އުސްތާޛުއްޖީލް އައްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން، މާފަންނު ދަރަވަންދޫގޭ އަބުދުﷲ ދީދީ (އަލްފާޟިލް އަބުދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނު) ގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާ ގެ އާމިނަތު ދީދީއެވެ.

އެ މަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 1 މެއި 1915 ވީ ހޮނިހިރު ވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގައަށެވެ.

އެ މަނިކުފާނުގެ ތަޢުލީމީ ޙަޔާތަށް ބަލައިލާނަމަ، އެ މަނިކުފާނު އެންމެ ފުރަތަމަ ކިޔަވައިވިދާޅުވީ އެ މަނިކުފާނުގެ މާމަ ދަރަވަންދޫ ދީދީ އާއި ބައްޕަ ދަރަވަންދޫގޭ އަބުދުﷲ ދީދީ އާއި، ބޮޑުބޭބެ ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުމަނިކުފާނުގެ އަރިހުންނެވެ. ދޮންބޭބެ އައްޝައިޚު މުހައްމަދު ސައީދު ދީދީ އަލްއަޒުހަރީގެ އަރިހުންނާއި، އަލްމަދުރަސަތުލް ޞަލާޙިއްޔާ ނުވަތަ އަލްމަދުރަސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) އިންނެވެ. އޭގެފަހުން މިސްރުގެ މަދުރަސަތު މުހައްމަދު ޢަލީ އަޒުހަރިއްޔާ އަލްއިބްތިދާއިއްޔާ އާއި އަޒުހަރު ޔުނިވަރސިޓީއިންނެވެ.

މުޙައްމަދު ޖަމީލަކީ ދިވެހިބަހަށް ޚިދުމަތް ކުރެއްވި ކުޅަދާނަ އަދީބެކެވެ. އެމަނިކުފާނަކީ ޚާއްޞަކޮށް ޅެމާއި ލަވަ ހެއްދެވުމުގައި ކުރިބޯށީގައި ހިއްޕަވައިގެން ހުންނެވި ޝާއިރެކެވެ. ވަޢުޡު ވިދާޅުވެ ތަޤުރީރުދެއްވައި އުޅުއްވި ފިސާރި ކުޅަދާނަ ބަސްމޮށުންތެރިއެކެވެ. ޅެންވެރިކަމުގެ އުދަރެހުގައި ފާޅުވި އެންމެ އަލިގަދަ "އުޖާލަވި ރަންތަރި" ވެސްމެއެވެ. އެމަނިކުފާނު ވަނީ ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް ޙާސިލްކުރައްވާފައެވެ. ދިވެހި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލްޤައްޔޫމް އެ މަރުހޫމްގެ ތަޢާރުފުގައި ވިދާޅުވީ އުސްތާޛުއްޝައިޚު އަލްމަރުހޫމް މުހައްމަދު ޖަމީލަކީ އަޅުގަޑުމެންގެ ޖީލުގެ އުސްތާޒުކަމަށެވެ. ދިވެހިރާއްޖޭގެ އުސްތާޛުއްޖީލު ކަމަށެވެ.

މުޙައްމަދު ޖަމީލާއި ބެހޭގޮތުން އަލްއުސްތާޛު އަބުދު ﷲ ހަމީދު ވިދާޅުވަނީ އަލްއުސްތާޛު އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ދިވެހިބަހުގެ އަދަބާއި ޅެންވެރިކަމާއި ބަހުގެ ޤަވާއިދާއި ހަމަތަކާއިބެހޭ ރޮގުން ކުލަގަދަ ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ލިއުންތެރިންގެ ރޫހީ ބައްޕަ ކަމުގައި ވެސް ސިފަކުރައްވާފައި ވެއެވެ.

އަލް މަރްޙޫމް މުޙައްމަދު ޖަމީލަކީ ގިނަ ބައެއްގެ ތައުރީފާއި ލޯބި ލިބިގެންވި ޝަރަފްވެރި، ޤައުމު އެ މީހަކަށްޓަކައި ފަޚުރުވެރިވާ ޤައުމީ އަބުޠާލެކެވެ.