ދޭހުގާ ފެންނަން ހުރީ، ޤުދުރަތުގެ ވާ ހެކިތަކޭ

    ހޭހުރިއްޔާ ބުއްދިއާ، ވިސްނުމާ އިސްކޮށް ބަލާ

ހަށިގަނޑާއި ފުރާނަޔާ، ހަށިތެރޭވާ ގުނަވަނާ

    ކަށި މަހާ ލޭ ނާރުތައް، ވާ އެ ތަރުތީބަށް ބަލާ

ލޯ މަގޭ ހަރަކާތްކުރާ، ކޮޅުކޮޅަށް ކަޅި ގެންދެވޭ

    ލޯމަރާ އެސްފިޔަ ޖެހޭ، ގޮތް ނިކަން ވިސްނާ ބަލާ

ނޭފަތުން ނޭވައިލުމާ، ވަސްދުވުންވެސް ލެއްވެވީ

    ހޭފަށެއް ހުރުމުން ތިމާ، ލަސްނުކޮށް ވިސްނާ ބަލާ

ކަންފަތަށް އިވިދާ އަޑާ، ފަހުމުވާ އެ މުރާދަކާ

    ނަން ކިޔާލީމާ އެނގޭ، ގޮތް ނިކަން ވިސްނާ ބަލާ

ދޫ ކުރާ ހަރަކާތަކުން، އަކުރު މަޚުރަޖައިން ކިޔޭ

    ދޫކުރާ ވައި އަޑުފޮށިން، އަޑު އެ އުފެދޭ ގޮތް ބަލާ

ހިން ދިރޭ އިރު އަރުތެރޭ، ހޮޅި ބެދޭ ނޭވައި ލެވޭ

    އިންތިޒާމު ވެދާ އެގޮތް، ވާގޮތަށް ވިސްނާ ބަލާ

ލާ އެނޭވާ މޭ ފުރާ، ލޭދެއޭ މުއްސަނދިވެގެން

    ވާއެ އޮކްސިޖަނުން ފުރާ، ދާ މިގޮތް ވިސްނާ ބަލާ

ކާތަކެތި މައިދާ ތެރޭ، ހަޖަމުވާ ފައިދާ ނަގާ

    ކާތަކެތި ހަޖަމުގެފަހުން، ސާފުވާގޮތް ވެސް ބަލާ

ބޯ ފެނާ ބޯ ފަނި ތަކާ، އޭގެ ފައިދާ ލޭ ތެރޭ

    ބޯ ފެނުން ފައިދާ ނަގާ، ބޭރުވާ ގޮތް އެނގި ބަލާ

ހުއްޓުމެއް ނެތި ހިތްތެޅޭ، އިހްތިޔާރުން ބޭރުގާ

    ހުއްޓުނިއްޔާ ލޭ ހިނގުން، މަރުވެދާ ގޮތް ދެކި ބަލާ

މީ ތެދޭ މި ހަށީގަވާ، ޤުދުރަތީ ފުރިހަމަ ކަމޭ

    މީ ތެދޭ ވިސްނާ ހަދާ، އިބުރަތާ ހޯދާ ބާލާ