ބޯ ވަލުތެރޭގައި ޗާލުކޮށް، އެކަހެރިވެގެން ފޮޅިފާ އިނަސް

                ކޯވަޅަ ވެލެއް ތެރެއިން ނަޔާ، ސިފަވޭ މަށަށް ފެނިފާ އެމާ

ބިންނަން އެމާ ދަތުރެއް ކުރަން، އެތަކެއް ތުރާލާ ވޭނުގާ

                ހިންމަތުގެ ބޭނުން ކޮށް މިތާ، ދާނަން މަގޭ ބިންނަން އެމާ

މަގުނެތް ވަލެއްގައި ފައި އަޅަން، ޖެހިލުން މަށެއް ނުމެ ވާނަމޭ

                 ނަގުދުން ލިބޭ އުފަލަށް ވުރެއް، ހިތްހަމަ ޖެހޭ ލިބުމުން އެމާ

ކަށިކުނބުރު ބޯ ޖަންގަލި ތެރޭ، ލޭކޮށެވިގެން ވިޔަކަސް ހެވޭ

                  ކަށި ތޫނު ދާނެއްގައި ވިޔަސް، ބޭނުންވަނީ ލިބުމަށް އެމާ

ވެޔޮ ބޯކަމުން ފައި ނުނެގިފާ، ހިރުވާލެވެން އަތަކަށް ނެތަސް

                 ހެޔޮ ކޮންމެ ހާލެއްގައި ވިޔަސް، ވާނޭ އުފާ ލިބުމުން އެމާ

ބިންގަނޑު މަތީގައި ބަނޑުއަޅާ، ގަސްތަކު އަޑިން ދާން ޖެހުނަކަސް

                  ބިންދާ އަޅާ އޮފިތައް މިތާ، އަތުލާނަމޭ ގޮސްފާ އެމާ

ބިޔަބޮޑެތި ގަސްގަހު ކުރި ތެރޭ، ފުންމާ އުޅެން ޖެހުނަސް ހެވޭ

                  ނިޔަތެއް މަގޭ ނުގުޑާނެއޭ، ބިންނާނަމޭ ބުނެފާ އެމާ

ހިތްވަރު ކުރިއްޔާ މިކަމުގައި، ދެއްވާނެ ސާދާ މަގު ކޮށާ

                  ހިތްތިރިކަމާ އެކުގާ މަގޭ، ވާނަން އިނގޭ ލިބުމުން އެމާ

ކަށިނެތް ސަރާސަރުކޮށް އޮތީ، ދަކަދާއި އުނިފަލު ގާ މަގެއް

                 ހަށިގަނޑު އެތަނުގައި ދެމިގަތީ، ވައިސޫރިއެއް ހެއްނޭ ތިމާ