މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާ 3-0 އިން ބަލިކޮށް، އާޖެންޓީނާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ހަވަނަ ފަހަރެވެ. އަދި މިއީ މިދިޔަ ތިން ވޯލްޑް ކަޕްގައި އެ ޓީމުން ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. މި މުބާރާތުގެ ފައިނަލްގައި މިހާތަނަށް އެންމެ ގިނަ ފަހަރު ކުޅެފައިވަނީ ޖަރުމަނުންނެވެ. އެ ޓީމުން 8 ފަހަރު ފައިނަލްގައި ކުޅެފައިވާއިރު، ބްރެޒިލް އާއި އާޖެންޓީނާ ވަނީ ހަ ފަހަރު ފައިނަލަށް ދަތުރުކޮށްފައެވެ.
ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އާޖެންޓީނާ އިން ނިކުތީ އެންމެ ފަހުން ނެދަލެންޑްސްއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ ފުލްބެކް މާކޯސް އަކޫނިއާ އަށް ނުކުޅެވުނުއިރު، ލިސަންދްރޯ މާޓިނޭޒް ފެށީ ބެންޗުންނެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ރޭގެ މެޗުގައި ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ނިކޮލަސް ޓަގްލިއަފީކޯ އާއި ލެއަންޑްރޮ ޕަރެޑޭސް އަށް ފުރުޞަތު ދީފައެވެ.
ރޭގެ މެޗު ފަށައިގެން 25 ވަނަ މިނެޓުގައި އާޖެންޓީނާ އިން ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރިއެވެ. އޭގެފަހުން، މެޗުގެ 34 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ ލިއޮނަލް މެސީ ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އަށް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މެސީ ވަނީ މި ފަހަރުގެ މުބާރާތުގައި ފަސްވަނަ ލަނޑުޖަހައިފައެވެ.
މި ގޯލާއެކު، މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އާޖެންޓީނާ އަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. ކުރިން މި ރެކޯޑް އޮތީ ވޯލްޑް ކަޕްގައި 10 ލަނޑުޖަހައިދީފައިވާ ލެޖެންޑަރީ ފޯވާޑް ގެބްރިއެލް ބަޓިސްޓޫޓާ އަތުގައެވެ. ރޭގެ ގޯލާއެކު އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި މެސީ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.
އާޖެންޓީނާ އިން ލީޑްނެގިތާ ފަސް މިނެޓުފަހުން، އަލަވްރޭޒް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މެދުތެރެއިން އެ ޓީމުގެ ކެޕްޓަން މެސީ ދިން ޕާހަކުން ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، އަލްވަރޭޒް ކާމިޔާބުކުރި ގޯލެކެވެ. ޕެނަލްޓީއޭރިޔާ ތެރެއިން މި އެޓޭކް ހުއްޓުވުމަަށް ކްރޮއޭޝިއާގެ ކުޅުންތެރިން މަސައްކަތްކުރިއިރު ދެ ފަހަރު މަތީން ވެސް އެ ބޯޅަ ލިބުނީ އަލްވަރޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ކުޑަ އޭރިޔާ ތެރެއިން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
މި މެޗުގައި އާޖެންޓީނާ އިން ޖެހި ތިންވަނަ ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އަލްވަރޭޒް އެވެ. މިއީ މެސީ އަށް އަރިމަތިން ލިބުނު ބޯޅަ ހިފައިގެންގޮސް ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ކައިރިން ފަސޭހަކަމާއެކު ދެމިގަނެގެން ގޮސް އަލްވަރޭޒް އަށް ދިން ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ. މިއާއެކު، މެސީ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ގޯލްޖެހުމާއި ލަނޑުޖަހަން އެހީތެރިވެދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އާޖެންޓީނާ އާއެކު ފައިނަލްގައި ނިކުންނާނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ދެވަނަ މެޗުގައި މޮރޮކޯއާ ފްރާންސް ކުރެން މޮޅުވާ ޓީމެކެވެ. މި މުބާރާތުގައި ފައިނަލް މެޗު ކުޅެވޭނީ މި މަހުގެ 18 ވާ އާދީއްތަ ދުވަހު އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން