ބަސްނުވިކޭ އޮޑީގެ ދިނރުނބާކޮޅަށް ނާރާށޭ ބުނާ ބަހަކީ އަދަބީ ބަސްތަކުގެ ތެރެއިން ހަރު ބަހެކެވެ. މިއީ ވަރަށްވެސް މޮޅު، އަދި އެހާމެ އިބުރަތްތެރި ބުނުމެކެވެ.

 މި ބަހުގެ ބަހަވީ މާނައަށް ބަލާލާނަމެވެ. ކޮންމެ އޮޑިއެއްވެސް ތިލަ ތަންތަނުން ދަތުރުކޮށްފައި ދާއިރު ގަލަށްކިއާން މީހަކު ހުންނާނެއެވެ. ގަލަށް ކިއުމަކީ ތިލަ ގާގަލުން އޮޑި ނައްޓަމުން ހުންގާނުގައި ހުންނަ މީހާއަށް އޮޑި ނުބީހި ދެވޭން އޮންނަ މަގު ކިޔައިދިނުމެވެ. އޮޑީގެ، އެންމެ ޚާއްޞަކޮށް ހުންގާނުގައި ހުންނަމީހާ އޭނާ ބުނާ އެއްޗަކަށް ކަމޭހިތަން ޖެހޭނެއެވެ. މިހެން ނުހެދިއްޖެނަމަ ކޮންމެފަދަ ދެރަގޮތެއްވެސް ވެދާނެއެވެ. މިހެނީ އެ ނުރައްކާތެރި ވަގުތުގައި އޭނާއަކީ އެއޮޑީގައިހުރި އެންމެ މުހިންމު މީހާއެވެ. މިފަދަ މީހެއްގެ ބަސް ނުވިކޭގޮތް (ބަސްކަމުނުދާގޮތް) ވެއްޖެނަމަ އެއޮޑިއެއް ފަރަކަށް ނުވަތަ ގަލަކަށް އަރައި ހަލާކުވުން އެކަށީގެންވެއެވެ. 

މިބަހުގެ ހަގީގީ މާނައަށް ބަލާލަމާ ހިނގާށެވެ. މިބަސް ބުނެއުޅެނީ އަމުރު ކުރަންޖެހޭ ކަހަލަ މަޤާމެއްގައި ހުންނަން ޖެހިފައި ތިމާގެ އަމުރު އެއްވެސް އެއްޗަކަށް ނުވާކަހަލަ ގޮތްގޮތް މެދުވެރިވާ މީހުންނާއި މެދުގައެވެ. އެމީހުން ކުރާ އަމުރުތަކުގެ ސަބަބުން ތަނެއް ނުވަތަ ބަޔަކަށް ބޮޑެތި ގެއްލުން ވުމާއި، ނުވަތަ އެފަދަ އަމުރަކަށް މީހުން ތަބާނުވެ، ހިތުހުރި ގޮތަކަށް އުޅޭންފެށުމުންވެސް މި ބަސް ބޭނުން ކޮށް އުޅެއެވެ. މިފަދަ އަމުރުވެރި މަޤާމެއްގައި ހުރުމަކީ ނުރައްކަލެއްކަން ބަޔާންކުރައްވާ ޅެންވެރިޔާ ކިއުއްވާފައިވަނީ، "ބަސްވިކިނުއުޅޭ އޮޑިއަކު ދިރުނބާކޮޅަކަށްވާ އަސްތާ ކުރިމަތި ބެލުމަށަ ހީކޮށް ނުއަރާނދޭ" މިފަދައިންނެވެ.

މިސާލަކަށް ބަލާލަމާ ހިނގާށެވެ. ރަށެއްގެ ކަންކަން ހިންގާ ތަރުތީބުކުރަން ހުރި ކަތީބަކު ނުވަތަ ކައުންސިލަރަކު، އެ ރަށެއްގެ މީހުންގެ މައްޗަށް ކުޅަ އަމުރަކުން، އެ ރަށެއްގެ މީހުންނަށް އެތަކެއް ބައިވަރު ގޮތުން ގެއްލުމާއި ތަކުލީފުލިބި، އެ ރަށެއްގެ ރައްޔިތުން އެމީހަކާއި މެދު ނުރުމުގެ ބަސްބުނެ، އެ މީހަކު އެ ކުރި އަމުރަކަށް ތަބާ ނުވާން ފެށުމުން، ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުގައި ހުރި މީހެކޭ އެމީހަކާއި ދިމާލަށް ބުނެވިދާނެއެވެ.