ލޯބިން ބުނަން ނުކެރިފަ ހުރީ، ލަދުގަނެފައޭ އަމުދުން ހުރީ

     ލޯބިން އެކަން ހަމަ ހާމަވެސް، ކޮށްލަން ހުރީ ޖެހިލުން ވެފާ

ހެޔޮ ކޮންމެ ގޮތަކަށް ކަންވިޔަސް، މަށަކަށް ހިލާ ނުކެރޭނެޔޭ

     ތެޔޮނާށި ކާޅަށް ދޭން މަގޭ، ބޭނުން ނެތަސް ހަމަ ނުކެރިފާ

އެތަކެއް ފަހަރު ލިޔުނިން ސިޓީ، ފޮނުވަން ކަމަށް މޮޅު ގޮތްގޮތަށް

     ނެތަތީ އެ ހިތްވަރު ހަށިގަނޑުން، ބޮނޑިކޮށްލެވޭ ހަމަ ނުކެރިފާ

ގޮސް ހުއްޓި ކުރިމައްޗަށް އަރާ، ބުނުމަށް އަޒުމު ހިތުގާ މަލީން

     ގޮސް ތަންކޮޅެއް ގާތްވީ ތަނާ، ތުރުތުރު މަލީ ހަމަ ނުކެރިފާ

ފިނޑިއެއް ކަމަށް ހީވޭ ވަރަށް، މާޔޫސްވެ ދެރަވެސް ވޭ ނިކަން

     ފިނޑިކަން ފިލާތޯ ދެންނެވިން، އުފުލާ ދެއަތް ލަދުވެތި ވެފާ

އުންމީދަކީ އަދި މާފަހުން، ނަމަވެސް މިކަން ހާސިލް ވުމޭ

     އުންމީދު މިކުރާ ކަން މަށަށް، ހާސިލް ނުވާތީ ދެރަވެފާ