ކުލާހެއްގެ އިނގިރޭސި ގަޑިއެކެވެ. އެ ގަޑީގައި އެދުވަހު އޮތީ ދޭހައެއް ހެދުމެވެ. އެ ކުލާހުގައި 12 ވަރަކަށް ކުދިން ތިބި އިރު އެއީ ހުސް ފިރިހެން ކުދިންނެވެ. އެއީ ޕްރައިމަރީ ކުލާހެކެވެ. އެދުވަހުގެ އިނގިރޭސި ގަޑީގައި މުދައްރިސް ދެއްވި ދޭހަ ހަދަމުން ހުރިހާކުދިންވެސް ދިޔައީ ނުލާހިކު ބަސްއަހައިގެންނެވެ.

ސަފުސަފަށް މޭޒުއަތުރާފައި ހުރި އެ ކުލާސްރޫމުގެ މެދު ސަފުގެ އެއް ކޮޅެއްގައި އިން އައިމަން އަތްމައްޗަށް ނެގީ އެ ދޭހައިގެ މެދުތެރެއިންނެވެ. އެހެން ހުރިހާ ކުދިންވެސް ހީކޮށްގެން ހުރީ އައިމަން އެ ދޭހައިގެ ހުރިހާ ސުވާލަކަށް ޖަވާބުދިނީ ކަމަށެވެ. ޓީޗަރުވެސް ހީކުރީ އެހެން ކަމަށެވެ.

ޓީޗަރު އައިމަންގެ މޭޒުގެ ކައިރިއަށް ދިއުމުން ދޭހައިގެ ދެވަނަ ސުވާލުވެސް އައިމަން ނުނިންމާތީ ފެނުނެވެ. ޓީޗަރު އެކަމާއި ހައިރާންވެ އައިމަންއަށް ސުވާލު ކުރިއެވެ. އައިމަން ދިން ޖަވާބު ވަރަށް ވެސް ހައިރާން ކުރުވައެވެ. އައިމަން ބުނީ އެ ސުވާލުގެ ޖަވާބާއި ދޭތެރޭ ވަރަށް ވިސްނައިފި ކަމަށާއި ދޭހައިން ވެސް އަދި ހަގީގަތަށްވެސް އެ ސުވާލުގެ ޖަވާބު ނުފެންނާނެކަމަށް ބުންޏެވެ. އަދި އެއީ އެ ސުވާލު ނުބައިވުމުން ކަމަށްވެސް އައިމަން ޓީޗަރުކުރެން އެހިއެވެ.

ހައިރާންކަމާއި އެކު ހުރި އެ ޓީޗަރު އަނެއްކާ އައިމަން ކުރެން އެހީ އެއީ ކީއްވެގެން ތޯއެވެ. އައިމަން އެކަން ސާފުކޮށްދެމުން އައިމަން ބުނީ ސުވާލުގައި އޮތީ ހަރުފާގައި ވަނީ ކިތައް "ފޫޓް" ތޯއެވެ. އިނގިރޭސިބަހުން "ފޫޓް" ދެމާނައެއްގައި ބޭނުން ކުރެވެއެވެ. އެއީ މިން އެޅުމުގައި ދިގުމިން ބަލާ މިނެއްގެ ގޮތުގައްޔާއި ދިރޭތަކޭތީގެ ފަޔަށް ނިސްބަތްކޮށެވެ. އަައިމަން ބުނާގޮތުގައި ހަރުފާގައި ފައި ނުހުންނާނޭ ކަމަށާއި އެހެންކަމުން ހަރުފައިގައި ވަނީ ކިތައް "ފޫޓް" ތޯ ބުނާނީ ކިހިނެއްތޯއެވެ. އަދި ހަރުފައެއްގެ މިން ފޫޓުން ނާހާނެ ކަމަށާއި އަހާނީ އިންޗިން ކަމަށް އައިމަން ބުނުމުން ޓީޗަރު ހުރީ ހައިރާންވެ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އެންމެފަހުން ސުވާލު ރަނގަޅުކަމަށާއި އަދި ވިސްނާލުމަށް ބުނުމަށްފަހު ދުރަށް ދިޔައެވެ.

އެދުވަހުގެ ގަޑި ނިމުމުން ދެން އަންނަ ދުވަހަކަށް ނިންމުމަށް ބުނެ ޓީޗަރު ނުކުމެން ދިޔައެވެ. ދެން އައި ދުވަހު ކުދިންގެ ޖަވާބުތައް ބަލަމުން ދަނިކޮށް އައިމަންގެ ޖަވާބު ފެނުނެވެ. ދެވަނަ ސުވާލުގައި އައިމަން އެދުވަހު ބުނި ވާހަކަތައް ލިޔެފައި އޮތެވެ. ޓީޗަރު އައިމަން ގެނެސް އެއީ ކާކު ބުނި އެއްޗެއްތޯ އެހުމުން އެއީ "ޖޯގުރަފީ" ޗެނަލްގަ އުޅޭ ހަރުފަ ހިފާ ބޭބެ ބުނި އެއްޗެއް ކަމަށް ބުންޏެވެ.