މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން 4-3 އިން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިިނަލް ފަހަނައަޅައި ސެމީ އަށް ދަތުރުކުރި ފަސްވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ސެމީގައި ކުޅުނު ތިން ފަހަރު ވެސް ފައިނަލުން ޖާގަ ހޯދާފައިވެއެވެ. އެއީ، 1986، 1990 އަދި 2014 އެވެ. 

އަނެއްކޮޅުން ރޭގެ މެޗާއެކު އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ޕެނަލްޓީޝޫޓްއައުޓްގައި އެންމެ ގިނަ މެޗުން މޮޅުވި ޓީމުގެ ރެކޯޑް ގާއިމްކޮށްފައެވެ. އެ ޓީމުން ވަނީ ޕެނަލްޓީޝޫޓްއައުޓްގައި ވާދަކުރި ހަ ފަހަރުގެ ތެރެއިން ފަސް ފަހަރު މޮޅުވެފައެވެ. 

ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑްނަގައިދޭން އެ ޓީމުގެ ރޮޑްރިގޯ ޑެ ޕޯލް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ އަންދްރެއަސް ނޮޕާޓް މަތަކުރިއެވެ.

އާޖެންޓީނާ އިން ލީޑްނެގީ މެޗުގެ 35 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނަލް މެސީ ދިން ރީތި ޕާހަކުން އެ ޓީމުގެ ފުލްބެކް ނަހުއެލް މޮލީނާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އާޖެންޓީނާ އަށް މޮލީނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މި މެޗުގައި ހެދި އެސިސްޓް އާއެކު، މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރުގައި އެންމެ ގިނަ ލަނޑުޖެހުމަށް އެހީތެރިވެދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މެސީ ވަނީ ނޮކްއައުޓް ބުރުގައި ފަސް އެސިސްޓް ހަދާފައެވެ. މީގެކުރީން، މި ރެކޯޑް އޮތީ ހަތަރު އެސިސްޓްއާއެކު ބްރެޒިލްގެ ލެޖެންޑް ޕެލޭ އަތުގައެވެ. މީގެއިތުރުން، މިއީ ވޯލްޑް ކަޕްގައި މެސީގެ ހަތްވަނަ އެސިސްޓެވެ. މިއާއެކު، މެސީ ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް އެންމެ ގިނަ ލަނޑުޖެހުމަށް އެހީތެރިވެދީފައިވާ ޑިއޭގޯ މަރަޑޯނާގެ 8 އެސިސްޓްގެ ރެކޯޑާ ގާތަށް ޖެހިލައިފައެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން މެސީ ފޮނުވާލި ހަމަލާ ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް މަތަކުރިއެވެ. 

ދެވަނަ ހާފުގެ ކުރީކޮޅު އާޖެންޓީނާ އަށް ލިބުނު ހިލޭޖެހުމަކުން މެސީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ އާޖެންޓީނާ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފުލްބެކް މާކޯސް އަކޫނިއާ އަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި 10 ގޯލް ޖަހައިގެން އާޖެންޓީނާގެ ލެޖެންޑް ގެބްރިއެލް ބަޓިސްޓޫޓާ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީ، އުއްމީދު އާކޮށްދީފައެވެ. ސްޓީވެން ބާގްހައުސް ނެގި ހުރަހަކުން ވެގްހޯސްޓް މި ލަނޑުޖެހީ ބޮލުންނެވެ. ނެދަލެންޑްސް އިން އެއްވަރުކުރި ލަނޑު، މެޗުގެ އިތުރުވަގުތުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ވެގްހޯސްޓް އެވެ. މިއީ އެ ޓީމުގެ ޓެއުން ކޫޕްމައިނާސް ފޮނުވާލި ހިލޭޖެހުމަކުން ވެގްހޯސްޓް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ނަތީޖާ 2-2 އިން އެއްވަރުވުމުން، ދެން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތުތައް ތަނަވަސްކުރީ އާޖެންޓީނާ އިންނެވެ. އިތުރުވަގުތުގެ ދެވަނަ ހާފުގައި އެ ޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އާއި އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާތައް ނެދަލެންޑްސްގެ ކުޅުންތެރިން ބްލޮކްކުރިއިރު، އޭގެފަހުން ލަޓާރޯ ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް މަތަކުރިއެވެ. އަދި އޭގެފަހުން، އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ފެނާންޑޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

މި މެޗުގެ އިތުރުވަގުތުގެ ދެ ހާފުގެ ކުޅުމަށް ފަހު ނަތީޖާ ބަދަލުނުވުމުން، ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލެންޑްސް އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް އާއި ބާގްހައުސް ފޮނުވާލި ޕެނަލްޓީތައް އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކޫޕްމައިނާސް އާއި ވެގްހޯސްޓް އަދި ލޫކް ޑި ޔޯން އެވެ. އާޖެންޓީނާގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީ، ލެއަންޑްރޮ ޕަރެޑޭސް، ގޮންޒާލޯ މޮންޓިއެލް އެވެ. އެކަމަކު، އާޖެންޓީނާގެ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ނަމަވެސް ލަޓާރޯ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދީ އެ ޓީމު މޮޅުކޮށްދީފައެވެ.

ސެމީ ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. އެ ޓީމުން ވަނީ ވޯލްޑް ކަޕްގެ ރަސްގެފާނު ކަމަށްވާ ބްރެޒިލް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން މޮޅުވެފައެވެ.