ކުޑައިރުގެ ހަނދާނެއް ހިއްސާ ކޮށްލާނަމެވެ. ކަމަކާއި ދެރަވެގެން ރޮވޭ ކޮންމެ ފަހަރަކު ބޮޑުދައިތަ އަންނާނެއެވެ. ދުރުގައި ދިރި އުޅުނަސް ކޮށްލަން ޖެހޭނީ އެންމެ ފޯނު ކޯލެކެވެ. މިއީ ހަމައެކަނި އަޅުގަނޑަށް ލިބުނު ނަސީބެއް ނޫންކަން ޔަގީނެވެ. ބޮޑުދައިތައިންގެ ލޯތްބާއި އަޅާލުން ލިބިގެން ތީގެ ތެރެއިން އެތައް ބޭފުޅުންނެއް ބޮޑުވެފައިވާނެއެވެ. އަދި މިހާރުވެސް ލިބެމުންދާނެއެވެ. 

ބޮޑުދައިތައިންނަކީ މައިންގެ ދަރަޖަ ލިބިގެންވާ ބަޔެކެވެ. ހެޔޮލަފާ ބޮޑުދައިތައެއް ހުރުމުގެ ސަބަބުން ކުދިން ބޮޑުވަމުން އަންނައިރު އެތައް ފައިދާއެއް ކުރެއެވެ. ބޮޑުދައިތައިންނަކީ ކުދިންނަށް ރައްކާތެރިކަން އިހުސާސް ކޮށްދީ، ހިމާޔަތް ދޭ ބައެކެވެ. އަދި އެއީ ކުދިންގެ ތަރުބިއްޔަތުގައި މުހިންމު ރޯލެެއް ކުޅޭ، ކުދިންގެ އެންމެ ފުރަތަމަ ރަހްމަތްތެރިންނެވެ. ވަރަށް ގިނަ ފަހަރު ކުދިންގެ ދިރިއުޅުމުގައި މައިން ބަފައިންނާއި ހިއްސާ ކުރަން ނުކެރޭ ނުވަތަ ހިއްސާ ކުރަން ބޭނުން ނުވާ ކަންކަން ބޮޑުދައިތައިންނާ ހިއްސާ ކުރެއެވެ. މީގެ ސަބަބުން ކުއްޖާޔަށް ރަނގަޅު ނަސޭހަތް ލިބި، ރަނގަޅު މަގު ފެނިގެންދެއެވެ. 

ބޮޑުދައިތައިން ދޭ ލޯތްބަކީ މައިންނާއި މާމައިން ދޭ ލޯތްބާއި ތަފާތު ލޯތްބެކެވެ. އަދި އެއީ އާއިލާގެ އެހެން މީހުންނަށް ދެވޭނެ ލޯތްބެއް ވެސް ނޫނެވެ. ބޮޑުދައިތައިންނަކީ މައެއްހެން ލޯބިވާ، ދައްތައެއްހެން އަޑުއަހާ އަދި ރަހްމަތްތެރިއެއް ހެން ވަގުތު ހޭދަ ކުރާ ބަޔެކެވެ. ކުދިންގެ އުމުރުން ކިތަންމެ ބޮޑު ވިޔަސް ބޮޑުދައިތައިންނާއި އޮންނަ ގުޅުން ގިނަ ފަހަރު ފަނޑުވެގެންނުދާނެއެވެ. ކުދިންނަށް ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި އަބަދުވެސް ބައިވެރިވާނެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ބޮޑުދައިތައިންނާއި ގާތް ގުޅުމެއް ބާއްވައިގެން ބޮޑެތިވާ ކުދިންގެނަފްސާނީ ދުޅަހެޔޮކަން އިތުރަށް ރަނގަޅެވެ. 

މި ހުރިހާ ސަބަބު ތަކަކުން ބޮޑުދައިތައިންގެ މުހިންމުކަން އެނގެއެވެ. ބޮޑުދައިތައިން ތިބޭ ކޮންމެ މީހެއްވެސް ބޮޑުދައިތައިންނާއި ގުޅުން ބަދަހިކޮށް އެމީހުން ކޮށްދޭ ހިދުމަތްބަލައިގަންނާށެވެ. އެ ނަސީބު ނުލިބޭ އެތައް ބަޔަކުވެސް އުޅެއެވެ. އަދި ކުޑަކުދިންނަށް އެކުދިންގެ ބޮޑުދައިތައިންނާއި އެކީ ވަގުތު ހޭދަ ކުރުމަށް މަގުފަހި ކޮށްދޭށެވެ. ކޮންމެ ބޮޑުދައިތައެއްވެސް ބޮޑުދައިތަ ކުދިން ދެކެ އަމިއްލަ ދަރިންނޭ އެއްފަދައިން ލޯބިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ.