އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ދުރުހެލިކުރުވުމަށް  ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ޅ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން މާރިޗު 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.

އެގޮތުން، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަމަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ މުޖުތަމައުގައި ކުރިން ހިނގާފައިވާ ނޭދެވޭ ބައެއް ކަންކަމާއި އޭގެ ތެރެއިން ދާއިމީ ހައްލެއް ލިބިފައިނުވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެކަންކަމުން ކޮންމެ ދަރިވަރަކު ވެސް އިބުރަތް ހާސިލުކޮށް، ކުރާ ކޮންމެ ކަމެއްގައި ރަނގަޅުގޮތް އިހުތިޔާރު ކުރުމަށާއި، ތެދުވެރިކަމާއި ކިޔަމަންތެރިކަމާއެކު މައިންބަފައިންނަށް ކަމޭހިތުމަށާއި، ސްކޫލާއި މަގުމަތީގައި އުޅޭއިރު ތިމާގެ އަހުލާގީ މިންގަނޑު އެއް ހަމައެއްގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ތިމާއަށް ވުރެ ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާ މުއާމަލާތުކުރާއިރު ވެސް ރީތި ބަހުން މުއާމަލާތުކުރުމަށާއި މަގުމަތީގައި އުޅޭއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ރަށުގައި ހުރި ހުރުމަތްތެރި ވެގެންވާ ތަންތަނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގްރޫޕް ހަދައިގެން ބޭރުތެރޭގައި ނޫޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި މުޖުތަމައުން ފެންނަ ނޭދެވޭ ކަންކަން ހައްލުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން ބުނެދީ އެކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.