މުޙައްމަދު ޖަމީލުގެ ލިޔުންތެރިކަމަށް ނަޒަރު ހިންގާލާއިރު މަޒުމޫނުތަކާއި، ހުކުރު ޚުތުބާތަކާއި، ދިގުވާހަކަތަކާއި އެތައް ތަރުޖަމާއަކާއި، ކުރުވާހަކަތަކާއި ޑުރާމާތަކާއި، ބަހުގެ ޤަވާއިދު ފޮތްތަކާއި ދީނީގޮތުން ލިއުއްވާފައިވާ ދިވެހިބަހުގެ ފޮތްތައް ފާހަގަ ކުރެވެއެވެ. މިދެންނެވި ފޮތްތަކުގެ ތެރެއިން ދިވެހި ބަހުގެ ޤަވާއިދުގެ މައްޗަށް ލިއުއްވާފައިވާ "ފިޔަވަޅު 1. 2. 3." މި ތިންފޮތާއި "ޅެމާއި ޅެންވެރިކަން" މިނަމުގައި ލިއުއްވާފައިވާ ފޮތް ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުން ލިޔުއްވި ޑުރާމާތަކުގެ ތެރެއިން "ބުރެކިރަނިން" އާއި "ގިތެޔޮގުޅި" ވަކިން ފާހަގަކޮށްލެވެއެވެ. ބަސްމޮށުންތެރިކަމުގެ ރޮގުންބަލާއިރު ތަޤުރީރުކުރެއްވުމާއި ވަޢުޡު ވިދާޅުވުމުގައި ބަސްމަގު ދޫފަރިތަ އެހާމެ ސާދާ، ކުޅަދާނަ ބަސްމޮށުން ތެރިއެކެވެ.

އެމިނިކުފާނުގެ ލިޔުއްވާފައިވާ ވަޒަންބަހުރުވައިގެ ބާވަތްތަކުގެ ތެރޭގައި ލޯބީގެ ޅެމާއި، ޤައުމީޅެމާއި، ފިކުރީޅެންތަކާއި، މަދަހައާއި ތައުރީފާއި، ނަސޭހަތާއި ވައުޡު ހިމެނިފައިވެއެވެ. މިއިން ކޮންމެ ރޮނގެއްގައިވެސް ފާހަގަކޮށްލެވޭ އެތައް ޅެމެއް އެބަހުއްޓެވެ. މިސާލަކަށް ލޯބީގެރޮގުން "ހަބީބާގެ އަސަރު"، ޤައުމީ ގޮތުން "ޤައުމީ ސަލާމް"، ފިކުރީ ގޮތުން "ވަގުތުފާއިތުވީފަހުން" ހިމެނެއެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލުގެ އަދަބީ ހަރަކާތްތަކަކީ ދިވެހިބަހަށް ކޮށްދެއްވާފައިވާ އަގުބޮޑު ޚިދުމަތްތަކެކެވެ. އަދި އެމަނިކުފާނުގެ އެ އަގުމާތްވި ހިދުމަތް ދިވެހިން ވަނީ ލޮލާއި ބޮލުން ބަލައިގަނެފައެވެ. އެ ހަރަކާތް ފަށްޓަވައިފައިވަނީ "އައްރަފީޤު" މަޖައްލާ އުފެދުނު ދުވަސްވަރުގައެވެ. ސަރުކާރުގެ ޚަބަރުގެ ނައިބު މުޙައްރިރުކަމާއި "ޝުއުލާ" އާއި "ދީނީރޫހު" ގެ ނައިބު މުޙައްރިރުކަމާއި، ފަތްތޫރައިގެ މަސްއޫލުވެރިކަމާއި މުޙައްރިރުކަމާއި، އަދި އެމަޖައްލާތައް ހިންގެވުމަށް ކުރެއްވި ބުރަމަސައްކަތްތަކާއި، ރާއްޖޭގައި ނިކުތް އެކިއެކި ނޫސް މަޖައްލާތަކަށް އަސަރުގަދަ ލިޔުންތައް ވަނީ ލިޔުއްވާފައެވެ. މަޙުކަމަތުލް މަޢާރިފު ހިންގަވާ ވެރިޔާގެ ގޮތުންނާއި މަދުރަސަތުއްސަނިއްޔާގެ ނާޒިރުގެ ނައިބުގެގޮތުން ދިވެހިބަސް ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ހައިޘިއްޔަތުން ކުރެއްވި ލާމަޘީލު މަސައްކަތްތަކާއި، ބަސްކޮމިޓީގެ ޅަފަތުއްސުރެ އަޅުގަޑުމެންނާއި ވަކިވެވަޑައިގަންނަވަންދެން ބަހަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތަކަށް ޝުކުރާއި ތައުރީފު ހައްޤުވެގެން ވެއެވެ. އަދި އެމަނިކުފާނު ލިޔުއްވާފައިވާ ގިނަގުނަ ފޮތްތައް މިއަދުވެސް ހަދާނަށް ގެނައުން މުހިންމެވެ. އޭގެތެރެއިން ތަޢުލީމުއްދިޔާނާގެ ތިންބަޔާއި އިރުޝާދުލް އަނާމާއި ދުރޫސުލް އަޚުލާގާއި ދީނިއްޔާތުގެ ބައިތަކާއި ޞަލާތުލް ޖަމާއަތާއި ދަތުރުވެރިޔާގެ ނަމާދު، ދިވެހިބަހުގެ ޤވާއިދުގެ ފިޔަވަޅުތަކާއި ކުޑަކުދިންގެ ބަގީޗާ، "ޢުލޫމުލް ޤުލްޝަން" އާއި "ޙައްޖާއި ޢުމްރާ" އަދި "ހުސްނީ ނުވަތަ ކެހިވެރިލޯބި" އާއި "އަލްއައްބާސާ" ފަދަ ފޮތްތައް ފާހަގަ ކުރެވެއެވެ. މިނޫންވެސް އެތައްފޮތެއް އެމަނިކުފާނު ލިއުއްވާ ޗާޕުކުރެވިފަޔާއި ޗާޕުނުކުރެވި އެބަހުއްޓެވެ.

އެމަނިކުފާނު މި ފަނާނުކުރަނިވި ދުނިޔެއާއި ވަކިވެ، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ 1 މޭ 1989 މ. ދުވަހުގެ ރޭ (7 ޝައުބާން 1409 ހ. ބުދަވިލޭރޭ) ގެ ފަތިހު 3:54 ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައިވަނީ މާލޭ، ގަލޮޅު ސަހަރާގައެވެ. އަވަހާރަވިއިރު އެ މަނިކުފާނުގެ އުމުރުފުޅުންވަނީ 73 އަހަރާއި 10 މަހާއި 14 ދުވަސް ފާއިތުވެފައެވެ.

 

ނޯޓް: މިއީ "ދިވެހި އަދީބުން-2" މިފޮތުން އެއްކޮށް ތަރުތީބު ކުރެވިފައިވާ މައުލޫމާތު ތަކެކެވެ.