ފޯނުތަކުގެ ދުނިޔޭގައި އެއް ޒަމާނެއްގައި މާކެޓުގައި ނޮކިއާ ވަކި ހިއްޕާލާފައިވީ ގޮތުން ހީވީ އެމީހުންގެ އުފެއްދުންތަކާ އެއްވަރަށް ވާދަކުރެވޭނެ އެހެން ޕްރޮޑަކްޓެއް ނުވެސް އަންނާނެހެންނެވެ.

2007 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ހުރިހާ މޯބައިލް ފޯނުތަކުގެ ދެބައިކުޅަ އެއްބައި ފޯނަކީ ނޮކިއާގެ ފޯނުތަކެވެ. އޭގެ ފަހުން ސްމާޓްފޯނުތައް އައިސް އެ ހުރިހާ ކަމެއް ބަދަލުވެ ނޮކިއާގެ ދުވަސް ދުއްވާލީއެވެ.

އެމީހުންގެ ކްރެޑިޓަށް ބުނެލަން އޮތީ އެމީހުންގެ ކްލެސިކް ފޯނުތައް ހަގީގަތުގައި ވަރަށް ވަރުގަދައޭއެވެ. ނޮކިއާ އިން އެމީހުންގެ ރަންޒަމާނުގައި އުފައްދާފައި ހުރި ފޯނުތަކަކީ ކުދި އެހެނަސް ހަލާކުކޮށްލަން ނުވަތަ ހަލާކުވާން އުނދަގޫ ފޯނުތަކެކެވެ.

 އެހެނަސް އެ ވަރުގަދަކަމާއެކުވެސް، ސްމާރޓްފޯނުތައް އައި ހިސާބުން ބާޒާރުގަ ނޮކިއާގެ ހިއްސާގެ އަގާ ވިޔަފާރި އެއްކޮށް ސުންނާފަތިކޮށްލީއެވެ. އެއާއެކު 2014 ވަނަ އަހަރު ނޮކިއާއިން ވަނީ އެމީހުންގެ ޑިވައިސެސް އެންޑް ސަރވިސަސް ޑިވިޝަން މައިކްރޯސޮފްޓަށް ވިއްކާލާފައެވެ.

މި ބަދަލުވަމުން އަންނަ ޒަމާނާ އެމީހުންގެ ބްރޭންޑިން ގުޅުވާން ނިންމާ، ނޮކިއާ އިން މި ވަނީ އެމީހުންގެ ކުންފުނީގެ އާ ލޯގޯ ދުނިޔެއަށް ދައްކާލާފައެވެ. އެކަމަކު ސޯޝަލް މީޑިއާގައި މީހުން އަންނަނީ މި އާ ލޯގޯ ޓްރޯލްކޮށް، ހެސްކިޔާފަ ޖޯކު ޖަހަމުންނެވެ.

ނޮކިއާ އިން ބުނަނީ އެމީހުން ލޯގޯ ރީ ބްރޭންޑްކުރީ ނޮކިއާގެ ބްރޭންޑަކީ މިހާރު މިވަގުތު ކޯއްޗެއްކަން ލޯގޯއިންވެސް ދައްކުވައިދީ ރީފްރެޝްކުރުމަށްކަމަށެވެ. އާ ލޯގޯއަކީ މީހުން ނޮކިއާއާމެދި ދެކޭގޮތާ ވަރަށް ތަފާތު ލޯގޯއެއްކަމަށްވެސް ނޮކިއާއިން ބުނެފައިވެއެވެ. މާނައަކީ އެއީ މިހާރު ކުރީގެ ނޮކިއާއެއް ނޫނޭއެވެ. އެންމެ މުހިއްމުކަމަކަށް ނޮކިއާއަކީ އަދިވެސް މޮބައިލް ފޯނު އުފައްދާ ކުންފުންޏެއްގެ ގޮތުގައި މީހުން ދެކޭ ދެކުން ބަދަލުކުރަން އެކުންފުނިން ބޭނުންވެއެވެ. ކުރިންވެސް ދެންނެވި ފަދައިން 2014 ވަނަ އަހަރު އެ ޑިވިޝަން މައިކްރޮސޮފްޓަށް ވަނީ ވިއްކާލާފައެވެ. މިހާރު ނޮކިއާއަކީ މޮބައިލް ފޯނު އުފައްދާ ކުންފުންޏެއް ނޫނެވެ. އާ ލޯގޯގެ އެންމެ ބޮޑު ބޭނުމަކީ މޮބައިލް ފޯނުތަކުގައި ބޭނުންކުރި ލޯގޯ އާ ތަފާތުކުރުމެވެ.

ލޯގޯއަށް ގެނައި ބަދަލަށް ބަލާއިރު، ފުރަތަމަ ކަމަކަށް ނޮކިއާގެ 'އެން'، 'ކޭ' އަދި 'އޭ' އިން މިހާރު ވަނީ ލައިނެއް ގެއްލިފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި ކުރީގެ ލޯގޯއަށް އިހްތިރާމް އަދާކުރާކަމަށާ ނަމަވެސް 'މިހާރު މި ނެރުނު އާ އަދި ޑިޖިޓަލް' ލޯގޯ އަކީ އެ ކުންފުނީގެ އާ ވިޝަންއާ އެއްގޮތަށް ފަރުމާކޮށްފައިވާ ލޯގޯއެއްކަމަށެވެ.

ލޯގޯއަށް ޖޯކު ޖަހާ އެކަކު ބުނެފަވަނީ ލޯގޯގެ މެދުގައި O<I އިންނާތީ އެއީ މި ލޯގޯ މެތެމެޓިކަލީ 'ކަރެކްޓް' ވާ ކަމެއްކަމަށް ބުނެފައެވެ.

ޖޯކު ޖެހިޔަސް، އެއްޒަމާނެއްގައި ނޮކިއާ ފޯނުތަކަކީ ކޮންމެ މީހެއްގެ ޖީބުހެން ފަޅުފިލުވާލަދިން ފޯނުތަކެއްކަމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. 

މި ފޯނުތަކުގެ ވަރުގަދަ ކަމަކީ ވެސް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. ކަނޑުގައި އަހަރުތަކެއް ވެފައިވާ ނޮކިއާ ފޯނެއްވަނީ މިދިޔަ އަހަރު ނޮވެމްބަރުގަ އޮސްޓްރޭލިއާގެ ބީޗަކަށް ލައްގާފައެވެ. އެތައް އަހަރެއްފަހުންވެސް އެ ފޯނުގެ ބައިތައް ވަކިވެފައެއް ނުވެއެވެ.

އޮކްޓޫބަރު 2022ގައި ޔޫޓިއުބަރ އެލެގްޒޭންޑަރ ރިޔުކޯވް (ކްރިއޯސަން) ވަނީ ނޮކިއާ 3310 ފޯނެއް، އެއް މިލިއަން ވޯލްޓް ކަރަންޓުން ޗާޖުކޮށްފައެވެ. އެ ކަރަންޓު ޝޮކަށްފަހުވެސް އެ ފޯނު ހަލާކެއް ނުވެއެވެ. އެކަމަކު ސްމާޓްފޯނެއް މިގޮތައް ޓެސްޓު ކުރުމުން އެ ފޯނު ވީ ހަލާކެވެ.

 އެހެންކަމުން މިހާރު ކިތަންމެ ޖޯކު ޖެހިޔަސް ކުރީގެ ނޮކިއާ ފޯނުތަކަކީ ހަމަ 'ލެޖެންޑަރީ' ފޯނުތަކެއްކަމާ މެދަކު ޝައްކެއް ނެތެވެ.