ވޯލްޑް ކަޕްގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ފުރަތަމަ ގޯލާއެކު އެ ޓީމުން 2-0 ގެ ނަތީޖާއަކުން ސައުދީ އަރަބިއާގެ މައްޗަށް ކުރިހޯދައިފިއެވެ.

މި ނަތީޖާއާއެކު ޕޮލެންޑް އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސައުދީ އަރަބިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މެކްސިކޯ އޮތީ އެއް ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް އާޖެންޓީނާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ދޯހާގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި ސައުދީ އަރަބިއާގެ މުހައްމަދު ކަންނޮ ފޮނުވާލި ބޯޅަ ޕޮލެންޑްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.

މި ހާފުގައި ޕޮލެންޑުން ފޮނުވާލި ފުރަތަމަ ހަމަލާގައި 26 ވަނަ މިނެޓުގައި ޕިއޮޓްރް ޒިއެލިންސްކީ ނެގި ކޯނަރަކުން އެ ޓީމުގެ ކްރިސްޓިއަން ބީލިކް ބޮލުން ފޮނުވާލި ބޯޅަ ސައުދީ އަރަބިއާގެ ސާލެހް އަލް-ޝެހްރީ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޕޮލެންޑްގެ ފުރަތަމަ ލަނޑުޖަހައިދިނީ ޒިއެލިންސްކީ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލެވަންޑޯސްކީ ޖައްސާލި ޕާހަކުން ޒިއެލިންސްކީ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލްގައި އެ ޓީމުގެ ފުލްބެކް މެޓީ ކޭޝްގެ ދައުރު ވެސް ބޮޑެވެ.

ސައުދީ އަރަބިއާއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ފީފާ

މެޗުގެ 44 ވަނަ މިނެޓުގައި ސައުދީ އަރަބިއާ އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ސައުދީ އަރަބިއާގެ ކެޕްޓަން ސާލެމް އަލްދައުސާރީ ފޮނުވާލުމުން ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ މަތަކުރިއެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ އަލް-ޝެހްރީ އަށް ޕޮލެންޑްގެ ބީލިކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ސައުދީ އަރަބިއާ އަށް ލިބުނު ފުރުޞަތުގައި އަލްދައުސާރީ ފޮނުވާލި ބޯޅަ ޕޮލެންޑްގެ ކީޕަރު ޝެޒްނީ މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޕޮލެންޑްގެ ލީޑް ފުޅާކޮށްދޭން އާކަޑިއުޝް މިލިކް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އަދި އޭގެ ދެ މިނެޓުފަހުން، ލެވަންޑޯސްކީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާގެ ރޮނގުކައިރިން ސައުދީ އަރަބިއާގެ އަބްދުލެލާ އަލްމަލްކީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ. އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ސައުދީ އަރަބިއާގެ އަލްމަލްކީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލެވަންޑޯސްކީ ވަނީ ޕޮލެންޑްގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ވޯލްޑް ކަޕްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގްރޫޕް ޑީ ގައި ހިމެނޭ ޓިއުނީޝިއާ އަތުން އޮސްޓްރޭލިއާ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 23 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޗޭލް ޑިއުކް އެވެ.