އަހަރެން ބޮޑުވީ މިނިވަން ޖައްވެއްގައެވެ. އަހަންނަށް ދުނިޔެ ލިބިފައި އޮތީ ހިތަކަށެވެ. އަހަރެން ކޮންމެހެން ކުރަންޖެހޭ ކަމެއް ނުވަތަ ކުރުން މަނާ އެއްވެސް ކަމެއް ނޯވެއެވެ. ސްކޫލަށް ދާން ބޭނުންވާ ދުވަހަކު ދާންވީއެވެ. ދާހިތްނުވާ ދުވަހަކު ބޮލުގައި ރިއްސަނީކަމަށް ބުނެފައި ނިދަން އޮންނަންވީއެވެ. އަހަރެންގެ މައިންބަފައިންނަކީ ދޭންޖެހޭ ވަރަށް ވުރެ ބޮޑަށް ދަރިންނަށް މިނިވަންކަން ދޭ ބައެކެވެ. އެމީހުންނަށް އުނދަގޫނުކޮށް، ބޭނުން ގޮތަކަށް އުޅެންވީއެވެ.
ކުޅުމާއި މަޖަލުގައި އަހަރެންގެ ހަޔާތުގެ ދުވަސްތަށް ވޭތުވަމުންދިޔައެވެ. ކިޔެވުމަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ. ބައެއް ގްރޭޑްތަކުގައި ދެ އަހަރު ވެސް އުޅެން ޖެހުނެވެ. ފުރާވަރަށް އެޅުމާއެކު އަހަރެންގެ އެކުވެރި ދެ ކުއްޖަކާ އެކު ފިރިހެން ކުދިން ފަހަތުން ބުރުޖަހަން ފެށީމެވެ. އެކަމަކު އަހަންނާ އެއް އުމުރުގެ ކުދިންގެ ތެރެއިން އަހަންނާ ރައްޓެހިވާނެ ކުއްޖަކު ނުވިއެވެ. އެމީހުންނަށް އަހަރެންގެ ހަޤީޤަތް އެނގެއެވެ. އަހަންނަކީ ޤުރުއާން ކިޔަވަން ނުދަންނަ "ޖާހިލެކެވެ". އިނގިރޭސި ކިޔަން ނޭނގޭ "ގަމާރެކެވެ". ކޮންމެ ކަމެއްގައި ވެސް ފަހަތުން "އެއްވަނަ" އެވެ.
ދެން އަހަރެން އުޅުނީ އަހަންނަށް ވުރެ އުމުރުން ދޮށީ ކުދިންގެ ފަހަތުންނެވެ. އެ ގޮތް ވަރަށް ކާމިޔާބެވެ. ދެ އިރު ދެ ދަޅައަށް ހެދުން ބަދަލުކުރާ އުސޫލުން އަހަރެންގެ ހަޔާތަށް ފިރިހެނުން އައިސް، ގޮސްވިއެވެ. އަހަރެން ހުރީ އަށާރަ އަހަރު ފުރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރައްޓެހިވާ ކޮންމެ މީހަކާ އެކުގައި ވެސް ދިރިއުޅުމުގެ ހުވަފެން ދެކެމެވެ. އެކަމަކު އޭގެ މާ ކުރިން ކޮންމެ މީހަކު ވެސް ވަކިވެގެން ދެއެވެ.
އަށާރަ އަހަރު ފުރުނު އިރު އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފައިސަލާއެވެ. އެއީ އަހަންނާ ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ. ހައެއްކަ އަހަރު މާލޭގައި އުޅެފައި ރަށަށް އައިސް އުޅޭތީ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުތަކެއް ވެސް އޭނާއަށް އޮތީ ކުރެވިފައެވެ.
ފައިސަލް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ބަލައިލަން ރީއްޗެވެ. އޭނާ ހުރީ އަހަރެން އާނ ބަސް ބުނިހާ އަވަހަކަށް ކައިވެނިކުރަން ތައްޔާރަށެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ނުވައެއްގައެވެ. ފައިސަލްގެ ލޯބީގައި ދިވާނާވެ، އަހަރެން ތަޢުލީމީ ޙަޔާތަށް އަލްވަދާޢުކީމެވެ. ކިޔެވުމަކީ އެއްވެސް އިރެއްގައި އަހަރެން ކުރާހިތްވި ކަމެއް ނޫނެވެ. އަހަންނާ އެއް އުމުރުގެ ކުދިން ގްރޭޑް ދިހައެއް ނިންމުމަށްފަހު ސްކޫލުން ވަކިވިތާ ކިތަންމެ ދުވަހެކެވެ. އަހަންނަށް ވެސް މިހާރު ފުދޭވަރަކަށް ކިޔެވިއްޖެއޭ ހީވިއެވެ.
ކައިވެނިކޮށްގެން އަހަރެން ފައިސަލްގެ ގެއަށް ބަދަލުވީމެވެ. އެއީ ފައިސަލްގެ ބައްޕަ ފަރާތު މާމަގެ ގެއެވެ. ހަޤީޤަތުގައި ފައިސަލްގެ ގެއެއް ނެތެވެ. އޭނާގެ ބައްޕަގެ ގެއެއް ވެސް ނެތެވެ. މަންމަ އަކީ ބީރައްޓެސެކެވެ. ބައްޕަ އުޅެނީ މާލޭ މީހަކާ އިނދެގެން މާލޭގައެވެ.
ކައިވެންޏަށްފަހު ފުރަތަމަ އެއް މަސް ދުވަސް ހޭދަވީ ވަރަށް އުފާވެރިކޮށެވެ. އަހަރެން އެންމެ ބޭނުންވި ގޮތަށެވެ. ފައިސަލް އަބަދު ހުންނަނީ އަހަރެން ކައިރީގައެވެ. އެންމެ ސިކުންތަކަށް ވެސް ދުރަކަށް ނުދެއެވެ. އަހަރެން ބުނިއްޔާ ބުނިހާ ކަމެއް ކޮށްދެއެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާކަށް އަހަންނަކަށް ނުޖެހެއެވެ. ހުރިހާ ކަމެއް ކުރަނީ މާމައެވެ. ކޮންމެ ރެއަކު ދަންވަންދެން ޓީވީ ބަލަން ތިބެފައި، އަހަރެމެން ހޭލަނީ މެންދުރުވާ ފަހުންނެވެ. ދެން އޮންނަ ހުރިހާ ވަގުތެއް ހޭދަކުރަނީ މަޖަލާއި، ސަކަރާތުގައެވެ. ގުރޫޕު ހަދައިގެން ވަލުތެރެއާއި ދަނޑުބިންތަކުގައި ދުވުމެވެ. މަޖާހަދައިގެން ތުނޑިއަށް ދިޔުމާއި، މޫދަށް ދިޔުމެވެ.
އެ ގޮތުގައި މުޅި އުމުރު ހޭދަކުރެވިދާނޭ އަހަންނަށް ހީވިއެވެ. އެކަމަކު އެއީ އަހަންނަށް ފެނުނު އަވާމެންދުރެކެވެ. މަސް ދުވަސް ވީއިރު އަހަރެމެންގެ މެދުގައި ފުރަތަމަ މައްސަލަ ޖެހިއްޖެއެވެ. ފައިސަލްގެ އަތްމަތި ހުސްވީއެވެ. ޚަރަދުކުރާނެ އެންމެ ލޯ ލާރިއެއް ވެސް ނެތުމުން އަހަންނަށް ޝަކުވާކުރެވުނެވެ.
"ލާރި ހޯދަން އަހަރެން ދެން ކިހިނެއްތަ ހަދަންވީ؟ އަލުން ރިސޯޓަށް ދާންވީތަ؟" ފައިސަލް އެހިއެވެ.
އަހަންނާ ކައިވެނިކުރުމުގެ ކުރިން ދެތިން މަސްދުވަހު ރިސޯޓެއްގެ ރޫމްބޯއީ އަކަށް އޭނާ އުޅުނެވެ.
"ފައި ދިޔައިމަ އަހަރެން ކިހާ އެކަނިވާނެ؟" އަހަންނަށް ނުފެންނަ ހިސާބަށް ފައިސަލް ފޮނުވާކަށް އަހަންނަކަށް އެއްބަހެއް ނުވެވުނެވެ. "ރަށުން ވަޒީފާއެއް ހޯދަން އުޅޭ! އަހަރެން ވެސް ބަލާނަން ވަޒީފާއެއް ލިބޭތޯ"
ބުނެލަން ކިތަންމެ ފަސޭހަ ނަމަވެސް، އެއީ ވާނެ ކަމެއް ނޫނެވެ. އެންމެ ބޮޑު މައްސަލައަކީ ވަޒީފާއެއް ލިބޭ ވަރަށް އަހަރެމެން ދެމީހުން ކުރެ އެއްވެސް މީހަކަށް ކިޔެވިފައި ނެތުމެވެ. މިހާރުގެ އެންމެ އަސާސީ ތަޢުލީމީ ފެންވަރަކީ ގްރޭޑް ދިހައެއް ނިންމާފައި ހުރުމެވެ. އަހަރެމެންނަށް އެވަރު ވެސް ނުވިއެވެ.
ދެން ހަދާނެ ގޮތެއް، ކުރާނެ ކަމެއް ނޭނގި ކަރުއެލުވާލައިގެން ތިއްބައި އަހަރެމެންނަށް އެހީވީ މާމައެވެ. މާމަގެ ގާތް މީހަކާ އެކުގައި ފައިސަލް ވެލިނަގަން ދާން ފެށިއެވެ. އަހަރެން ވެސް މަސް ކެއްކުމުގައި އެހީވެދޭން ކައިރި ގެއަކަށް ދާން ފެށީމެވެ. ދެން ހުރިހާ ކަމެއް ހަމަޖެހުނީއޭ ހީވިއެވެ. އެކަމަކު އަހަންނަށް އެ ގެއަށް ދެވުނީ ދެ ދުވަހެވެ. ތިންވަނަ ދުވަހު މޭ ނުބައިކޮށް، ހޮޑުލަވާތީ އެނދުން ތެދުވާކަށް ނުކެރުނެވެ. އަހަންނަށް ހޭހަންކުރަން ހުންނަން ޖެހުމުން ފައިސަލަށް ވެސް މަސައްކަތު ދެވޭ ގޮތެއް ނުވިއެވެ. އަހަރެމެން ތިބީ ޖެހިގެން އަންނަ ދުވަހު މަސައްކަތު ދާނީއޭ ހީކޮށްގެންނެވެ. އެކަމަކު އެ ދުވަހު އަހަރެންގެ ހާލު މާ ގޯހެވެ. މާ ގިނައިން ހޮޑުލެވި ކަރުން ލޭ އައެވެ. އެއްވެސް އެއްޗެއް ކައިބޮއި ނުހެދޭތީ ގައިން ބާރުދޫވިއެވެ.
"ރީމާ ބަލިވެ އިނީ ކަންނޭނގެ! އަވަހަށް ހިނގާ ސެންޓަރަށް ގެންދަން!" މާމަގެ އަޑު އަހަންނަށް އިވުނީ ވަރަށް ފަނޑުކޮންނެވެ. ދެން ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ރަށު ސިއްހީ މަރުކަޒުގައެވެ.
"ރީމާ!" ހިނިތުންވެލަމުން ފައިސަލް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. "ރީމާ މަންމައަކަށް ވަނީ"
އެ ޚަބަރުން އަހަންނަށް ލިބުނީ ސިހުމެކެވެ. އަހަރެން ވާންވީ އުފާކަމެއް، ނުވަތަ ދެރަކަމެއް އަހަންނަކަށް ނޭނގެއެވެ. އެއީ އަހަރެންގެ ޚިޔާލަށް ވެސް ގެނެވިފައިވާ ކަމެއް ނޫނެވެ. ދަރިއަކު ހޯދައި، މަންމަ އަކަށް ވުމަކީ އަހަރެން އެއްވެސް ވަރަކަށް ވިސްނާފައި އޮތް ކަމެއް ވެސް ނޫނެވެ.
އެވަގުތު އަހަރެންގެ މަންމަ އައިސް ވޯޑަށް ވަނެވެ.
"އަހަރެން އަންނާނަށް ގެއަށް ގޮސް ކުރުނބައެއް ހިފައިގެން!" މަންމަ އައުމުން ފައިސަލް ނުކުމެގެން ދިޔައެވެ.
"ދެން އުޅެން ވާނީ ވަރަށް ބަލައިގެން. މާ ބުރަ މަސައްކަތްކޮށް ނުހަދާތި" އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން މަންމަ އަހަންނަށް ވިސްނައިދިނެވެ.
"އަހަރެން ކޮންއިރަކުތަ ބުރަކޮށް މަސައްކަތް ކުރީ؟ ހައްވަދައިތަ ގޯއްޗަށް ވެސް މި ދިޔައީ އެންމެ ދެ ދުވަހު!" އަހަރެން ބުނީމެވެ.
"މީގެ ފަހުން އެ ގޯއްޗަށް ވެސް ނުދާތި. ބަލިވެ އިންނަތާ ކުރީކޮޅު ޖެހޭނެ އަރާމުކުރަން!" މަންމަ ބުންޏެވެ.
ހަޤީޤަތުގައި ބަލިވެ އިނުމަކީ ކިހިނެއްވާ ކަމެއް ކަން އަހަންނަކަށް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެ މީހަކު ކައިވެނި ކޮށްގެން އުޅޭ ނަމަ ބަލިވެ އިންނާނެއެވެ. ދަރިން ލިބޭނެ އެވެ. ދެން ޖެހޭނީ އެ ދަރިން ބަލައި ބޮޑު ކުރާށެވެ. އެއީ އަހަންނަށް އެނގޭ މިންވަރެވެ.
އެ ދުވަހު މެންދުރުފަހު އަހަރެން ގެއަށް ފޮނުވާލިއެވެ. އެކަމަކު އޭރު ވެސް އަހަރެންގެ ޠަބީއަތު ހަމައަކަށް ނޭޅެއެވެ. ހުންނަނީ މޭނުބައިކޮށްފައެވެ. ކާހިތްކެނޑިފައެވެ. ފޫހިވެފައެވެ.
"ހިނގާބަލަ ހިނގާލަން ދާން" އަހަރެން މޫނުކުނިކޮށްގެން އޮތް ތަން ފެނިފައި ފައިސަލް ބުންޏެވެ. "އަތިރިމައްޗަށް ގޮސް ފިނިވައި ލިބުނީމަ ހަމަޖެހިދާނެ!"
"އަހަރެން ބޭނުމެއް ނޫން ބަނޑުބޮޑުވާކަށް!" ތުން އޫކޮށްލަމުން އަހަރެން ބޮޑާހޭކީމެވެ.
"ދެން!" ފައިސަލް ޗޮކެއްކަނޑާލިއެވެ. "ދައްކާ ވާހަކަ. މީހުންނާ އިނީމަ ބަލިވެ ވެސް އިންނާނެ އެއްނު! ތީ އެންމެންނަށް ވެސް ވާ ކަމެކޭ!"
އަހަރެން ބުނާ އެއްޗެއް ފައިސަލަކަށް ނުވިސްނެއެވެ. ނުވަތަ ވިސްނަން ބޭނުން ނުވަނީއެވެ. ކުއްޖަކު ހޯދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަށް ތައްޔާރެއް ވެސް ނޫނެވެ. ފައިސާގެ ދަތިކަން އިންތިހާއަށް އެބައޮތެވެ. ވިހައިގެން އުޅޭނެ ރަނގަޅު ކޮޓަރިއެއް ވެސް ހެދިފައެއް ނެތެވެ.
"ދެން ތެދުވޭ!" ފައިސަލް އަހަރެންގެ އަތުގައި ހިފައި، އެނދުން ނެގިއެވެ. "ރީމާ އަވަހަށް ރަނގަޅުވޭ! މާދަމާ އަހަރެން ޖެހޭނެ ހަމަ ކޮންމެހެން ވެސް މަސައްކަތު ދާން! މިއަދު މިއުޅެނީ ސިގިރެޓެއް ވެސް ނުބޮއެ!"
މަސައްކަތު ދިޔަ ދެ ދުވަހު ފައިސަލަށް ލިބުނީ އެންމެ ހަތަރު ސަތޭކަ ރުފިޔާއެވެ. މިހާރު އެ ފައިސާ ހުސްވީއެވެ. ފައިސަލް ކޮންމެ ދުވަހަކު ކެމަލް ހާޑް ފޮށްޓެއް ހުސްކުރެއެވެ. އަތުގައި ފައިސާފޮއްޗެއް އޮތިއްޔާ އެނާޖީ ޑްރިންކް ބޮއެވެ.
ޖެހިގެން އައި ދުވަހު ފައިސަލް މަސައްކަތު ދިޔައެވެ. އަހަންނަށް އެނދުން ތެދުވޭ ވަރެއް ނުވިއެވެ. ހޮޑުލެވިލެވި ގޮހޮރު ހުސްވުމުން މާމައަށް ގޮވީމެވެ.
"ބަނޑުހައި ވަނީ. އެނބުރުން އަރަނީ. މޫނުމައްޗަށް އަނދިރި ވަނީ. ފައިސަލަށް އަންގައިދީ. . . " ވާ ހުރިހާ އުނދަގުލެއްގެ ވާހަކަ ބުނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އަހަރެންގެ އަޑު ބޭރުވަނީ ވެސް ކިރިޔާއެވެ.
"ތި އުޅެނީ މާ ބޮޑަށް ބަނޑުހައިވެގެން. އަންނާނަން ރޮށްޓާ މަސްހުންޏާ ހިފައިގެން!" މާމަ ބުންޏެވެ.
"ނުކެރޭނެ މަސްހުނި ކާކަށް" މާމަ ދާން އުޅުމުން އަހަރެން މާމަގެ އަތުގައި ހިފެހެއްޓީމެވެ.
"ދެން؟ ރިހާކުރު ގެންނަންތަ؟ ދިޔާހަކުރު ގެންނަންތަ؟" މާމަ ފަހަރަކު އެއްޗެއްގެ ނަން ކިޔަމުން ގެންދިޔައެވެ. އަހަންނަށް ކާން ކެރޭނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ.
"އަހަރެމެން ގޯތި ގިފިލީގަ ހުންނާނެ ބިލިމަގު ގަހެއް! އަހަރެން މަންމަ ކައިރިއަށް ކުއްޖަކު ފޮނުވައިގެން ބިލިމަގު ކޮޅެއް ގެނެސްދީ. . ." ވަރަށް އާދޭހާއެކު އަހަރެން ބުނީމެވެ.
"ބިލިމަގު ކައިގެން ވަރުޖެހޭނެތަ؟ މާމަ އަންނާނަން ކުރުނބައެއް އަޅައިދޭނެ މީހަކު ވޭތޯ ބަލައިފަ"
މާމަ ގެއިން ނުކުމެގެން ދިޔަފަހުން އަހަރެންގެ ހޭވެރިކަން ނެތުނެވެ. ދެން ހޭލެވުނީ އަހަރެންގެ މަންމަ އައިސް މޫނުގައި ފެން އުނގުޅަނިކޮށެވެ. އޭރު ބޮޑުއަށި މަތީގައި މާމަ އިނެވެ. ތައްޔާރުކޮށްފައި ހުރި ކުރުނބާތައް ކައިރީގައި ހުއްޓެވެ. އަހަރެން ލޯ ހުޅުވާލުމާ އެކު ކުރުނބާފެން ތަށްޓެއް ގެނެސް ބޯންދިނެވެ.
"އަދިވެސް ފައިސަލް ނާދޭތަ؟" އަނގައިން ބުނެވޭ ވަރު ވުމުން އަހަރެން އެހީމެވެ.
"އަދި އެ ޖެހީ ދޭއް! ފައިސަލް އަންނާނީ އިރުއޮއްސޭ އިރު!" މާމަ ބުންޏެވެ.
"ފައިސަލް ނެތަސް ކައިގެން، ބޮއެގެން ހުންނަން ވާނީ. އެއްވެސް އެއްޗެއް ނުކައި ހުންނާތީ ތިހެން ތި ވަނީ" މަންމަ އިނީ ހިތްހަމަނުޖެހިފައެވެ. ހީވަނީ ބޮނބިތަޅަން އިނދެފައި އައިސް އިން ހެންނެވެ. މުޅި ގައިގައި އޮތީ ބޮނބި ކުނޑިއެވެ.
"ކާން ކެރޭ އެއްވެސް އެއްޗެއް މިގެއަކު ނެތޭ!" އަހަންނަށް ޝަކުވާކުރެވުނީ މާމަ ވެސް ހުއްޓައެވެ.
"މި ގޭގަ ހުރި އެއްޗެހި ކާން ނުކެރެންޏާ ގޯއްޗަށް އަންނަ ނަމަ. މާ މޮޅެތި އެއްޗެހި ނެތަސް އަހަރެމެން ކާ އެއްޗެއް ރީމާ އަށް ވެސް ހުންނާނެ"
މަންމަ ނުކުމެގެން ދިޔުމުން މާމަ އައިސް އަހަރެން ކައިރީގައި އިށީނެވެ.
"އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ ފައިސާއިން ގޭތެރޭގެ ހުރިހާ ޚަރަދެއް މި ކުރަނީ. މިހާރު މީ މަސް ނިމޭކޮޅުވީމަ މާމަ އަތުގަ އެއްވެސް އެއްޗެއް ނެތީ" އަހަރެންގެ އަތުގައި ފިރުމާލަމުން މާމަ ބުންޏެވެ.
ވިސްނާނުލައި އަހަންނަށް ބުނެވުނު އެއްޗަކުން މާމަ އިނީ ހިތުގައި ޖެހިފައެވެ. ހަމަ އެގޮތަށް އަހަރެން ހިތުގައި ޖެހިފައިވާ ވަރު ވެސް ވަކި ކުޑައެއް ނޫނެވެ.
ފައިސަލް ގެއަށް އައުމުން އަހަރެންގެ ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލީމެވެ.
"މިއަދު ވެސް އަހަރެން މަރުނުވީ ކިރިޔާ!" މާބަނޑު އަންހެނަކު އުފުލަން ޖެހޭ ވޭންތައް އަހަންނަށް އެނގިފައެއް ނެތެވެ. "އަހަންނަށް އެކަނި މި ކަމެއް ނުވާނެ! ފައި ނުވާނެ މީގެ ފަހުން އެއްވެސް ތަނަކަށް ގޮސްގެން" ކުޑަކުއްޖަކު ފަދައިން އަހަރެން ކުސްތެޅީމެވެ. ރޮމުން ފައިސަލްގެ ގައިގައި އޮޅުލައިގަތީމެވެ.
"އޭރުން ލާރި ހޯދާނީ ކިހިނެއް؟" ފައިސަލް އެހިއެވެ.
"ލާރި ނުލިބުނަސް ހެޔޮ. . ." އިރުކޮޅަކު ވިސްނަން ހުރެފައި އަހަރެން ބުނީމެވެ. "މަންމަ ބުނި އެގެއަށް ކާން އަންނާށޭ! އަހަރެމެން ދެ މީހުން އެ ގެއަށް ކާން ދާނީ" އަހަރެން ހިތުން މޮޅު ޚިޔާލެއް ދިނީމެވެ.
"އޭރުންނޯ؟" ކުޑަކޮށް ހައިރާންވެފައި ފައިސަލް ބުންޏެވެ. "އޭރުން މަންމަ ހިތްހަމަނުޖެހިދާނެ!"
"މަންމަ މަސައްކަތުގަ އުޅޭއިރު އަބަދު އަހަރެމެން އުނދަގޫކުރަންޏާ މަންމަ މާ ބޮޑަށް ހިތްހަމަނުޖެހޭނެ. މިއަދު ވެސް ހުރީ ފުސްމޫނު ހަދައިގެން" އަހަރެން ބުނީމެވެ. "އަހަރެން ބޭނުން ވަނީ ބަލިވީމަ އަޅާލާނެ ފިރިއެއް! ފައި އަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންގެ މަންމަމެންނަކީ މާ ބޮޑަށް ދަރިންނާ އަޅާލާ ބައެއް ނޫން ކަން."
އެރޭގެ މަޝްވަރާ ނިމުނީ އަހަރެން ބޭނުންވި ގޮތަށެވެ. އަހަރެން ގަދަވަންދެން ފައިސަލް މަސައްކަތު ނުގޮސް، އަހަރެން ކައިރީގައި ހުންނަ ގޮތަށެވެ. އެކަން މާމައަށް އެނގުމުން މާމަ ހިތްހަމައެއް ނުޖެހުނެވެ. ފައިސަލް އެކަނިވި ވަގުތު ބަލާފައި އޭނާއަށް ނަސޭހަތްދިނެވެ. އަހަރެން ހުރީ ކުޑަދޮރު ކައިރީގައި ސިއްރުން އަޑު އަހާށެވެ.
"ދަރިފުޅުމެންނަކީ ވެސް މިހާރު މުޅިން ވަކި އާއިލާއެއް! މީހަކު ދިނީމަ ކައިގެން، މީހަކު ދިނީމަ އުނުއަނދެގެން އުޅުން އެއީ އެއްވެސް އުސޫލެއް ނޫން. ރީމާ ވިހަންވާއިރަށް ކޮންމެހެން ވެސް ޖެހޭނެ ފައިސާކޮޅެއް އެއްކުރަން. ދަރިފުޅު ވާނެ ކޮންމެ ދުވަހަކު ވެސް މަސައްކަތު ދާން. މާމައަށް ބެލުނު ގޮތަކަށް ރީމާ ބަލާނަން" މާމަ ބުންޏެވެ.
މާމަ ދެއްކި ވާހަކަ އިވިފައި އަހަންނަށް ދަތްކުނޑިވިކުނެވެ. އައި ރުޅިއާއި ވީ ފޫހިން، ގެއިން ނުކުމެގެން ހިނގައިދާނަމޭ ހިތަށްއެރިއެވެ.
މާމަގެ ބަސްއަހައިގެން ފައިސަލް އުޅުނީ މަސައްކަތު ދާށެވެ. އެކަމަކު އަހަރެން ރޮއެ އާދޭސްކޮށްގެން އެކަން ހުއްޓުވީމެވެ. އަހަރެން ބޭނުން ވަނީ ފައިސާއެއް ނޫނެވެ. ލޯތްބެވެ. ދިރިއުޅުމަށްޓަކައި ފައިސާއަށް ވުރެ މުހިއްމު ވާނީ ލޯތްބެވެ. ބަލިވުމުން އޯގާތެރިކަމާ އެކު ފިރުމާނުދެވޭނަމަ ފިރިއެއް ހުރުމުގެ ބޭނުމެއް ނެތެވެ.
އަހަރެންގެ މަންމަގެ ގެއިން ކައިގެން އުޅޭތާ ފަނަރަ ވަރަކަށް ދުވަސް ވީއިރު ފައިސަލް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ވާހަކަދެއްކުން މަދުވެ، އަހަންނާ ދުރު ވާން ބޭނުންވެގެން އުޅޭހެން ހީވާން ފަށައިފިއެވެ. އަހަރެން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ބުނަނީ އެއްވެސް ކަމެއް ނުވާ ކަމުގައެވެ.
"އަހަރެން ބަލިވެ އުޅޭތީ ފައި އަހަރެން ދެކެ ފޫހިވަނީތަ؟" އަހަންނަށް ހީވާ ގޮތަށް ބުނީމެވެ.
"އަހަރެން ރީމާ ދެކެ ފޫއްސެއް ނުވޭ!" ފައިސަލް މޫނު އަނބުރާލިއެވެ.
"ތީ ދޮގެއް! ފައި މިހާރު އަހަރެން ދެކެ ލޯތްބެއް ނުވޭ! ކުރިން އަޅާލި ގޮތަށް އަޅައެއް ވެސް ނުލާ!" އަހަރެން ޝަކުވާ ކުރީމެވެ. "އަހަރެން ބަނޑުބޮޑުނުވާއިރު ފައި އަހަންނަށް ކިހާ ރަނގަޅު!" އަހަންނަށް ހީވެފައި އޮތީ ހުރިހާ މައްސަލައެއްގެ އަސްލަކީ އަހަރެން ބަލިވެއިނުން ކަމުގައެވެ.
"މައްސަލައަކީ ބަނޑުބޮޑުވުމެއް ނޫން. މައްސަލައަކީ އަހަރެމެން އަތުގަ ބައިރުފިޔާއެއް ވެސް ނެތުން. ރީމާމެން ގެއިން ތިންއިރު ކާން ލިބުމަކުން އަހަންނަކަށް ނުފުދޭ! މިހާރު އަހަންނަށް ސިގިރެޓެއް ވެސް މި ލިބެނީ ރައްޓެއްސަކު ދިނިއްޔާ. ނޫނީ މާމަ ކައިރީގައި އާދޭސްކޮށްގެން ލާރިއެއް ހޯދައިގެން" ފައިސަލްގެ ހިތުގައި ހުރި ޝަކުވާތައް ފައްޗަކަށް އަމުނާލިއެވެ.
"ފައި ކަންބޮޑުވަނީ ސިގިރެޓު ނުބޮވޭތީ ދޯ!" އަހަރެން ތުންއަނބުރާލީމެވެ.
"އެ ބުނީއޭ އެހެން. . . އިއްޔެ ވެސް ރީމާ ފެންވަރާނެ ސައިބޯންޏެއް ނެތިގެން ބުނީމަ ގޮސް ކަންމަތީ ފިހާރައިން ދަރަންޏަށް އެ ވެސް ގެނައީ" ފައިސަލް ކައިރިއަށް ވެސް ރުޅިއައެވެ. (ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން