ‏‏ލިބިފައިވާ މީހުން ވަރިވުމުގެ ފުރުސަތު ކުޑައެވެ. އެއީ ސްކޫލުތަކުންވެސް ކޮންމެވެސް ވަރަކަށް ކައިވެނީގެ ‏‏މުހިންމުކަމުގެ ވާހަކަ ދަރިވަރުންނަށް ކިޔާދީފައިވުމުން ކަމަށް ގަބޫލުކުރެވެއެވެ‏‎.‎

 

‏އާމްދަނީ ދަށްވުން:- ކައިވެނި ކޮށްގެން އުޅޭ އިރު ރަނގަޅު އާމްދަނީ އަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. ‏‏ސަބަބަކީ ރަނގަޅު އާމްދަނީ އެއް ލިބުމުން ކުރަންޖެހޭ ކަންތައް ކުރަން ފަސޭހަވަނެތީއެވެ. ކުޑަ އާމްދަނީއެއް ‏‏ލިބޭކަމުގައި ވާނަމަ ގިނަފަހަރަށް ކުރަންޖެހޭ ކަންތައް ނުކުރެވުމުން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި، ‏‏ވަރި ކުރަން ޖެހޭ ހިސާބަށް ކަންތައް ދެއެވެ‏‎.‎

 

‏ކައިވެނީގެ ކުރިން ދެމީހުން އެއްކޮށް އުޅުން:- ކައިވެނީގެ ކުރިން އެކުގައި ދިރިއުޅޭ ދެމީހަކު ކައިވެނި ‏‏ކޮށްފިނަމަ ވަރިވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނަ ނަމަވެސް މި ނުރައްކާ ގިނައިން ދިމާވަނީ ގިނަ ‏‏ބައިވެރިން ތަކަކާއި އެކީ މިގޮތަށް ދިރިއުޅެފައިވާ ދެމަފިރިންނަށެވެ. އާންމުކޮށް ގަބޫލުކުރާ ގޮތުގައި ‏‏ކައިވެނީގެ ކުރިން އެކުގައި ދިރިއުޅުމަކީ އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު ލިބޭ ކަމެކެވެ. ‏‏ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެނީގެ ކުރިން އެކުގައި ދިރިއުޅޭ މީހުންނަށް ވަރިއާ މެދު ‏‏ކޮންމެވެސް ވަރަކަށް އަދައިގެކަމެއްގެ ގޮތުގައި ދެކެވެން ފެށިފައި ވާނެއެވެ. ވަރިއާ މެދު މި ގޮތަށް ‏‏ވިސްނުމަކީ ދެމަފިރިން ހައި ރިސްކަކަށް ވާ ސަބަބެކެވެ. ނަމަވެސް މި ހޯދުންތަކުގައި ބައެއް ‏‏އިންޒާރުތައްވެސް އެބަހުއްޓެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންގޭޖްވެ، ދެން އެކުގައި ދިރިއުޅެން ‏‏ބަދަލުވާ ބައިވެރިން ކައިވެންޏަށްފަހު ވަރިވުމުގެ ނުރައްކާ މިހާރު މާ ބޮޑެވެ. ކައިވެންޏާ މެދު އެމީހުންގެ ‏‏ކޮމިޓްމަންޓު ވަރަށްވެސް ކުޑަކަން ދިރާސާތަކުން ދައްކައެވެ.‏

 

‏ކައިވެނީގެ ކުރިން ބަލިވެ އިނުމާއި ދަރިން ލިބުން:- ކައިވެނީގެ ކުރިން ބަލިވެ އިނުމާއި ދަރިން ލިބުމަކީ ‏‏ކައިވެނީގެ ފަހުން ވަރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. ސަބަބަކަށްވެގެން ދަނީ ‏‏ގިނަފަހަރަށް އެގޮތަށް ދަރިން ލިބެނީ އެމީހުން ހޯދަން ބޭނުންވެގެން ނޫން ކަމަށްވާތީއެވެ.‏

 

‏ދީނާ ދުރުވުން :-ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދީނާ ގާތްކަމެއް އޮންނަ މީހުންނާ އަޅާބަލާއިރު ‏‏ދީނާ ދުރު މީހުން ވަރި ވުރުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކަށް ވެގެން ދަނީ އެމީހުންނަށް ކައިވެނީގެ ‏‏މުހިންމުކަމާއި މާތްކަން އިހްސާސް ނުވުމެވެ‏‎.‎

 

‏މައިންބަފައިންގެ ވަރި:- ހިތާމައަކީ މައިންބަފައިންގެ ވަރި ތަޖުރިބާ ކުރުމުން ވަރިވުމުގެ ނުރައްކާ ‏‏އިތުރުވެގެން ދާކަމެވެ. އަދި ތިބާގެ ބައިވެރިޔާ ވެސް އެމީހުންގެ މައިންބަފައިންގެ ވަރި ތަޖުރިބާ ކޮށްފައި ‏‏ވާނަމަ ވަރީގެ ފުރުސަތު އިތުރުވެއެވެ‏‎.‎

‏ދިރާސާތަކުން ދައްކާ ގޮތުގައި ވަރިވުމަށް މީހުން ދޭ އެންމެ އާންމު ސަބަބުތަކަކީ ކޮމިޓްމަންޓް ނެތުމާ، މާ ‏‏ގިނައިން ޒުވާބު ކުރުމާ، ޚިޔާނާތްތެރިވުމާ، މާ ޒުވާން އުމުރުގައި ކައިވެނި ކުރުމާ، ޙަޤީޤަތާ ނުބައްދަލު ‏‏އުންމީދުތަކާ، ގުޅުމުގައި ހަމަހަމަކަން ނެތުމާ، ކައިވެންޏަށް ތައްޔާރު ނުވުމާއި، އަނިޔާކުރުމެވެ. ‏‏ދިރާސާތަކުން ދައްކާ ގޮތުގައި ވަގުތު ހޭދަވަމުންދާވަރަކަށް ލޯބި ބަދަލުވެއެވެ. ލޯބި ގެއްލެމުންދާކަހަލަ ‏‏އިހުސާސެއް ކުރެވޭނަމަ، ކައިވެނީގެ ކައުންސެލިންގ އިން އެ ލޯބި އަލުން އިޔާދަކުރުމަށް އެހީތެރިވެދޭނެ އާ ‏‏ނަޒަރިއްޔާތެއް ހޯދުމަށް އެހީތެރިވެދެވިދާނެކަން އެ ދިރާސާ ތަކުގައި ފާހަގަ ކޮށްފައިވެއެވެ‏‎.‎