ބާރާ ނުފޫޒުން ދުރުވެގެން، މިނިވަން ކަމާއެކު އުދުހެމުން

    އާރާ އެކީ ހިނިތުންވަމުން، ޝާނާއި ޝައުކަތު ދައްކަމުން

އަހަރެއް ވިއޭ ސަނަތުން މިތާ، މުޅި ދޭހަށޭ ފަތުރާލަމުން

    ފަހަތަށް ނުޖެހި ފުރަގަސް ނުދީ، މިސްރާބު ހެޔޮކޮށް ދުއްވަމުން

ކުޅިވަރު ތަކާ އެކުގާ ގެނެސް، މުނިފޫހިފިލުވައި ދީ ހަދާ

    މުޅި ޖައްވުގައި ފަތުރާލަނީ، ޝައުގުން ފުރޭ މަޢުޟޫ ތަކުން

ނުއެނގޭ އެތައް އާ ކަންކަމެއް، ބުނެ ދޭނެ ތަނެކޭ ތީރަކީ

    ނުއެނގޭނެ ނަމަ ވަދެލާ ބަލަން، ފެންނާނެ ގިނަ ސަފްޙާ ތަކުން

ތީރުގެ އަމާޒަށް ދާނެހެން، ކުރިލާ ހެދޭ މީ މަންސައެއް

    މީރުވި އެތައް ރަހައެއް ދެމުން، ހައިބަތު މިއަދު ދައްކައިދެމުން

ދައްކަން އުނދަގޫ ވާހަތަކެއް، ތިލަ ކޮށްލަދިން ޖާދޫގަރެއް

    ފައްކާ ކުރަން މަޢުޟޫ ތަކަށް، ދައްކާ އަހުލުވެރި ކޮށްދެމުން

ސާބިތު ކަމާ އެކުގާ އަދާ، މާދަން ވިޔަސް ހުންނާނަމޭ

    ސާބިތު ނުވާ ދޮގު ޚަބަރުތައް، ނު ހިނގާނެއޭ ތީރުން ޔަގީން