އަހަރުތަކަކަށް ފަހު އުފަން ރަށުގެ ފަސްގަނޑުގައި ފައި ޖެހުމުން އަހަންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ތަޢުލީމް ހާސިލުކުރަން ރަށުން ބޭރުގައި އުޅެން ޖެހުމާއި، ބީރައްޓެއްސަކާ ކައިވެނި ކުރެވުމުން އަހަރެން ވަނީ އަމިއްލަ ވަޒަނަށް ބީރައްޓެހިވެފައެވެ. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ލޮލުގައި މަންމައާ ބައްޕަ އަޅައިގަތެވެ. އެ މީހުން ތިބީ އަހަރެން އައުމުން އިންތިހާއަށް އުފާވެފައެވެ. އެކަމަކު ނީމް ފެންނަން ނެތުމުން އަހަރެންގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވިއެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް މަންމަމެންނާ ހަމަކުރި އިރު ނީމް ހުރީ މަންމަގެ ފުރަގަހުގައެވެ. މަންމަ ލައިގެން ހުރި ދިގުހެދުމުގެ ނިވަލުގައެވެ. 

"މަންމަގެ ދޮންދޫނި. . " ހަ އަހަރުގެ ކުޑަކުޑަ ނީމް އަކީ އަހަރެންގެ ހިތުގެ ދިރުމެވެ. ދުވަސްތަކަކަށް ފަހު އެ ތުއްތުމޫނު ފެނުމުން އަހަރެންގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިގަތެވެ. އެ މޫނުގައި ބޮސްދިނީމެވެ. އޭނާގެ ސަމާލުކަން އަހަންނަށް ލިބުނީ ހީކުރި ވަރަށް ވުރެ ކުޑަކޮންނެވެ. އެ ކުޑަކުޑަ މޫނުން ފެންނަނީ މޮޅިވެރިކަމެވެ. ހީވަނީ ރަނގަޅަށް ނިދި ނުލިބި ވާހެންނެވެ. ނުވަތަ ބަލިވެ އުޅޭހެންނެވެ. ވާނީ ވެސް އެހެންނެވެ. މި ދުނިޔެއަށް ލީ ފުރަތަމަ ނޭވާއިން ފެށިގެން އަހަރެންގެ އުނގުތެރޭގައި ބޮޑުވި ކުއްޖަކު ދެ މަސްދުވަސް ވަންދެން އަހަންނާ ދުރުގައި އުޅޭއިރު ކިތަންމެ ބަދަލެއް ވެސް އަންނާނެއެވެ.

"މިހާރު ފައި މުޅިން ރަނގަޅު ދޯ!" އަހަރެން ނީމް އުރާލުމަށްފަހު ބިންމަތީގައި ބެހެއްޓުމުން މަންމަ ބުންޏެވެ. 

ފާހާނާތެރެއަށް ކައްސާލައިގެން ވެއްޓި އަހަރެންގެ ފައިބިނދުމުން ނީމް މަންމަ ކައިރިއަށް ފޮނުވީ މަންމަގެ އެދުމުގެ މަތިންނެވެ. މަންމަ އަކީ ރަށު ސްކޫލްގެ މަސައްކަތުމީހަކަށް ވާތީ މަންމަ އަށް އަހަރެން ކައިރިއަށް އައުމަށް ދަތިވުމުންނެވެ. 

"މަންމަ ނުފެންނާތީ ކަނބުލޮ އަބަދު ހުންނަނީ ދެރަވެފަ" ބައްޕަ ނީމްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެކަމަކު ނީމް ބޭނުންވީ އަހަރެން ކައިރީގައި ހުންނާށެވެ. އޭނާ ދުވެފައި އައިސް އަހަރެންގެ އިނގިލީގައި ހިފިއެވެ. 

ގެއާ ހަމައަށް އާދެވުނު އިރު ވެސް އަހަންނަކަށް ނޭނގުނެވެ. މީގެ ތިން އަހަރު ކުރިން އަހަރެން ރަށަށް އައި އިރު ވެސް ހުރީ އަހަރެމެން ކުޑައިރު އުޅުނު މުސްކުޅި ގެ އެވެ. އެކަމަކު މިހާރު އެއީ މުޅިން އާ ބިންގަލެއްގެ މަތީގައި ބިނާކުރެވިފައި ހުރި މުޅިން އާ އިމާރާތެކެވެ. 

"ދަރިފުޅު މާމައާ އެކީގަ ތިއުޅެނީ ޕެލަސްއެއްގަ ދޯ!" ފާރުތަކުގައި ލާފައިހުރި ކުލައިން ފެށިގެން ގޮސް ފަރުނީޗަރުތަކާއި، ސީލިންގއާއި، ކޮޓަރިތަކުގެ ފަރުމާއަށް އަހަންނަށް ތަޢުރީފުކުރެވުނެވެ. "އުމުރުން ދުވަސް ވިޔަސް ބައްޕަގެ ވިސްނުމާ ސްޓައިލް ވަރަށް ޒުވާން" 

ބައްޕަ އަކީ ކެޔޮޅެކެވެ. އެކަމަކު މިހާރު މަހަށް ގޮސް އުޅެނީ ހިތްހަމަޖައްސާލުމަށެވެ. މަންމަ ވެސް އަދާކުރާ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ ކަހަލަ ކިތަންމެ މަސައްކަތެއް ކުރެއެވެ. އިލޮށިފަތި ހަދައިގެން ވިއްކައެވެ. އަގަށް ބަނބުކެޔޮ ތެލުލައިދެއެވެ. ފަޅު ގޯއްޗާއި، ގެވަޅުފަދަ ތަންތަން މަހު މުސާރައަށް ކުނިކަހާ ބަލަހައްޓާ ދެއެވެ. އެ ހުރިހާ ކަމެއްގައި ވެސް ބައްޕަގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެއެވެ. ބައްޕަ އަކީ މަންމަ އަށް ވަރަށް "ހެޔޮ" މީހެކެވެ. ރަށު އެންމެން ވެސް އެ ވާހަކަ ދައްކައެވެ. އަހަރެން އެންމެ އުފާވާކަމަކީ އެއީއެވެ. 

އަހަރެން އައިފަހުން ތިން ހަފުތާ ވީއިރު ވެސް ނީމް ހަމައަކަށް ނޭޅެއެވެ. އަބަދު ހުންނަނީ ބަސްމަދުވެ، ރުންކުރުވެފައެވެ. ކުދިކުދި ކަންކަމާ ރޮއެ، ނުކާން އުޅުން އާދައަކަށް ވެފައެވެ. ކޮންމެ ވެސް ކަމަކާ ބިރުގަނެ، ހާސްވެފައި ހުންނަކަން މޫނުމަތިން ހާމަވެއެވެ. އަހަރެން  އެ ވާހަކަ އާރިފް ކައިރީގައި ވެސް ބުނީމެވެ. 

"އެއީ މަންމައާ ދުރުގަ އުޅެންޖެހުނީމަ ކަމަށް ވާނީ. . ކުދިންގެ އުމުރާ ގުޅިގެން ވެސް އުޅުމަށް ކުދިކުދި ބަދަލު އަންނާނެ!" އާރިފް އެދުނީ އެކަމާ މާބޮޑަށް ކަންބޮޑުނުވުމަށެވެ.

އިރާކޮޅުގެ ވަގުތެވެ. ނީމް މާ އަވަހަށް ނިދުމުން އަހަރެން ބަދިގެ ފަރާތަށް ނުކުތީމެވެ. އަނބުގަސްދަށުގައި ހުރި ޖޯލިފަތީގައި މަންމަ އިލޮށި މަށަން އިނެވެ.

"މިރޭ ދުން ނުޖަހަންތަ؟" ޖޯއްޔާއި ތަންކޮޅެއް ދުރުގައި ހުރި ޑަބިޔާގަނޑުން ދުން ނާރާތީ އަހަރެން އެހީމެވެ. "މަދިރި ނޫޅެނީތަ؟" 

"އެއީ ބައްޕަ ކުރާކަމެއް! މުޅިގައިގަ ދުނބުޅި ވަސް ހިފާތީ މަންމައަކަށް ކަމަކުނުދެ" 

"މިހާ މަދިރި ގިނަ ރަށެއްގަ އުޅެއުޅެ މަންމަމެން ތި ތިބެނީ އެކަމަށް އާދަވެފަ. އަހަންނަށް ވަރަށް އުނދަގޫވޭ ފައި ކައިރީގަ އެންމެ މަދިރިއެއް އުޅުނަސް" ހެމުން އަހަރެން ބުނީމެވެ.

"ކަނބުލޮ ނިދީތަ؟" އަހަރެން ޖޯލީގައި އިށީނުމާ އެކު އުނގުފޮޅާލަމުން މަންމަ ތެދުވިއެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. 

ޖޯލީގައި އޮށޯވެ، ހަމަޖެހިލަމުން އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އާރިފް ކިތަންމެ ވަރަކަށް ނުވިސްނާށޭ ބުންޏަސް އެކަނިވާ ކޮންމެ ފަހަރަކު އަހަންނަށް ފިކުރުކުރެވެނީ ނީމްއާ ދޭތެރޭގައެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މި ހުރިހާ ދުވަހު އޭނާ ގެންގުޅުނީ އަހަރެންގެ އުނގުތެރޭގައެވެ. ކިތަންމެ ކުޑަ ބަދަލެއް އަޔަސް އަހަންނަށް އެނގޭނެއެވެ. އިހުސާސް ކުރެވޭނެއެވެ. މިއީ ކުށްހީއެއް ނޫނެވެ. ނީމް އަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ.

"އާރިފް އަންނަނީ ކޮންއިރަކުން؟" މަންމަ އައިސް ބިންމަތީގައި ހުރި އިލޮށިތައް ހޮވަންފެށިއެވެ. "ދަރިފުޅުމެން ދިޔައިމަ މިގޭތެރެ ވަރަށް ފަޅުވާނެ"

"އޭނާ އަށް ޗުއްޓީ ލިބޭނީ މި މަސް ނިމުނީމަ. އަދި ދެހަފުތާ ވަރު ވާނެހެން ހީވަނީ" އާރިފަށް ޗުއްޓީ ނުލިބުމުން ނީމް ބަލާ އައީ އަހަރެން  އެކަންޏެވެ. އޭރުން ދުވަސްކޮޅަކު މަންމަމެން ކައިރީގައި މަޑުކޮށްލުމުގެ ފުރުޞަތު ވެސް ލިބޭނެތީއެވެ. 

"ކާން ހަދައިފިން. ހިނގާ ކާން ދާން"  

މަންމަ ދިޔުމުން ވެސް އަހަންނަށް އޮވެވުނީއެވެ. ފިކުރުތަކުގެ ކަނޑަކަށް ޣަރަޤުވެފައެވެ. ހޭވެރިކަންވީ އެއްޗެއް އަނދާވަސް ދުވަން ފެށުމުންނެވެ. ފައިދަށުން ދުން އަރާތަން ފެނުމުން ތެޅިގަނެވުނެވެ. މަންމަ އައިސް ޖޯލި ދަށުގައި މަދިރި ދުންދަނޑިއެއް ބަހައްޓާފައި ހުރިކަން އެނގުނީ އެވަގުތެވެ. މަންމަގެ އެހީއަކަށް އެދި ހަޅޭއްލަވައިގަނެވުނެވެ.

"ޒިމްނާ!" މަންމަ ހަޅޭއްލަވައިގަތީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. ބައްޕަ ވެސް އައީ ހަމަ އެވަގުތެވެ. އަހަރެން ލައިގެން ހުރި ކަޅުހެދުމުގެ ފަސްބައިގައި ހިފާފައިވާ ހުޅުގަނޑު މަންމަ އާއި ބައްޕަގެ މަސައްކަތުން މިނެޓެއްހާ އިރު ތެރޭގައި ނިއްވާލިއެވެ. އަހަންނަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެކަމަކު ވަރަށް ބާރަށް މޭތެޅެމުން ދިޔައެވެ.  

"ޒިމްނާ" މަޑުމަޑުން އަހަންނަށް އެ ނަން ކިޔާލެވުނެވެ. 

ހަމަ އެހިނދު އަހަރެންގެ ހިތުގައި ވަޅުޖެހިފައިވާ ހަނދާންތަކެއް އާވެ އާލާވާން ފެށިއެވެ. މީގެ ފަނަރަވަރަކަށް އަހަރު ކުރިން އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވި ހާދިސާއަކީ މުޅި ރަށަށް ސިހުން ގެނުވި ހާދިސާއެކެވެ. ކަންވީގޮތް އަހަންނަކަށް މާ ރަނގަޅަކަށް ނޭނގެއެވެ. އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެވެ. އަހަންނަށް އެ ޚަބަރު ލިބުނީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ބޮޑުދައިތަގެ ފަރާތުންނެވެ. އެކަމެއް ހިނގީ އެރޭގެ މެންދަމުގެ ވަގުތެއްގައެވެ. އަހަންނަށް އެނގުނު އިރު މަންމަ އާއި ބައްޕަވީ ދައްތަ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ގޮހެވެ. ހަމަ އެ ދުވަހު ދައްތަ މަރުވީއެވެ. އެތައް ބަޔަކު، އެތައް ގޮތަކަށް ދައްތަގެ މަރުގެ ވާހަކަދެއްކިއެވެ. ދައްތަ މަރުވީ ޝާހިދު ރުޅިވުމުން ކަމުގައި ވެސް ކިޔެވެ. އަހަރެން ހުރި ތަނެއްގައި އަހަރެންގެ ރައްޓެހި ކުއްޖެއްގެ މަންމަ ވެސް އެ ވާހަކަ އެގޮތަށް ދެއްކިއެވެ. އެކަމަކު އަހަރެން އެ ވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރަމެވެ. ބައްޕަ އޮތީ ދައްތަގެ ވާހަކަ ދެއްކުން މަނާކޮށްފައެވެ. މަންމަ އާއި ބައްޕަގެ ދުލުން ދައްތަގެ ނަން ކިޔާ އަޑު ވެސް އަހަންނެއް ނާހަމެވެ. މާޒީއާ އެކުވެގެން ދިޔަ އަހަރުތަކާ އެކު މިހާރު އެ ނަން ހަނދާން ހުރި މީހަކު ވެސް ރަށުގައި ނޫޅޭނެކަން ގައިމެވެ. ދެންމެ މަންމަ ވެސް އެ ނަމުން އަހަންނަށް ގޮވީ ބޭއިޚުތިޔާރުގައި ކަން ޔަޤީނެވެ. 

އަހަންނަށް ދިމާވި އަލިފާނުގެ ހާދިސާ ކިޔައިދިނުމުން އާރިފް ނުހަނު ކަންބޮޑުވިއެވެ. "ނަސީބެއްނު ނުފިހުނުކަން" 

"އަހަރެން ފިހުމަށް ވުރެ މާ ބޮޑެއްނު ނީމްގެ ކަންތައް!" ވީދެރައާ އެކު އަހަންނަށް ރުޅި އާދެވުނެވެ. "އަހަންނަށް ޔަޤީން ނީމް އަށް ކޮންމެ ވެސް ކަމެއް ވެއްޖެކަން. އަހަންނަކަށް ނުވެސްނިދޭ. މިހާ ހޭލުންތެރި، ވަސީލަތްތައް ފަހި ޒަމާނެއްގަ އަޅާނުލާ ތިބެން ހެޔޮވާނެތަ؟" އަހަންނަށް ކުރެވޭ ޝައްކު ހާމައެއް ނުކުރަމެވެ. އެކަމަކު ފޯނު ބޭއްވީ ނުހާއާ ވާހަކަދައްކާނެ ކަމަށް އާރިފް ބުނުމުންނެވެ. ނުހާއަކީ އާރިފްގެ ރައްޓަހި ކައުންސެލަރަކެވެ. ސްކޫލް ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ލަފާދޭ ތަޖުރިބާކާރެކެވެ. 

ދައްތަގެ މަރުގެ ޙަޤީޤަތް ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި އޮތުމުން ޝާހިދާ ބައްދަލުވޭތޯ ދިޔައިމެވެ. މީހަކު ކައިރީގައި އަހައިގެން އޭނާ އުޅޭ ގެ ހޯދީމެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން އޭނާއާ ދިމާވިއެވެ. އޭނާ އުޅުނީ ގޭ ދޮރުމަތީގައި ހެދިފައިވާ ފޭރުގަހެއްގައި ހުރި ގިތިފޭރުތަކަށް ފުޅި ލައްވާށެވެ. އަހަރެން ފެނުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.

"ނަޝްވާ. . ! ކަމަކުތަ؟"   އަރާ ހުރި ހަރުގަނޑުން ފައިބަމުން ޝާހިދު އެހިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އަހަރެން ދިޔަ ގެ އެއް ނޫނެވެ. ވާހަކަދެއްކި މީހެއް ނޫނެވެ. އެކަމަކު އާބާދީ މަދު ކުދިކުދި ރަށްރަށުގައި އެންމެންނަކީ ވެސް ފެނިދެނިވާ މީހުންނެވެ.

ވާހަކަ ފަށަންވީ ކިހާ ހިސާބަކުން ކަމެއް އަހަންނަކަށް ނޭނގުނެވެ. އެކަމަކު ޒިމްނާ އަމިއްލައަށް މަރުވީ ކީއްވެތޯ އެހުމުން ޝާހިދުގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ. 

"އަހަންނަށް ކިހިނެއް އެނގޭނީ؟" އެ އަޑުގައި ކޮންމެ ވެސް ވަރެއްގެ ތުރުތުރެއް އެކުލެވިގެންވާ އަޑަކުން ޝާހިދު އެހިއެވެ.

"ޒިމްނާ މަރުވި އިރު ރައްޓެހިވެގެން އުޅުނީ ޝާހިދާ." އަހަންނަށް އެނގިފައިވާ ގޮތަށް ބުނީމެވެ. "މަރުވީ ވެސް ޝާހިދާ ޖެހުނު މައްސަލައެއްގަ. . "

ޝާހިދު ފުން ނޭވާއެއް ލިއެވެ. ހީވީ އަހަރެން ފެނުމުން އުފެދުނު ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ބޭރުކޮށްލީހެންނެވެ. 

"އެއީ ދޮގެއް! ޒިމްނާ އަހަންނާ ރައްޓެއްސެއްނުވޭ. އަހަރެން އުޅުނީ ޒިމްނާއާ އަޅައިގަނެގެން، ރައްޓެހިވާ ހިތުން. އެކަމަކު ޒިމްނާ ބުނީ މިރަށު ކުއްޖަކާ ރައްޓެހިވާކަށް ބޭނުމެއް ނޫނޭ. ހީވަނީ އޭރު އޭނަ އުޅުނީ ކުޅުދުއްފުށީ ކުއްޖަކާ ރައްޓެހިވެގެންހެން." ޝާހިދަށް ހީކުރެވިފައިވާ ގޮތް ބުންޏެވެ.

އޭރު ރަށުގެ ތަޢުލީމީ ޙާލަތު ހުރި ގޮތުން ކިރިޔާ ވެސް ފޯރާ ބައެއް ނަމަ ދަރިން ކިޔަވަން ފޮނުވަނީ ކުޅުދުއްފުށްޓަށެވެ. އަހަރެން ވެސް އުމުރުން އެގާރަ އަހަރުން ފެށިގެން އުޅުނީ އެ ރަށުގައެވެ. 

"ރީމާ ވެސް ބުނި ޒިމްނާ ބުންޏޭ ރަށަށް އަންނަހިތެއް ނުވެއޭ! އެކަން ހިނގީ ވެސް އެ އަހަރު ބޮޑު ޗުއްޓީގަ ޒިމްނާ ރަށަށް އައިސް އުޅެނިކޮށް!" 

ޝާހިދުގެ ވާހަކައިން އަހަންނަށް ޤަބޫލުކުރެވުނީ ދައްތައަށް އެ ދިމާވި ކަމެއް ދިމާވީ މިރަށުން ކަމުގައެވެ. އަހަރެން ރީމާއާ ވެސް ވާހަކަދެއްކީމެވެ. އެއީ ދައްތަގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް ނުވަތަ ލޯބިވާ މީހަކު ހުންނަ ވާހަކައެއް ވެސް ރީމާ ކައިރީގައި ބުނެފައެއް ނުވެއެވެ. 

"އަހަރެން ބުނިން ޝާހިދަކީ ރީތި، ރަނގަޅު ކުއްޖެކޭ!" ޒިމްނާގެ ހަނދާންތައް އާކުރަމުން ރީމާ ކިޔައިދިނެވެ. "އެކަމަކު ބުނީ ތިމަންނަގެ ޙަޤީޤަތް އެނގިއްޖެނަމަ ޝާހީދު ރައްޓެއްސެއް ނުވާނޭ!"

ކޮން ޙަޤީޤަތެއް ހެއްޔެވެ؟ އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. 

"އެ ފަހަރު ޗުއްޓީގަ އައިސް އުޅެފަ އެ ދެއްކި ވާހަކަތަކެއް އަހަންނަކަށް ވެސް ނޭނގެ. ކިޔަވާ ހިތެއްނުވެއޭ! އެކަމަކު ކިޔަވަން ނުގޮސް ރަށުގަ ހުންނަ ހިތެއްނުވެއޭ! ގެ އަށް ދާހިތެއްނުވެއޭ! ދެން ނޭނގެ އަހަންނަކަށް" ހަނދާން ހުރި މިންވަރަށް ރީމާ ކިޔައިދިނެވެ.

ޝާހިދާއި ރީމާ ދެއްކި ވާހަކަތައް އެއްކޮށްލުމުން ކުރެވެމުންދިޔަ ހީތައް ވީއިތުރެވެ. ބައެއް ކަންކަން ޔަޤީން ވެސް ވިއެވެ. 

ނުހާގެ ކޯލެއް އައީ އެ ވަގުތެވެ. ނީމްގެ ފަރާތުން އަހަންނަށް ފާހަގަކުރެވޭ ހުރިހާ ކަމެއް ނުހާ އަށް ކިޔައިދިނީމެވެ.

"ވެދާނެ މީހަކު ޖިންސީގޯނާ ކުރަނީ ކަމަށް!" ނުހާ ދިން ޖަވާބުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ބުނަން ކިތަންމެ ބޭނުން ނުވިޔަސް އެއީ އަހަންނަށް ވެސް ހީކުރެވުނު ގޮތެވެ. 

ނުހާ ވަރަށް ތަފުސީލުކޮށް އެ ފަދަ ކަންކަން ދެނެގަންނާނެ ގޮތްތައް ކިޔާދިނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެފަދަ އަނިޔާތައް ތަޙައްމުލު ކުރަމުންދާ ކުއްޖަކާއި، އެފަދަ ކަމެއް އަލަށް ދިމާވާން ފަށާ ކުއްޖަކަށް އަންނާނެ ބަދަލުތައް އޮޅުންފިލުވައިދިނެވެ.

ބިރުވެރިކަމާއި، ނުތަނަވަސްކަން ހަފަރާތުން އައިސް އަހަރެންގެ ވަށައިލިއެވެ. ޖަވާބު ނޭނގޭ ސުވާލުތައް ހިތުގައި ގިނަވަމުން ދިޔުމުން ހާސްކަން އިތުރުވާން ފެށިއެވެ. އެ ފަދަ ނުބައި ކަމެއް އެކުރަނީ ކާކު ހެއްޔެވެ؟ ގެއަށް ވަދެއުޅޭ ރައްޓެއްސެއް ހެއްޔެވެ؟ ނުވަތަ ތިމާގެ މީހެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް މަންމަ އާއި ބައްޕަ އަށް ނޭނގި އެކަން ހިނގާފާނެ ހެއްޔެވެ؟ 

އަހަރެން އެކި ގޮތްގޮތަށް ނީމްއާ ސުވާލު ކުރީމެވެ. ލިބުނު ޖަވާބުން ބޮލަށް އެނބުރުން އެރިއެވެ. ހަމަ އެހާމެ ހިތްދަތި ވެސް ވިއެވެ. މައިންބަފައިންގެ ޝިކާރައަކަށް ދަރިން ވާނަމަ އެ ދަރީންނަށް ހިމާޔަތް ދޭނެ ދުރުހިލޭ މީހަކު ހުންނާނެ ހެއްޔެވެ؟ އުފަން ދަރިއަކާއި، ކާފަ ދަރިއެއްގެ މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ލޯބި ވާނީ ވެސް އަދި ހެޔޮ އެދޭނީ ވެސް އެއްވަރަކަށެވެ. ދެއްކޭނެ މާބޮޑު ހެއްކެއް ނެތް ނަމަވެސް އަހަރެންގެ ހިތް ބުނަނީ ދައްތަ މަރުވީ ވެސް ބައްޕަގެ ޝިކާރައަކަށް ވުމުން ކަމުގައެވެ. އަމިއްލަ ދަރިފުޅަށް ރަޙުމުނުކުރި މީހަކު ކާފަދަރިފުޅަށް ރަޙުމުކުރާނެ ހެއްޔެވެ؟ ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި ކިޔަވަން އުޅެން ޖެހުމަކީ އަހަރެންގެ ނަސީބެވެ.

އަހަރެން އެ މައްސަލަ ރިޕޯޓުކުރަން އުޅުމުން ބައްޕަ ފަޟީޙަތް ނުކުރުމަށް އެދި މަންމަ އާދޭސްކުރިއެވެ. މިއީ ފުރަތަމަ ފަހަރު ކަމަށް ވީތީ މަޢާފުކޮށްދިނުމަށް އެދުނެވެ.

"އަހަރެން ޤަބޫލެއް ނުކުރަން މީ ފުރަތަމަ ފަހަރު ކަމަކަށް. މަންމަ އަށް ވެސް އެނގޭނެ މީ ފުރަތަމަ ފަހަރު ނޫން ކަން" އަހަރެން ބޭނުންވީ ދައްތަ އަށް ދިމާވި ކަންތައްތައް މަންމަ އަށް އެނގޭތޯ ބަލާށެވެ. "އެ ދުވަހު ދައްތަގެ މައްސަލަ ރިޕޯޓު ކުރި ނަމަ މިއަދު ނީމް ސަލާމަތް ވާނެ. ކުށްވެރިންނަށް ހިތްވަރު ލިބެނީ އެ މީހުން ކުރާ ކަންތައްތައް ސިއްރުކޮށްދޭނެ މީހުން ތިބޭތީ"

"ތިހެން ނުބުނޭ ދަރިފުޅާ! ދައްތަ މަރުވީ ކީއްވެ ކަމެއް މަންމަ އަކަށް ނޭނގެ" މަންމަގެ ދެ ލޯ ފެންކަޅިވިއެވެ. "ދައްތަ ބޮޑުވަމުން އައި ވަރަކަށް ދިޔައީ މަންމައާ ވަރަށް ދުރުވަމުން. ކުޑައިރު އެ އުޅުނު ސިޔާސަ ގޮތް މުޅިން ބަދަލުވެ، ހިމޭންވި. މަންމަ ހީކުރީ އެއީ އުމުރަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅިގެން އައި ބަދަލެއް ކަމަށް. ކުޅުދުއްފުށީގަ އުޅެފަ ރަށަށް އަންނަ ފަހަރަކު ވެސް މަންމައާ މާ ގިނަ ވާހަކަތަކެއް ނުދައްކާ. ގޭގަ އުޅެންޏާ އަބަދު އޮންނަނީ ކޮޓަރީގަ"

"އެ ރޭ ވީ ކިހިނެއް؟" ފުރަތަމަ ފަހަރަށް އަހަރެން އެ ސުވާލު ކުރީމެވެ. މަންމަގެ ވާހަކަ ހުރި ގޮތުން އެ ސުވާލު ކުރަން އަހަންނަށް މަގުފަހިވިއެވެ. އަހަރެން ހުރީ އެކަން އޮޅުންފިލުވަން އިންތިހާއަށް ބޭނުން ވެފައެވެ.

"މަންމަ އަށް ހޭލެވުނީ ބައްޕަ ގޮވާ އަޑަށް. ބުނީ ގިފިލި ތެރެއިން ޒިމްނާ ހަޅޭއްލަވާ އަޑު އެބަ އިވެއޭ! ދުން ވެސް އެބަ އަރައޭ!"

"ދައްތަ ގައިގަ ރޯކޮށްލީ ވެސް ބައްޕަ ކަމަށް ވާނީ" އަހަންނަށް ދަތްކުނޑިވިކުނެވެ. 

"އެހެން ނުބުނޭ! ޒިމްނާ އަމިއްލައަށް ދޮރު ތަންޑުއަޅުވައިގެން އެ ކުރި ކަމެއް ކުރީ. ބައްޕަ ގިފިލި ދޮރު ވައްޓާލީމަ މަންމަ އަށް ވެސް އެތެރެއަށް ވަދެވުނީ" މަންމަ ބުންޏެވެ. 

އަހަރެން އިތުރު އެއްޗެއް ނުބުނެ ދާން ހިނގައިގަތީމެވެ.

"ދަރިފުޅު ފުރައިގެން ދާނީ މާދަމާ ނޫން ކަމެއް ނޭނގެ. އޭރަށް ވެސް މަންމަ ކައިރީގަ، މަންމަގެ ކަންކަން ބަލަހައްޓަން ހުންނާނީ ހަމަ ބައްޕަ" މަންމަ އުޅުނީ އަހަންނަށް ވިސްނާދެވޭތޯއެވެ. އެކަމަކު ރަނގަޅު ގޮތް ނުވިސްނެނީ އަހަންނަކަށް ނޫނެވެ. މަންމަ އަށެވެ. މަންމަގެ ވިސްނަނީ މާ ހަނި ދާއިރާއަކުންނެވެ. 

"މަންމަ ކަންބޮޑު ވަނީ އެކަމާތަ؟ އަހަރެން ދާ އިރު މަންމަ ގޮވައިގެން ހިނގައިދާނަން. މަންމަ ބޭނުންވާ ނަމަ މި ރަށުގަ، މި ގޭގަ ވެސް މަންމަ ބަލަން ހުންނާނަން" 

އަހަރެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީމެވެ. ކުށް ކުރާ މީހަކީ ތިމާ ލޯބިވާ މީހަކު ކަމުގައި ވެދާނެއެވެ. ނުވަތަ ތިމާގެ އާއިލާ މީހަކު ކަމުގައި ވެދާނެއެވެ. އެކަމަކު އެ މީހުން ކުރާ ކުށް ސިއްރުކޮށް، އެ މީހުންގެ ދިފާއުގައި ވާހަކަދެއްކުމަކީ ކުށް ކުރުމަށް އެ މީހުންނަށް ދެވޭ ހިތްވަރެކެވެ. އެ ކުށް ތަކުރާރުކުރުމަށް ފަހިކޮށްދެވޭ ފުރުޞަތެކެވެ. އެއީ އަހަރެންގެ ބައްޕަ ކަމުގައި ވިޔަސް އަހަރެން އެ ފުރުޞަތެއް ނުދޭނަމެވެ. އަމިއްލަ ދަރިންނަށް ހިމާޔަތާ، ރައްކާތެރިކަން ނުދިން ބައްޕަ އަކު ވެގެން ދާނީ ދުރުހިލޭ މީހުންނަށް ވެސް ހުރި ނުރައްކަލަކަށެވެ. (ނިމުނީ)