(ބުރާސްފަތި ދުވަހާ ގުޅޭ)

"އެ ބުނީއޭ އެހެން. . . އިއްޔެ ވެސް ރީމާ ފެންވަރާނެ ސައިބޯންޏެއް ނެތިގެން ބުނީމަ ގޮސް ކަންމަތީ ފިހާރައިން ދަރަންޏަށް އެ ވެސް ގެނައީ" ފައިސަލް ކައިރިއަށް ވެސް ރުޅިއައެވެ. 

"އެމީހުން ދޭން ތިބިއްޔާ އެތަނުން އެއްޗެހި ގެނެވިދާނެ. އެކަމަކު ދަރަނި އަދާކުރެވޭނެ ގޮތެއް ވެސް އޮންނަން ޖެހޭނެ"

ފައިސަލް ދެއްކި ވާހަކަތަކުން އަހަންނަށް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. އަހަންނަށް ވުރެ ބޮޑަށް ފައިސަލަށް ވިސްނޭހެން ހީވިއެވެ. ޒިންމާދާރުހެން ހީވިއެވެ. އެންމެ ފަހުން ފައިސަލް މަސައްކަތު ދާން އަހަރެން އެއްބަސްވީމެވެ. ހިތާދެކޮޅަށެވެ. އެކަމަކު އަހަރެމެން ދެ މީހުންގެ މެދުގައި ޖެހިފައި އޮތް މައްސަލަ ހައްލުވިއެވެ. ކުރިއެކޭ އެއްގޮތަށް ފައިސަލްގެ މިޒާޖު ބަދަލުވިއެވެ. އަހަންނަށް ލޯބި ދިނެވެ. ތަފާތަކީ އެކުގައި ހޭދަކުރެވޭ ވަގުތު މަދުވުމެވެ. ފަތިހު ތެދުވެގެން ދާ ގޮތަށް ފައިސަލް ގެއަށް އަންނަނީ އިރުއޮއްސޭ ފަހުންނެވެ. ގެއަށް އައިސް ފެންވަރައިގެން އޭނާ ނުކުމެގެން ދަނީ ގޭދޮށު އަތިރިމަތީގައި ހުންނަ ޖޯލިފައްޗަށެވެ. އެއީ އެކުވެރިންގެ ފިނިމައިޒާނެވެ. އެތަނުގައި އޮންނާނީ ދަޅާއި ސިގިރެޓު ބުއިމެވެ. ބަލިވެއިން ފަހުން ސިގިރެޓުގެ ވަހަކީ އަހަންނަށް ވަރަށް އުނދަގޫވާ ވަހެކެވެ. އަބަދު މޭނުބައިކޮށްފައި ހުންނާތީ ފައިސަލާ އެކު އަހަންނަކަށް ނުދެވެއެވެ. ގިނަ ރޭރޭ ފައިސަލް ގެއަށް އަންނައިރު އަހަންނަށް އޮންނަނީ ނިދިފައެވެ.

ބަލިވެއިނުމާ ގުޅިގެން އުފުލަންޖެހޭ ތަކުލީފުތަކާއި، ހަށިގަނޑަށް އަންނަ ބަދަލު ތަކަކީ އަހަންނަށް މުޅިން އާ ކަންކަމެވެ. ކުރިން މައުލޫމާތު އެނގިފައި ނެތް، އެކަމަށް އެއްވެސް ވަރަކަށް ހޭލުންތެރިވެފައި ނެތް ކަންކަމެވެ. މާމަގެ ތަޖުރިބާގެ އަލީގައި ބުނެދޭ ވާހަކައެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ބަނޑަށް ހަތަރު މަސް ވީއިރު އަހަންނެކޭ ކަށީގެ އޮނިގަނޑެކޭ އެއްގޮތެވެ. ތިންހަތަރު ފަހަރު އައި.ވީ ގުޅައިގެން ސިއްހީ މަރުކަޒުގައި އޮންނަން ޖެހުނެވެ. އެއިން ކޮންމެ ފަހަރަކު އަހަރެންގެ އެދުމަށް ފައިސަލް މަސައްކަތުން ޗުއްޓީނަގައެވެ. ޑޮކްޓަރު އިރުޝާދު ދިނީ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. އަހަންނަށް ވިސްނިފައި އޮންނަނީ ފައިދާ ހުރި ކާނާ އަކީ ފިހާރަތަކުގައި ވިއްކަން ހުންނަ އަގުބޮޑެތި ކާއެއްޗެހި ކަމުގައެވެ. 

"ފައި މަސައްކަތު ދާން ފެށިފަހުން މިހާރު ހަތަރު މަސް ވެއްޖެ! އަދި އެންމެ ލާރިއެއް ވެސް ރައްކާކުރެވިފައެއް ނެތް!" އަހަރެން ބުނީމެވެ.

"އަހަންނަށް ލިބޭ ފައިސާ ޚަރަދު މި ކުރަނީ ހަމަ އަހަރެމެން ދެމީހުންނަށް!" ފައިސަލް ބުންޏެވެ.

"ދެ މީހުންނަކަށް ނޫން. ފައި ސިގިރެޓް ބޯން ތި ޚަރަދު ކުރަނީ!" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.

"ތި ހީކުރާހާ ގިނަ ލާރިތަކެއް އަހަންނަކަށް ނުލިބެއޭ! ރީމާ ބަލިވެގެން ކިތައް ދުވަހު އަހަރެން މަސައްކަތު ނުގޮސް ހުރިން؟" ފައިސަލް އެހިއެވެ. "ލޭ މަދުވާ ވާހަކަ ޑޮކްޓަރު ބުނީމަ އާފަލާ އޮރެންޖާ އެއްޗެހި ވެސް ގަނެގެން ގެނެސްދިނީ ހަމަ އަހަރެން ހޯދި ލާރިއަށް" ފައިސަލް ކަލަގޮވަން ފެށިއެވެ. ވީ ފޫހިން އަހަރެން އަނގައަކުން ނުބުނަމެވެ. 

އެގޮތް މިގޮތަށް ދުވަސްތައް ވޭތުވަމުން ގޮސް އަހަރެމެންގެ އަލަތު ދަރިފުޅު މި ދުނިޔެއަށް ނޭވާލިއެވެ. އަހަރެން ވިހެއީ ރަށު ސިއްހީ މަރުކަޒުގައެވެ. އަހަރެންގެ ސިއްހީ ހާލަތު ހުރި ގޮތުން އަތޮޅު ހޮސްޕިޓަލަށް ވިހަން ދާން ޑޮކްޓަރު  ތަކުރާރުކޮށް ލަފާދިނެވެ. އެކަމަކު ރަށުން ބޭރަށް ދެވޭނެ ފެންވަރެއް އަހަރެމެންގެ ނެތެވެ. ނަސީބު ރަނގަޅުކަމުން ވިހެއުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމައެއްނުވެއެވެ. އަހަރެމެން ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އަހަންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އަހަރެންގެ އާއިލާ މީހުންނާއި އެކުވެރިން މާލީގޮތުން ވެދިން އެހީތަކާ އެކު ވިހޭ ގެއަށް ބޭނުންވާ ގިނަ އެއްޗެހި ހުރީ ހަމަވެފައެވެ.

އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ފައިސަލް މަސައްކަތު ދިޔުން ހުއްޓާލިއެވެ. އެއީ އަހަރެން ވެސް އެންމެ ބޭނުންވި ގޮތެވެ. ވިހައިގެން އުޅޭއިރު އަނބިމީހާއަށް ފިރިއެއްގެ އެހީ  ނިހާޔަތަށް ބޭނުންވާނެއެވެ. ފައިސަލް އަބަދު ކައިރީގައި ހުންނަން ފެށުމުން އަހަންނަށް ހީވީ ކައިވެނީގެ ކުރީކޮޅު އަހަރެމެން އުޅުނު އުފާވެރި ދިރިއުޅުން އަލުން ލިބުނުހެންނެވެ. އެގޮތުގައި މުޅި އުމުރު ހޭދަކުރެވިދާނޭ އަހަންނަށް ހީވިއެވެ. އެކަމަކު ދަރިފުޅަށް ދޮޅުމަސް ވީއިރު އަނެއްކާ ވެސް އަހަރެމެންގެ ދެމެދުގައި މައްސަލަ ޖެހިއްޖެއެވެ. މި ފަހަރު ވެސް ޖެހުނީ ފައިސާގެ މައްސަލައެވެ. 

"ރީމާ އަށް އެހީވާން ވެގެން އަހަރެން ރަށުގަ މި ހުންނަނީ" ދަރިފުޅަށް ބޭނުންވާ ނެޕީ ޕެކެޓެއް ނުގަނެވިގެން އަހަރެން ޝަކުވާކުރުމުން ފައިސަލް ރުޅިއައީ އަހަރެން ދެކެ އެވެ. "އަހަންނަކީ ވެސް ހުރި އެންމެ މީހެއް. ކޮންމެ ވެސް އެއް ކަމެއް ކުރެވޭނީ. މަސައްކަތު ދަންޏާ މަސައްކަތު ދެވޭނީ. ރީމާއަށް ކަންކަން ކޮށްދޭން ރަށުގަ ހުންނަންޏާ ރަށުގަ ހުރެވޭނީ"

"ފައި ދިޔައިމަ އަހަރެން ހާދަ ދެރަވެއޭ! ހާދަ އެކަނިވެއޭ!" އަހަރެން ފައިސަލްގެ ގައިގައި ފުރަގަހުން ބައްދާލީމެވެ. އަދިވެސް އަހަރެންގެ ވިސްނުން ހުރީ އިއްޔެ މެންދުރުގެ ޅަކުއްޖެއް ފަދައިންނެވެ. މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާ އަބަދުމެ ކައިރީގައި ހުންނަން ޖެހޭނެއެވެ. ދަރިއަކު ލިބުމުން ދަރިފުޅު ބެލުމުގައި އެހީވެދޭން ޖެހޭނެއެވެ. "އަހަރެން އެކަނި ކިހިނެއް ކުޑަކުއްޖަކު ބަލާނީ؟"

"މީގެ ފަހުން އެއްޗެހި ނުގަނެވިގެން އެވާހަކަ ނުދައްކާތި!" އަހަންނަށް އިންޒާރެއް ދީފައި ފައިސަލް ގެއިން ނުކުމެގެން ދިޔައެވެ.

ދަރިފުޅު ކޮނޑުމައްޗަށް ލައިގެން އަހަރެން ދިޔައީ މަންމަ ގެއަށެވެ. އިސްޖަހައިގެން ހުރެ ނެޕީ ޕެކެޓެއް ގަނެދޭން މަންމަ ކައިރީގައި އެދުނީމެވެ. 

"މީހުންނާ އިނދެ، ދަރިން ލިބުނީމަ ކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ. މެންދުރު ވަންދެން ނިދަން އޮވެފަ، ލިބޭހާ ލާރިއަށް ފާޑުފާޑުގެ އެއްޗެހި ބުއިން ފައިސަލްގެ ކަމަކީ" ފައިސަލް މަސައްކަތްނުކޮށް ހުންނާތީ އެއްޗެހި ކިޔާފައި މަންމަ އަހަންނަށް ސަތޭކަ ފަންސާސް ރުފިޔާ ދިނެވެ.

"ފައި މަސައްކަތު ނުގޮސް އެހުންނަނީ އަހަރެން ބުނެގެން. އަހަރެން ގަދަވީމަ ދާންވެގެން" އަހަރެން ފައިސަލް ދިފާއުކުރީމެވެ.

"ތި ދުވަހެއް ނައެއްނު!" މަންމަ ހިތްހަމަ ނުޖެހިފައި ބުންޏެވެ. "ދެން ދޭ ގެއަށް. އަހަރެން މި ދަނީ ވަލަށް!" ކަތިވަޅިއަކާއި ގޯންޏެއް ބަރޯއަށް ލައިގެން މަންމަ ހިނގައިގަތެވެ. 

މަންމަ އަކީ ހީވާގި މީހެކެވެ. ރެއާއި ދުވާލު އުޅެނީ މަސައްކަތުގައެވެ. ފައިސާ އެއްކުރުމުގައެވެ. އަހަރެންގެ ހިތަށް އެރިއެވެ. މަންމަ އަތުގައި ވަރަށް ގިނަ ފައިސާ ހުންނާނެއެވެ. އަހަރެމެންނަށް އެހީވިއްޔާ ވާނީ ކީއްހެއްޔެވެ؟

ދަރިފުޅު ބޮޑުވާ ވަރަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވިއެވެ. ދިރިއުޅުމުގެ މައްސަލަތައް އިތުރުވިއެވެ. އެންމެ ފަހުން ފައިސަލް ރިސޯޓަކަށް ދިޔައެވެ. އެނޫން އިތުރު ގޮތެއް ނެތިގެންނެވެ. ފައިސަލް ނެތުމުން ކިތަންމެ ދެރަވިޔަސް  އަހަންނަށް ޖެހުނީ ކެތްކޮށްގެން ހުންނާށެވެ. ލޯބިން ފުރޭނީ ހިތެވެ. ހައިހޫނުކަމެއް ނުފިލާނެއެވެ. އެ ހަޤީޤަތް ޤަބޫލުކުރަން އަހަންނަށް މަޖުބޫރުވިއެވެ.  

ކައިވެނި ކުރުމަށްފަހު ވިސްނަން ޖެހޭނީ އަނތްބެއްގެ ނަޒަރުންނެވެ. ދަރިއަކު ލިބުމުން މައެއްގެ ނަޒަރުންނެވެ. މަޔަކަށް ވުމަކީ އެއްފަހަރާ އެތަކެއް ޒިންމާއެއް ކޮނޑުގައި އެޅޭނެ ކަމެކެވެ. އެކަން އަހަންނަށް ބުނެދިނީ މާމަ އެވެ. ކުރިން އަހަންނަށް ވިސްނިފައި ނެތް ކިތަންމެ ކަމެއް މާމަ ވިސްނައިދިނެވެ. ދަރިފުޅު ގެންގުޅުމުގައި ވެސް މާމަގެ އެހީތެރިކަން އަހަންނަށް އިންތިހާއަށް ލިބުނެވެ. 

ފައިސަލް ރިސޯޓަށް ގޮސް މަސްދުވަސް ވީއިރު އަހަންނަށް ފޮނުވީ އެންމެ އެއްހާސް ރުފިޔާއެވެ. އެވަރު މަދުވެގެން އަހަރެން ކުދިކިޔުމުން ފައިސަލް ބުނީ މީހެއްގެ އަތުން ނަގާފައި އޮތް ދަރަންޏެއް އަދާކުރީ ކަމުގައެވެ. ޖެހިގެން އައި މަހު ވެސް ކަންހިނގީ ހަމަ އެހެންނެވެ. އިތުރު ގޮތެއް ހޯދަން އަހަންނަށް މަޖުބޫރުވިއެވެ. އެކަމަކު ދެން އޮތީ ވެސް ވަކި ކޮން ގޮތެއް ހެއްޔެވެ؟ ކުޑަކުޑަ ދަރިއަކު ބަލަމުން އަހަންނަށް ކުރެވޭނެ އިތުރު މަސައްކަތެއް އަހަންނަކަށް ނުފެނެއެވެ. އެވަރުގެ ހިތްވަރެއް ވެސް އަހަރެންގެ ނެތެވެ. 

ފައިސަލް ދިޔަފަހުން ވޭތުވެގެންދިޔަ ތިން މަސްދުވަސް އަހަންނަށް ހީވީ ތިން އަހަރު ކަމުގައެވެ. ދަރިފުޅު ގޮވައިގެން އަހަރެން ގަނަތެޅުނީއެވެ. އެއް އިރު މާމަ ކެއްކި އެއްޗެއް ކައިގެން، އަނެއް އިރު މަންމަގެއަށް ގޮސް ކައިގެން ބަނޑަށްނުޖެހި ހުރެވެއެވެ. އެކަމަކު ފައިސަލާ ކައިވެނި ކުރި ފަހުން އަހަރެން ލާނެ އާ އަންނައުނުގަނޑެއް ވެސް ހޯދިފައެއް ނެތެވެ. ގައިގައި ލާނެ ލޯޝަން ފުޅިއެއް، މީރުވަސް ދުއްވާލާނެ ކޯލާވާޓަރު ފުޅިއެއްގެ މިންވަރު ވެސް އަހަރެން އަތަކު ނެތެވެ. އެކަންކަން ހިތަށް އެރުމުން ދެރަވެއެވެ. ރޮވެއެވެ. ވާދެރަ ނިމެނީ ރުޅިވެރިކަމުންނެވެ. ފައިސަލަށް ގުޅައިގެން އެއްޗެހި ކިޔަން ބޭނުންވެއެވެ. ޝަކުވާކުރަން ހިތް އެދެއެވެ. އެކަމަކު އަހަރެން ގެންގުޅޭ ބައްތި ފޯނުގައި އެންމެ ލާރިއެއް ވެސް ނޯވެއެވެ. ކޮންމެ ދުވަހަކު ހިލޭ ފޮނުވޭ ދިހަ 'ކޯލް މީ ބެކް' މެސެޖު ހުސްވާ އިރު، ފައިސަލް ގުޅާނީ ހިތަށްއެރި ދުވަހަކުއެވެ. 

"އަހަރެން މި ވަރަށް މެސެޖުކުރާއިރު ވެސް ކީއްވެތަ ނުގުޅަން ތި ހުންނަނީ؟" ފައިސަލް ގުޅުމުން އަހަރެން ބުނީމެވެ.

"އެ ފެށީ. . . އަހަރެން ގުޅައިފިއްޔާ ކޮންމެ ވެސް ޝަކުވާއެއް ކުރާނީ" ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ. ފައިސަލް ނުގުޅަނީ އަހަރެން ޝަކުވާކުރާތީއެވެ. ފައިސާ ފޮނުވާށޭ ކިޔާތީއެވެ. އެކަން އަހަންނަށް ވިސްނެއެވެ.

"ދެން އަހަރެން ޝަކުވާއެއް ނުކުރާނަން. ލާރި ފޮނުވާށެކޭ ވެސް ނުކިޔާނަން. ރަށަށް އާދޭ! ޕްލީޒް" އަހަރެން އާދޭސްކުރީމެވެ. އަހަރެން ބޭނުން ވަނީ ފައިސަލް ރަށަށް ގެންނާށެވެ. އަހަންނަށް ފެންނަ ހިސާބުގައި ބަހައްޓާށެވެ. އޭރުން އޭނާ ނުގުޅާތީ ދެރަވާކަށް ނުޖެހޭނެއެވެ. "ފައިއާ ވަކިން އަހަރެން ކިހިނެއް އުޅޭނީ؟ އަހަރެން އެކަނި ކިހިނެއް ކުޑަކުއްޖަކު ބަލާނީ؟"

"އަހަރެން ދާން ޖެހޭނީ ރިސޯޓުން ކެނޑިގެން. އޭރުން ލާރިއެއް ނުލިބޭނެ!" ފައިސަލް ބުންޏެވެ.

ފައިސަލް ރިސޯޓުގައި ހުރުމަކުން އަހަންނަށް ލިބޭ މޮޅެއް ނެތެވެ. އަހަރެމެންގެ ދިރިއުޅުމުގެ ފެންވަރަކަށް އެއްވެސް ބަދަލެއް ނައެވެ.

"މާމަ ވެސް މިހާރު އަބަދު އުޅެނީ ބަލިވެ. ކުޑަކުއްޖަކު ގޮވައިގެން އަހަރެން ކިހިނެއް މާމަ ބަލާނީ؟" މާމަ ބަލި ވާހަކަ ބުނެގެން ވެސް އަހަރެން ބޭނުންވީ ފައިސަލް ރަށަށް ގެންނާށެވެ.

މާމަގެ ބައްޔަކީ މުސްކުޅި ބައްޔެވެ. އެއްދުވަހު ކަކުލުގައި ރިހޭތީ އުޅެފާނެއެވެ. އަނެއް ދުވަހު ނޭވާލާން އުނދަގޫވެގެން އުޅެފާނެއެވެ. މެއަށް ތަދުވާތީ ތެދުވެ ނޫޅޭ ދުވަސްތައް ވެސް އަންނަން ފެށިއެވެ. އަހަރެން އާދޭސްކޮށްގެން ފައިސަލް ރަށަށް ގެނައިމެވެ. މާމަ ބަލިވެ އުޅުން ބަހަނާއަކަށް ހަދައިގެންނެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ފައިސަލް އަހަންނަށް ފައިސާ ނުފޮނުވީތީ އަހަރެން ހީކުރީ ފައިސަލްގެ މުސާރަ އެއްކޮށް ރައްކާކޮށްފައި ހުންނާނެ ކަމުގައެވެ. އެކަމަކު ރަށަށް އައި އިރު އޭނާ ގެނައީ އެންމެ ފަސްސަތޭކަ ރުފިޔާއެވެ. އެކަމާ ސުވާލުނުކޮށެއް އަހަންނަކަށް ނުހުރެވުނެވެ.

"މީތަ މި ހުރިހާ ދުވަހު ފައި އަށް ލިބުނު އެއްޗަކީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

"އަހަންނަށް މާ ބޮޑު މުސާރައެއް ނުލިބެއޭ!" ފައިސަލް އުޅުނީ އެވާހަކަ ނުދައްކާށެވެ. 

"ބޮޑު މުސާރައެއް ނުލިބުނަސް ލިބުނު އެއްޗެއް އޮންނަން ވާނެ!" 

"ރީމާ އަށް ލާރި ފޮނުވީމެއްނު؟" ފަރުވާކުޑަ ގޮތަކަށް ފައިސަލް ބުންޏެވެ.

"އެންމެ އެއް ހާސް ރުފިޔާ؟" އަހަރެން އެހީމެވެ.

"ކަންމަތީ ފިހާރައިން ނެގި ދަރަނި ވެސް ކެނޑިން. އަދި މިއަދު މި އައީ ވެސް ލޯންޗެއް ކުއްޔަށް ނަގައިގެން. ތި ނޫން އިތުރު އެއްޗެއް އަހަރެން އަތަކު ނެތް" އަހަރެންގެ އަތުގައި އޮތް ނޫޓު ޖަހައިގަނެގެން ފައިސަލް ނުކުމެގެން ދިޔައީއެވެ. 

ރަށަށް އައި ފަހުން ފައިސަލްގެ ޠަބީޢަތު ވަރަށް އަވަސްއަވަހަށް ބަދަލުވެއެވެ. ކޫސަނި ކަންކަމާ އަހަންނާ ދިމާއަށް ހަޅޭއްލަވައިގަނެފާނެއެވެ. ރުޅިއައިސްގެން ގެއިން ނުކުމެގެން ހިނގައިދާނެއެވެ. ރަނގަޅަށް ހުންނަ ވަގުތެއްގައި ނަމަ އަހަރެން ދެކެ އެހާ ލޯބި ވެސް ވެއެވެ. ދަރިފުޅަށް އަޅާލައެވެ. ފައިސަލް ހަޅޭއްލަވައިގަތުމުން އަހަރެން ވަރަށް ދެރަވެއެވެ. 

"ފައި ކީއްވެތަ އަހަރެން ދެކެ ރުޅި އަންނަނީ؟" ފެންކަޅިވެފައި ހުރެ އަހަރެން އެހީމެވެ.

"ބޭނުންވާ ކަންކަން ނުވަންޏާ ކޮންމެ މީހަކު ވެސް ރުޅި އަންނާނެ!" ސިގިރެޓް ފޮށި ހުސްވެގެން ފައިސަލް ހުރީ ރުންކުރުވެފައެވެ.

"އަހަރެން ބޭނުންވާ ކަންކަމެއް ވެސް ނުވެއޭ! އަހަންނެއްނު ރުޅި އަންނަންވީ" ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ. "މާމަ ބަލިވެ، ކޮޓަރިން ނުނުކުންނަތާ ތިން ދުވަސްވީ. މި ގޭގަ ލައިގެން ކާނެ އެއްޗެއް ވެސް ހުރީކީ ނޫން. މިއަދު ވެސް މާމައަށް މި ދިނީ ފެން ބަތްކޮޅެއް! ފައިސަލް ރިސޯޓުގަ ހުރުމެކޭ، ރަށުގަ ހުރުމެކޭ އަހަރެމެންނަކަށް އެއްވެސް ތަފާތެއް ނެތް!"

"މާމަ ބަލިވެ އުޅޭތީ ބޮޑުދައިތަ އެބަ އާދޭ މާމަ ބަލާ. ދެން އަހަރެމެންނަކަށް ނުޖެހޭނެ މާމައާ ދޭތެރޭގަ ވިސްނާކަށް!" ފައިސަލް ބުންޏެވެ.

"ދެން އަހަރެމެންނޯ؟ ޔޫސުފްގެ ބުއްދަޅު ވެސް ހުރީ ހުސްވެފަ. ބުއްފުޅިއަށް ކަޅުސައި އަޅައިގެން މި ދެނީ" ބުއްދަޅެއް ނުހޯދޭނެކަން އެނގޭތީ އަހަރެން ހުރީ އެހެން ނުބުނަން ވެގެންނެވެ. އެކަމަކު އެވާހަކަ ދައްކާނީ ވެސް ފައިސަލް ނޫން އެހެން ކާކު ކައިރީގައި ހެއްޔެވެ؟ 

"ފައި އަލުން މަސައްކަތު ދާން ފަށަންވީނު؟" އާދޭހާ އެކު އަހަރެން އެދުނީމެވެ.

ވަރަށް ފަރުވާކުޑަ ގޮތަކަށް އާނއެކޭ ބުނެލާފައި ފައިސަލް ގެއިން ނުކުމެގެން ދިޔައެވެ. އޭނާ އަށް މަސައްކަތު ދެވޭ ވަރުވީ އަހަރެން އާދޭސްކުރާތާ ހަފުތާއެއް ވީފަހުންނެވެ. މި ފަހަރު ވެސް ދިޔައީ ވެލި ނަގާށެވެ. ފައިސަލަށް މަސައްކަތު ދެވުނީ ޖެހިޖެހިގެން ދެ ދުވަހެވެ. ތިންވަނަ ދުވަހު އަހަންނަށް ފަތިހު ހޭނުލެވުމުން ފައިސަލް ވެސް ނުތެދުވިއެވެ. ފަހުން އެކަމާ ދެރަވެގެން އަހަރެން އެވާހަކަ ދެއްކުމުން ކުށްވެރިވީ އަހަންނެވެ. 

"ރީމާ ނުގޮވީނު؟" ފޫހި ގޮތަކަށް ފައިސަލް ބުންޏެވެ.

"ޔޫސުފް ދަންވަރު ހޭލައިގެން އުޅެފަ، ވަރަށް ލަސްވިފަހުން ނިދީ. އެހެންވެ އަހަންނަށް ފަތިހު ހޭނުލެވުނީ" އަހަރެން ބުނީމެވެ. 

އޭގެ ދެތިން ދުވަސް ފަހުން ފައިސަލްގެ ބޮޑުދައިތަ އައިސް މާމަ ގެންދިޔައެވެ. ބޮޑުދައިތަ އަކީ މާލެއާ ކައިރި ރަށެއްގައި ވަޒަންވެރިވެގެން އުޅޭ މީހެކެވެ. 

"މާމަ ނެތިއްޔާ އަހަރެމެން ކިހިނެއް މިގޭގަ އުޅޭނީ؟" މާމަ ނެތުމުގެ ފަޅުކަމާއި، ދަތިކަން އިހުސާސްވުމުން އަހަންނަށް ބުނެވުނެވެ.

"ބަލަ މޮޔައާ! މާމަ ނެތީމަ އަހަރެމެންނަށް ފަސޭހައެއްނު ވާނީ. ދެން އަހަރެމެން ނުޖެހޭނެ މާމައާ ދޭތެރޭގަ ވިސްނާކަށް" ފައިސަލް އެކަމާ މާ ބޮޑަށް އަޅައެއްނުލިއެވެ.

ފައިސަލް މަސައްކަތު ދާ ދުވަސްތައް މަދުވަމުން ގޮސް އެންމެ ފަހުން އެކަން މުޅިން ހުއްޓުނެވެ. ގޭގައި އުޅޭ ނަމަ އޭނާ އަބަދު އޮންނަނީ ނިދާފައެވެ. ހޭލާ ހުރި ނަމަ ގޮސް އިންނަނީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ކުރިން އަހަންނަށް ވެސް އެ ގޮތް ކަމުދިޔައެވެ. އެކަމަކު މިހާރު ދަރިއަކު އޮތުމުން ދެން އެހެން ނޫޅެވޭނެކަން އަހަންނަށް ވިސްނިއްޖެއެވެ. 

ވަރަށް ފިނި ހެނދުނެކެވެ. ރޭގަނޑު ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި އޮތީ ފެން ހެދިފައެވެ. ދަރިފުޅު ހޭލުމުން މަންމަ ގެއަށް ދާން އުޅެފައި، ޚިޔާލު ބަދަލުވެގެން ގޮސް ބަދިގެއަށް ވަނީމެވެ. ކަޅުސައިތައްޓެއް ތައްޔާރުކޮށްލުމަށް ފަހު ބުއްފުޅި އަށް އޮއްސާލީމެވެ. އެވަގުތު މައި ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ދަރިފުޅު ކިހިއްޔަށް ޖަހައިގެން ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ރަށު އޮފީހުގެ އިސް މީހެކެވެ. އޭނާއާ އެކު ދެން ތިބި ދެ ފުލުހުން ފެނުމުން އަހަރެންގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން ޔަޤީންވިއެވެ. ގޭދޮށު މަގުމަތީގައި އަވައްޓަރިންނާއި، ރަށުގެ ޒުވާނުން އެއްވެގެން ތިއްބެވެ. ކޮންމެ މީހެއްގެ ކަޅި ވެސް ހުއްޓިފައި ހުރީ އަހަންނާ ދިމާއަށެވެ.

"ކޮބާ ފައިސަލް؟" ރަށު އޮފީހުން އައިސް ހުރި މީހާ އެހިއެވެ. 

"ފައިސަލް އޮތީ ނިދާފައި" ތުރުތުރުއަޅާ އަޑަކުން އަހަރެން ބުނީމެވެ.

"އޭނާ ބަލާ ފުލުހުން އައިސް ތިބި ވާހަކަ ބުނޭ!" އެ މީހާ އަމުރުކުރިއެވެ.

އަހަރެން ބޯޖަހާލުމަށްފަހު، ގޭތެރެއަށް ދެމިގަތީމެވެ. ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ފައިސަލަށް ގޮވީމެވެ. ފައިސަލް ހޭލީ ވަރަށް އުނދަގުލުންނެވެ.

"ފައި ކީއްކޮށްފަ އައިސް ތި އޮތީ؟" ފައިސަލް ހޫނ އަޅުވާލުމުން އަހަރެން އެހީމެވެ.

"ކީހިނެއްތަ ވީ؟" ލޯމަރައިގެން އޮވެ ފައިސަލް އެހިއެވެ. 

"ފައި ހޯދަން ޕޮލިހުން އައިސް އެބަތިބި"

ފައިސަލްގެ ގަޔަށް ހީވީ ތޫނު ކައްޓެއްހެރިހެންނެވެ. ފުންމައިގެން ތެދުވިއެވެ. ދެ ލޯ ބޮޑުވިއެވެ.

ފައިސަލް ހައްޔަރުކުރީ ވައްކަމުގެ ތުހުމަތުކުރެވިގެންނެވެ. އޭނާގެ އެކުވެރި ދެ ކުއްޖަކާ އެކު ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެއްޗެހިތަކެއް ވަގެއް ނެގީއެވެ. އެދުވަހު މުޅި ރަށުގައި ދެކެވުނީ އެވާހަކައެވެ. އެކަމަކު އެކަން ޤަބޫލުކުރާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. ފައިސަލް އެކަހަލަ ކަމެއް ނުކުރާނެއެވެ. 

"އެހެން މަސައްކަތެއް ނުކޮށް ހުންނަންޏާ ވައްކަން ވެސް ކުރެވޭނެ! މީހުންގެ އަތުން ފޭރެން ވެސް ފޭރޭނެ!" ދަރިފުޅު ގޮވައިގެން މަންމަ ގެއަށް ދިޔުމުން މަންމަ ބުންޏެވެ.

"އެއީ ރިއްޕެ މެން ކުރި ކަމެކޭ! ފައިސަލް އަބަދު އެމީހުންނާ އެކީގަ އުޅޭތީއޭ އެ ގެންދިޔައީ!" އަހަރެން ފައިސަލްގެ ދިފާއުގައި ވާހަކަދެއްކީމެވެ.

"ކީއްކުރަންތަ އެމީހުންނާ އެކީގައި އުޅެންވީ؟ އެއީ މި ރަށުގައި ހުރި އެންމެ ވިޔާނުދާ ސޮރު" މަންމަ ބުންޏެވެ.

"ރިއްޕެ ހަކުރު ވެސް ބޮޔޯ!" މަންމަ ދެއްކިވާހަކައަށް އަހަރެންގެ ދައްތަ އިތުރުކޮށްލިއެވެ.

"ހުސް ޔޯޔޯ! ރިއްޕެ ބޯ ދިގުކޮށްފަ ހުންނާތީ މީހުން ހަދައިގެން ދައްކާ ދޮގު ވާހަކަ" ރިއްޕެ އަކީ ފައިސަލްގެ ރައްޓެއްސެއް ނަމަވެސް އަބަދު ފައިސަލާ އެކުގައި އުޅޭތީ އަހަންނާ ވެސް ވަރަށް ގާތްކަން އޮވެއެވެ.

"އެއީ ހަމަ ތެދެއް! ރޭގަ އެ ފިހާރައިން ވެސް ވަގަށް ގެންދިޔައީ ސިގިރެޓާއި ކޯލާވާޓާރު ފުޅި ތަކާޔޯ!" ދައްތަ ބުންޏެވެ.

"އަނެއްކާ އަނެއް ވާހަކަ!" އަހަރެން ބޯހޫރާލީމެވެ. "ތި ވެސް އެ މޫސާފުޅު ދައްކައިގެން އުޅޭ ވާހަކައެއް!" ފައިސަލް މެން ކޯކުފުޅިއަށް ފާޑުފާޑުގެ އެއްޗެހި އަޅައިގެން އަމަލުވަނީއޭ ކިޔައިގެން އަޑު އެރުވީ ވައްކަންކުރި ކަމަށް އެ ބުނާ ފިހާރައިގެ ސޭޓެވެ.  

ފައިސަލް ގެންދިޔައީ އަތޮޅުގެ ވެރިރަށުގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ އިދާރާއަށެވެ. ފައިސަލަށް އެނބުރި އާދެވޭނެ ދުވަހެއް ނޭނގޭތީ ދަރިފުޅު ގޮވައިގެން އަހަރެން ދިޔައީ މަންމަ ގެއަށެވެ. އަހަރެން ހީކުރި ވަރަށް ވުރެ އަވަހަށް ފައިސަލް ބަންދުން ދޫކޮށްލިއެވެ. ކުށް ސާބިތުވާ ވަރަށް ހެކި ނެތީއެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ. އަހަންނަށް ހީވީ މުޅި ދުނިޔެ މިލްކުވިހެންނެވެ. ފައިސަލްގެ ގެއަށް ބަދަލުވެ، މުޅިން އާ ފެށުމަކުން ދިރިއުޅުން ފަށަން އަޒުމުކަނޑައެޅީމެވެ.

"ތީ ރިއްޕެއާ މާ ގާތްކޮށް އުޅޭތީ ބެދުނު މަޅިއެއް! ދެން ވެސް ވިސްނައިގެން އުޅޭތި!" އަހަރެން ފައިސަލަށް ނަސޭހަތްދިނީމެވެ. އަހަންނަށް ފެންނަ ފެނުމުގައި ފައިސަލްގެ އެއްވެސް ކުށެއް ނެތެވެ. އޭނާ އަކީ ސާފު ހުދު ފޮތިކޮޅެއް ފަދައެވެ. 

"އަދި މިދިޔަ މަހުގެ ކަރަންޓު ބިލު ވެސް އޮތީ ނުދެއްކި. މާމަ ނޫޅެންޏާ އަހަރެމެންނަކަށްނު ޖެހޭނީ" ކަރަންޓު ބިލު އޮތްކަން ހަނދާންވުމުން އަހަރެން ބުނީމެވެ. "ފައި އަނެއްކާ ވެސް އުޅެބަލަ ކޮންމެ ވެސް މަސައްކަތެއް ކުރަން"

"އަހަރެން ދެންތަ ރަނގަޅު ޚިޔާލެއް!" ވިސްނަން އޮވެފައި ފައިސަލް ބުންޏެވެ. "އަހަރެން ޔޫސުފް ބަލަން ގޭގައި ހުންނާނީ. ރީމާ ކޮންމެ ވެސް މަސައްކަތެއް ކުރަން ފަށާ!"

"އަހަންނޭ؟" ހައިރާންވެފައި އަހަރެން އެހީމެވެ. "އަހަންނަށް ކުރެވޭނީ ކޮން ކަމެއް؟" 

"އަހަރެން ބަލާނަން ރީމާއަށް ކުރެވޭ ކަހަލަ މަސައްކަތެއް ލިބޭތޯ؟"

ފައިސަލް އުޅުނީ ގޭދޮށު ފިހާރައެއްގެ ސޭޓަކަށް އިންނަން އަހަރެން ފޮނުވާށެވެ. އެއީ އަހަންނަށް ލިބުމަށް ވުރެ ނުލިބުން ގާތް ފުރުސަތެކެވެ. އެކަމަކު ނަސީބު ބުރަވީ އަހަންނާ އެއްކޮޅަށެވެ. އެމީހުން ދޭން ބުނާ މުސާރަ ކުޑަވެފައި، ހޭދަކުރަންޖެހޭ ވަގުތު ގިނަވުމުން އިތުރު ކުއްޖަކު އެމީހުންނަކަށް ނުލިބުނެވެ.

ވަރަށް ފޮނި އުއްމީދާ އެކު އަހަރެން ވަޒީފާއަށް ދާން ފެށީމެވެ. އެކަމަކު ދެތިން ދުވަހު ދެވުނު އިރު އަހަރެން މުޅިން ފޫހިވެއްޖެއެވެ. (ނުނިމޭ)