މީހުން ބުނާތީ އަހަމެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށެވެ. ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ އެވެ. އެކަމަކު އެބުނާ އުސްގަނޑެއް އަހަރެންގެ ދިރިއުޅުމަކަށް ނައެވެ. އަހަރެންގެ ޒުވާންކަން ނިމިގެން ދިޔައީ ދިރިއުޅުމުގައި ކުރިމަތިވި އަޑިގަނޑުތަކަށް ފަސްއަޅައި، ފޮރުވުމުގައެވެ. އަހަންނަށް ދުނިޔެ ފެނުނީ ކާމިޔާބެއް ނެތް ހަނގުރާމައެއްގެ ގޮތުގައެވެ. 

އަހަރެންގެ ޙަޔާތުގެ ޅަފަތުގެ ދުވަސްތައް ހޭދަކުރީ ބަނޑުހައިހޫނުކަމުގައެވެ. ފުދުންތެރިކަން ކުޑަ، މެމްބަރުން ގިނަ އާއިލާއަކަށް އުފަންވުމުގެ ނަތީޖާއަކަށްވީ ބޮލަށް ލެއްވި ލިބާހާއެކު ކައިވެނި ކުރަންޖެހުމެވެ. އުމުރުން އެންމެ ފަނަރަ އަހަރުގައި މަޖީދާ ކައިވެނި ކޮށްގެން މަޖީދުގެ ގެއަށް ބަދަލުވީމެވެ. މަޖީދަކީ އަހަރެންގެ ހޮވުމެއް ނޫނެވެ. އެއީ މައިންބަފައިން ދެއްކި މީހެކެވެ. އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަންނަށް ވުރެ ހައެއްކަ އަހަރު ދޮށީ މީހެކެވެ. ރަށާ މާދުރުނޫން ރިސޯޓެއްގައި ކުނިކަހާ މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ބަލައިލާކަށް ހުތުރެއް ނޫނެވެ. ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. އެކަމަކު ހިނގުމުގައި އަންހެން ގޮތެއް ހުރެއެވެ. އުޅޭއުޅުމަކަށް އަހަންނަކަށް ޝައުޤުވެރިއެއް ނުވެވުނެވެ. ފިރިހެންވަންތަކަމެއް ނެތީމައެވެ. އެކަމަކު އަހަރެން ޝުކުރުކުރީމެވެ. މަޖީދަކީ ވަޒީފާ އަދާކުރާ މީހަކަށް ވީތީއެވެ. މައިންބަފައިންނަށް ލުޔެއް ހޯދައިދެވުނީތީއެވެ. އަހަރެން އުޅެ ބޮޑުވި ހާލިން ނުކުމެ، މަޖީދުގެ ގޭގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުނީތީއެވެ. 

ކައިވެންޏަށް މަހެއް ނުވަނީސް މަޖީދު ފުރައިގެން ހިނގައްޖެއެވެ. ޗުއްޓީ ހަމަވީކަމަށް ބުންޏެވެ. އަހަރެންގެ ހިތް އެ ވާހަކަ ގަބޫލެއްނުކުރިއެވެ. އަހަންނަށް މަޖީދާ ދޭތެރޭގައި ޝައުޤުވެރި ނުވެވޭ ގޮތަށް، މަޖީދަށް ވެސް އަހަރެން ކަމުނުދާހެން ހީވިއެވެ. އޭނާ އުޅޭއުޅުމާއި، މޫނުމަތީގެ ކުލަވަރުން އަހަންނަށް އެކަން އިހުސާސް ކުރެވުނެވެ. ކައިވެނީގެ ކުރީކޮޅު ދެމީހުން މާބޮޑަށް ދުރުވެ، ފޫހިވާން ވެއްޖެ ނަމަ ފަހުން ވާނީ ކިހިނެއްބާއެވެ؟ އެކުގައި ނޫޅެވިގެން އެނބުރި ގެއަށް ދާންޖެހިއްޖެ ނަމަ ވާނެ ގޮތް ހިތަށް އެރުމުން އަހަރެން ތުރުތުރުއަޅައިގަތެވެ. އަހަރެންގެ ހިތުގައި މަޖީދާ ދޭތެރޭގައިވާ ހުރިހާ ހަމަނުޖެހުމެއް ހިތުން ނެރެލީމެވެ. މަޖީދަކީ އަހަރެންގެ ފިރިމީހާކަން ޤަބޫލުކޮށް، ހިތުގެ އެންމެ ފުންމިނުން ފިރިއެއްގެ ދަރަޖަ އޭނާ އަށް ދިނީމެވެ. 

އެކަމަކު މަޖީދުގެ ހިތުން އަނތްބެއްގެ މަޤާމު އަހަންނަކަށް ނުލިބުނެވެ. އަހަންނަށް ލިބުނީ މަޖީދުގެ ދަރިންގެ މަންމަގެ މަޤާމެވެ. އަހަރުދެކޮޅު ވިހަންޖެހުމާ އެކު، ރިސޯޓުގައި ހުރެފައި މަޖީދު ފޮނުވާ އެއްޗަކުން ދެކޮޅުނުޖެހިގެން ކަށީގެމަދުން ހިތްވަރުނެރެގެން އަހަރެން ވެސް ދިރިއުޅުމަށްޓަކާ މަސައްކަތްކުރަން ފެށީމެވެ. ފަންގިވިނުމާއި، ރޯނުވެށުމާއި، އިލޮށިފަތި ހަދައިގެން ވިއްކުމުގައި ރެއާއި ދުވާލު އުޅުނީމެވެ. އަހަރެންގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދާކަން އެނގުމުން މަޖީދު އަހަންނަށް ޚަރަދުކުރުން މުޅިން ހުއްޓާލިއެވެ. އޭނާގެ މުސްކުޅި މައިންބަފައިން ނިޔާވުމުން ރަށަށް އައުން ކުރިއަށް ވުރެ މަދުވިއެވެ. ބައެއްފަހަރު ދެތިން އަހަރު ކޮށްފައި ވެސް އަތުވެދާނެއެވެ. ރަށަށް އަޔަސް އަހަންނާ އެއްވެސް ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަޖީދުގެ ފަރާތުން ފެންނަމުން ދިޔަ ދުރުކަމަށް އަހަންނަކަށް ކެތެއްނުކުރެވެއެވެ. ބޭރުފުށުން ފޮރުވައިގެން ހުރި ނަމަވެސް އަހަރެންގެ ހިތަށް ވަރަށް އަސަރުކުރެއެވެ. މަޖީދު ލޯބިން އަހަންނަށް ބަލައިލާ، ވާހަކަދައްކާލާނެ ވަގުތަކަށް އިންތިޒާރުކުރެވެއެވެ. އޭނާ ފުރައިގެން ދާން އުޅޭ ކޮންމެ ފަހަރަކު އަހަންނާއި ދަރިން ދޫކޮށްފައި ނުދިޔުމަށް އެދި އާދޭސްކުރަން ހިތަށް އަރައެވެ. އެކަމަކު އެ ހިތްވަރެއް ނުލިބެއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަޖީދުގެ ހިތް އޮތްގޮތް އަހަންނަށް އެނގެއެވެ. މިއީ ކުށްހީއެއް ނޫނެވެ. ހަޤީގަތެކެވެ. މަޖީދަށް އަހަރެން ކަމަކުނުދެއެވެ. އަނތްބެއްގެ ނަޒަރަކުން ނުދެކެއެވެ. ސަބަބު އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ފަރާތުން މަޖީދު ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމެވެ. 

އަހަންނަކީ ޒާތީ ވާހަކަތައް އެއްވެސް މީހަކާ ހިއްސާކުރަން ބޭނުންވާ މީހެއް ނޫނެވެ. ޝަކުވާތައް ހިތުގައި ފޮރުވައިގެން ހުރުމަކީ ކިތަންމެ ބޮޑު ވޭނެއް ނަމަވެސް އަހަރެންގެ ދުލުން އެއްވެސް ޝަކުވާއެއް ހާމައެއް ނުކުރަމެވެ. އެކަމަކު އަހަރެންގެ ދިރިއުޅުމުގައި ހުރި މައްސަލަތައް ރައްޓެހިންނާއި، އަވަށްޓެރިންނަށް އެނގެއެވެ. އަހަރެން މިއީ މަޖީދުގެ އަނބިމީހާއެވެ. އެކަމަކު އަހަންނަށް ވުރެ ބޮޑަށް މަޖީދުގެ ހަޤީގަތް އެމީހުންނަށް އެނގޭހެން ބައެއްފަހަރު އަހަންނަށް ހީވެއެވެ.

"ރަށަށް އަންނަން ނުކެރޭއިރު ޚަރަދުކުރާކަށް ވެސް މަޖީދަކަށް ނުކެރޭ ދޯ! އެއީ އެކަހަލަ ފިރިހެނުންގެ ވައްތަރު" އަހަރެންގެ އަވަށްޓެރިއެއް ކަމުގައިވާ ހައްވާފުޅު ބުންޏެވެ. އަހަރެން ދިޔައީ އެގޭ ދޯނި މަހުންލަފައިގެން އުޅޭތީ މަސްކެއްކުމުގައި އެހީތެރިވެދޭށެވެ. 

ހައްވާފުޅުގެ އެވާހަކައަށް އަހަރެން ޖަވާބެއް ނުދެމެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ 

"އެ އުޅުން އުޅެން ފަށައިފި މީހަކު އިސްލާހެއް ނުވާނެ. ހަމަ ޢީމާންތެރިކަން ކުޑައީ. ﷲގެ ޢަޒާބަށް ބިރުވެތި ނުވަނީ" ސާފުބަހުން ބުނަންނުކެރިގެން ހައްވާފުޅު ވާހަކަދެއްކީ ދުރުދުރުންނެވެ. 

އެކަމަކު އެ ވާހަކަ އަހަންނަށް ފަހުމުވިއެވެ. އެއީ ކުރިން ވެސް އެކި މީހުންގެ ފަރާތުން އެކި ގޮތްގޮތަށް އެނގިފައިވާ ވާހަކައަކަށް ވީތީއެވެ. އެކަމަކު އެކަން ޤަބޫލުކުރުމާ ނުކުރުމާ މެދު އަހަންނަކަށް ގޮތެއް ނުނިންމުނެވެ. ބުރަވާންވީ ކޮން ކޮޅަކަށް ކަމެއް ވެސް ނޭނގުނެވެ. އަހަންނަށް ކުރެވުނުހާ ވެސް ކަމަކީ ﷲގެ ހަޟުރަތުގައި ދުޢާ ދެންނެވުމެވެ. 

މަޖީދު ކައިރީގައި އެއްވެސް ޝަކުވާއެއް ނުކުރުމަށް ނިންމައިގެން ހުރި ނަމަވެސް އެންމެ ފަހުން އޭނާ އަށް ނަސޭހަތްދީ، ވިސްނައިދެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށް ބަދަލުވުމަށް އެދުނީމެވެ. ދަރިންނަށް މަޖީދުގެ ލޯތްބާއި، އަޅާލުން ބޭނުން ވާނެ ކަން ހަނދާންކޮށްދިނީމެވެ. އަހަންނަށް އެކަނި ދަރިންގެ ހުރިހާ ޒިންމާއެއް ނުއުފުލޭނެކަމާއި، ޚުދު އަހަންނަށް ވެސް ފިރިއެއްގެ އެހީތެރިކަން ބޭނުންވާކަން ވިސްނައިދެވޭތޯ ބެލީމެވެ. އެކަމަކު މަޖީދުގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. ކޮންމެ ފަހަރަކު ވެސް އަނގައިން ނުބުނެ ހުންނަނީއެވެ. 

އަހަރުތައް ފާއިތުވަމުން ގޮސް އަހަރެންގެ ދޮށީ ދަރިފުޅަށް ސޯޅަ އަހަރު ފުރިއްޖެއެވެ. އަހަރެންގެ އެކަނިވެރިކަމަކަށް ވެސް އަދި މަޖީދުގެ އުޅުމަކަށް ވެސް އެއްވެސް ބަދަލެއް ނާދެއެވެ. މަޖީދާ ބެހޭގޮތުން އަހަންނަށް އިވޭ ވާހަކަތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ހުތުރުވަމުން ދިޔައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެންމެ ފަހުން ސާފު ބަހުން މަޖީދާ ވާހަކަދެއްކުމަށް ފަހު، ކޮންމެ ވެސް އެއްގޮތަކަށް މިކަން ނިންމުމަށް އެދުނީމެވެ. ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށް ބަދަލުވެ، އަހަރެމެންނާ އެކު ރީތިކޮށް ދިރިއުޅެން އައުމަށް އެދުނީމެވެ. އެކަން އެހެން ނުކޮށްފިނަމަ އަހަރެން އަމިއްލައަށް ވަރިވާނެކަމުގެ އިންޒާރު ދިނީމެވެ. 

"ކީއްވެތަ އެއްޗެކޭ ނުބުނެ ތި އިންނަނީ؟" ދެ އުޅަނބޮށި ދެ ކަކުލުގައި ޖައްސައިގެން، ދެ އަތުން ބޮލުގައި ހިފަހައްޓައިގެން އިން މަޖީދުގެ އަތުގައި ހިފައި އަހަރެން ތަޅުވައިގަތީމެވެ.

"އަހަންނަށް ރޯޝަންއާ ވަކިން ނޫޅެވޭނެ" މަޑުމަޑުން މަޖީދު ބުންޏެވެ. އެ އަޑުގައި ވަނީ އާދޭހެވެ. 

އެކަމަކު އެ އާދޭހެއް އަހަންނަކަށް ނީވުނެވެ. އަހަންނަށް އެ ޖުމުލަ އަޑު އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ބުނާނެ އެއްޗެއް ދުލަށް އައީ ވެސް އެތައް އިރެއް ވީފަހުންނެވެ.

"މީހުން މަޖީދުގެ ތި ވިޔާނުދާ އުޅުމުގެ ވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެ! އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން. އެއީ އަހަރެން މަޖީދަށް އިތުބާރު ކުރާތީ. މަޖީދާ އެކު ދިރިއުޅެން ބޭނުން ވާތީ. އެކަމަކު މިއަދު މަޖީދުގެ ދުލުން އިޢުތިރާފުވުމުން އަހަންނަށް ގޮތް ހުސްވެއްޖެ! އަހަރެންގެ ހަށިގަނޑުގަ ނެތް ހިތްވަރުކޮށްގެން އަހަރެން ދިރިއުޅެން މަސައްކަތް މި ކުރަނީ އަހަރެމެންގެ މިތިބަ ދަރިންނަށްޓަކާ. އެކަމަކު ތިފަދަ ބޮޑު ފާފައެއް ކުރަނިކޮށް އަހަރެން ކިހިނެއް އިތުރަށް. . ." އަހަރެންގެ އަޑު ބެދި، ގިސްލެވެން ފެށިއެވެ. ކުޑަކަކޫޖަހައިގެން މަޖީދުގެ ފައިތިލަދޮށުގައި އިށީނީމެވެ. 

"އަހަރެން ވަޒީފާ ދޫކޮށްލާފަ ޒާހިދާމެން ކައިރިއަށް ރަށަށް ބަދަލުވެދާނަން. އެކަމަކު އަހަރެން ކާއެއްޗެއް ކައިގެން، އަހަރެން އުޅޭ ތަނެއްގަ ރޯޝަން އަށް އުޅެވެން ޖެހޭނެ!" މަޖީދު ޝަރުތެއް ކަނޑައެޅިއެވެ. 

އެކަމަކު އެ ޝަރުތާއި އަހަންނަށް ރުހެވޭނީ ކޮން ހިތަކުން ހެއްޔެވެ؟ އެއްކޮޅުން ރޯޝަން އަކީ ހިލޭ ފިރިހެނެކެވެ. ބިދޭސީ އެކެވެ. ޣައިރު ދީނުގެ މީހެކެވެ. އަހަރެންގެ ބޮޑުވެފައި ހުރި އަންހެން ދަރިއަކު އެބަހުއްޓެވެ. އަނެއްކޮޅުން އަހަރެން އެ ޝަރުތު ޤަބޫލުކޮށްފިނަމަ މަޖީދުމެން އެ ކުރާ ފާފައިގައި އަހަންނަށް ވެސް ބައިވެރި ވެވުނީއެވެ. އެ މީހުންނަށް އެ ކަމަށް މަގުފަހިކޮށްދެވުނީއެވެ. 

އަހަންނަކަށް އެ ޝަރުތު ޤަބޫލެއް ނުކުރެވުނެވެ. އަހަންނަށް ޖެހުނީ ދަރިންކޮޅު ގޮވައިގެން އެ ގެއިން ނުކުންނާށެވެ. ރަނގަޅު ގޮތެއް މިންވަރު ކުރައްވާތޯ ކެނޑިނޭޅި އަހަރެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިގޮތަށް ފެނުމުން އަހަރެންގެ ހިތްވަރުއެލުނެވެ. އެކަމަކު ދުނިޔޭގެ ދިރިއުޅުމަކީ އިމްތިހާނެއްކަން ހިތަށް ވިސްނައިދީ، އާ ހިތްވަރަކާއި، އާ އުއްމީދުތަކަކާ އެކު ތެދުވަން މަސައްކަތް ފެށީމެވެ. ފިރިއެއް ނެތްކަމުގެ އިހުސާސް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މަޖީދަކީ ހަމައެކަނި ނަމެއްގައި ހުރި ފިރިއެކެވެ. އަހަރެން ބޭނުން ވަނީ މަޖީދު މަތިން ހަނދާންނައްތާލާށެވެ. ޙަޔާތުގެ އެ ކަޅު ޞަފުހާ ހިތުން ފުހެލާށެވެ. މި ހުރިހާ ދުވަހު ކޮންމެ ކަމަކާ ވެސް އަހަރެން ކުރިމަތިލީ އެކަންޏެވެ. އެކަމަކު މިހާރު އަހަންނަށް ހިތްވަރުދީ، އަހަންނާ އެކުގައިވާނެ ޞާލިޙު ދަރިން އެބަ ތިއްބެވެ. އަހަރެން އެ ނިޢުމަތަށް ޝުކުރުވެރިވަމެވެ. (ނިމުނީ)