މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީޝޫޓްއައުޓްގައި 4-2 އިން ކްރޮއޭޝިއާ އަތުން ބަލިވެ، ބްރެޒިލް ކަޓައިފިއެވެ.

މިއީ ބްރެޒިލް އެންމެ ފަހުން ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން ކުއާޓާ ފައިނަލުން އެ ޓީމު ކެޓި ހަތަރުވަނަ ފަހަރެވެ. އަދި 2002 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ޖަރުމަން އަތުން މޮޅުވި ފަހުން ނޮކްއައުޓް ބުރުގައި ޔޫރަޕްގެ ޓީމެއް އަތުން ބްރެޒިލް މޮޅުވެފައެއްނުވެއެވެ.

މީގެއިތުރުން، ކްރޮއޭޝިއާ އިން މިހާތަނަށް މި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނޮކްއައުޓް ބުރަށް ދަތުރުކުރި ތިން ފަހަރު ވެސް ވަނީ ސެމީގައި ކުޅެފައެވެ. އެއީ، 1998، 2018 އާއި 2022 އެވެ.

އަލް ރައްޔާންގައި ހުންނަ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ލިބުނު ފުރަތަމަ ފުރުޞަތުގައި އިވާން ޕެރިސިޗް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މި ހާފުގައި ބްރެޒިލަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ނޭމާ ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 42 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ބްރެޒިލްގެ ތަރި ނޭމާ ފޮނުވާލި ބޯޅަ ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ހުއްޓުވިއެވެ.

ބްރެޒިލާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ދެވަނަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާގެ އިތުބާރު ސެންޓްރަލް ޑިފެންޑަރު ޔޮސްކޯ ވަޑިއޯލް އަތުން ބައިކޮޅަށް ލަނޑެއްނުވަނީ ހަމަކިރިޔާ އެވެ. އަރިމަތިން ބްރެޒިލްގެ ޢެޑާ މިލިޓާއޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަޑިއޯލް ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް މަތަކުރިއެވެ. އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވުމުގެ ކުރީން ނޭމާ އާއި ލޫކަސް ޕަކޭޓާ ފޮނުވާލި ދެ ހަމަލާއަކާއި އެންތަނީ ފޮނުވާލި ބޯޅަ ވެސް ލިވާކޮވިޗް ވަނީ ހުއްޓުވައިފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެއްވަނަ މިނެޓުގައި ބްރެޒިލުން ލީޑްނެގީ ޕަކޭޓާ ދިން ޕާހަކުން ނޭމާ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. މި ގޯލާއެކު ނޭމާ ވަނީ ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ޕެލޭގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ 77 ލަނޑުޖަހައިފައެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ މިސްލާވް އޯރްސިޗް އެވެ. މިއާއެކު، މެޗުގެ އިތުރުވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެހެންވެ ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނިކޮލާ ވްލަސިޗް، ލޮވްރޯ މާޔާ، ލޫކަ މޮޑްރިޗް، އޯސިޗް އެވެ. ބްރެޒިލްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ކަސެމީރޯ އާއި ޕެޑްރޯ ފޮނުވާލި ޕެނަލްޓީތައް އެކަންޏެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ރޮޑްރީގޯ ފޮނުވާލުމުން ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް މަތަކުރިއިރު، ހަތަރުވަނަ އަށް މާކީނޯސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.