ކުށުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގދ. ވާދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ގދ. ޕޮލިސް އަދި ވާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުވަރީ 26 އިން މާރިޗު 2 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި، ވާދޫ ޖަމާލުއްދީން ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ސައިބަރ ކްރައިމް އިން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ޑިޖިޓަލް ޕޭރެންޓިންގއާއި ސްކޭމްގެ ޝިކާރައަށް ނުވުމަށް ރައްކާތެރިވެވިދާނެ ގޮތްތަކާއި ސްކޭމްގެ އެންމެ ފަހުގެ އުކުޅުތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ބެލެނިވެރިންނަކީ ކޮންބައެއްކަމާއި، ބެލެނިވެރިޔާ މާނަ ކުރެވޭ ގޮތުގެ އިތުރުން ބެލެނިވެރިޔާގެ ޒިންމާތައް ކިޔައިދީ އަދި ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނުން ގެންގުޅެންވީ ގޮތްތަކުގެ މައުލޫމާތު ދީފައެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގެ މަރުހަލާތަކުގެ ތެރެއިން ފުރާވަރު އުމުރުފުރާގައި ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނުމާއި ފިކުރު ގެންގުޅެންވީ ގޮތް ބުނެދީ އަދި ދަރިންގެ ތަފާތުތަކާއެކު އެތަފާތުތައް ގަބޫލުކޮށް އެ ތަފާތުތައް އިހުތިރާމާއެކު ބަލައިގަންނާނެ ގޮތް ބުނެދީފައިވެއެވެ.
އަދި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ވޯކިންގ ވެލިއުސް އާއި މޯޓިވޭޝަން ކުލާހެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މަސައްކަތުގެ މާހައުލުގައި އުޅޭއިރު ދިމާވާ މައްސަލަތަކާ ކުރިމަތިލާނެގޮތާއި ޓީމެއްގެ ގޮތުގައި އެންމެ ގުޅިގެން މަސައްކަތްކުރުމަށް މައުލޫމާތު ދިނުމާއެކު ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ސެލްފް ޑިފެންސް ކުލާސްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން