އަހަރުގެ ބޮޑުޗުއްޓީ ދުވަސްވަރެވެ. މައްކާގައި އުމުރާ ވާންގޮސްތިބި އުމުރާވެރިން މަދެއް ނޫނެވެ. އެކި އުމުރުފުރާގެ މީހުން ދުނިޔޭގެ އެކި ހިސާބުތަކުން އައިސް މައްކާއަށް އޮތީ ޖަމާވެފައެވެ.

އެއްދުވަހުގެ މެންދުރު ނަމާދަށްފަހު، ގިނަބަޔަކު ހަރަމްފުޅުން ނުކުމެގެން އެމީހުން ތިބޭ ހޮޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެ ބައިގަނޑުގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެކެވެ. މަޑު ނޫކުލައެއްގެ ކުރުތާއެއް ކަހަލަ ހެދުމެއް ލައިގެން ހުރި ފިރިހެނެކެވެ. މިއީ ސ.މީދޫ، ކަޅުޖަބުރާތުގޭ ހުސޭނު ( އަސްލުނަމެއް ނޫން) އެވެ.

އެންމެންނާއި އެއްކޮށްހެން ހިނގަމުން ހުސޭނުވެސް ދިޔައީ ހޮޓަލާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި މީނާގެ ކުރިމަތީގައި ހުރި ހަމަ އެފުރައިގެ މީހެއްގެ ޖީބުން 5 ރިޔާލުގެ ނޫޓެއް ވެއްޓުނުތަން މިކަލޭގެއަށް ފެނިއްޖެއެވެ. ހުސޭނު ގުދުވެލާފައި އެ ފަސްރިޔާލުގެ ނޫޓު ނަގައިގެން އެމީހާ އާއި ދިމާލަށް ނިކަން ހަރުކޮށް ހިނގާފައި ހިނގައްޖެއެވެ.

އޭނާގެ ގައިގައި ފަހަތުން ކޮއްޓާލައިފިއެވެ. އޭނާ އެނބުރި ބަލާލުމުން، ހުސޭނު ހެވިލާފައި އެ ފަސްރިޔާލުގެ ނޫޓު ދިއްކޮށްލިއެވެ. އޭނާ ނިތް އަރުވާލުމުން ހުސޭނު ބިންމައްޗަށް އިޝާރާތްކޮށްލިއެވެ. ދެން އޭނާވެސް އޭނާގެ ޖީބަށް އަތްލަމުން ޖީބު ބަލައިލިއެވެ. ޖީބުގައި 5 ރިޔާލު ނެތުމުން އޭނާވެސް ހެވިލާފައި އެ ނޫޓުގައި ހިފައިފިއެވެ.

ދެމީހުންވެސް އެކަކު އަނެކަކާ ސަލާމްކޮށްލިއެވެ. ހުސޭނު މާ ހެވިލާފައި މޯޑިވްސް އޭ މޯޑިވްސް އޭ ކިޔަންފަށައިފިއެވެ. ދެން އޭނާވެސް ހަމަ އެ ރާގަށް މޯޑިވްސް އޭ މޯޑިވްސް އޭ ކިޔަން ފަށައިފިއެވެ.

އިނގިރޭސި ބަސް ނޭނގޭތީ މި ދެ މީހުންނަށް ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. ދެ މީހުން ހަމަ މޯޑިވްސް ކިޔާލަ ކިޔާލަ އިރުކޮޅަކު ހުއްޓެވެ. ދެން ހުސޭނު މިކަމާއި ޒާތަކަށް ހިތްޕުޅާނުވެން ދިވެހި ބަހުން ފަތިވަރެއް އަމުނައިފިއެވެ. "މީދެން ކިހާ ބޮޑު ކަމެއް! ތީގައި މަގޭ ދެން ވަކި ބުނާނީ.... މޯޑިވްސް.. މީ.. މޯޑިވްސް.." ހުސޭނު ބުންޏެވެ.

"އޭ.... ތީ ދިވެއްސެއްތަ..... މަށަކީވެސް ދިވެއްސެކޭ..!" ހައިރާންވެފާ އޭނާ ބުންޏެވެ. "އޭ.. އެހެންތަ... މަށަކަށް ނޭނގުނޭ ތީ ދިވެއްސެއް ކަމެއް، މާރަނގަޅަކަންނު މި ދިމާވީ...." ހެމުން ހެމުން ހުސޭނު ބުންޏެވެ.

ހުސޭނު ހިތުން އޭނާ މޯޑިވްސް އޭ ކިޔަނީ ހުސޭނު މީ ދިވެއްސެއްކަން އޭނާއަށް އިނގިގެންނެވެ. އެހެންވެ ހުސޭނު މޯޑިވްސް ކިޔަމުން ދިޔައީ އޭނާ ބުނި ބަސް ތެދުކަން ހާމަކޮށްދޭށެވެ. އޭނާއަށްވެސް ވީ ހަމަ އެހެނެވެ. އޭގެ ފަހުން މި ދެމީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.