(ބުދަ ދުވަހާ ގުޅޭ)
ވަރަށް ފޮނި އުއްމީދާ އެކު އަހަރެން ވަޒީފާއަށް ދާން ފެށީމެވެ. އެކަމަކު ދެތިން ދުވަހު ދެވުނު އިރު އަހަރެން މުޅިން ފޫހިވެއްޖެއެވެ. ހަޤީޤަތުގައި އެކަން ކުރެވޭ ވަރުގެ ފެންވަރެއް އަހަރެންގެ ކިބައިގައި ނެތީއެވެ. އަހަރެން ހީކުރި ވަރަށް ވުރެ އެކަން މާ ބުރައެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އަހަންނަށް ހިސާބުކިތާބު ނޭނގުމެވެ. ސިކުނޑީގައި ތެތްކަމެއް ނެތް ނަމަ ކަލްކިއުލޭޓަރަށް ވެވޭނެ މާ ބޮޑު އެހީއެއް ނޯންނާނެއެވެ. އަނެއްކޮޅުން ފިހާރައިގަ އުޅެންޖެހޭ ވަގުތު ގިނަވުމުން އެހެން ކަމެއް ކުރާނެ އިރެއް ނޯވެއެވެ.
"އަހަންނަކަށް ނުވާނެ މި ކަމެއް! މާ ބުރައީ" ފައިސަލް ކައިރީގައި އަހަރެން ޝަކުވާކުރީމެވެ.
"އެޔޯ؟ ކޮން ބުރައެއް ވާނީ؟ ރީމާ އެތަނުގަ ހަމަ ރީތިކޮށް އިންނަނީނު؟" ފައިސަލް ބުންޏެވެ.
"މިހާރު އަހަންނަށް ގޭތެރޭގެ އެއްވެސް މަސައްކަތެއް ވެސް ނުކުރެވޭ!" އަހަރެން ބަހަނާއެއް ހޯދީމެވެ. އެއްވެސް އިރެއްގައި އަހަންނަކީ ގޭގައި މާ ގިނަ މަސައްކަތްތަކެއް ކުރި މީހެއް ނޫނެވެ.
"ކޮން ކަމެއްތަ މި ގޭގައި އޮންނާނީ؟ މިހާރު މާމައެއް ވެސް ނެތް. ރީމާގެ މަންމަ ގެއިން ކައިގެން އަހަރެމެން މި ތިބެނީ"
"ފައި ނުފެނި ގިނަ އިރު ވާތީ އަހަރެން ހާދަ ދެރަވެއޭ! މިހާރު ޔޫސުފްއާ ވެސް އަޅައެއް ނުލެވޭ!" އަހަރެން އެކިއެކި އުޒުރު ދެއްކީމެވެ. ހަމަ ހަޤީޤަތުގައި ވެސް އަހަރެން ބޭނުން ވަނީ ފައިސަލް ކައިރީގައި ގޭގައި އޮންނާށެވެ. އެއްވެސް މަސްއޫލިއްޔަތެއް ކޮނޑުގައި އަޅައިގެން އުޅޭކަށް އަހަންނަކަށް ފަސޭހައެއް ނޫނެވެ. އެއީ މީގެ ކުރިން ވެސް އަހަރެން އުޅެފައިވާ ގޮތެއް ނޫނެވެ.
"ޔޫސުފް ގޮވައިގެން ކޮންމެ ދުވަހަކު ކިތައް ފަހަރު އަހަރެން ފިހާރައަށް އެބަ ދަން؟ ރީމާ އެއްނު މި ހުރިހާ ދުވަހު ޔޫސުފް ބެލީ. ދެން މިހާރު ރީމާއާ ނުޖައްސައި އަހަރެން ޔޫސުފް ބަލާތީ ރީމާ ޝުކުރު ކޮށްބަލަ!" ފައިސަލް ބުންޏެވެ.
އެއީ ފައިސަލް އަހަރެން ދެކެ ވާލޯބި އަހަންނަށް ވަޒަންކުރެވުނު ވަގުތުކޮޅެކެވެ. އަހަރެންގެ ހިތް އުފަލުން ބަންޑުންވި ކަހަލައެވެ. އަހަންނަށް ފައިސަލް ކަމުދަނީ އެހެންވެއެވެ. ނިހާޔަތަށް އަހަރެން ދެކެ ލޯބިވާތީއެވެ.
ކިތަންމެ ބުރަ ނަމަވެސް ވަޒީފާއިން ނުކެނޑެން އަހަރެން ނިންމީމެވެ. ފައިސަލް އަހަރެން ދެކެ ވާ ލޯތްބަށްޓަކައެވެ. އެކަމަކު މި ފަހަރު ވެސް ވީ ކުރިން ވީ ގޮތަށެވެ. އަހަރެން ދެވަނަ ދަރިފުޅަށް ބަލިވެ އިނީއެވެ. މޭނުބައިކޮށް، ހޮޑުލެވެން ފެށުމުން ފިހާރައަށް ދިޔުން ހުއްޓާލަން މަޖުބޫރުވިއެވެ.
"މާ އަވަސްއަވަހަށް ތި ބަނޑުބޮޑު ވަނީ" ފައިސަލް ހުރީ ހިތްހަމަނުޖެހިފައެވެ.
"ދެން އަހަރެން ކީއްތަ ކުރާނީ؟" ދެރަވެފައި އަހަރެން ބުނީމެވެ. ބަލިވެ އިނުމުގެ ޒިންމާ އުފުލަން ޖެހޭނީ އަންހެން މީހާ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަންނަކަށް ނޭނގެއެވެ.
ފައިސަލް ވަރަށް ބޮޑަށް އަހަންނާ ދުރުވިއެވެ. ގޭގައި އުޅޭ ވަގުތު ކުރިއަށް ވުރެ ވެސް މަދުވިއެވެ. ގެއަށް ނިދަން ނާންނަ ރޭރޭ ވެސް އަންނަން ފެށިއެވެ. ބައެއް ރޭރޭ އަލިވިލެންދެން އޮންނަނީ ޖޯލީގައެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އެކަމަކު އެހީއެއް ނުވަތަ ލަފައެއް ހޯދަން ވެސް ދާނީ ވަކި ކާކު ކައިރިއަށް ހެއްޔެވެ؟ އަހަރެންގެ އެކުވެރިންގެ ގޮތުގައި މުޅިން ވެސް ތިބީ ފައިސަލްގެ އެކުވެރިންނާއި ތިމާގެ ކުދިންނެވެ. އެމީހުންނަކީ ވެސް މާ ހަރުދަނާ އުޅުމެއް ހުރި ބައެއް ނޫނެވެ. އަހަރެމެން އެންމެން ވެސް ތިބީ ހަމަ އެއްހާލެއްގައެވެ.
ބަލިވެއިން ފުރަތަމަ ފަހަރު ލިބުނު ތަޖުރިބާގެ އަލީގައި މި ފަހަރު އެކަމާ ކުރިމަތިލާން ތަންކޮޅެއް ފަސޭހަވިއެވެ. އަހަންނަށް ތަހައްމަލު ކުރަން ޖެހުނު ވޭންތައް ވެސް ކުޑައެވެ. ހިތްވަރު ކޮށްފައި ތެދުވެ އުޅެލެވޭ ވަރުވިއެވެ.
އަވަށްޓެރިއަކު ދިން ޚިޔާލަށް އަހަރެން ހޮޓަލަކަށް ހެދިކާ ހަދައިދޭން ނިންމީމެވެ. އެކަމަކު އެކަން ފަށައިގެނެވޭ ވަރަށް ވެސް އަހަރެން އަތަކު ފައިސާއެއް ނެތެވެ. މަންމަ ގެއިން އެއްޗެހި ގެނެސްގެން ގުޅަ އާއި ބޯކިބާ ހަދާފައި ހޮޓަލަށް ގެންދިޔައިމެވެ. އެމީހުން ވަގުތުން އޭގެ އަގު ދިނެވެ. ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ބޭނުން ވާނެ ސާމާނު ގަންނަން އަހަރެން އެ ފައިސާ ރައްކާކުރީމެވެ. ތިންހަތަރު ދުވަހު ހެދިކާ ހަދައިގެން ވިއްކި ފަހުން ފައިސަލް ވެސް ހަމައަކަށް އެޅި، އަހަންނާ ވާހަކަދައްކަން ފަށައިފިއެވެ. ދެން ހުރިހާ މައްސަލައެއް ހައްލުވީ ކަމަށް އަހަންނަށް ހީވިއެވެ.
"ހެދިކާ ވިއްކައިގެން ލިބޭ ލާރިއަށް ކިހިނެއް ތި ހަދަނީ؟" އަހަރެން ކައިރީގައި އޮވެފައި ފައިސަލް އެހިއެވެ.
"މަސައްކަތަށް ބޭނުންވާ އެއްޗެހި ގަނެފަ ބާކީވާ ލާރި ހުންނާނެ އަލަމާރީގަ ފޮރުވާފަ" އެއްވެސް ވިސްނުމެއް ނެތި އަހަރެން ބުނީމެވެ.
އެ ދުވަހުގެ ފަހުން ފައިސަލް އަލަމާރިން ފައިސާ ނަގަންފެށިއެވެ. ފުރަތަމަ ނެގީ ވަކި ސިގިރެޓް ގަންނަން މަދުމަދުންނެވެ. އެކަމަކު ފަހުން ބޮޑެތި އަދަދުތަކުން ވެސް ނަގަމުން ގެންދިޔައެވެ.
"ތިހެން ހެދީމަ ވިހަން ވާއިރަށް އަހަރެމެން އަތުގަ ނޯންނާނެ އެއްވެސް އެއްޗެއް!" އަހަރެން އުޅުނީ ފައިސަލަށް ވިސްނައިދޭށެވެ. އެކަމަކު އޭނާ ރުޅި އައީ މާ އަވަހަށެވެ.
"ސިގިރެޓު ނުބޮއި މަށަކަށް ނޫޅެވޭނެ!"
"އަހަންނަށް ހީވަނީ ފައި ލާރި ނަގަނީ ހަމައެކަނި ސިގިރެޓު ގަންނާކަށް ނޫން ހެން" އަހަންނަށް ހީވާ އެއްޗެއް ބުނީމެވެ.
"ދެން؟" ފައިސަލް ހަޅޭއްލަވައިގަތެވެ. "ކީކޭ ކިޔަން ތި އުޅެނީ؟ އަހަރެން މަސައްކަތް ކުރި އިރު ރީމާ އަށް ޚަރަދުކުރިން. ރީމާ މަސައްކަތް ކުރާއިރު އަހަންނަކަށް ޚަރަދެއް ނުކުރެވޭ؟"
އެ ހިސާބުން އަހަންނަށް ޖެހުނީ ހިމޭންވާށެވެ. ފައިސަލް ރިސޯޓުގައި ހުއްޓައި ރަށަށް ގެނައީ އަހަރެން ރޮއެ، އާދޭސްކޮށްގެންނެވެ. ފައިސަލްގެ ލޯތްބަށް ވުރެ ފައިސާ މުހިއްމު ނޫން ކަމަށް ބުނީ ވެސް ޚުދު އަހަންނެވެ. އަދިވެސް އެކަން އެތީ ހަމަ އެގޮތުގައެވެ. އަހަންނަށް އެންމެ މުހިއްމީ ފައިސަލެވެ. އެކަމަކު ފައިސާއަކީ ވެސް ދިރިއުޅުމަށް ހަމަ އެހާމެ މުހިއްމު އަސާސެކެވެ. ދަރިން ލިބުމުން ފައިސާގެ މުހިއްމު ކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
ވިހަން ވަންދެން އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އެއީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. ލިބޭ ހުރިހާ ފައިސާއެއް އަލިފާނަށް އަޅައި އެންދުމެކޭ، ސިގިރެޓަށް ޚަރަދުކުރުމެކޭ ވާނީ ހަމަ އެއްވަރެވެ. ހަދާނެ ގޮތް ހުސްވެގެން އަހަރެން ނަހުދާ އަށް މެސެޖެއް ކުރީމެވެ. ހަމަ ވަގުތުން އޭނާ ގުޅިއެވެ. އެއީ ސްކޫލުގައި އުޅުނު އިރު އަހަންނާ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާއެވެ. އަހަރެންގެ އަވަށްޓެރިއެއް ވެސް މެއެވެ. ކިޔަވަން މާލެ ދިޔަ ގޮތަށް ރަށަކަށް ނާދެއެވެ. އެކަމަކު ދޭތެރެއަކުން އަހަރެންގެ ހާލު ބަލައިލަން ގުޅާލައެވެ. ދިރިއުޅުމުގެ މައްސަލަތައް ކުރިން ވެސް ވާނީ އޭނާއާ ހިއްސާކޮށްފައެވެ.
"ރީމާ ރުޅި ނާންނައްޗޭ! މަށަށް ހީވަނީ ފައިސަލް ޑްރަގް ނަގަނީ ހެން" އަހަރެން ލަފައެއް އެހުމުން ނަހުދާ ބުނީ އަހަންނަށް އަޑުއަހަން ފަސޭހަ ވާހަކައެއް ނޫނެވެ. އެއީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ.
"އެއީ ފައި މާލޭގައި އުޅެފަ އައިމަ އެރި އަޑެއް!" އަހަރެން ޤަބޫލުކުރާގޮތް ބުނީމެވެ. "ފައި އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެ" ވަރަށް ޔަޤީންކަމާ އެކު އަހަރެން ބުނީމެވެ.
"ލޯތްބަކީ ކަނު އެއްޗެކޭ ބުނެ އުޅެނީ ތިހެންވެގެން" ނަހުދާ ބުންޏެވެ.
"އަހަރެންގެ ލޮލަށް ފެނުނީމަ ނޫނީ ޤަބޫލެއް ނުކުރެވޭނެ. އެއްވެސް ހެއްކެއް ނެތި ތިހާ ބޮޑު އިލްޒާމެއް އަޅުވާކަށް ނުވާނެ!" ފައިސަލަށްޓަކައި އަހަރެންގެ ހިތުގައި ލޯބި ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
"ހެއްކެއް ފެނުނިއްޔާ ރީމާ އަށް އެނގޭތަ؟ ވިސްނޭނެތަ؟" ނަހުދާ ވާހަކަދައްކަމުން އައި ރާގު ހަރުކަށިވިއެވެ. "ރީމާ އަށް ހީވޭތަ އޭނަ ހުރިހާ ފައިސާއެއް ހަރަދުކުރަނީ ސިގިރެޓަށް ހެން؟ އެއްވެސް މަސައްކަތެއް ނުކޮށް، ކަންނެތް ވެގެން އެ އުޅެނީ ވެސް އެކަހަލަ ކަމެއް ކުރާތީ! ޤަބޫލުނުކުރެވެންޏާ ރީމާ އޭނަ އަށް ފާރަލައިގެން ބަލާބަލަ!"
ރައްދުގައި ދައްކާނެ ވާހަކައެއް ނެތުމުން އަހަންނަށް ޖެހުނީ ހަނުހުންނާށެވެ. އަހަރެން އަނގައިން ނުބުނުމުން ދެން ވެސް ވާހަކަދެއްކީ ނަހުދާ އެވެ.
"ކައިވެނިކޮށް، ދަރިން ލިބުނީމަ ކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ" އެއީ މީގެކުރިން މާމަ ވެސް ދީފައި އޮތް ނަސޭހަތެކެވެ. "ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރެވޭނީ ދެމަފިރިން ވެސް ޒިންމާދާރުވެގެން. ލޯބި ހަނާކޮށްގެން ކައިގެން ދިރިއެއް ނުހުރެވޭނެ. ފައިސާއަކީ ވަރަށް ގިނަ މައްސަލަތަކެއްގެ ހައްލު" ނަހުދާ ދެއްކީ އަހަރެން ވިސްނާލަން މަޖުބޫރު ވާހަކަތަކެކެވެ.
އަހަރެންގެ އުމުރަށް އިތުރުވަމުން ދިޔަ ދުވަސްތަކާ އެކު އަހަންނަށް ދުނިޔެ ފެންނަ ގޮތް ބަދަލުވަމުން ދިޔައެވެ. ދިރިއުޅުމުގެ މާނަ ދަސްވާން ފެށިއެވެ. މާޒީވެގެންދާ ކޮންމެ ދުވަހަކީ ލިބޭ ފިލާވަޅެކެވެ. ކުރެވޭ ތަޖުރިބާއެކެވެ. އެ ތަޖުރިބާގެ އަލީގައި މުސްތަޤުބަލު ބައްޓަންކުރަން އެނގެންޖެހޭނެއެވެ.
ދެ ވަނަ ދަރިފުޅު ވިހައިގެން އޮތް އިރު އަހަންނަށް ފައިސަލްގެ އެހީތެރިކަމެއް އެއްވެސް ވަރަކަށް ނުލިބެއެވެ. އޭނާ އުޅެމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. އަހަންނާ ހަތަރުކަޅި ހަމަކޮށް އަނގައިން ބުނަނީ ފައިސާ ބޭނުންވުމުން އެކަންޏެވެ. އެކަނިވުމުން އަހަންނަށް ރޮވެއެވެ. ގިސްލެވެއެވެ. ފައިސަލްގެ ލޯތްބާއި އަޅާލުން އަހަރެން އިންތިހާއަށް ބޭނުމެވެ. އޭނާއާ އެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމުގެ ހުވަފެންތައް މިހާރު ވެސް އަހަރެން ދެކެމެވެ. އެކަމަކު ފައިސަލަށް އެކަމުގެ ހިލަމެއް ވެސް ނުވެއެވެ.
"ޤަބޫލުނުކުރެވެންޏާ ރީމާ އޭނަ އަށް ފާރަލައިގެން ބަލާބަލަ!" ނަހުދާ ދިން ލަފާ ހިނދުކޮޅަކަށް ވެސް އަހަރެންގެ ހަނދާނުން ކައްސާލައިގެން ނުދެއެވެ. އެކަމަކު އަހަރެން ހުރީ އެކަން ނުކުރަން ނިންމައިގެންނެވެ. ފައިސަލް ދެކެ އަހަރެންވާ ލޯތްބަށްޓަކައެވެ. އަހަރެން ފައިސަލަށް ކުރާ އިތުބާރަށްޓަކައެވެ. ނަމަވެސް ދުނިޔެ ދައްކާ ހަޤީޤަތަށް ފިލަން ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ އެ ހަޤީޤަތާ ކުރިމަތިނުލާން ދެ ލޯ މަރައިގެން ހުރެވިދާނެއެވެ. ދެ ކަންފަތުގައި އަތްއަޅައިގެން ހުރެވިދާނެއެވެ. ފައިސަލާއި އޭނާގެ އެކުވެރިން މަސްތުވާން ތިބެނީ ހޭޅި ކައިރީގައި ހުރި ފަޅު ގެއެއްގެ ތެރޭގައެވެ. އަހަރެންގެ ބުއްދިއެއް ހުރި ނަމަ މާ ކުރިން އެ ހަޤީޤަތް ކަޝްފުވީހެވެ.
"ނަހޫ ބުނީ ހަމަ ތެދެއް!" ނަހުދާ އަށް ގުޅާފައި އަހަރެން ބުނީމެވެ. ހިތުގައި ޖެހިފައި ހުރި ވަރުން އަހަރެންގެ އަޑު ބެދުނެވެ.
"ދެން ވެސް އަވަހަށް އޭނައާ ދުރުވޭ! އޭނައާ އެކީގައި އުޅެގެން ރީމާގެ ދިރިއުޅުން އިތުރަށް ބަނަވެ، ދަރިންގެ މުސްތަޤުބަލު ހަލާކުވުން ނޫން ކަމެއް ނުވާނެ!" ނަހުދާ ބުންޏެވެ.
"ފައިއާ ވަކިން އަހަންނަކަށް ނޫޅެވޭނެ! އަހަރެން އޭނަ ދެކެ ވާލޯބި އެހެން މީހަކަށް ނުވިސްނޭނެ!" އަހަރެން ރޮމުން ބުނީމެވެ. "އޭނަ ހާލުގައި ޖެހުނު ދުވަހު އަހަރެން ވީ އޭނަ ދޫކޮށްލަންތަ؟ ދެން ވެސް އޭނަ ރަނގަޅު މީހަކަށް ހެދޭނީ އަހަރެންގެ ލޯބި ލިބިގެން"
"ތީ މުޅިން ގޯސް ވިސްނުމެއް ރީމާ! އޭނަ ރަނގަޅު ކުރަން އުޅެގެން ރީމާއާ ދަރިންގެ ހަޔާތް ވީރާނާ ވާނީ!" ނަހުދާ އަހަންނަށް ދިނީ އިންޒާރެކެވެ.
އެކަމަކު އެ އިންޒާރަށް ސަމާލުވާކަށް އަހަރެންގެ ސިކުނޑިއަކަށް ނޭނގުނެވެ. އަހަންނަށް އިޚުތިޔާރު ކުރެވުނީ އެންމެ ގޯސް މަގެވެ. ވިސްނުނީ ވެސް އެންމެ ގޯސް ގޮތަށެވެ. ފައިސަލާ ވަކިން އަހަރެންގެ ހިތުގައި ވިންދެއް ނުޖަހާނެއެވެ. އެ ދުވަހަކުން އަހަރެން ވާނީ 'މައްޔިތެއް' ކަމުގައެވެ. ފައިސަލްގެ ދެ ފައިގައި ހިފައި އަހަރެން އާދޭސްކުރީމެވެ. މަސްތުގެ ދުނިޔެއިން ނުކުމެ، އަހަރެމެން ތިން މައިންނާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން އައުމަށް އެދި ސަލާންޖެހީމެވެ. އަހަރެން ކުރި އާދޭހުގެ އަޑު ފައިސަލް އެހިއެވެ. އުފަލުގެ ކޮޅެއް ނެތެވެ. އަހަރެންގެ ހަށިގަނޑާއި ފުރާނަ އޭނާ އަށް ޤުރުބާނެވެ.
ހެދިކާ ހެދުމުގެ މަސައްކަތް އަހަރެން އަލުން ފެށީމެވެ. ފައިސަލް ވެސް ބައެއް ދުވަސްދުވަހު މަސައްކަތު ދެއެވެ. އެކަމަކު ގިނައީ ނުދާ ދުވަސްތަކެވެ. ކުދިން ބެލުމުގައި އަހަންނަށް އެހީވެދޭން ކަމަށް ބުނެފައި ނުގޮސް ހުރުމުން އަހަންނަށް އެކަން މާ ބޮޑު މައްސަލައަކަށް ނުވިއެވެ. މައްސަލަޖެހުނީ ފައިސަލް އަހަންނަށް ސިއްރުން އަލަމާރިން ފައިސާ ނަގަން ފެށުމުންނެވެ.
"މީ އަހަރެން މަސައްކަތް ކޮށްގެން ހޯދާ ލާރި. އަހަންނަށް ނޭނގި ނަގައިގެން ނުވާނެ!" ފުރަތަމަ ފަހަރަށް އަހަރެން ހަރުކަށިކަން އިސްކުރީމެވެ. ފައިސަލަށް އިންޒާރެއް ދިނީމެވެ. ބޭނުމަކީ އޭނާ އިސްލާހުކުރުމެވެ.
"ރީމާ އަށް މަސައްކަތް ކުރެވެނީ އަހަރެން ކުދިން ބަލައިދޭތީ" ފިނިގޮތަކަށް ފައިސަލް ބުންޏެވެ.
"ފައި މިއަދު ވެސް މަސައްކަތު ދާން ފަށާބަލަ! އަހަރެން ކުދިން ބަލަން ހުންނާނަން" އަހަރެން ބުނީމެވެ.
ހެދިކާ ހަދައިގެން ލިބޭ ފައިސާ އަލަމާރީގައި ބެހެއްޓުމުގެ ބަދަލުގައި އެހެން ތަނެއްގައި ރައްކާކުރަން ފެށީމެވެ. ފައިސަލް އެކަމާ ސުވާލުނުކުރުމުން އަހަރެން ހީކުރީ އޭނާ ދެން އެހެން ނުހަދާނެ ކަމުގައެވެ. އެކަމަކު ދެތިން ދުވަސް ފަހުން އޭނާ ފައިސާއަށް ސަލާންޖަހަން ފެށިއެވެ. ފުރަތަމަ ފަސް ރުފިޔާއެވެ. ދެން ދިހަ ރުފިޔާ އެވެ. އަދަދުތައް ބޮޑުވަމުން ގޮސް އަހަންނަށް ނުދެވޭނެހާ ބޮޑެތި އަދަދުތަކަށް ކިޔަންފެށިއެވެ.
"ނެތޭ ނެތޭ! އަހަރެން އަތުގައި ނެތް އެއްޗެއް ކިހިނެއްތަ ދޭނީ؟" ރުޅިއަންނަން ކިތަންމެ ބޭނުން ނުވިޔަސް އަހަންނަށް ފައިސަލް ދެކެ ރުޅި އާދެވުނެވެ.
"ތީ ހުސް ދޮގު. މަށަށް އެނގޭ ރީމާ ތިއުޅެނީ ފޮރުވައިގެން ކަން. އަހަރެން ދެކެ ލޯބި ވަންޏާ ދޭނެ!" ފައިސަލް އެންމެ ފަހުގެ ހަތިޔާރު ބޭނުންކުރިއެވެ. އަހަންނަށް މަޖުބޫރުވީ ފައިސަލަށް ކިޔަމަންވާށެވެ.
"މީ އަހަރެން އަތުގައި އޮތް އެއްޗަކީ" ވިހި ރުފިޔާގެ ތިން ނޫޓު ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ފައިސަލް އޭގައި ނުހިފަންވެގެން އިރުކޮޅަކު ހުއްޓެވެ. އެއީ އޭނާ އެދުނު ވަރަށް ވުރެ މާ ކުޑަ އަދަދެކެވެ. "ކުދިންނަށް ބޭނުންވާ މުހިއްމު ދެތިން އެއްޗެއް މިއަދު ގަތިން" ފައިސަލް އުއްމީދުކުރި ވަރަށް އަހަރެންގެ އަތުގައި ފައިސާ ނެތް ސަބަބު އަހަރެން އޮޅުންފިލުވައިދިނީމެވެ. ހިތާހިތުން އަހަންނަށް އެދެވުނީ އޭނާއަށް ވިސްނިގެން ނަމަވެސް އޭގައި ނުހިފާނެ ގޮތެއް ވޭތޯއެވެ. އެކަމަކު އޭނާގެ ދަހިވެތިކަން މާ ބޮޑެވެ.
ރޮއެރޮއެފައި އަހަންނަށް އެވާހަކަ ވެސް ދެއްކުނީ ނަހުދާ ކައިރީގައެވެ. ނަހުދާ އަށް ގޯސްވީ އަހަންނެވެ. އަހަންނަށް މާ ބޮޑަށް ފައިސަލް ދެކެ ލޯބި ވެވެނީއެވެ. މާ ބޮޑަށް ދޫދެވެނީއެވެ.
"ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ ބުނެއެއްނު!" ނަހުދާ ބުންޏެވެ. "އަހަރެން ދޭ ލަފައާ އެއްގޮތަށް އަމަލުނުކުރެވެންޏާ ދެން ނެތް އަހަރެން އިތުރަށް ބުނާނެ އެއްޗެއް!"
ނަހުދާ މުޅިން ވެސް ދިނީ ހެޔޮ ނަސޭހަތެވެ. ރަނގަޅު އިރުޝާދެވެ. ހިތާމައަކީ އެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެވޭހާ ހިތްވަރު އަހަރެންގެ ކިބައިގައި ނެތުމެވެ. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން ބޭނުންވީ ފައިސަލްގެ އަނތްބެއްގެ ގޮތުގައި ހުންނާށެވެ. ކަށީގެ މަދުން ހިތްވަރު ނެރެގެން އަހަރެން މަސައްކަތްކުރީމެވެ. ލިބޭ ހުރިހާ ފައިސާއެއް ފައިސަލަށް ޚަރަދުކުރީމެވެ. އޮތީ އެންމެ ބޭނުމެކެވެ. ފައިސަލް އިސްލާހުވުމެވެ. އެކަމަކު އޭނާ އެކަމެއް ނުދަނެއެވެ. އޭނާ އެދޭ ވަރަށް ފައިސާ ނުދެވިއްޖެނަމަ އަތްއިސްކުރަން ފެށިއެވެ. އަހަންނަށް އެކި ވަރުގެ އަނިޔާކުރިއެވެ. ދަންވަރު އަހަރެން ނިދާފައި އޮންނައިރު ވެސް ގޮވައިގެން ފައިސާއަށް އެދެން ފެށިއެވެ.
"ފައި މޮޔަވީތަ؟" ގަދަ ނިދީގައި ވަނިކޮށް ފައިސަލް އައިސް ގޮވުމުން އަހަންނަށް ރުޅި އާދެވުނެވެ. ކައިރީގައި އޮތް ދަރިފުޅު ފެނުމުން އަހަރެންގެ އަޑު ކޮންޓްރޯލު ކުރީމެވެ. "މިރޭ ދިނީމެއްނު ފަންސާސް ރުފިޔާ! ދެން ނެތް! ނުލިބޭނެ!" ބޯދަށަށް ކަނާއަތް ލައްވާލަމުން، އަނެއް އަތުން ދަރިފުޅުގެ ގައިގައި ފިރުމާލަމުން އަހަރެން ލޯ މަރާލީ ފައިސަލް ދުރަށްދޭތޯއެވެ.
"އެ ހުސްވެއްޖޭ! އަދި ދީބަލަ ފަންސާސް ރުފިޔާ!" ފައިސަލް އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އޭނާ އިނީ ހަމަހެއަކު ނޫނެވެ. ދައްކާ ވާހަކަ އޮޅުންފިލަނީ ވެސް އުނދަގުލުންނެވެ.
ފުންމައިގެން ކަހަލަ ގޮތަކަށް އަހަރެން ތެދުވީމެވެ. ފައިސަލްގެ އަތުގައި ހިފައިގެން އެނދާ ދުރަށް ޖެހިލީމެވެ.
"ބަލާބަލަ ގަޑި. މިހާރު މެންދަމު ދޭއް ޖަހަނީ" ފާރުގައި ހުރި ގަޑި އަށް އިޝާރާތްކޮށްފައި ވައި އަޑުން އަހަރެން ބުނީމެވެ. "ކޮން ފިހާރައަކުން ކޯންޗެއް ނުގަނެވިގެން ތި އުޅެނީ" ކިތަންމެ މަޑުން ވާހަކަދެއްކިޔަސް، އަހަރެންގެ އަޑު ތުރުތުރުއަޅައެވެ.
"ރީތިވާ އެއްޗެއްސޭ!" ފިލިތަކަށް ދަމާލާފައި ފައިސަލް ބުންޏެވެ.
"ރީތިވާ ކޯންޗެއްހޭ؟ ކަލޭމެން ބޯން ގަންނަ ރީތިވާ އެއްޗެހި ދޯ!" އަހަންނަށް ދަތްކުނޑިވިކުނެވެ.
"ފާޑުފާޑުގެ ވާހަކަ ނުދައްކާ! އަހަރެމެން ކޯކު ނޫން އެހެން އެއްޗެއް ނުބޮން" ފައިސަލް ހޫރެމުން ގޮސް އަލަމާރި ހާވަން ފެށިއެވެ.
"އަހަރެންތަ ފާޑުފާޑުގެ ވާހަކަ މި ދައްކަނީ؟ ހަމަ މިހާރު ގޮސް އެނދުގަ އޮށޯވޭ!" އަލަމާރީގެ ދޮރު ލައްޕަމުން އަހަރެން އަމުރުކުރީމެވެ. "އެހެން ނޫނީ ދެން ގުޅާނީ ފުލުހުންނަށް!"
އެއީ އަހަރެންގެ އަނގައިން ބޭރުވި އެންމެ ފަހު ޖުމުލައެވެ. ފައިސަލްގެ ބާރުގަދަ އަތުން އަހަރެންގެ އަނގައަށް ފިތާލައި، އަނގައިގައި ލޭ ރަހަ ލައްވާލިއެވެ. ހަމަ އެ ސިކުންތުގައި އޭނާގެ އަތުގެ ހޫނު ހަމަލާތައް އަހަރެންގެ މޫނުމައްޗަށް އެރިއެވެ. ނޭފަތުން ލޭގެ ކޯރެއް ދެމިގެން ދިޔައެވެ. ބޮލަށް އެރި އެނބުރުން ފިލައި، ހަމަހޭވެރިކަން ވީއިރު އަހަރެން އޮތީ މަގުމަތީގައެވެ. ކައިރީގައި ދޮށީ ދަރިފުޅު ރޮއެރޮއެ ހުއްޓެވެ. ހަގުދަރިފުޅު އޮތީ ބިންމަތީގައެވެ. އަވަސްއަވަހަށް އެ ސޮރު ނަގައި، މަސަލަސްކުރެވޭތޯ އުޅުނީމެވެ. ކުޑަ ދެ ކުދިންގެ ރުއިމުގެ އަޑުން މެންދަމުގެ ހަމަހިމޭންކަން ފޫދިޔައެވެ. ކައިރީގައި ހުރި ގެއިން ދެ މީހަކު ނުކުމެގެން އައިސް އެހީތެރިކަމުގެ އަތް ދިއްކޮށްލިއެވެ. އޭރު ފައިސަލް ގޭތެރެއަށް ވަދެ، ދޮރު ލައްޕައިފިއެވެ.
މަސްތުގެ ކަނޑަށް ޣަރަގުވެއްޖެ މީހަކު ސަލާމަތްވުމަށް ވުރެ ނުވުން ގާތެވެ. ހިތާ ދެކޮޅަށް ނަމަވެސް އަހަންނަށް ޖެހުނީ އެ ހަޤީޤަތް ޤަބޫލުކުރާށެވެ. ފަހުން ފައިސަލް އައިސް މަޢާފަށް އެދުނެވެ. އެކަމަކު ދިރިއުޅުމުގައި މިހާތަނަށް އަހަންނަށް ނިންމުނު އެންމެ ރަނގަޅު ނިންމުމަކީ ފައިސަލަށް އިތުރު ފުރުސަތެއް ނުދިނުމެވެ. ފައިސަލް ކައިރިން ވަރިވެގެން، ދެ ކުދިން ގޮވައިގެން އަހަރެން އުޅުނީ މަންމަ ގޭގައެވެ. ދަރިން ބަލަމުން ގޭގައި އިނދެގެން ކުރެވޭ ކަހަލަ މަސައްކަތްތައް އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން މާލީ ހާލަތު ރަނގަޅުވެ، ދިރިއުޅުން ހަމަޖެހުނެވެ. ހަމައެކަނި އުނިވީ ފިރިއެއްގެ ލޯތްބާއި އަޅާލުމެވެ. އަހަންނާއި ދެ ކުދިން ބެލެހެއްޓޭވަރުގެ، ޒިންމާދާރު މީހަކާ ދިމާވި ދުވަހަކުން އެ ފަޅުކަން ވެސް ފިލައިދާނެއެވެ. (ނިމުނީ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން