ގޫގުލް ފޯނުގެ ފޭނުން ކެތްތެރިކަމެއް ނެތި ކުރަމުން ދިޔަ އިންތިޒާރަށް ގޫގުލް އިން ނިމުމެއް ގެނެސްދީފިއެވެ. ގޫގުލް އިން ކުރި ޓުވީޓެއްގައި އެ ކުންފުނީ ގެ އެންމެ ފަހު ފޯނުތައް ކަމުގައި ގޫގުލް ޕިކްސަލް 6 އަދި ގޫގުލް ޕިކްސަލް 6 ޕްރޯ ނެރޭނީ ތާރީހެއް ވަނީ އިއުލާނު ކޮށްފައިއެވެ. އެ ކުންފުނިން އިއުލާނު ކުރިގޮތުގައި އެ ފޯނުތައް ނެރެން ހަމަޖެހިފައި ވަނީ މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިކަން ކުރަން ނިންމާފައިވަނީ ގޫގުލްއިން ބާއްވަން ހަމަޖެހިފައިވާ ޕިކްސަލް ފޯލް ލޯންޗް އިވެންޓުގައިއެވެ.

މިފޯނުތައް ފޯގް ކާބަން އަދި ލައިޓް އޮރެންޖު ކުލައިން ލިބެން ހުންނައިރު ގޫގުލް ޕިކްސަލް 6 ޕްރޯ ފޯނުތައް ހާއްސަ ކުލަތަކަކުން ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ. އެ ގޮތުން ގޯލްޑް، ސިލްވާރ އަދި ކާބަން ކުލަ ހިމެނިގެންދެއެވެ.

މި ފޯނުތަކާއި ބެހޭގޮތުން ގޫގުލްއިން މައުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް ގޫގުލް އިން ހާމަކުރިގޮތުގައި އަލަށް ނެރޭ ފޯނުތަކުގައި 6.4 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭއިރު މި ފޯނުތަކުގައި ބޭނުންކުރެވޭނީ ގޫގުލް އިން ޑިވެލޮޕް ކޮށްފައިވާ ޓެންސާރ ޗިޕްއެވެ. މީގެ އިތުރުން ގޫގުލް ޕިކްސަލް 6 ގައި 2 ކެމެރާ ހިމެނޭއިރު ގޫގުލް ޕިކްސަލް 6 ޕްރޯ ގައި ތިން ކެމެރާ ހިމެނޭނެ ކަމަށް ގޫގުލް އިން ހާމަކުރިއެވެ. މި ދެ ފޯނުގައިވެސް ބޭނުން ކުރެވިފައިވަނީ އެންޑްރޮއިޓް 12 ކަމަށްވެސް ގޫގުލްއިން ބުނެފައިވެއެވެ.