ހިޔާ ލިބިދޭ ބޮޑެތި ގަސްތައް، ބިމަށް މޫލާ ހެދޭ ގަސްތައް

     ކިޔާ ބުނެދޭން ލިބޭ ފައިދާ، ގުނާ އަދަދެއް ނުވެސް ވާނޭ

ނިކަން ބޮޑުކޮށް ފެނޭ މަލަމަތި، ގަހުން ނިކަ ފުނަ ހެދޭ ބޮޑުކޮށް

    ނިކަން މިކަމާ ފިކުރުކޮށްގެން، ހިތުން ރުހިގެން ތިބެންވާނޭ

ނަމުން ގެނެވޭ ތަރައްގީގައި، ކަނޑަން ޖެހެޔޭ ބޮޑެތި ގަސްތައް

    ކަމުން ކަމަށް އެކަން ނުހަދާ، ކަނޑާކަށްދެން ނުވެސް ވާނޭ

ހިމާޔަތުގައި ރަށާ ގޮނޑުދޮށް، އެގަސްތައް ތާ އަބަދު ހުރެދޭ

    ބިމާ ފަސްގަނޑު ނިކަން ގަދަޔަށް، އެއިން ހިފަހައްޓަމުން ގެންދޭ

އެގަސް ތަކުގާ އެވާ ފިނިކަން، ލިބޭ އެ ހިޔާ އެހާ ބޮޑުކަން

    އެގަސް ތަކުގާ އުޅޭ ދިރުމާ، މަރާލައިގެން ނުވެސް ވާނޭ

ކަނޑާ ގަހަކަށް ގަހެއް އިނދުން، އެއީ ކަމެކޭ މުހިންމު ކުރަން

    ކަނޑާ ހިތުގައި ނަގާ ބިންވަޅު، އަޒުމު ކަނޑަ އަޅަަން ނިކަން ވާނޭ