ރޭގަނޑު މަދުވެގެން 8 ގަޑިއިރު ނިދުމަކީ އިންސާނާގެ ހަށިގަނޑަށް މުހިންމުކަމެއްކަމުގައި ސިއްޙީ މާހިރުން އަބަދުވެސް ލަފާދެއްވައެވެ. އެހެންނަމަވެސް، ވަޒީފާ އަދާކުރާގޮތް ބައްޓަންވެފައި އޮންނަ ގޮތުންނާއި ދިރިއުޅުމުގެ އެހެނިހެން ކަންކަން ހުންނަ ގޮތުން އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ރޭގަނޑުގެ އަރާމު ނިދި ލިބޭގޮތް ގިނަފަހަރު އޮންނަނީ ނުވެފައެވެ. އަދި ހަމައެހެންމެ، ދިރިއުޅުމުގައި ހުންނަ ނުބައި އާދަތަކުގެ ސަބަބުންވެސް ރޭގަނޑުގެ އަރާމު ނިދިން މަހުރޫމްވަނީ ކިތައްކިތައް މީހުންތޯއެވެ؟ މި ލިޔުމުގައި މި ބަލައިލަނީ ރޭގަނޑުގެ އަރާމު ނިދި ހޯދުމަށް ކުރެވިދާނެ 7 ކަމަކަށެވެ.

1.       އެއްގޮތަކަށް ހޭނުން

އެންމެ ރަނގަޅުގޮތަކީ، ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި ނިދާފައި އެއްގަޑިއެއްގައި ނިދާ ހޭލުމެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ ކަންކަން ތަރުތީބުވެފައި ހުންނަ ގޮތުން މިއީ ނުހަނު އުނދަގޫކަމެކެވެ. އެހެންނަމަވެސް އަވަހަށް ނިދާ އަވަހަށް ހޭލުމުގެ މުހިންމުކަން އިސްލާމްދީނުގައިވެސް ބަޔާންކޮށްފައިވަނީ އަރާމު ނިދީގެ މުހިންމުކަން ބަޔާންކުރުމުގެ ގޮތުންކަން ޔަޤީނެވެ. އެއް ވަގުތެއްގައި ނިދުމަށާއި އެއްވަގުތެއްގައި ނިދާ ހޭލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، ދުވަހުގެ ތާވަލު ތަރުތީބު ކޮށްލުމެވެ. ކުރާނެ ކަންކަން ވަކި އުޞޫލަކުން ގެންދެވޭ ގޮތަށް ބަހައިލުމެވެ. އެއަށްފަހު އެ ގޮތަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރުމެވެ. ނަމަވެސް، ޑިއުޓީ ކުރާ މީހެއްނަމަ، މިއީ ކުރަން އުނދަގޫކަމެކެވެ. ޝިފްޓް ޑިއުޓީ ކުރާ މީހެއްނަމަވެސް، ވަކި ތަރުތީބަކުން އަބަދު އެއްގޮތަކަށް ތާވަލެއް ހަދައިގެން ކުރިޔަށް ގެންދިޔައީމާ ރަނގަޅުވާނެއެވެ.

2.       ފޯނު ދުރަށްލުން

މިހާރު ގިނަ މީހުންގެ ނިދި ހަލާކުކޮށްލާ އެކައްޗަކީ، ސްމާޓްފޯނެވެ. ޚާއްސަކޮށް ނިދަން އޮށޯވެ، އަދި އެތައް އިރެއް ވަންދެން އެކިއެކި އެޕްތަކުގައި ފީނުމަށް އޮވެ ނިދިހަލާކު ކޮށްލައެވެ. އޭގެ ބަދަލުގައި ކުރިން ދެންނެވި ގޮތަށް ނިދުމަށް ތާވަލުކުރެވުނު ގަޑިޖެހުމާއެކު، އެހެންކަންކަން ބެހެއްޓުމަށްފަހު އެވީ ފޯނު ދުރަށްލާފައި ނުވަތަ ސައިލެންޓަށްލުމަށްފަހު ނިދާށެވެ. ނިދުމާއި ކައިރިކޮށް ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމަކީ، ސިކުނޑި ވަރުބަލިކޮށްލާކަމެކެވެ.

3.       ދުވަހުގެ ކަސްރަތު ދުވަހުގެ ކުރީކޮޅަށްލުން

ދުޅަހެޔޮކޮށް ހުރުމަށްޓަކައި، ކަސްރަތު ކުރުމަކީ ކޮންމެހެން ކުރާން ޖެހޭކަމެކެވެ. ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ނުވަތަ ވަގުތުކޮޅެއް ކަސްރަތުކޮށްލާ 'ވާކްއައުޓް' ކޮށްލުމަށް ހޭދަކޮށްލަންޖެހެއެވެ. ނަމަވެސް، އެ ވަގުތަކީ ނިދުމާ ކައިރި ވަގުތަކަށް ހެދުން އެހާ ރަނގަޅެއް ނޫނެވެ. ވީމާ، ދުވަހުގެ ކުރީކޮޅު ނުވަތަ ނިދާ ވަގުތާ އެހާ ކައިރިނުވާނެހެން ކަސްރަތުގެ ގަޑި ހަމަޖައްސާލަން ޖެހެއެވެ.

4.       ނިދާގަޑިއާއި ކައިރިކޮށް ކެފެއިން ހިމެނޭ ބާވަތްތަކާއި ދުރުވުން

ކެފެއިން ހިމެނޭ ބާވަތްތަކަކީ ނިދުމާ ދުރުހެލިކޮށްދޭ ބާވަތްތަކެކެވެ. ކޮފީ ބުއިމާއި އެނާރޖީ ޑްރިންކްސްގެ ބާވަތްތަކަކީ މިހާރު ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުމެ ބޭނުންކުރާ ބާވަތްތަކެކެވެ. އެފަދަ ބާވަތްތަކަކީ ސިކުނޑި ހޭލައި ނުވަތަ ނިދިއައުން ދުރުކޮށްދޭ ބާވަތްތަކެއްކަމުން، ނިދުމާ ކައިރިކޮށް އެފަދަ ބާވަތްތައް ބޭނުންކުރުމުން ނިދިއައުމުން ދުރުކޮށްދެއެވެ. އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު އެފަދަ ބާވަތްތައް ބޭނުން ނުކުރުމެވެ. އެންމެ ފަހު ކޮފީ ތަށި މެންދުރުފަހުގެ ވަގުތަކަށް ތާވަލު ކުރުމަކީ ކަމުގެ މާހިރުން ލަފާދޭކަމެކެވެ.

5.       ނިދާ މާހައުލު ތައްޔާރުކުރުން

ނިދާ މާހައުލަކީ ހީވެސް ނުކުރާފަދަ ގޮތަކަށް ނިދީގެ އަރާމުކަމާއި ގުޅުންހުރި ކަމެކެވެ. ނިދާ އެނދު ސާފުތާހިރުކޮށް ބެހެއްޓުމާއި، ކޮޓަރީގެ ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމާއި، ނިދާ ވަގުތު ބޭކާރު އަޑުތައް ނީވޭ ގޮތަކަށް ސަމާލުކަން ދިނުމާއި، ނިދާ ވަގުތު ކޮޓަރީގެ އަލިކަން ފަނޑުވާނެ ގޮތަކަށް ބެހެއްޓުން މުހިންމެވެ. އަޑުގަދަ ތަނެއްގައި ނިދަން އުނދަގޫވާނެއެވެ. އަދި އަލިގަދަ ތަނެއްގައިވެސް ނިދަން އުނދަގޫވާނެއެވެ.

6.       އަރާމުކުރުމުގައި އެއް އުޞޫލުތަކެއް ގެންގުޅުން

ނިދަން ތައްޔާރުވުމުގައި އެކި މީހުން ގެންގުޅޭނީ އެކި އުޞޫލެވެ. ނިންޖަށް ތައްޔާރުވުމުގެ ގޮތުން ފޮތެއް ކިޔާލުމާއި، ފެންވަރާލުން ކަހަލަ ކަމެއް ކޮށްލެވިދާނެއެވެ. މުހިންމުކަމަކީ، މިގޮތަށް ނިދުމުގެ ކުރިން ކުރާ ކަންކަން އެއް ގޮތަކަށް އެއް އުޞޫލަކުން އަބަދު ކުރުމެވެ. އެގޮތުން މި ދެންނެވި ކަންކަން ކުރަން ވަކި ވަގުތުކޮޅެއް ކޮންމެ ދުވަހަކު ހުސްކުރަން ފެށުމުން އެ ވަގުތެއް ނިމުމުން ސިކުނޑިވެސް އަމިއްލައަށް ނިންޖަށް ފައްކާވާނެއެވެ.

7.       އިތުރު އެހީތަކެއްގެ ބޭނުންކުރުން

ނިދުމަކީ އެއްބަޔަކަށް ނުހަނު ފަސޭހަކަމަކަށް ވިޔަސް، ނިންޖާ ހަނގުރާމަކުރާ މީހުންވެސް ގިނައެވެ. ނިދަން އަރައި ނުނިދި އެތައް އިރަކު އޮންނަ ޖެހޭ މީހުންނަށްވެސް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެގޮތުން އެކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އެޕްތަކުގެ ބޭނުން ކުރެވިދާނެއެވެ. އޭރުން ނިދޭ މިންވަރު ބެލުމާއި، ނިދަންވީ ވަގުތު އަންގައިދިނުމާއި، އެކިއެކި އިރުޝާދުތައް އެ އެޕްތަކުން ބުނެދޭނެއެވެ. ނިދަން އުނދަގޫނަމަ ކައުންސިލިންގެ ވެސް ހޯދިދާނެއެވެ. އޭރުން ނިދުމަށް ހުރަސްއެޅޭ ކަންކަން ދެނެގަނެ، ދިރިއުޅުމުގައި ހުންނަ ގޯސް އާދަތައް ނައްތައިލުމަށް އެހީވެދީ، ސްޓްރެސް ފިލުވާނެ ގޮތްތައް ހޯދައިގަނެ އެކަމަށް މަސައްކަތްކުރުމުން އަރާމު ނިންޖެއް ހޯދުމަށް އެހީއަކަށްވެއެވެ.