ބޭނުން މަވާ މިކަންކަން، ހާސިލް ކުރަން އެދޭށޭ

   ބޭނުން ވުމުން ދުޢާކޮށް، އަބަދަށްޓަކާ އެދޭށޭ

 

ކެތްތެރި ވުމީ މަށަށް އޮތް، މޮޅު އެއްމެ މޮޅު ގޮތޭމީ

   ކެތްތެރި ކަމުން ލިބޭނޭ، ފައިދާ ތަކަށް އެދޭށޭ

 

ކަންކަން މިތަނުގެ ރާވާ، ތަދުބީރު ކުރި އިލާހަށް

  ކަންކަން ވުމަށް އަދައިގެން، ގިނައިން މިތާ އެދޭށޭ

 

ލަސްވުން އެއީ މޮޅެއްތާ، އަސްތާ އިލާހު ރައްބީ

  ހަސްނެތި މިތާ މަހުއްޓަސް، ހެޔޮއެދި ދުޢާ ކުރާށޭ 

 

މޮޅު ގޮތް މަށަށް އެނގޭހޭ، މަތިވެރި އިލާހު ހުއްޓާ

   ކޮޅުފައި ނަގާ ނުދާށޭ، އިތުބާރު ހުރެ ކުރާށޭ

 

މާޔޫސް ކަމުން މިލާ ގޮސް، މޫނާ ދެއަތް ވަޅޯވެން

   މާޔޫސް ވުމަށް ނުދޭށޭ، ފުރުޞަތު ހިލާ ނުދޭށޭ

 

ނެތްއިރު ތިބާ ވުޖޫދަށް، ގެންނެވި އިލާހު ކިބައިން

   ކެތްތެރި ކަމާ އެކީގައި، އުންމީދު ގައި އެދޭށޭ

 

ނުވެޔޭ އިހާލު ކުޅަދުން، ނުމެވާ ކަމެއް މިދޭހުން

   ދުވެލީގަ ހެޔޮ ތިމާގޮސް، ކުރަމުން ދުޢާ އެދޭށޭ