އިލެކްޓްރިކް ވެހިކަލްތަކާއި ޒަމާނީ އިލެކްޓްރޯނިކް ޑިވައިސްތަކުގަ ބޭޏުންކުރާ ބެޓެރީ އުފެއްދުމުގައި މުހިއްމު މައުދަނެއްކަމަށްވާ ލިތިއަމްގެ ބޮޑު ޑިޕޮސިޓެއް އިރާނުގެ ހުޅަނގުގައިވާ ހަމޭދާން އަވަށުން ފެނިއްޖެއެވެ. މިކަން ރިޕޯޓްކޮށްފައިވަނީ އިރާނުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ޤއުމުގެ ޤައުމީ ޓީވީއިންނެވެ.

 

އިރާނުން މިފެނުނު ލިތިއަމް ރިޒރވަކީ 8.5  މިލިއަން ޓަނުގެ ރިޒަރވެއް ކަމަށް ބެލެވޭކަމަށް އެ ޤައުމުން ބުނެފައިވާކަމަށް އޭ.އެފް.ޕީ ނިއުސް އެޖެންސީއީންވެސް ރިޕޯޓްކޮށްފައިވެއެވެ.

 

މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ޖައްމޫ-ކަޝްމީރުންވެސް ވަނީ ލިތިއަމް ރިޒަރވެއް ފެނިފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން 2022 ވަނަ އަހަރު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 89 މިލިއަން ޓަނުގެ ލިތިއަމް ރިޒަރވްވަނީ އެހާތަނަށް ފެނިފައެވެ. ކުރިން ލިތިއަމް ރިޒަރވްތައް ފެނުނު ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗިލީ، އާޖެންޓީނާ އަދި ޗައިނާވެސް ހިމެނެއެވެ.

 

ލިތިއަމްއަކީ އިލެކްޓްރިކް ވެހިކަލްތަކުގެ ބެޓެރި އުފެއްދުމުގައި ވަރަށް މުހިއްމު އެލިމެންޓެކެވެ. ކާބަންޑާއިއޮކްސައިޑް ބޭރުކުރާ ތެލުގެ ހަކަތައިން ދުއްވާ ކާރުތަކުގެ ބަދަލުގައި، ލިތިއަމް ބެޓެރީގެ އިލެކްޓްރިކް ކާރުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ 'ކްލައިމެޓް ޗޭންޖް'ގެ މައްސަލައަށް ފުދޭވަރެއްގެ ހައްލެއް ގެނެވޭނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.