ރޯޝަން ޙަޔާތަށް ގެނުވައޭ، މުޅި ހިތް އުފާވެސް ކުރުވައޭ

     ރޯޝަން ކަމާއެކުގާ ފޮޅޭ، މާތައް ބަގީޗާގައި ހެމުން

ކަދަރާތު ލޯބީގާ ޖަހާ، އެއްކޮށް ކަނޑާ ގުނަކޮށްލިޔަސް

     ގަދަ ރޯޅިވައި ޖެހުނަސް މިތާ، ރޯޝަންކަމެއް ނުފިލާހިތުން

މާތަކުގެ ޢާލަމުގައި އެވާ، ހަމައެންމެ ފުރިހަމަ މާ ތިއޭ

     މާތަކުގެ ތެރޭން އެދެނީ އަބަދު، ތިޔަ މާ އަރިހުގައި ދެމިހުރުން

ފޮޅުމުން އެމާ ކަޝްފުވެ ދެއޭ، މުޅި ދޭހުގައި ފިނިކަން ދެމުން

     ހޮޅުވާލެވޭ ފޮތަކާ ގަލަން، ލޯބީގެ ޞަފްހާތައް ގުނަން

އަޅަމޭ މަގޭ ފޮޅުވަތް އަތުން، ކިޔަމޭ އެނަން މިހިތާ ދުލުން

     އަޅަމޭ އެނަން ހިތުގާ ފަވާ، ނުފިލާނެހެން ގަދަ ކެނޑުމަކުން

ތިޔައީ މަލޭ މުޅި ދޭހުގާ، ރޯޝަން ކަމެއް މިހިތަށް ދެވޭ

     ތިޔަނޫން މަލެއް ނޫނިއްޔަކާ، ބޭނުން މަށެއް ނުކުރާނަމޭ