މިއަދު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ހަމަ ޔަގީނުންވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަކަން ޔަގީނެވެ. އެފަދަ ވަގުން ހުރިހާ ޒަމާނެއްގައިވެސް އުޅޭއިރު، ވަގުން އަބަދުވެސް ވައްކަން ކުރެވޭނޭ އައު ގޮތްތައް އީޖާދުކުރަމުންދެއެވެ. ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނަކަށްވާއިރު މި ދިވެހި އާބާދީއަކީވެސް ޓެކްނޮލޮޖީގެ ކަންކަމަށް ފަރިތަ ބައެކެވެ. އެންމެ ފަހުގެ ފޯނާއި ޓެބްލެޓާއި ގަޑިއާއި އެހެނިހެން އާލާތްތައް ބާޒާރަށް ނުކުތުމާއެކު ދިވެހީންގެ އަތަށްވެސް އަރައެވެ. އެއާއެކު ދިވެހިރާއްޖޭގައިވެސް ހެކަރުންގެ ނުރައްކާ މިދަނީ ދުވަހެއް ދުވަހަށް ބޮޑުވަމުންނެވެ. ކޮންމެ ދުވަހަކުވެސް އެތައް ބައެއްގެ ސޯސަލް މީޑިއާ އެކައުންޓްތައް ހެކްކުރާކަމުގެ ވާހަކަތައް މިދަނީ ތިލަވަމުންނެވެ. ގިނަ އަދަދުތަކުން ރުފިޔާ އެ ވަގުން އަތުލާކަމުގެ ޝަކުވާތައް މިދަނީ ގިނަވަމުންނެވެ.
ހެނދުނު ހޭލައި ފޭސްބުކް މެސެންޖަރ ހުޅުވާލުމާއެކު ފެނުނީ ރައްޓެއްސެއްގެ މެސެޖެކެވެ. މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެންކަމަށާއި މާދަމާ އަނބުރާ ދޭގޮތަށް ރުފިޔާއެއް ދެވިދާނެތޯ ސުވާލުކޮށްފައި އޮތެވެ. އަވަހަށް، ބޭނުމީ ކިހާވަރެއްތޯ އަހައިލީމެވެ. ބޮޑުކަމެއް ހަމަ ދިމާވެދާނެތާއެވެ. ބޭނުމީ 2000 ރުފިޔާކަމަށާއި، މާދަމާ ދޭނެކަމަށްބުނެ އެކައުންޓް ނަމްބަރަކާއި އެ އެކައުންޓްގެ ނަން ފޮނުވާލިއެވެ. ބޮލުގައި ރިއްސާލީ އެހިސާބުންނެވެ. ނުވެސް ދަންނަ މީހެއްގެ އެކައުންޓެއް ދިނީތީއެވެ. ވަގުތުން އެކަމާ ސުވާލުކުރީމެވެ. ޖަވާބަކަށްވީ އެކައުންޓް ލޮކުވެފައިވުމުގެ ސަބަބުން ރައްޓެއްސެއްގެ އެކައުންޓަށް ޖަމާކުރަނީ ކަމަށެވެ. އެ ހިސާބުން އަހަރެން އެ ރައްޓެއްސަށް ގުޅީމެވެ. އަދި މިވީގޮތް ކިޔައިދިނީމެވެ. އޭނާއަށް ރެއަކާވެސް ނުލައެވެ. އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށް އޭގެ ނާޖާއިޒު ފައިދާ އެހެން މީހަކު ނަގަނީއެވެ. ރަނގަޅަށް ބެލިއިރު މި ދެންނެވިގޮތަށް ކިތަންމެ ބަޔަކަށް މެސެޖްކޮށްފައި ހުއްޓެވެ. ނަސީބަކުން އެ މަޅީގައި މީހަކު ނުޖެހެއެވެ.
ހެކަރުން ހަމަތިބެފައި ހެކް ކޮށްލަނީއެއް ނޫނެވެ. އަހަރުމެންގެ ތެރެއިން ބައެއް މީހުން ތަންކޮޅެއް "ގަޅީ" އެވެ. ނުވަތަ ތަންދޮރު ނުދަންނަނީއެވެ. އާންމުކޮށް މިހާރު ސޯސަލް މީޑިއާ އެކައުންޓްތައް ހެކް ކުރުމަށް ވަގުން ބޭނުންކުރާ އެއް އުކުޅަކީ، ފޮރެކްސް ޓްރޭޑް ކުރާ މީހުންކަމަށްބުނެ ފޭކު އެކައުންޓްތަކުން ފްރެންޑް ރިކުއެސްޓްކޮށްގެނެވެ. އަންނަ ކޮންމެ ރިކުއެސްޓެއް އެއީ ކާކުތޯވެސް ބަލައި ނުލައި، 'އެކްސެޕްޓް' ކޮށްލަނީއެވެ. އެ ހިސާބުން އެމީހަކު ޗެޓްކުރަން ފަށައެވެ. މިވެނިވަރެއް އިންވެސްޓްކުރީމާ މިވެނި ދުވަހަކުން ބޮޑު އެއްޗެއް އަނބުރާ ލިބޭނޭ ކިޔައެވެ. މި މަޅީގައިވެސް އެތައް ބަޔަކު ޖެހެއެވެ.
ބައެއް ފަހަރު އަންނަނީ ފޯނު ކޯލެކެވެ. ތިޔަ ބޭނުންކުރާ ނަމްބަރަކީ ކުރިން އެމީހަކު ބޭނުންކުރި ނަމްބަރެއްކަމަށްބުނެއެވެ. އަދި އެމީހެއްގެ ހުރިހާ އެކައުންޓެއް ލިންކް ކޮށްފައި ހުންނާނީ އެ ނަމްބަރަށްކަމަށްބުނެ އެ ނަމްބަރަށް ލިބޭ ކޯޑު ޙިއްޞާކުރަން ބުނެއެވެ. އެހެން ބުނާތާ ގިނައިރުތަކެއްނުވެ ފޯނަށް ކޯޑެއްލިބެއެވެ. ކޯޑު ޙިއްޞާކޮށްލުމާއެކު ސޯސަލްމީޑިއާގައި އެ ނަމްބަރު ބޭނުންކޮށްގެން ހަދާފައިވާ ހުރިހާ އެކައުންޓެއް ހެކުވީއެވެ.
ސަމާލުވާންވީ ކަންކަން ބައިވަރެވެ. ނުދަންނަ ނަމްބަރަކުން ގުޅާފައި ކޯޑެއް ހޯދަން ބުނެ ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް އެ އަވާގައި ނުޖެހޭށެވެ. ގުޅާ މީހާ ޔަގީންކުރާށެވެ. އެއީ ކާކުކަން ކަށަވަރު ކުރާށެވެ. ދަންނަ މީހެއް ނުވަތަ ރައްޓެއްސެއް ސޯސަލްމީޑިއާ މަންސައަކުން ރުފިޔާ ހޯދަން އެދި މެސެޖްކުރިޔަސް އެބުނާ އެކައުންޓަކަށް ރުފިޔާ ޖަމާނުކުރާށެވެ. އޭގެ ބަދަލުގައި އެމީހަކަށް ގުޅާފައި ވެގެން އުޅޭކަމެއް ސާފުކުރާށެވެ. އަންނަ ކޮންމެ ފްރެންޑް ރިކުއެސްޓެއް ގަބޫލުނުކުރާށެވެ. އެއީ ކާކުކަން ކަށަވަރުކުރާށެވެ. ނުދަންނަ ވެބްސައިޓްތަކަށް އީމެއިލް އެޑްރެސްއާއި ބޭންކް އެކައުންޓްގެ މަޢުލޫމާތު ނުދޭށެވެ. އީ-މެއިލަށާއި ފޯނަށް އަންނަ މެސެޖްތަކުގައި ހުންނަ ޔަގީންނުވާ ލިންކްތަކަށް ނުފިތާށެވެ. ޔަގީންކުރުމަށް އެ ފޮނުވާ މުއައްޞަސާއަކަށް ގުޅާފައި ނުވަތަ ސޯސަލްމީޑިއާ މެދުވެރިކޮށް ބެލުމަށްފަހު ނޫނީ އެއިން ލިންކަކަށް ނުފިތާށެވެ. ސްމާޓްފޯނެއް އަދި ގެންގުޅެވުނަސް، މީހާ ސްމާޓްވާނީ މިހެން ހުންނަ ކަންކަމަށް ސިކުނޑި ސްމާޓްވެވިގެންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން