ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން މިރިނުވެ ގޮބޮޅި ކާށި ނުވާށޭ ބުނާ ބަހަކީ އޭގެ މާނަ ވަރަށްވެސް ފުން ބަހެކެވެ. 

ދިވެހި ބަހުގައި ރުކާއި ރުކުން ލިބޭ މޭވާތަކަށް ނަން ދިނުމުގައި ވަރަށްވެސް ބޮޑު ފުރިހަމަ ކަމެއް ވެއެވެ. މި ބަހުގައި މި ބުނަނީ މި ނަންތައް އެކުލެވިގެން ބުނެވޭ ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލައިލަމާ ހިނގާށެވެ. ރުކުގައި އަޅާ މޭވާތަކުގެ ނަންތަކުގެ ތަރުތީބަށް ޖެހިލަމާތޯއެވެ. އެންމެ ފުރަތަމަ މަރުހަލާގައި އެ މޭވާއަށް ގޮބޮޅިއޭ ކިޔައެވެ. އެއަށްފަހު ގޮބޮޅި މިރިއަށް ބަދަލުވެއެވެ. އެއަށްފަހު ކިހަވަކަށް ބަދަލުވެއެވެ. އޭގެ ފަހުގައި ކުރުނބާއަށް އަދި އޭގެ ފަހުން ގަބުޅިއަށް ބަދަލުވެއެވެ. ގަބުޅީގެ މަރުހަލާ ނިމި ދެން ފެށެނީ ކާށީގެ މަރުހަލާއެވެ. ތަރުތީބު މިއޮތީ މިހެނެވެ. އިސްވެ ދެންނެވުނު ބަހުގައި މި ބުނެވެނީ މިރިނުވެ ގޮބޮޅި ކާށި ނުވާށޭއެވެ. އާދޭހެވެ! ގޮބޮޅިއަކަށް ކާއްޓަކަށް ވެވޭނީ މިރިއަކަށްވެސް ވެގެންނެވެ. ނޫންނަމަ އެއީ ދުނިޔޭގެ ނިޒާމާއި ފުށުއަރާނޭ ކަމެކެވެ.

މިބަހުގެ ހަގީގީ މާނައަށް ވިސްނާލަމާތޯއެވެ. މި ބަހުން ހަގީގަތުގައި މި ބުނެދެނީ އިންސާނާ އޭނާގެ ދިރިއުޅުމުގައި ކާމިޔާބީއާއި ހަމައަށް ވާސިލް ވެވޭނީ އެކަމުގެ ހަރުފަތްތައް ނުވަތަ މަރުހަލާތައް ކަޑައްތުކުރުމަށްފަހުގައި ކަމެވެ. އެއްވެސް މަސައްކަތެއްގެ މައިދާނަށް މިއަދު ނުކުންނަ މީހަކަށް މާދަމާ އެކަމުގައި އެންމެ މަތީގައި ނުހުރެވޭނޭކަން ހާމަ ކޮށްދިނުމަށެވެ. އަދި އެކަން ކުރަން އުޅެފިނަމަ އެކަން އެ ބީދައިން ނުވާނޭކަން ހާމަކޮށްދިނުމަށެވެ. އެފަދަ މަސައްކަތްތަކުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް އެންމެ ފަހުން ކާމިޔާބީއާއި ހަމައަށް ވާސިލްވާނޭކަން ހާމަކޮށްދިނުމަށެވެ. އަދި އިތުރު ވަރަށްވެސް ބޮޑު ވާހަކައެއް މި ބަހުން ބުނެދެއެވެ. އެއީ ކެތްތެރި ވުމުގެ ވާހަކައެވެ.