ހާލަތާއި ވަގުތު ތަންދިން މިންވަރަކުން އަހަރެން ދިޔައީ ކާފަ އާއި މާމައަށް ސުވާލު ކުރަމުންނެވެ. އައްސާފައި އޮތް މާމަ މޮހާލީ ކާފަ ކަމަށް، ކާފަ ބުނާއިރު، މާމައަށް މާމަ މޮހާލިކަން ހަނދާނެއް ނެތެވެ. މާމަ އެވަގުތު ހުރީ ހޭކުޑައި ވެފަައެވެ. ކާފަ އަކަށް ދެން އިތުރު ސުވާލެއް ކުރެވޭކަށް ނެތެވެ. އެހެނީ ގައުމުން ބޭރަށް ފުރައިގެން ދިއުމުން، ދެން މި ރާއްޖެއިން އެއްވެސް ހާދިސާއެއް ދިމައި ނުވާނެތީއެވެ. އެހެންކަމުން އަހަރެންގެ ގިނަ ސުވާލުތަކެއް އަމާޒުވަމުން ދިޔައީ މާމައަށެވެ.

"ކީއްވެތަ މީހުން އަހަރެންގެ މަންމަގެ ވާހަކަ ނާހަނީ، ގެއްލުނު އިރު ހޯދަން ވެސް ނޫޅުނީ..!" އަހަރެން މާމަ އާއި ސުވާލު ކުރީމެވެ. ލިބުނީ ޖަވާބަކަށް ނުވާ ޖަވާބެކެވެ. އެއްވެސް ޖުމުލައެއް ފުރިހަމަ ނުވާ ތަރުތީބެއް ނެތި އެތުރިފައި ހުރި ބަސްތަކެކެވެ. އެއީ އަސްލު ޖަވާބު މާމައަށް ނޭނގޭތީ ކަމެއް ނުވަތަ އެ ޖަވާބުދޭން މާމަ ބޭނުން ނުވާތީ ކަމެއް ނޭނގެއެވެ. މާމަގެ އެ އަމަލުތަކުން ކާފަގެ ނުތަނަވަސްކަންވެސް ބޮޑުވަމުން ދިޔައެވެ. ކާފަ ވެސް އުންމީދުކޮށްގެން ހުރީ އަހަރެން ކުރި ސުވާލުގެ ޖަވާބަކަށެވެ. އެހެނީ ކާފަ މި ގައުމުން ފިލައިގެން ދިޔައީ އެކަމުގައި ގައިދުވެދާނެތީއެވެ. ނަމަވެސް އެހެން އެއްވެސް މީހަކު އެކަމާ އަޅާނުލީތީ ކާފަވެސް ހުރީ ވަރަށް ހައިރާން ވެފައެވެ. ހައިރާން ކަމުގައި ހައިރާންކަން އިތުރުވެފައި އަހަރެންނާ ކާފަ އިން ކަމުގައި ވީނަމަވެސް މާމަގެ މޫނު މައްޗަކުން ހައިރާން ކަމެއް ފެއްނާކަށް ނެތެވެ. އެހެންކަމުން މަންމަގެ ހަގީގަތް މާމައަށް އެނގޭނޭ ކަމަށް އަހަރެން ގަބޫލު ކުރީމެވެ.

*****

ދުވަސްތަކެއް ފަހެވެ. ތިން މީހުން ތިން ތަނަކު އުޅުނަސް ކޮންމެ ދުވަހަކު ތިންމީހުން ބައްދަލުވެ ހަދަމެވެ. ވާހަކަ ދައްކާ އާއިލާއެއްގެ އުފާވެރިކަމް ގެނެވޭތޯ މަސައްކަތް ކުރެވެއެވެ. އެއީވެސް އެފަދަ ދުވަހެކެވެ. ހުޅުމާލޭގެ ޕާކެއްގެ ތެރެއެވެ. މާމަ، އަހަރެންގެ މަންމަގެ ހަގީގަތް ހާމަކޮށްދިން ދުވަހެވެ. މާމަ ބުނާގޮތުން އަހަރެންގެ މަންމަ ވިހެއީ ކާފަ ރަށުގައި ނެތީހެވެ. ވިއްސާރަ ރެއަކު، ގިފިލި ތެރެއަށެވެ. އެކަނި މައި އެކަނި ހުރެއެވެ. މާމަ ބުނާގޮތުން އަހަރެންގެ މަންމަ އުފަންވި އިރު އެއީ އައިބު މީހެކެވެ. އިންސާނެއްގެ ސިފަ ފުރިހަމަ އަށް ނެތް މީހެކެވެ. އެހިސާބުން މާމަ ނިކަން ބިރުގަތެވެ. ނަމަވެސް އެ ބިރުވެރިކަމުގައި އެ ވިއްސާރައާއި ވިދުންތަކުގެ ތެރެއިން ދެން ފާޅުވީ ރޫހާނީ ކަންތައް ގަނޑެކެވެ. ވިދާލާ ކޮންމެ ފަހަރަކު، ކަޅު ހިޔަންޏެއްގެ އިހުސާސް މާމައަށް ކުރެވެއެވެ. ވިހާ މަސްތުރަ ވެފައި އިން މާމަ އިނީ ހިރިލާނޭ ވަރެއް ގައިގައި ނެތިފައެވެ. ފޫޅުވެސް ވަކި ނުކުރެވިއެވެ. އެ ހިޔަންޏެއް ފެނި ބިރުގަތަސް ހަޅޭ ލަވާނޭ ހިތްވަރެއް މާމަގެ ނެތެވެ. މާމަ ބުނާ ގޮތުން އެ ހިޔަނި އައިސް މަންމަގެ ފޫޅު ބުރިކޮށްލިއެވެ. އަދި މަންމަ ނަގައިގަނެގެން ގެންދިޔައެވެ. އެ ހިސާބުން މާމަގެ ހޭވެރިކަން ނެތިގެން ދިޔައެވެ.

ގިފިލީގެ ވަޅު ކައިރިއަށް ލޭ ތަކާއި އެކު ވެއްޓިފައި އޮތް މާމަގެ ގައިން ފައިބާލެޔާއި އެކު ވެހޭ ބޯ ވާރެއިން ހެދޭ ފެނުގެ ކޯރުތައް ގިފިލި ތެރޭ ދެމެން ފެށިއެވެ. ހޭވެރިކަން ނެތިފައި އޮތް މާމައަށް ހޭލެވުނީ ޖެހި ބާރު ގުގުރިއަކާއި އެކުގައެވެ. އޭރު މާމަގެ ކުރިމަތީ އަހަރެންގެ "މަންމަ" އޮތެވެ. އެއީ އައިބު، އަދި އުނި އިންސާނެއް ނޫނެވެ. ތަފާތަކީ އަހަރެންގެ މަންމަގެ ފޫޅު ހިކިފައި އޮތް ކަމެވެ. ބޮލުގެ އިސްތަށިގަނޑު ދިގުވެފާ ދަތްވެސް ފަޅާފާ ހުރި ކަމެވެ. މާމަ ގަބޫލު ކުރާ ގޮތުގައި ރޫހާނީ ކަންތައްގަނޑެއް ހިނގި ކަމުގައި ވިޔަސް، އެއީ އަހަރެންގެ މަންމައެވެ. މާމަ އަހަރެންގެ މަންމަ ނަގާ ދަރިއެއްގެ ލޯބި ދީގެން ބަލާ ބޮޑު ކުރިއެވެ. މާމަ ބުނާ ގޮތުގައި ބައެއް މީހުންނަށް، ބައެއް ފަހަރަށް މަންމަ އެއް ނުފެނެއެވެ. ރޫހާނީ ބާރުވެރިކަމެއް އެކަމުގައި އުޅޭތީއެވެ.

މަންމަ އަކީ ނޫޅޭ މީހެކޭ ވެސް ބުނެވިދާނެއެވެ. ޖިންނި ފުރޭތައިގެ ކަމެކޭވެސް ބުނެވިދާނެއެވެ. ހަގީގަތެއް ހަމަ ނޭނގެއެވެ. އަހަރެން ވިހެއުމަށްފަހުގައިވެސް ކާފައަށް އަހަރެންގެ މަންމަ ގެއްލުނީ އެހެންވެގެން ކަމުގައި ވެދާނެއެވެ. އަހަރެންވެސް އެވަގުތު ކާފައަށް ނުފެނި ގެއްލުނީ އެހެންވެގެން ކަމުގައިވެސް ވެދާނެއެވެ. އަނެއްކާ އަހަރެންނަކީ އެކަހަލަ މީހެއް ބާއެވެ. ރޫހާނީ އެއްވެސް ބާރުވެެރިކަމެއް އަހަރެންގެ ގައިގައި ހުރިކަން އަހަރެންނަކަށް ނޭނގެއެވެ. ހޯދާކަށްވެސް ބޭނުމެއް ނޫނެވެ. ކަން އޮތީ މިހެންނެވެ. އަހަރެންގެ މާޒީ ދެން އިތުރަކަށް އަހަރެން ނުހޯދާނަވެމެ. ސުވާލު މާކަކުން ފެށި މި ހަރަކާތް ހުއްޓާވެސް މި ލަނީ ސުވާލު މާކަކުންނެވެ! މިއީ އަހަރެންގެ މާޒީއެވެ! ނުވަތަ މާޒީގެ އެއް ބައެވެ!

 

ނިމުނީ........