އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެގެން ވަނީ އެކަކު އަނެކަކަށް ކުރާ އިތުބާރާއި ވެވޭ ބަރޯސާގެ މައްޗަށެވެ. އަޅާލުމާއި އެކަކަކު އަނެކަކަށް ކުރާ އިތުބާރުގެ މައްޗަށެވެ. އެހެންނަމަވެސް ނޭނގިނަމަވެސް އަނެކާ އަށް ދެވޭ އަނިޔާ ނުވަތަ ގޯނާއަކީ އޭގެ ސަބަބުން އާއިލާތައް ރޫޅި ދިރިއުޅުން ހަލާކުވެގެންދާނެކަމެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާއަށް އޭގެ އަސަރުކޮށް، ދިގު މުއްދަތަކަށް ނުވަތަ ދާއިމަށް އެކަމުގެ އަސަރު ފޯރާ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތަކަކީ ކަންބޮޑުވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކަކީ އަޅާ ނުލެވި ދޫކޮށްލެވޭ ވަރަށްވުރެ ނުރައްކާ ބޮޑު މައްސަލައެކެވެ. މިއީ މުޖުތަމަޢު އެކަމަކަށް ހޭލުންތެރިވާންޖެހޭ މުހިންމު މައްސަލައެކެވެ.

އެގޮތުން ގެވެށި އަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ބައިތަކާއި، ތިމާ ތަހައްމަލުކުރަމުން ދަނީ ގެވެށި އަނިޔާކަން ޔަގީންކުރާނެ ގޮތާއި، އެ އަނިޔާއެއް ލިބޭނަމަ އަމަލުކުރަންވީ ގޮތުގެ އިތުރުން ޤާނޫނުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އިން ގެވެށި އަނިޔާ ތަހައްމަލުކުރާ ފަރާތަށް ދޭ އެހީތެރިކަމާއި ރައްކާތެރިކަމުގެ އިތުރަށް، އެފަދަކަމެއް ހިނގަމުންދާއިރު މުޖުތަމަޢުގެ އަފުރާދުން، އެފަރާތްތަކުގެ ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ މިކުށް މުޖުތަމަޢު އިން މަދުކުރުމަށް ކުރެވިގެންދާނެ އެންމެ މުހިންމު މަސައްކަތެވެ. ހަމައެއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިވެ، އަމަލުކުރަންވީ ގޮތްތަކުގެ މައުލޫމާތު އެގި ހޭލުންތެރިވެފައިވުމަކީ މިކުށަށް އަރައިގަންނަ މީހުންނަށް އެކުށަށް އަރައިގަތުމަށް ހުރަހަކަށްވެ، ގެވެށި އަނިޔާ ކުރާ ފަރާތްތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

 

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާއަކީ، އެމީހަކު އުޅޭ މާހައުލުން އެމީހަކަށް ކުރިމަތިވާ ބަހުގެ ހަމަލާތަކާއި ނަފްސާނީ އަނިޔާ، ޖިސްމާނީ އަނިޔާ، ޖިންސީ އަނިޔާ، މާލީގޮތުން ނުވަތަ އިޤްތިޞާދީ ގޮތުން ދަތިކުރާ ދަތިކުރުންތައް، ބިރުދެއްކުން، އެކަހެރިކުރުން ނުވަތަ ގޯނާކުރުން، ފާރަލުން، މުދަލަށް ގެއްލުންދިނުން، އެނޫންވެސް އަނިޔާވެރި އަމަލެއް ކަމަށް ބެލެވިދާނެ އެއްވެސް ކަމެއް ކުރުމަކީ އަނެކާއަށް ދެވޭ ގެވެށި އަނިޔާއެކެވެ. 

 

ގެވެށި އަނިޔާގެ ބައިތައް

ޖިސްމާނީ ހާނިއްކަ

ގެވެށި އަނިޔާގެ ގޮތުގައި މީހަކަށް ޖިސްމާނީ ހާނިއްކަ ކުރުމަކީ، މީހެއްގެ ފަރާތުން އަނެކާގެ ފުރާނައަށް ނުވަތަ ޖިސްމާނީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކުރުމެވެ. ނުވަތަ މީހެއްގެ ޖިސްމާނީ ސިއްހަތަށް ގެއްލުން ލިބިދާނެ ފަދަ އަމަލެއް ހިންގުމެވެ.

 

ޖިންސީ ހާނިއްކަ

ޖިންސީ ހާނިއްކަ އަކީ މީހަކު އޭނާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުން ކޮށްގެން ޖިންސީ ކަންކަމުގައި އިންސާނީ ޖިސްމަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުން ދިނުމެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން އޮޅުވާލައި، ހައްލުވާލައިގެން، ނުވަތަ ގަދަކަމުން ޖިންސީ ކަންކަމުގައި މަސްއޫލު ކުރުވުމާއެކު ޖިންސީ ގުޅުން ހިންގުމަކީވެސް ގެވެށި އަނިޔާގެތެރޭގައި ހިމެނޭކަމެކެވެ.

 

ނަފްސާނީ ހާނިއްކަ

ނަފްސާނީ ހާނިއްކަ ކުރުމަކީ ނަފްސާނީ ގޮތުން ކުޑަކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް މީހަކާއި މެދު ކަންތައްތައް ކުރުމާއި، މުޢާމަލާތް ކުރުމެވެ. ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިދާނެފަދަ މަންޒަރު ދެއްކުމާއި، އެފަދަ ލިޔުންތަކާއި ކުރެހުންތަށް ދެއްކުމާއި، ބިރުވެރި ވާހަކަ ކިޔައި ދިނުމާއި، ބައްޔެއްގެ ސަބަބުން އަސަރުކުރާނެ ކަންތައްތަކުގައި ސީދަގޮތުންނާއި ނުސީދާގޮތުން ޝާމިލްކުރުމާއި، ހަނގާކުރުމެވެ. މިފަދަ ކަމެއްގެ ސަބަބުން ނަފްސަށް ކުރާ އަސަރު ވަރަށް ބޮޑުވެގެންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ނޭނގި ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ އަމަލުތައް އެފަދަ ކަންކަން ތަހައްމަލުކުރާ ފަރާތްތަކުން ކުރެވޭފަހަރު އާދެއެވެ.

 

ގެވެށި އަނިޔާގެ ގެއްލުން

ގެވެށި އަނިޔާގެ ސަބަބުން އަނިޔާލިބޭ ފަރާތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރެއެވެ. އެގޮތުން އަނިޔާލިބޭ ފަރާތަށް ސީދާ ގޮތުން ލިބޭ ގެއްލުންތަކަށް ބަލާއިރު އަނިޔާވާ ފަރާތަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކާއި، އަނިޔާ ކުރާފަރާތް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަނިޔާލިބޭ ފަރާތަށް ކުރިމަތިވާ ކަންކަން ހިމެނެއެވެ. އަދި ގެވެށި އަނިޔާއިން ލިބޭ އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބޭ އަނިޔާތައް ގިނަ ދުވަސްތަކަކަށް ދެމިގެންގޮސް ކުރިމަގަށް އެއަށް އަސަރުކުރެއެވެ. ނުސީދާ ގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި އުފެއްދުންތެރި މަސައްކަތެއް ނުކުރެވުމާއި އަނިޔާއިން އަޅާ ވޭން ދާއިމަށް ދެމިގެންދިއުން ހިމެނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ޤާނޫނެއް ފާސްކުރެވި އެ ޤާނޫނަށް ދަނީ އަމަލުކުރަމުންނެވެ. 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެބިލް ތަސްދީޤު ވެގެންދިއުމާއެކު ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިފަދަ މައްސަލަތައް ހުއްޓުވުމަށާއި ފިޔަވަޅު އެޅުމަށާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައެވެ. 

   

ގެވެށި އަނިޔާއަށް ފިޔަވަޅު އެޅުމުގައި ޤާނޫނު ތަންފިޒުކުރާ ފަރާތްތަކުގެ ޒިންމާ

ވިކްޓިމްސް އަށް އެހީވުމުގައި ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ ދައުރަށް ބަލާއިރު ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބޭ ކޮންމެ މީހަކީ އިޖްތިމާޢީ ކަންކަމާބެހޭ ވުޒާރާއާއި ފުލުހުންނަށް ރިޕޯރޓް ކުރަންޖެހޭ ފަރާތެކެވެ. މި ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ އިޖްތިމާޢީ ކަންކަމާބެހޭ ވުޒާރާ އެވެ. އޭގެއިތުރުން ޞިއްޚީ މަރުކަޒަކަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތެއްގެ މައުލޫމާތު ލިބިއްޖެނަމަ، ފުލުހުންނަށް އަދި އިޖްތިމާޢީ ހިދުމަތްދޭ ފަރާތަކަށް އެކަން އެންގުން މި ޤާނޫނު ލާޒިމްކުރެއެވެ. މިގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ދައުރަކީ، އަމަލުގެ ގޮތުގައި ހިމެނޭ ކަންކަމުގެ ތެރެއިން ޖިނާޢީ ކުށް ތަހުގީގުކޮށް ދަޢުވާކުރުމަށް ފޮނުވުމާއި ރައްކާތެރިކަމުގެ އަމުރާ ބެހޭ މައުލޫމާތު އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް ހިއްސާކުރުމާއި ޖެންޑަރ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ރައްކާތެރިކުރުމުގެ އަމުރާއި ޚިލާފުވާ މައްސަލަތައް ތަހުގީގުކުރުމެވެ.

 

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާނީ ކިހިނެއް؟

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ އިމަރޖެންސީ ނަންބަރު 119އަށް ގުޅުއްވައި އެ މައްސަލައެއް ރިޕޯޓުކުރެވިދާނެއެވެ. އަދި އެމަރޖެންސީ ނޫން ހާލަތްތަކުގައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނަންބަރަށް ގުޅައި އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިދާނެއެވެ. މީގެއިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރުތައް ކަމަށްވާ 3000600، 9790163 އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނަންބަރު 3328393، ނުވަތަ ކުޑަކުދިންގެ ހެލްޕްލައިން 1412އަށް ގުޅުއްވާ އަނިޔާގެ މައްސަލަ ރިޕޯޓުކުރެވިދާނެއެވެ.

 

*މިއީ 24 މާރިޗް 2024 ގައި ދިވެހި ފުލުހުންގެ ވެބްސައިޓް (www.police.gov.mv) ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.