އަޅާ ކޮނޑުގާ މުނާޖާވެސް، ނަގާލާނޭ އެނިދި ކޮޅުވެސް

            އަޅާ ފެންވެސް ވަރާ އިރުގާ، އަރާމުގެ ނިދި ފިލާ އިރުގާ

ގޮވާ ބަންގީގެ އަޑު އިވުމުން، ލަހެއް ނުވެ މިސްކިތަށް އަރައޭ

           ގޮވާ އެންމެން އެކީ އެކުގާ، އެވާ ރިޒުޤަށް އެދޭ އިރުގާ

ފުރާ އެވެރިން އެހާ ފަތިހާ، ދަރިން ލޮބުވެތި ނުވެސް ހޭލާ

           ފުރާނައިގާ އެވާ ހިތްވަރު، އެހާ ފަތިހާ ނެރޭ އިރުގާ 

މަހުން އަނބުރާ ލަފާ އިރުގާ، ދަރިންކޮޅު ވެސް ނިދާފާނޭ

           ފަހުން ހެޔޮގޮތް އަދާ އެދިގެން، ޖިހާދެއް ހެޔޮ ކުރާ އިރުގާ

ފުރާ ބަޚުރުގެ ތެރަށް ނުކުތީ، ދެއަތް ހުސްކޮށް ފޮޅާލާފާ

          ފުރާ ވަތްތަށް ބަރާ ކޮށްގެން، ރަށަށް އަނބުރާ ލަފާ އިރުގާ

އުޅޭ ގޮތަކުން ނުވެސް އެނގެއޭ، ގުދާރައިގާ އަޅާ ވޭނެއް

         އުޅޭ ގުދުވެން އެހާ ގިނައިރު، ގުނަން މަސްތައް އުކާ އިރުގާ

ކަނޑާ ކައްކާ ނިމޭ އިރުގާ، ކިހާ ވަގުތެއް ހިނގައިދޭހޭ

        ކަނޑާ ހަންވެސް ލައޭ އެވެރިން، ދަމުން އެއްބައި އޮބާ އިރުގާ