ރަސްމީ ގަޑީގައި ސްކޫލުން ބޭރަށް ނުކުތުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. އެކަމަކު އެ ދުވަހު ކޮންމެހެން ވެސް ގެއަށް ދާން މަޖުބޫރުވީއެވެ. ގޭގައި އޮތް ފައިލެއްގައި ހުރި ލިޔުންތަކެއްގެ ބޭނުން ޖެހުނީއެވެ. ފުރަތަމަ އުޅުނީ އަފްޒަލަށް ގުޅައިގެން ފައިލް ސްކޫލަށް ގެނެވޭތޯއެވެ. އަފްޒަލް އުޅޭނީ ސައިކަލުގައެވެ. އެކަމަކު އޭނާގެ ފޯނު އޮތީ އޮފް ކޮށްފައެވެ. ދެން ގުޅީ ނަޝްވާ އަށެވެ. ފޯނު ރިންގުވެއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. ޔޫދު ނިންދަވަން އިނީއޭ ހިތަށް އެރިއެވެ. ސްކޫލުގެ މަސައްކަތު މީހަކު ގެއަށް ފޮނުވަން ވެސް ވިސްނީމެވެ. އެކަމަކު ގޭގައި އުޅޭ އެއްވެސް މީހަކާ ނުގުޅުމުން އެ ޚިޔާލު ދޫކޮށްލާފައި އޮފީހުން ނުކުތީމެވެ. އެއީ ދެހާސް ހަވަނަ އަހަރުގެ މާޗް މަހުގެ ހޫނު ގަދަ ދުވަހެއްގެ މެންދުރު ވަގުތެވެ. ކޮނޑުގައި އަތްދަބަސް އަޅުވާލަމުން، ކުޑަ ހުޅުވާލީމެވެ. އޮފީހުގެ އުތުރު ފަރާތުން އޮތް ހުސް ބިމުގައި މުވައްޒަފުންގެ ބައިސްކަލުތައް ޕާކުކޮށްފައި ހުއްޓެވެ. ބައިސްކަލު ދުއްވަން ދަސްވެފައި ހުރިނަމަ ހާދަ ފަސޭހަވީހޭ ހިތަށް އެރިއެވެ. އެއީ ވެސް ކުރަން ބޭނުންވެ، ވަގުތު ނުވެގެން ނުކުރެވި އޮތް ކަމެކެވެ. ހިތް ބުނީ އެހެންނެވެ. އެކަމަކު ހަޤީޤަތަކީ ވަގުތު ނުވުމެއް ނޫނެވެ. ބޭނުން ކޮންމެ ވަގުތަކު، ބޭނުން ތަނަކަށް އަފްޒަލްގެ ސައިކަލު ފަހަތުގައި ދެވޭތީ އެކަން މާ މުހިއްމު ކަމަކަށް ނުވެ އޮތީއެވެ.

ހަލުވި ފިޔަވަޅުތައް އަޅަމުން ގެއާ ހަމައަށް ދެވުނު އިރު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. އަރައިގެން ހުރި ކަޅު ބޫޓު މުޅިން ހިރަފުސް ވެއްޖެއެވެ. އަފްޒަލާ ވަކިން އުޅެން ޖެހިއްޖެނަމަ އަހަރެންގެ ދުވަސް ހިނގައިދާނޭ ހިތަށް އެރުމުން ތުންފަތްމަތީގައި ލުއި ހިނުތުންވުމެއް ދުވެލިއެވެ. އެތެރެއަށް ވަންނަންވެގެން ދޮރުގައި ހިފާލިއިރު ދޮރޯށި ހުރީ ތަޅުލާފައެވެ. ގޭގައި އެއްވެސް މީހަކު ނޫޅެނީކަން ޔަޤީންވިއެވެ. މަސައްކަތަކު މީހާ ނުފޮނުވުނުކަން ނަސީބޭ ހިތަށް އެރިއެވެ. އަތްދަބަހުން ތަޅުދަނޑި ނަގައިގެން ދޮރުހުޅުވާލީމެވެ. ގޭގެ މައިދޮރު ހުންނަނީ ދޮރޯއްޓާއި ސީދާވާގޮތަށް ކަމަށް ވާތީ، ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ގޭ ދޮރުމަތީގައި ހުރި ފައިވާންތަކެވެ. އަފްޒަލްގެ ފައިވާނާއި ނަޝްވާގެ ފައިވާނެވެ. އަފްޒަލްގެ އޮފީސް ބޫޓާއި، ޔޫދު އާންމުކޮށް އަރާ ދެ ބޫޓެވެ. އަސްކަނިދަށުގައި އަފްޒަލްގެ ސައިކަލު ވެސް ހުއްޓެވެ. 

މައިދޮރުގެ ތަޅުގައި ހިފާލިއިރު އެ ދޮރު ވެސް ހުރީ ތަޅުލާފައެވެ. ދޮރުގައި ޓަކިޖަހަން އުޅެފައި ހުއްޓެވުނެވެ. ނިތްކުރިއަށް ރޫ ގިނަވެ، ދެ ބުމަ ގޮށްޖެހުނެވެ. އެންމެން ގޭގައި އުޅޭއިރު ދޮރޯށި ތަޅުލާފައި ހުރީ ކީއްވެ ހެއްޔެވެ؟ އެކަކު ވެސް ފޯނަށް ޖަވާބު ނުދިނީ ކީއްވެ ހެއްޔެވެ؟ އަތުގައި އޮތް ތަޅުދަނޑީގެ އެހީގައި ވަރަށް މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ހުރިހާ ކުޑަދޮރުތަކެއްގެ ދޮރުފޮތިތައް ދަމާފައި ހުރުމުން ގޭތެރެ އޮތީ އަނދިރިވެފައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ހިތުގައި އުފެދުނު ވަހުމުތައް ހިތުން ނެރެން މަސައްކަތްކުރަމުން ޔޫދުއަށް ގޮވާލަން އުޅުނީމެވެ. އަހަރެންގެ އަޑު ބޭރުވުމުގެ ކުރިން އަހަންނަށް އިވުނީ އަފްޒަލްގެ އަޑެވެ. ކޮޓަރި ތެރޭއިންނެވެ. ފޯނުން މީހަކާ ވާހަކަދައްކާ ކަހަލަ ގޮތަކަށެވެ. އެކަމަކު އަހަރެން ގެއަށް އަންނަންވެގެން ގުޅިއިރު އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. އަނެއްކާ ވެސް އަހަރެންގެ ހަރަކާތްތައް ހަމަހިމޭންވިއެވެ. ވަރަށް މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރާ ކައިރިވެލީމެވެ.

"މަޤާމުގެ ގޮތުން އަހަންނަށް ވުރެ މަތިވީމަ އޭނައަށް ހުންނަނީ އޭނަ ފެނިފަ. ފިރިއަކަށް ލިބެންވާ އެއްވެސް އިޙުތިރާމެއް، އިޚުތިޔާރެއް އަހަންނަކަށް ނުލިބޭ!" އަފްޒަލްގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ. އަޑުއަހަން  ހުންނަ މީހާގެ ހިތް ހަމްދަރުދީން ބަންޑުންވާނެ މިންވަރަށް އޭނާ އަމިއްލަ ނަފުސު ނިކަމެތިކޮށްލިއެވެ. "އަހަރެން ކެތްކޮށްގެން މި ހުންނަނީ ޔޫދު އަށްޓަކައި. މައިންބަފައިން ވަކިވީމަ އޭނަ އަށް ލިބޭނެ ދެރަ ހިތަށް އަރާތީ" އަފްޒަލް ވާހަކަދެއްކީ ލަސްލަހުންނެވެ. "އޭނަ އަށް އަބަދުވެސް އެންމެ މުހިއްމު ވާނީ ވަޒީފާ. މަތީ މަޤާމު. އަހަންނަކީ އެއްވެސް މީހެއް ނޫން"

އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. މޭގައި އަތްއަޅާލެވުނެވެ. އަހަންނާ އެކުގައި އަފްޒަލް އުޅެނީ އުފަލުގައި ނޫންކަން އަހަރެން ނުވެސް ދެނަހުރީމެވެ. އަނބިމީހާއަށް ލިބޭ ކާމިޔާބީއާ މެދު ފިރިމީހާގެ ހިތުގައި ޖަހަންވީ ހަސަދައިގެ ވިންދު ހެއްޔެވެ؟ އަހަންނަށް އޭނާއާ މެދު އިހާނެތިކޮށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އަހަންނަކީ ހެޑްމާސްޓަރަކަށް ވެފައި، އަފްޒަލަކީ ޕްރައިމަރީ ޓީޗަރަކަށް ވިޔަސް، ދުވަހަކު ވެސް އަހަރެން އެކަމާ ކިބުރުވެރިއެއް ނުވަމެވެ. އަފްޒަލަށް ކުރަންޖެހޭ ޤަދަރުކުޑައެއް ނުކުރަމެވެ.

އަފްޒަލަކީ 'ހެޔޮ' ފިރިއެކެވެ. ދަރިފުޅަށް އޯގާތެރި ބައްޕަ އެކެވެ. ދަރިއަކު ލިބުނު ފަހުން ވެސް، މިކަހަލަ މަސްޢޫލިއްޔަތު ބޮޑު ވަޒީފާއެއްގައި އަހަންނަށް މި ހުރެވެނީ އަފްޒަލްގެ އެހީ ލިބޭތީއެވެ. ތެދެކެވެ. އަހަންނަށް އަހަރެންގެ ވަޒީފާ ވަރަށް މުހިއްމެވެ. ވަޒީފާގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އަހަރެން ހުންނަނީ އަތުކުރި އޮޅާލައިގެންނެވެ. އެކަމަކު ކައިވެންޏަށް ފަހު ފިރިމީހާއަކީ އަހަންނަށް އެންމެ މުހިއްމު މީހާ ކަމުގައި ދުށީމެވެ. ނުވިސްނާ ހުއްޓައި ބަލިވެއިނދެ، މަންމައަކަށް ވުމުން އެ ޒިންމާ ވެސް އެންމެ ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތްކުރީމެވެ. ވިހެއުމުގެ ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނުކުންނަން ފެށީ އަފްޒަލްގެ ހުއްދަ ހޯދައިގެންނެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކުގައި މަސައްކަތްކުރަން އެއްބަސްވީ ވެސް އަފްޒަލްގެ ރުހުމުގައެވެ. ދެމީހުން ދެ ދަންފަޅީގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސީ ވެސް އަފްޒަލްގެ އެދުމަށެވެ. އޭނާ ބޭނުންވީ އަހަރެން ވަޒީފާއަށް ދާ ގަޑީގައި ދަރިފުޅު ބަލަން ގޭގައި ހުންނާށެވެ. އެކަމަކު އަހަންނަށް އެ ގޮތް ކަމުނުގޮސްގެން، ދަރިފުޅު ބަލަން ގެއަށް މީހަކު ގެންނަ ގޮތަށް ހަމަޖެއްސީ އަހަންނެވެ. 

އަފްޒަލްގެ ހިތުގައި އަހަންނާ މެދު ހުރީ މުޅިން ވެސް ޝަކުވާއެވެ. ހިތްހަމަނުޖެހުމެވެ. އެކަމަކު އޭނާ އަހަރެން ކައިރީގައި އެ ވާހަކަތައް ނުދެއްކީ ކީއްވެ ހެއްޔެވެ؟ ހިތްހަމަ ނުޖެހޭ ކަންކަން ރަނގަޅު ކުރަން މަޝްވަރާނުކުރީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އޭނާ އަހަރެން ދެކެ ލޯބި ވާތީއެވެ. އަހަރެން ހިތްހަމަނުޖެހިދާނެތީ އެވެ. އަހަރެންގެ ހިތުގައި ނުޖައްސަންވެގެންނެވެ. އަހަންނަށް ވިސްނުނީ އެހެންނެވެ.

އަހަރެންގެ ދެ ލޯ ފެންކަޅިވިއެވެ. ދެ ތުންފަތް ތުރުތުރުއަޅައިގަތް ވަގުތު މަޑު އާހެއްގެ އަޑު ބޭރުވުމުން އަނގަމަތީގައި އަތް އެޅުނެވެ. އެވަގުތު އަހަންނަށް އިވުނީ ކޮޓަރިތެރެއިން އަހަންނަށް އިވިގެން ނުވާނެ އަޑެކެވެ. އަފްޒަލް ވާހަކަދެއްކީ ފޯނަކުން ނޫނެވެ.

"އަހަރެން ޔޫދު ބަލައިދޭނަން. މިހާރު ވެސް ގިނަ ވަގުތު ޔޫދު މި ބަލަނީ އަހަރެމެން ދެ މީހުން. ރިޒްނާ ވަރިކޮށްފަ ފޮނުވާލާ!" 

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. ހިތުގައި ލޭ ހިނގުން ވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ހިނދުކޮޅެއް ކުރިން ދެ ލޮލުން ފޭބި ކަރުނަ، އަލިފާންކަނިތަކެއް ފަދައިން ބުރައިގެން ދިޔައެވެ. އަތުގައި އޮތް ތަޅުދަނޑިން ކުއްލިއަކަށް ދޮރު ހުޅުވާލީމެވެ. ސިހުން ލިބުނީ ޚުދު އަހަންނަށެވެ. ލަދުން އިސްޖަހަން ޖެހުނީ ވެސް އަހަންނެވެ. އަހަރެންގެ އެނދުގައި، އަހަރެންގެ މަޤާމުގައި އޮތީ ނަޝްވާ އެވެ. އަހަރެންގެ ދަރިފުޅު ބަލައިދޭން ގެއަށް އަންނަ އާޔާ އެވެ. އަހަންނަށް ޖެހުނީ މޫނު އަނބުރާލާފައި އައި ކޮޅަށް އެނބުރި ދާށެވެ. 

މައްސަލައަކީ އަހަންނެއް ނޫނެވެ. އަހަރެން އަދާކުރާ ވަޒީފާއެއް ވެސް ނޫނެވެ. އަފްޒަލަށް ވުރެ އަހަރެންގެ މަޤާމު މަތިވުމެއް ވެސް ނޫނެވެ. މައްސަލައަކީ އަފްޒަލްގެ މިޒާޖެވެ. ކުރިން ވެސް އަފްޒަލާ ގުޅޭ ގޮތުން ނޭދެވޭ ވާހަކަތަކެއް އިވުނެވެ. ކުރިން އަހަރެމެން އުޅުނު ރަށުން އަފްޒަލް ޓީޗަރަކާ ރައްޓެހިވެގެން އުޅުނުކަމުގެ އަޑުތައް އެރިއެވެ. އެކަމަކު ހެއްކެއް ނެތެވެ. އަހަރެން ޤަބޫލެއްނުކުރަމެވެ. ޝައްކެއް ވެސް ނުކުރަމެވެ. ދެމަފިރިން ހަމަޖެހިގެން އުޅޭނަމަ ހަސަދަވެރިން ގިނަވާނޭ ހީކޮށްގެން ހުރެވުނީ އެވެ. 

އަފްޒަލަކީ ވަރަށް ރީތި މީހެކެވެ. އަންހެން ކުދިން ހިތްކިޔާ ކަހަލަ ގިނަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. ދިވެއްސަކަށް ވުރެ ބޮޑަށް އޭނާ ވައްތަރީ ބޭރު މީހަކާ އެވެ. ކައިވެނިކޮށްގެން އަފްޒަލާ އެކު އަހަރެންގެ ރަށަށް ކުރި ފުރަތަމަ ދަތުރުގައި ރައްޓެހިން ވެސް އަހަންނާ ދިމާކުރިއެވެ. އަހަންނާ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑަށް ވެސް އަފްޒަލް ރީތީ އެވެ. އަފްޒަލަކީ ބޮލީވުޑްގެ އެކްޓަރެއްހޭ ކިޔައިގެން ވެސް ސަމާސާކުރިއެވެ. އެކަމަކު އަފްޒަލާ އަޅާ ބަލާއިރު އަހަރެން މީ ކާކު ހެއްޔެވެ؟ ގައިގެ ކުލަ އަނދިރި، އަނަރޫފަ ހަށިގަނޑެކެވެ. ބޮލުގައި ހުރި އިސްތަށިކޮޅު މަދުވެ، ތަލަ ފެނެއެވެ. ދެ ކޯތާފަތް ވެސް ހުންނަނީ ވަޅުވަދެފައެވެ. ހީވަނީ ބަލިވެ އުޅޭ މީހެއް ހެންނެވެ. 

އަހަރެން ރޯކަށް ބޭނުމެއް ނޫނެވެ. ބޭވަފާތެރިވި ފިރިއަކަށްޓަކައި ހިތާމަކުރާ ވަރަށް ވުރެ އަހަރެންގެ ކިބައިގައި ހުރި ހިތްވަރު ގަދައެވެ. ދެރަވީ އަހަރެން ކުށްވެރިކޮށްފައި އަފްޒަލް ވާހަކަ ދެއްކުމުންނެވެ. އެކުގައި އުޅެން ބޭނުން ނުވާނަމަ ކުށެއް ނެތަސް ދޫކޮށްލެވޭނެ އެވެ. ބޭވަފާތެރިނުވެ ވެސް ދޫކޮށްލެވޭނެ އެވެ. 

އަފްޒަލް ދިފާޢުގައި ވާހަކަދެއްކިއެވެ. މަޢާފަށް ވެސް އެދުނެވެ. އެކަމަކު ފިރިމީހާގެ އުނގުގައި ހިލޭ އަންހެނަކު އޮތްތަން ފެނުމަކީ މަޢާފު ހައްޤުވާވަރުގެ ކުށެއް ނޫނެވެ. އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަން މަތިން ވެސް ފުންމާލާނެއެވެ. އަފްޒަލަށް މަޢާފުކޮށްފައި، ދެ ވަނަ ފަހަރަށް އޭނާ އަހަރެންގެ ދިރިއުޅުމަށް ގެންނާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.

އަހަރެމެން އުޅުނީ ސްކޫލުގެ އިސްވެރިޔާ ހުރުމަށް ސްކޫލުން ދީފައި ހުރި ގެއެއްގައެވެ. އެހެން ކަމުން އަފްޒަލަށް މަޖުބޫރުވީ ގެއިން ނުކުންނާށެވެ. ވަޒީފާއިން ވަކިވުމަށް ސްކޫލަށް ސިޓީއެއް ފޮނުވާފައި އޭނާ ފުރައިގެން ދިޔައީ އެވެ. އެކުގައި ނަޝްވާއެއް ނުގެންދެއެވެ. އެއީ އެހެން އުޅޭ ފިރިހެނުންގެ ގޮތެވެ. މާދަމާ އޭނާގެ އުނގުގައި އޮންނާނީ ކޮންމެ ވެސް އެހެން އަންހެން ކުއްޖެކެވެ. ދިރާސީ އަހަރު ނިމެންދެން އަހަރެން ހުރީ އެ ރަށުގައެވެ. އެ ދުވަސްތަކުގެ ތެރޭގައި ނަޝްވާގެ ކައިވެނި ވެސް އެހެން މީހަކާ ކުރެވުނެވެ. އަފްޒަލް ފުރައިގެން ގޮސް، ނަޝްވާ އަށް 'ގެއްލުނީ' އެވެ. ކެޔޮގަނޑު ކަނޑާލެވުމުން ގަހުގެ ބޭނުން ކެނޑުނީއެވެ.  

އަފްޒަލް ނެތުމުގެ ފަޅުކަން އެތައް ގޮތަކުން އަހަންނަށް އިހުސާސް ކުރެވުނެވެ. ޔޫދު އަށް ބައްޕަގެ ލޯބި އުނިވިއެވެ. ދަރިފުޅަށް ބައްޕަގެ ލޯބި މުހިއްމުވާ ވަރަށް، އަތްނބަކަށް ފިރިމީހާގެ ލޯތްބާއި އިތުބާރު ވެސް މުހިއްމު ވާނެއެވެ. އިތުބާރު ނެތް ގުޅުމެއް ދެމެހެއްޓުމުގެ މާނައެއް ނެތެވެ. ގެއްލިއްޖެ އިތުބާރު، ބިއްލޫރީގައި އެޅޭ ކޫރުމެކޭ އެއްފަދަ އެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ރޮނގު މުޅިން ފޮހެވޭނެ ގޮތެއް ނޯވެއެވެ. (ނިމުނީ)