އިބްރާހީމަކީ މަސްވެރިއެކެވެ. އިބްރާހީމު އާންމުކޮށް ކޮށް އުޅެނީ ފަރުމަހުގެ މަސްވެރިކަމެވެ.

އާދައިގެ މަތިން އިބްރާހީމް މިއަދުވެސް މަހަށް ދިޔައެވެ. ދިޔައީ އެރަށު ޔާޑު ދޯނީގައެވެ. މުޅިއެކު 4 މީހުންނާއި އެކު ރަށުން ފުރައިގެން ފުރަތަމަ ވަދާ ދުއްވާލިއެވެ. ރަށްރަށު އޮއެ މަތީގައެވެ. ވަދުގައި ދޮޅަހަކަށް ލައްޓިބޭނުމުން، ދެން މިސްރާބުހިފީ ފަރެއްގެ ބޭރުގައި އޮޑި އަޅާށެވެ. ފަރުމަސް ބޭނުމަށް އާންމުކޮށް އިބްރާހީމު ޖައްސާ ބޭރުގައި އެދުވަހުވެސް ޖެއްސިއެވެ.

އިރުގޮސް އުދަރެހުން ނިވައިވެ އަނދިރިވާން ފެށި ވަގުތާއި ދިމައިވީ ޔާޑުދޯނީގެ ނަގިލި އެއްލި ވަގުތާއެވެ. ދޯނި އަޅާ ހަމަޖެހުމާއެކު އެމީހަކު އެމީހެއްގެ ރޯލު ނެގިއެވެ. އެން ކޮށަންވެސް އެކަކު އަވަސްވެގަތެވެ.

ރޯލުތައް ނަގާ އެން އަޅުވަން ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. އިބްރާހީމުގެ ރޯލުގައި ބުޅި އެއް ނެތްތާ ބަރިގަނޑެއް އާލާތެއް ވެސް ނެތެވެ. (އާލާތަކީ މައި ރޯލުގައި ބަރިގަނޑާއި ބުޅި ލާން ބޭނުން ބޭނުން ކުރާ ކުޑަ ކަންވާރު ކޮޅެކެވެ.) އިބްރާހީމަށް ފުރަތަމަ މި ޖެހުނީ ރޯލުގައި އާލާތް ލާށެވެ. އެހެން މީހުން ބުޅީގައި ލައްޓިމަސް އަޅުވާފައި ދޫކުރަން ފަށައިފިއެވެ.

އިބްރާހީމުވެސް ކަންވާރުކޮޅެއް ނަގާ، އެއްކޮޅުގައި ބަރިގަނޑުލަމުން ކޯޑެއް ޖަހައިފިއެވެ. އަނެއް ކޮޅުގައި ބުޅިއެއްވެސް ލައިފިއެވެ. އިބްރާހީމުމެން މި މަސައްކަތަށް ފަރިތަކަމުން މިނެޓެއް ތެރޭ އެކަން ކޮށް ނިންމާލައިފިއެވެ. އޭނާ ދެން އަވަސްވެގަތީ ބުޅީގައި އެންކޮޅެއް ލާށެވެ.

ބުޅީގައި އެންކޮޅެއް ލުމަށްފަހު ބަރިގަނޑާ އެއްކޮށް މޫދަށް އެއްލައިފިއެވެ. ރޯލުގެ ކަންވާރު އަތަށް ނަގަަމުން މޫދު ދޮށަށް ގުދުވެ އަތް ދޮވެލިއެވެ. އިބްރާހީމުގެ ރޯލު މޫދަކަށް ފައިބައިގެންނެން ނުދެއެވެ. ކަންވާރުގައި ވާން ކަމެއްވެސް ނެތެވެ. ކުޑަކޮށް ކަންވާރަށް ދަމާލާ ފެނުން ހިއްލާލައި ބަލާލި އިރު ކަމަކުދާކަށް ނެތެވެ.

އިބްރާހީމު އަވަސްކުރަންވެގެން، މައި ރޯލުގައި އާލާތް ލާކަށް ހަނދާނެއް ނެތެވެ. މައި ރޯލުގައި ޖެހި ކޯޑު ހުރީ ހަމަ ޖެހިގޮތަށެވެ. ބަރިގަނޑާއި ބުޅި އިން އާލާތްގަނޑު މޫދަށް އެއްލައިލީ މައި ރޯލުގައި އެބައި ނުގުޅައެވެ. މިކަން ދެންތިބި މީހުންނަށް އިނގިއްޖެއެވެ. ތިޔަހަރީ ދެން އަވަސްވެފަތާއޭ ކިޔަމުން އެންމެންވެސް ހޭން ފަށައިފިއެވެ.