ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އަލްފަބެޓް އިންކް. ގެ ސީއީއޯ ސުންދަރު ޕިޗާއީ އަށް 2022 ވަނަ އަހަރު ޖުމްލަ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 226 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ އާންމު މުވައްޒަފެއްގެ މުސާރައިގެ 800 ގުނައަށް ވުރެ ބޮޑު އަދަދެއް ކަމަށް މިދިޔަ ހުކުރު ދުވަހު ރެގިއުލޭޓަރީ ފައިލިންގައި އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ފައިލިންގައިވާ ގޮތުން ޕިޗާއީ އަށް ބަދަލުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 218 މިލިއަން ޑޮލަރަކީ ސްޓޮކް އެވޯޑްސް އެވެ.

އެ ކުންފުނީގެ އިސްވެރިއަކަށް ބަދަލުގެ ގޮތުގައި މިހާ ގިނަ އަދަދެއްގެ ފައިސާ ލިބިފައިމިވަނީ ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުން ދުނިޔޭގެ ފެންވަރުގައި ވަޒީފާތައް މަދުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން، މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 12،000 އެއްހާ ވަޒީފާ މަދުކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފައެވެ. އެއީ އެ ކުންފުނީގެ މުޅި ޖުމްލަ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަށް 6 އިންސައްތަ އެވެ.

އަދި އެ ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ގޫގުލްގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ މި މަހުގެ ކުރީކޮޅު ލަންޑަންގައި ހުންނަ އޮފީހުގައި ވެސް ހަޅުތާލުކޮށްފައެވެ.

މީގެއިތުރުން، މިދިޔަ މާރިޗް މަހުގައި ޒިއުރިކްގައި ހުންނަ ގޫގުލްގެ މައި އޮފީހުގެ 200 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކުރުމުން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ވަނީ ހަޅުތާލުކޮށްފައެވެ.