އެންމެ ފަހުން ރިލީޒްކުރި ފަހުގެ އައިފޯންތައް މާބޮޑަށް ހޫނުވާން މެދުވެރިވާ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށް އެޕަލް ކުންފުނިން ބުނެފިއެވެ.
އެޕަލް އިން ހޮނިހިރު ދުވަހު ބުނީ އާ އައިފޯންތައް ހީކުރި ވަރަށް ވުރެ ބޮޑަށް ހޫނުވާން މެދުވެރިވާ ސަބަބުތައް ފާހަގަކޮށްފައިވާ ކަމަށާއި، ބަގެއްގެ ސަބަބުން ވެސް އެގޮތަށް މެދުވެރިވެދާނެ ކަމަށެވެ.
އަދި، އެއީ ބަގެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ނަމަ، އައިއޯއެސް 17 ސޮފްޓްވެއާގެ ކުރިއަށް އޮތް އަޕްޑޭޓަށްފަހު އެކަން ހައްލުވެގެންދާނެ ކަމަށް ވެސް އެޕަލް އިން ވަނީ ބުނެފައެވެ.
"ބެކްގްރައުންޑް އެކްޓިވިޓީ އިތުރުވުމުން ޑިވައިސް ސެޓްއަޕް ނުވަތަ ރިސްޓޯރ ކުރުމަށް ފަހު" ފުރަތަމަ ދުވަސްތަކުގައި ޑިވައިސް ހޫނު ވެދާނެ ކަމަށް އެޕަލް އިން ބުނެއެވެ.
"އަނެއް މައްސަލަ ކުރިމަތިވަނީ ތާޑް ޕާޓީ އެޕްތަކަށް އައި އެންމެފަހުގެ ބައެއް އަޕްޑޭޓްތަކުގެ ސަބަބުން ސިސްޓަމް އޯވަރލޯޑް ވާތީވެ،" އެޕަލް އިން ބުންޏެވެ.
މި ފަދަ މައްސަލަތައް ކުރިމަތިކުރުވާ ތާޑް ޕާޓީ އެޕްތަކުގެ ތެރޭގައި؛ ގޭމް އޭސްފަލްޓް 9، މެޓާގެ އިންސްޓަގްރާމް، އޫބާ ހިމެނެއެވެ. އަދި އިންސްޓަގްރާމް އެޕްގެ ސަބަބުން ދިމާވާ މައްސަލަތަކަށް މިދިޔަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ހައްލުކޮށްފައިވާ ކަމަށް މެޓާ އިން ބުނެއެވެ.
މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި އެޕް ޑިވެލޮޕަރުންނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޕަލް އިން ވަނީ ބުނެފައެވެ.
އަދި، އެޕަލް އިން ވަނީ އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް އަށް ހޫނުވުމުގެ މައްސަލަތައް ކުރިމަތިވަނީ ޑިޒައިންގެ ސަބަބުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މިފަހަރުގެ ފޯންތަކުގައި އެކުލެވިގެންވާ ޓައިޓެނިއަމް ޝެލްތަކުގެ ސަބަބުން ކުރީގެ ސްޓެއިންލެސް ސްޓީލް މޮޑެލްތަކާ އަޅާބަލާއިރު ހޫނު ނައްތާލުން ރަނގަޅު ކަމަށް ބުނެފައެވެ.
މީގެއިތުރުން، އެޕަލް އިން ބުނީ މި މައްސަލައަކީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އަނިޔާއެއްވެސް ނުލިބޭނެ ކަމަށާއި އަދި ދިގު މުއްދަތަކަށް މި ކަމުގެ ސަބަބުން ފޯނުގެ ޕާފޯމަންސަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން