އާސިމް ރަށަށް އައީ ހަމަސްދުވަސް ފަހުންނެވެ. އޭނާ އައިސް އަހަރެން ކައިރީގައި ލަފާ އެހުމަކާ ނުލާ ބޮޑެތި ނިންމުންތަކެއް ނިންމިއެވެ. މެދުފަންތީގެ ކުޑަ ގެއެއް ދިގު މުއްދަތަށް ކުއްޔަށް ހިފިއެވެ. އެ ގޭގައި ކުރަން ހުރި ކުދިކުދި މަރާމާތުތައްކޮށް، އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަމަޖެއްސިއެވެ. އަހަންނަށް އެކަން އެނގުނީ އަހަރެމެން ދެމައިން އުޅުނު ކުޑަ ކޮޓަރިގަނޑުގައި ހުރި މުހިއްމު ބައެއް އެއްޗެހި ނެރެގެން ގެންދާތަން ފެނުމުންނެވެ.
"ތީ ކޮންކަމެއް!" އަހަރެން އެހީމެވެ.
"މަންމަ ކޮންމެހެން ގެންދަން ބޭނުންވާ އިތުރު އެއްޗެއް އެބަހުރިތަ؟ ނެތިއްޔާ ހިނގާ ދާން!" އަހަރެންގެ އަތުގައި ހިފައިގެން އާސިމް ހިނގައިގަތެވެ.
"އަހަރެން ބުނަމެއްނު މަންމައަށް ރީތި ގެއެއް އަޅައިދޭނަމޭ! އެކަމަކު އެކަމަށް އަދި އަހަރުތަކެއް ހޭދަވެދާނެ! މި ވަގުތަށް މި ގެ ކިހިނެއް؟" ގޭގެ ދޮރު ހުޅުވާލަމުން އާސިމް އެހިއެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. އަހަރެންގެ ދެ ލޯ ފެންކަޅިވިއެވެ. އާސިމް ގެނެސް އަހަރެންގެ މޭގައި ލައްކޮށްލެވުނެވެ.
"މިއަދު ވެސް ރޮނީ؟" އަހަރެންގެ މޫނަށް ބަލައިލަމުން އާސިމް ސަމާސާކޮށްލިއެވެ.
"މާމަމެން ކީކޭބާ ހިތަށް އަރާނީ؟ މި ވަރުގެ ނިންމުމެއް ނިންމި އިރު މަންމަ ކައިރީގައި އަހާލިނަމަ. . ." އަހަންނަށް ޝަކުވާކުރެވުނެވެ.
"އެހި ނަމަ އަހަރެމެންނަށް މި ގެއަށް އާދެވޭނެތަ؟ އަހަންނަށް އެނގޭ މަންމަ ޤަބޫލުނުވާނެކަން" އަހަރެންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އާސިމަށެވެ.
"މީ މަންމަގެ ކޮޓަރި. ރަނގަޅުތަ؟" ގޭގައި ހުރި ދެ ކޮޓަރީގެ ތެރެއިން އެއް ކޮޓަރީގެ ދޮރު ހުޅުވާފައި އާސިމް އަހަންނަށް ދައްކާލިއެވެ.
"އަލްހަމްދުލިއްލާހި" ދެ ލޯ މަރާލަމުން، އަހަންނަށް ހިތާހިތުން ދުޢާކުރެވުނެވެ. އެއީ ސާފުތާހިރު، ރީތި ކޮޓަރިއެކެވެ. ދެ މީހުންނަށް ނިދޭވަރުގެ އެނދަކާއި، ކުޑަ އަލަމާރިއެއް ވެސް ހުއްޓެވެ.
"މަންމައަށް ލިބިފަ އޮތް ގޯތީގެ މަސައްކަތް ފަށާނަން ފައިސާކޮޅެއް އެއްކުރެވޭއިރަށް" އާސިމްގެ އުއްމީދުތައް ހުރީ އަހަންނަށް ހިތަށް ވެސް ގެނެވިފައި ނުވާ ހިސާބުގައެވެ. އަނެއްކާ ވެސް އަހަރެންގެ ލޮލުން ފެންއައެވެ. އަހަންނަށް ރޮވުނެވެ. ވަރަށް ބާރަށެވެ. ގިސްލަމުންނެވެ. މި ފަހަރު އަހަރެން ހުއްޓުވާކަށް އާސިމް މަސައްކަތެއް ނުކުރެއެވެ. އޭނާ ބުނާ ކަހަލައެވެ. މަންމާ އެވެ. ރޯށެވެ. ހިތުގައި ހުރި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށް، ހުސްކޮށްލާށެވެ.
ކުޑަކޮށް ހަމައަކަށް އެޅުމުން އަހަރެން ގޮސް ވުޟޫކޮށްގެން ދެރަކުޢަތް ނަމާދެއް ކުރީމެވެ. ހާސްފަހަރު ﷲއަށް ޙަމްދުކުރީމެވެ. އަހަންނަކީ މާޒީގައި ބޮޑު ފާފައެއް ކުރެވިފައިވާ މީހެކެވެ. އެކަމަކު އަހަރެން އެކަމަށް ތަޢުބާވީމެވެ. އަހަރެންގެ ދަރިފުޅަކީ ދީލަތިވަންތަ ރަސްކަލާންގެ އަހަންނަށް ލެއްވި ރަޙުމަތެކެވެ. އަހަންނަށް ލިބުނު އަގުބޮޑު ނިޢުމަތެކެވެ.
ޗުއްޓީ ހަމަވުމުން އާސިމް ފުރައިގެން ދިޔައެވެ. ގޭގައި އަހަރެން އެކަނިވާނެތީ އާސިމް ފިކުރުބޮޑުވެގެން އުޅުނެވެ. އަހަރެންގެ މަންމަ ގެއަށް ގެންނަން ވެސް ލަފާދިނެވެ. އެކަމަކު މަންމަ ކައިރީގައި ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެމެން ދެމައިން ވަކިން ގެއަކަށް ބަދަލުވުމުން މަންމަމެން ތިބެނީ ފުސްމޫނު ހަދައިގެންނެވެ.
"ދަރިފުޅު ކަންބޮޑުނުވޭ! މަންމައަށް އެކަނި އުޅެވޭނެ!" އާސިމްގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އަހަރެން ބުނީމެވެ.
ހަޤީޤަތުގައި ފެށުނީއްސުރެ ވެސް އަހަންނަކީ އެކަނިވެރިއެކެވެ. ކިތަންމެ މީހުން ގިނަ ގެއެއްގައި އުޅެން ޖެހުނު ނަމަވެސް އަހަންނަކީ އެކަނިވެރި ނަފުސެކެވެ. އަހަރެން ދެކެ ލޯބިވާނެ މީހެއް، އަހަންނާ ގާތްކަން ބާއްވާނެ މީހަކު ނެތެވެ. މިހާރު ވެސް އެކަން އޮތީ ހަމަ އެ ގޮތުގައެވެ. މީހުން އުޅޭ ގެއެއްގައި އެކަނިވެރިކަން އިހުސާސްކުރަން ޖެހުމާއި، މީހުން ނޫޅޭ ގެއެއްގައި އެކަނި އުޅުމުގައި މާ ބޮޑު ތަފާތެއް ނެތެވެ.
އޭރު ވެސް، މިހާރު ވެސް އަހަރެންގެ ހާލުބަލާ ހަމައެކަނި މީހަކީ މޫނިސާ އެވެ. އާސިމް ފުރައިގެން ދިޔަފަހުން މޫނިސާ ކޮންމެ ދުވަހަކު އަހަރެން އުޅޭ ގެއަށް އާދެއެވެ. އެއްވެސް ކަމަކަށް ދަތިވޭތޯ ބަލައެވެ. އަހަރެން ބުރަކޮށް މަސައްކަތްކުރާތީ ކުދިކިޔައެވެ.
"އަހަރެން އެބަ އޮތް ވާހަކައެއް ދައްކާލަންވެފައި" އަހަރެން ފަންގިވިންނަން އިންދައި މޫނިސާ އައިސް ކައިރީގައި އިށީނެވެ. އޭރު ފަންގަނޑު ނިމެން ކައިރިވަނީއެވެ.
"އަހަންނަކަށް ބުރައެއް ނޫނޭ!" އަހަރެން ހިނިތުންވެލީމެވެ. "މިހެން އެކަނި އުޅޭއިރު ކަމެއް ނުކޮށް ހުރީމަ ކިހާ ފޫހި ވާނެ" މޫނިސާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގޭތީ ބުނީމެވެ.
"ތި ވާހަކައެއް ނޫން! އަހަރެން ކުރީ ދުވަހު ވެސް ދެއްކި ވާހަކަ. މީ އާސިމްގެ ވެސް ވަރަށް ބޮޑު އެދުމެއް!" މޫނިސާ ދުރުދުރުން ބުނި ނަމަވެސް އަހަންނަށް އެވާހަކަތައް ފަހުމުވިއެވެ. ހައިރާންކަމާ އެކު މޫނިސާގެ މޫނަށް ބަލައިލެވުނެވެ. "އާސިމާ މީހަކާ އިންނަންވީ!"
"އަހަރެން ބުނީމެއްނު. . ." އަހަރެން އުޅުނީ އެވާހަކަ އެހިސާބުން ނިންމާލާށެވެ.
"ވީ ކަމެއް ވެ ނިމުނީ. ވެދިޔަ ކަންކަން ހަނދާންނައްތާލާފަ އަދިވެސް އާ ފެށުމަކުން ފެށިދާނެ! މީހަކާ އިންނަ ވަރަށް ވުރެ ތިމާ މުސްކުޅިވެއްޖޭ ހީނުކުރާތި! އުމުރުން ދުވަސްވާ ވަރަކަށް ފިރިއެއްގެ އެހީ ބޭނުންވާނެ. މިހާރު ދެން މަންމަމެންގެ ރުހުން ވެސް ކޮންމެހެން ބޭނުމެއް ނުވާނެ! ހަމައެކަނި ބޭނުމީ އާސިމާގެ ރުހުން" އަހަންނަށް ފުރުސަތެއް ނުދީ މޫނިސާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކިއެވެ. އަހަރެން އިނީ ބަލާށެވެ. ވިސްނާށެވެ.
އަހަންނަށް ކައިވެނި ނުކުރެވުނީ ހަމައެކަނި މައިންބައިން ނުގަބޫލުވުމަކުން ނޫނެވެ. އަހަންނާ އިންނާނެ މީހަކު ވެސް ނުވީއެވެ. އަހަރެން އެކަން މޫނިސާ އަށް ހަނދާންކޮށްދިނީމެވެ.
"މުހުސިން މިހާރު ވެސް ހުރީ އާސިމާއާ އިންނަ ގޮތަށް. އެކަމަކު ދެ އަނތްބަށް!" މުހުސިންގެ ނަން ކިޔަން މޫނިސާ އަށް ވެސް އުނދަގޫވިއެވެ.
"އަހަރެން ދަންނަ މުހުސިނެއް ނުހުންނާނެ!" އަހަންނަށް ރުޅި އާދެވުނީ ބޭއިޚުތިޔާރުގައެވެ. "އަހަރެން މުހުސިންގެ ދަރިއަކަށް ބަލިވެއިނދެ، ވިހޭ އިރު ތި މުހުސިން ކޮބާ؟ އޭނަ އަހަންނާ އިންނަން ބޭނުންވާންވީ މިއަދުތަ؟ އަށާރަ އަހަރު ފަހުންތަ؟"
މުހުސިން ފުރައިގެން ދިޔައީ ވަރަށް އަވަހަށް އެނބުރި އަންނަން ވަޢުދުވެފައެވެ. ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެންގެ ހާލު ވެސް ބަލައިނުލައެވެ. އަހަންނަށް ޤަބޫލުކުރެވެނީ އަހަރެން ބަލިވެއިންކަން އޭނާ އަށް ނޭނގި ނޯންނާނެ ކަމުގައެވެ. އޭނާ ހަމަ ގަސްތުގައި ނައީއެވެ. އަހަންނަށް ކެހި ދިނީއެވެ. އަހަރެމެން ދެ މައިންނާ ހަވާލުވާން ބޭނުންނުވީ އެވެ.
ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް އާސިމް ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެންގެ ހިތުން މުހުސިންގެ ހަނދާންތަކެއް ނުފިލާނެއެވެ. އާސިމަކީ މުހުސިންގެ ނަކަލެކެވެ. އެއްވެސް ތަފާތެއް ނެތެވެ. މުހުސިން ދަންނަ ކޮންމެ މީހަކު އެކަމަށް ހެކިވާނެ އެވެ.
ކައިވެނީގެ ވާހަކަ މޫނިސާ ދެއްކި ދުވަހުން ފެށިގެން އަހަރެންގެ ހިތް ވަނީ އާދަޔާޚިލާފަށް ނުތަނަވަސްވެފައެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ ވެސް ބޮޑު ކަމެއް ވާން އުޅޭހެން ހީވިއެވެ. މުހުސިންގެ ހަނދާންތައް އަހަންނަށް އުނދަގޫކުރިއެވެ. އަހަންނަށް ކުރެވުނު ހީއަކީ ހަޤީޤަތެކެވެ.
އަހަރެން އިނީ ފެންޑާގައި ހުރި އުނދޯލީގައެވެ. ފަތިންގޮސްފައި އޮތް ހެދުމެއް، އަތުންފަހާ ތިނޯހަކުން ފަހާށެވެ. ކުރިމަތިން މީހެއްގެ ހިޔަނިވެގެން ބަލައިލިއިރު ހުރީ މުހުސިނެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެކަމަކު އެއީ ހަމަ އޭނާ އެވެ. މީގެ އަށާރަ އަހަރު ކުރިން އަހަރެންގެ ހަޔާތަށް އައިސް އަހަންނަށް ކެހިދިން ކެހިވެރިޔާ އެވެ. އަހަންނަށް ކޮޅަށް ތެދުވެވުނެވެ. އޭނާގެ ދެ ލޮލަށް ބަލަން ހުރެ، ގާތަށް ޖެހިލީމެވެ. ނަމަވެސް އަހަރެންގެ މޫނަށް ބަލާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
"އަހަންނަކަށް ނުކެރޭނެ މަޢާފަށް އެދޭކަށް" ހަރަކާތުން ވާހަކަދެއްކި ނަމަވެސް މުހުސިން އަހަރެންގެ މޫނަކަށް ނުބަލައެވެ. "އަހަރެން ކުރީ މަޢާފު ހައްޤުވާ ވަރަށް ވުރެ ބޮޑު ކުށެއް!" މުހުސިން ލަސްލަހުން ބުންޏެވެ.
"މި ރަށުން ދިޔަ ގޮތަށް ދެން އަހަރެން ދިޔައީ ކާށިދުއަށް. މާލެ ދަތުރުކުރާ ބޯޓެއްގެ މަސައްކަތް ކުރަން. މަސައްކަތް ނިމުނުހާ އަވަހަށް، ފައިސާކޮޅު ހިފައިގެން އާސިމާ ކައިރިއަށް އަންނަން ވެގެން އުޅުނީ. އެކަމަކު ކާށިދޫގައި ހުއްޓައި އަހަންނަށް އެނގުނީ އާސިމާ ބަލިވެއިންކަން. ފޯނުކޮށްފައި އަހަންނަށް އެ ޚަބަރު ދިނީ ފާއިޒު"
އެއީ ހަމަ އަހަންނަށް ހީކުރެވުނު ގޮތެވެ. އަހަރެން ބަލިވެއިން ޚަބަރު މުހުސިނަށް ދޭނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. ފާއިޒަކީ ކަތީބުގެ ދޮށީ ދަރިއެވެ. މުހުސިން ހުރީ އެ ގޭގައެވެ.
"އެ ޚަބަރު ލިބުމުން އަހަރެން ވަރަށް ހާސްވި. ދެރަ ވެސްވި. އަހަންނާ އެކުގައި އާސިމާ ނުގެންދިޔައީ ގެންގޮސް ވައްދާނެ ތަނެއް ނެތިގެން. އަހަރެން އުޅެ ބޮޑުވީ ބައްޕަގެ ގޭގައި. އަހަންނާ އެއްބަފާ ކުދިންނާ، ދޮންމަންމައާ އެކު. އަހަރެން ހުރީ ގޮތެއް ފެނުނުހާ އަވަހަށް އެގޭން ނުކުންނަން ބޭނުންވެފައި. ކަންދިމާކުރި ގޮތުން އާސިމާ ވެސް ހުރީ ހަމަ އަހަންނާ އެއް ހާލެއްގައި" މުހުސިން އަހަރެންގެ މޫނަށް ބަލައިލިއެވެ.
"އަހަރެން ބަލިވެއިންކަން އެނގުމުން ވެސް މުހުސިން ނައީ ކީއްވެހޭ؟ މި ހުރިހާ ދުވަހު މުހުސިން އުޅުނީ ކޮންތާކުހޭ؟" ކުޅަދާނަކަން ލިބިފައި ނުވިޔަސް އަހަރެން ބޭނުންވީ ހަޅޭއްލަވާށެވެ.
"އަހަރެން އެ ރަށުން މީހަކާ އިނީ" ލަސް ހަރަކާތްތަކަކުން މުހުސިން ބުންޏެވެ. "އެއީ އޭރު އެ ރަށުގައި ހުރި އެންމެ ތަނަވަސް މީހާގެ ހުރި ހަމައެކަނި ދަރިފުޅު. އޭނާ އަހަންނާ ހިތާވެގެން އުޅެން ފެށުމުން، އަހަރެންގެ ވިސްނުން ބަދަލުވީ. ގެދޮރާ، މުދަލާ ފައިސާގެ ދަޅައަށް ހެއްލެވުނީ"
އަހަންނަށް އަނގައިން ވާހަކަދެއްކޭ ނަމަ އަހަރެންގެ އަޑު މުހުސިނަށް އިވޭނީ ހޮނުގުގުރިއެއް ފަދައިންނެވެ. އަހަރެންގެ ރުޅި ހައްދުފަހަނައެޅިއެވެ. އުވަނުޖަހާ ހުރި ފާރުގައި ދެއަތުން ތަޅައިގަނެވުނެވެ. މުހުސިން އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ފާރާ ދުރުކުރިއެވެ. އަހަރެން މުހުސިންގެ މޭމަތީގައި ތަޅައިގަތީމެވެ. އޭނާ ދުރަކަށް ނުޖެހުނެވެ. އަހަރެންގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރަން، ފުރުސަތުދީގެން ހުރީއެވެ. އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވަންދެން ވެސް އަނިޔާކުރެވިދާނެއެވެ. އެކަމަކު އެކަމުން އަހަންނަށް ހާސިލުވާނެ އެއްވެސް އެއްޗެއް ނެތެވެ. މުހުސިންގެ ކިބައިން ބަދަލުހިފުމަކީ އެއްވެސް އިރެއްގައި އަހަރެން ހިތަށް އެރުވި ކަމެއް ނޫނެވެ. މުހުސިނަށް މަޢާފުކުރުމަކީ ވެސް އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ.
މުހުސިން އައީ އާސިމް އަންގައިގެންނެވެ. އެކަން އަހަންނަށް އެނގުނީ މޫނިސާގެ ފަރާތުންނެވެ. އަހަންނާ މެދު މުހުސިން ކަންކުރި އިހާނެތި ގޮތް އާސިމަށް އެނގެއެވެ. އޭނާ އަކީ ބައްޕަ ނެތް ކުއްޖެއްކަން ވިސްނެއެވެ. އެކަމާ އަހަރެން ކުރާ ހިތާމަ އާއި ގަންނަ ލަދު އޭނާ އަށް އިހުސާސްވެއެވެ. އެކަމަކު އެކަންކަން އޭނާ އަށް ބުނެދިނީ އަހަންނެއް ނޫނެވެ. އޭނާ ބޮޑުވީ ރަށުތެރޭގައި ތުންތުންމަތިން ދެކެވޭ ވާހަކަތައް ތާއަބަދު އިވެމުންނެވެ. މުހުސިން ހޯދަން އާސިމަށް އެހީވެދިނީ ކަތީބުގޭ މީހުންނެވެ.
"އާސިމަށް ގުޅައިދީ" މޫނިސާގެ ފޯނުން އާސިމަށް ގުޅުވީމެވެ. "ބުނޭ މަންމަ ބުންޏޭ ރަށަށް އަންނާށޭ!" އަހަރެން އަމުރުކުރީމެވެ.
މޫނިސާ ވަރަށް ގިނައިރު އާސިމާ ވާހަކަދެއްކުމަށްފަހު ފޯނު ކަނޑާލިއެވެ.
"ކީކޭ ބުނީ؟ ކޮންއިރަކުން އަންނަނީ؟" އަހަރެން އެހީމެވެ.
"ޗުއްޓީއެއް ނެތޭ ބުނީ. މާ އަވަހަކަށް ނާދެވޭނޭ!"
"ކީއްކުރަން މި ރަށަށް މުހުސިން ފޮނުވީ؟ އަހަރެން ދުލުން ކިޔާނުދިނަސް އާސިމަށް އޮޅިފައެއް ނޯންނާނެ މުހުސިން އަހަރެމެން ދެމައިންނާ ދޭތެރޭގަ ކަންކުރި ގޮތެއް!" އެއީ އަހަންނަށް އާސިމް ދެކެ ރުޅި އާދެވުނު ފުރަތަމަ ފަހަރެވެ. "ދުވަހަކު ލޯ ނުދެކޭ ބައްޕައެއް އާސިމަށް ފެނިގެން، ބައްޕަގެ ލޯބި ބޭނުން ވެގެން އުޅެންޏާ ބުނޭ ބައްޕަ ކައިރިއަށް ދާށޭ! އަހަރެންގެ އެއްވެސް މައްސަލައެއް ނެތް!"
"އާސިމެއް ނޫނޭ މުހުސިންގެ ލޯބި ބޭނުން ވަނީ. މުހުސިންގެ ލޯތްބާ އަޅާލުން ބޭނުން ވަނީ އާސިމާ އަށް" މޫނިސާ ބުންޏެވެ.
"ތީ ކުށްހީއެއް! ވަރަށް ބޮޑު ކުށްހީއެއް!" ވާނުވާ އަހަންނަށް އޮޅުންފިލީ އެ ހިސާބުންނެވެ. އާސިމް ބޭނުން ވަނީ އަހަންނަށް ނުލިބުނު ފިރިއެއްގެ ލޯބި ހޯދައިދޭށެވެ. ނަމަވެސް އާސިމަށް ނޭނގި އޮތް ކަމަކީ މިހާރު އަހަރެންގެ ހިތުގައި މުހުސިނަށް އެއްވެސް މަޤާމެއް ނެތްކަމެވެ.
އަހަރެންގެ ރުހުމާއި، މަޢާފު ނުލިބުމުން މުހުސިން ފުރައިގެން ދިޔައެވެ. ކައިވެނީގެ ވާހަކަދެއްކުން މޫނިސާ ހުއްޓާލިއެވެ. އެކަމަކު އަހަރެންގެ ހިތުގައި އެކަން ހަރުލާފައި ހުއްޓެވެ. ހަމަ ހަޤީޤަތުގައި ވެސް އަހަރެން ފިރިއެއްގެ ލޯބި ބޭނުމެވެ. ހަޔާތުގެ ބައިވެރިއެއް ނެތުމުގެ ފަޅުކަން އަހަންނަށް އެކި ގޮތްގޮތުން އިހުސާސްވެއެވެ. ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު އަހަރެން މޫނިސާ ކައިރިއަށް ދިޔައިމެވެ.
"އަހަރެން މިހާރު ބޭނުން މީހަކާ އިންނަން"
މޫނިސާ އުފަލުން ފޮޅުނެވެ. ހެއްދެވި ފަރާތަށް ޙަމްދުކުރިއެވެ.
"މި އަންނަނީ ފޯނު ހިފައިގެން" މޫނިސާ އުޅުނީ އޭނާގެ ފޯނުން މުހުސިނަށް ގުޅާށެވެ. އެކަމަކު އަހަރެން އެކަން ހުއްޓުވީމެވެ.
"އަހަރެން އިންނަން ބޭނުން ވަނީ މުހައްމަދާ!" އަހަރެން ބުނީމެވެ.
ހައިރާންކަމާ އެކު އަހަރެންގެ މޫނަށް ބަލަން އިނދެފައި މޫނިސާ ހިނިތުންވެލިއެވެ. "އިރާދަކުރެއްވިއްޔާ އަހަރެން ތިކަން ކޮށްދޭނަން"
މުހައްމަދުގެ އަންހެނުން ނިޔާވިފަހުން އަހަރުތަކެއް ފާއިތުވެއްޖެއެވެ. އެ ކައިވެންޏަށް ލިބުނު ދެ ދަރިން ބޮޑެތިވެ، ޒަވާޖީ ޙަޔާތާ ކުރިމަތި ލައިފިއެވެ. އަހަރެން އިސްވެ ކައިވެންޏަށް އެހުމުން މުހައްމަދު އެކަން ޤަބޫލުކުރީ ލޮލުންބޮލުން އެދިގެންނެވެ. އިރެއްގައި އޭނާގެ ހިތުން އަހަންނަށް ދިން މަޤާމު ހަމަ އެގޮތުގައި އޮތެވެ.
އަހަރެންގެ އަލަތު ކައިވެނި ކުރެވުނީ އުމުރުން ފަންސާސް އަހަރު ވީފަހުންނެވެ. ފިރިއެއްގެ ލޯތްބާއި، އޯގާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަންނަށް ލިބުނެވެ. އަނެއްކޮޅުން އަހަރެންގެ ދަރިފުޅަކީ އަހަންނަށް ލިބިފައިވާ އަގުބޮޑު ޖަވާހިރެއް ފަދައެވެ. މިއަދު އަހަންނަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. ހުރިހާ ހިއްސެއް ސަލާމަތުން ނެތް ނަމަވެސް އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމުގެ އިހުސާސްކުރެވެއެވެ. ގަދަ ކީރިވަންތަ އިލާހަށް ޙަމްދުކުރުމުގައި އަހަރެންގެ މުޅި އުމުރު ހުސްކޮށްލިޔަސް، އަހަންނަށް ދެއްވި ނިޢުމަތްތަކުގެ އަގު އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ (ނިމުނީ)
ނޯޓު: މި ވާހަކައިގައި ހިމަނާފައިވާ ޑައިލޮގުތަކަކީ އިޝާރާތުގެ ބަހުން ދެކެވިފައި ހުރި ވާހަކަތަކެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން